“ރާއިދުވީތަނެއް ބަލާކަށް އަހަރެން ބޭނުމެއްނޫން …. އަހަރެން ބޭނުމީ ނާއިމް … ވެދިޔަކަންތަކަށް އަހަރެން މަޢާފަށް އެދެން. އަހަރެން ތަޢުބާވާނަން …. ދުވަހަކު ވެސް އެހެނެއް ދެނެއް ނޫޅޭނަން …. ވަފާތެރިކަމުގައި މިސާލުދައްކާނަން …. އާދޭސްކޮށްފައި ބުނަން އަހަރެން ވަރިނުކުރާތި. އަހަރެންނަށް މަޢާފްކުރޭ …. އަހަރެން ހިތްދަތިވެގެން މަރުވެސް ….” ރޮމުންރޮމުން ވެސް ނާޖިދާ މަސައްކަތްކުރީ ވާހަކަދައްކާށެވެ. އެހެނަސް އިތުރަށް ވާހަކަދެއްކޭގޮތެއް ނުވިއެވެ. ޚަބަރުހުސްވެގެން ވެއްޓިއްޖެއެވެ.
އެންބިއުލާންސަށް ލައިގެން ނާޖިދާ ގޮވައިގެން ސިއްހީ މަރުކަޒަށް ނާއިމް ދިޔައިރު ޑޮކްޓަރު ވެސް ސިއްހީ މަރުކަޒަށް އައިސްފިއެވެ.
އެނދުމަތިކޮށް ފަރުވާދެމުންދިޔަ ނާޖިދާގެ ޓެސްޓްތަކެއް ހަދައި ނަތީޖާތައް ބެލުމަށްފަހު ނާއިމްއާ ޑޮކްޓަރު ވާހަކަދެއްކިއެވެ. ޑޮކްޓަރުގެ އެންމެބޮޑު އެދުމަކަށްވީ ނާޖިދާގެ ހިތުގައިޖެހޭކަހަލަ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަކަމެއް މެދުވެރިވެއްޖެނަމަ ނާޖިދާއާއެކު ދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެއެވެ. ދެފުރާނަ އެއްކޮށް ގެއްލިދާނެއެވެ. ވީހާވެސް ބޮޑަކަށް ލޯތްބާއި އަޅާލުންދީ އަރާމުކުރަން ފުރުސަތު ދީގެން ގެންގުޅުމަށް ވެސް ތަކުރާރުކޮށް ބުންޏެވެ.
ނާޖިދާގެ ޢާއިލާމީހުން ސިއްހީމަރުކަޒަށް އައިސް ނާޖިދާއާ ހަވާލުވެ ފިހާރައަށް ދިއުމަށް ނާއިމްގާތު ބުންޏެވެ. މުހިންމުކަމެއް ދިމާވެއްޖެނަމަ ފޯނުކުރާނެކަމަށް ވެސް ބުންޏެވެ.
ފިހާރައިގައި އިންއިރު ވެސް ނާއިމަށް ވިސްނެމުންދިޔައީ މި ދިމާވި ކަންތަކާއިމެދުގައެވެ. ލޯތްބާއި އަޅާލުންދީ ބޭނުން ކޮންމެ އެދުމަށް ފުއްދައިދީގެން އުޅުމުން ވެސް ނާޖިދާއަކަށް އެކަމެއް ނުވިސްނުނެވެ. އަގުވަޒަންކުރަން ނޭނގުނުތާންގައި ތެދުވެރިވާކަށް ވެސް ނޭނގުނެވެ. ނާއިމްގެ ފަރާތުން އޭނާ ބޭނުންވެގެން ބުނި އެއްވެސްކަމެއް ނުވެއެއް ނެތެވެ. ނާއިމްއަކީ ރަނގަޅުމީހެއްކަމަށް ނާޖިދާގެ މުޅިޢާއިލާ ގަބޫލުކުރެއެވެ. ބަލައިގަނެ ޝުކުރުއަދާކުރެއެވެ. އެވަރު ނުވިސްނުނީ ނާޖިދާ އަށެވެ.
ކަންތައް ދިމާވިގޮތުން ވީ ދެރައަށްވުރެ ބޮޑަށް ނާއިމް އައީ ރުޅިއެވެ. އެންމެ ގަދަފަދަ މީހަކީ ރުޅިއަންނަހިނދު ރުޅި ކޮންޓްރޯލްކުރާ މީހާއެވެ. ވަގުތާއި ހާލަތަށް ވިސްނައި ނާއިމް ރުޅި ކޮންޓްރޯލްކުރިއެވެ. ކެތްތެރިވެ ހަމަޖެހުނެވެ.
ހުއްޓުމެއްނެތި ރާއިދު ކުރަމުންދިޔަ މަސައްކަތުން ނޭހާގެ އާނބަސް ހޯދިއެވެ. އެހެނަސް ނޭހާ އާއި ރާއިދު ފިޔަވާ އެހެންމީހަކަށް އެކަމެއް ނޭނގެއެވެ. އެންމެގާތް މީހުންގާތު ވެސް އެވާހަކަދައްކަން އަދި އަވަސްކަމުގައި ރާއިދު ބުނަމުންދިޔަ ބުނުން ނޭހާއަށް ވެސް ގަބޫލުކުރެވުނެވެ. އޭނާ ޢަމަލުކުރީ ވެސް އެހެންނެވެ.
އޭނާ ވަރިނުކުރުން އެދި ނާޖިދާ ކުރަމުންދިޔަ އާދޭހާއި އޭނާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައި ނާއިމް ވިސްނުން އިސްކުރިއެވެ. މައެއްގެ ލޯބި ދަރިއަކަށް ބޭނުންވި ދުވަހު އޭނާގެ ދަރިފުޅަށް ނާޖިދާގެ ފަރާތުން މައެއްގެ ލޯތްބާއި އަޅާލުން ލިބުނެވެ. އަނތްބެއްގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އެތައްބައެއްގެ މަލާމާތާއި ފުރައްސާރައަށް ފުރަގަސްދެމުން ނާއިމްގެ އަނތްބަކަށް ވިއެވެ.
ހިނގާދިޔަ ހާދިސާތަކާއެކު ނާޖިދާގެ އުޅުމަށް ވަރަށްބޮޑު ހެޔޮބަދަލެއް އައެވެ. އިސްލާހްވިއެވެ. އެތައް އަހަރެއްގެ މަސައްކަތުން އަތުޖެހުނު ތަނަވަސްކަން ގެއްލިދާނެތީ ވިސްނާލެވުނީ މިހާރުކަން ނޭނގެއެވެ.
ލޯކުރިމަތިން ނާޖިދާ ގެއްލުމާއެކު ރާއިދުގެ ހިތުން ވެސް ނާޖިދާ ފޮހެވެގެންދިޔައެވެ.
ރޭގަނޑުގެ ނުވައެއްޖަހާކަން ހާއިރެވެ. ވާހަކަދައްކައި މަޝްވަރާކޮށް ނިންމިފަދައިން ނޭހާއާ ބައްދަލުކުރުމަށްޓަކައި ހޭޅިފަށާއިދިމާ އަތިރިމައްޗަށް ރާއިދު ދިޔައީ ވަރަށް ވިސްނައި ސަމާލުވެ އެހެންމީހުންގެ ލޯތަކަށް ފިލައިގެންނެވެ. އެދެމެދުގައި ގުޅުމެއްވާކަން އެހެން އެއްވެސް މީހަކަށް އެނގޭކަށް ރާއިދު ބޭނުމެއްނުވެއެވެ. މާކުރިން މީހަކަށް އެނގިއްޖެނަމަ މަޤްޞަދު ހާސިލުނުވަނީސް ނޭހާ ބީވެދާނެއެވެ.
ބާރުއަޑަކުން ގޮވާލަމުން ވުސްލާފަ ފައިބުޑުން ދުއްވައިގަތް ބޮޑު ކަޅުބުޅަލުގެ ސަބަބުން ރާއިދު ދިޔައީ ސިއްސައިގެންނެވެ. އައި ރުޅީގައި ކިޔުނުއެއްޗެއް ވެސް ނޭނގުނެވެ.
އެކަނިމާއެކަނި ވަލުމަގުން ހިނގާލާފައިދިޔަ ކަމާލިޔާ ފެނުމާއެކު ރާއިދުގެ ވިސްނުން ބަދަލުވިއެވެ. ކޮންމެރެއަކު ބޭރަށް ނުކުމެ އެތައް ދަމެއްވާންދެން ކަމާލިޔާ ކުރާކަމެއް ބަލާލަން ބޭނުންވިއެވެ. ކަމާލިޔާގެ ފަރާތުން ބޭނުންވާކަމެއް ހާސިލު ނުވިޔަސް ހިތްހަމަޖެހޭފަދަ މަންޒަރެއް ބަލާލަން ލިބިދާނެކަމުގައި ވިސްނުނެވެ.
އެކަނިމާއެކަނި ގޮސް އަތިރިމައްޗަށްނުކުތް ކަމާލިޔާ މަޑުކޮށްލީ އެދިމާ އަތިރިމަތީ ހަދާފައިވާ ޖޯލިފަތިން ޖޯއްޔެއްގައެވެ. މިލަ ހަނދުވަރެއްގެ އަލިކަން ފެތުރިފައިވީ ނަމަވެސް އެހިސާބަކީ އާންމުން ދިރިއުޅެމުންދާ ސަރަހައްދާއި ދުރު ތަނަކަށް ވާތީ އެ ސަރަހައްދުން އެހެން އެއްވެސް މީހަކު ނުފެނެއެވެ. ރާއިދު އެތަނުގައި ހުރިކަމެއް އެހެންމީހަކަށް ނުވެސް އެނގޭނެއެވެ.
މީހަކު އާދޭތޯ ބަލާލަން އިރުކޮޅަކު މަޑުކުރުމަށްފަހު އެހެން މީހެއްގެ ހިލަމެއްނުވުމުން، މިވަގުތަށް އެންމެ ރަނގަޅުވާނީ ވަގުތުގެ ބޭނުންހިފަން މަސައްކަތްކުރުން ކަމުގައި ރާއިދަށް ވިސްނުނެވެ. މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ. ކޮންމެކަމެއް މިތަނުގައި ހިނގާދިޔަ ނަމަވެސް އެހެންމީހަކަށް ނޭނގޭނެއެވެ. ކިތަންމެ ބާރަށް ހަޅޭލިޔަސް މީހަކަށް ނުވެސް އިވޭނެއެވެ. މިފަދަ ދެވަނަ ފުރުސަތު ނުލިބިވެސް ދާނެއެވެ.
ނާޖިދާ ބުނިފަދައިން ރާއިދުގެ ހިތުގައި ވެސް ކަމާލިޔާގެ ސޫރަ ކުރެހިފައިވެއެވެ. ކޮންމެވެސް ގޮތަކުން އެމަލުގެ ފޮނިކޮޅު ބޯލަން ހިތްއެދޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ވަގުތާއި ހާލަތުގެ މަޖުބޫރުން އެކަމާއި ނޫޅެވުނީއެވެ.
ރާއިދު ދިޔަގޮތަށް ގޮސް އޮށޯތީ ކަމާލިޔާ އޮށޯވެގެންއޮތް ޖޯއްޔާއި ޖެހިގެންހުރި ޖޯލީގައެވެ. ރާއިދު ފެނުމާއިއެކު ސިއްސައިގެން ގޮސް ކަހަލަގޮތަކަށް ރާއިދަށް ބަލާލަމުން ކަމާލިޔާ ތެދުވިއެވެ. ކަމާލިޔާ އުޅުނީ އެތަނުން ދާން ނަމަވެސް ކަމާލިޔާގެ އަތުގައިހިފާ ރާއިދު ދަމައިގަތް ގޮތުން ރާއިދުގެ އުނގަށް ކަމާލިޔާ ވެއްޓިއްޖެއެވެ.
ދޫކޮށްލާށޭ ބުނަމުން ކަމާލިޔާ ތެދުވާން މަސައްކަތްކުރި ނަމަވެސް ރާއިދުގެ ޢަމަލުތައް ހުރިގޮތުން ކަމާލިޔާއަކަށް ކާމިޔާބެއް، ކުރިއެރުމެއް ނުލިބުނެވެ. ލައިގެންހުރި ނިވާކަންކުޑަ ހެދުމުގެ ސަބަބުން ރާއިދަށް އޭނާގެ މަޤްޞަދު ހާސިލުކުރުމާއިގެން ކުރިޔަށްދާން ވަރަށް ފަސޭހަ ވިއެވެ. ކަމާލިޔާ ރޮމުންދިޔަ ރުއިމަކަށް ކުރަމުންދިޔަ އާދޭހަކަށް ރާއިދު ނުބަލައެވެ. ފުރުސަތުގެ ބޭނުންހިފުމަށް ލިބިފައިވާ ވަގުތުން އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްލަން ބޭނުންނުވާކަހަލައެވެ. ކަރުހިއްކައިގެންފައިވާ މީހަކަށް ފެންފޮދެއް ލިބުނު ފަދައެވެ.
އެތައްއިރަކު ރާއިދުކުރި މަސައްކަތުން ކުރިމަގު ފެންނަގޮތްވިއެވެ. ކޮންމެވެސްވަރެއްގެ އުންމީދެއް ލިބުނެވެ. ގޮތްހުސްވެ މަޖުބޫރު ވެގެން ނަމަވެސް ކަމާލިޔާ އަމާންދިނެވެ.
ގުގުރައިގަތް ބާރުއަޑާއެކު ދެމީހުން ދިޔައީ ސިއްސައިގެންނެވެ. ގަތްބިރުން ރޮއިގަންނަމުން ބައްދާލި ކަމާލިޔާގެ ތުންފަތް ޖެހުނީ ރާއިދުގެ ކަރުގައެވެ. ކަމާލިޔާ ކޮށްލި ހަރަކާތާއެކު ލިބުނު އަރާމުގައި ރާއިދަށް ދެލޯމަރާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހީކުރިވަރަށްވުރެ ކަމާލިޔާ މާ ކުޅަދާނައެވެ. ކަމާލިޔާގެ އަތުގެ ހަރަކާތް އަވަސްވިއެވެ. ހުނަރާއިއެކު އެތައް އަހަރެއްގެ ތަޖުރިބާހެން ވެސް ހީވެއެވެ. ސިރިންޖެއްގެކަށި ކަހަލަ ތޫނު އެއްޗެއް ކަރަށް ވަދެގެންދިޔަހެން ހީވި ނަމަވެސް ލިބެމުންދިޔަ އުފަލާއި އަރާމެއްގެ ސަބަބުން ރާއިދު އެކަމަށް ސަމާލުކަމެއް ނުދެއެވެ. އެއަށްވުރެބޮޑަށް އޭނާ ވަނީ އެކަމަށް ފެންބޮވައިގެންފައެވެ.
މިލަހަނދުވަރެއްގެ އަލިން ބިމަށް އަލިކުރަމުންދިޔަ ހަނދާއި ދިމާއަށް ދަތުރުކުރަމުންދިޔަ ކަޅުބޯވިލާގަނޑު ހަނދުގެ އަލިކަމުގެ މައްޗަށް ވެރިވުމާއިއެކު މުޅިބިން އަނދިރިކޮށްލިއެވެ. ޖަހާލި ބާރު ގުގުރީގެ އަޑާއެކު ވިދާލިއިރު ވައިގަދަވަމުން ވިއްސާރައިގެ ކުލަވަރު ދައްކާލައިފިއެވެ. މުޅިތަން އަނދިރިވެގެން ދިއުމާއެކު ކަމާލިޔާ ބިރުން ތެޅެންފެށިއެވެ.
ކަމާލިޔާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ގެއަށްދާން ކަމަށްބުނެ ރާއިދުއާ ދުރަށް ދާން މަސައްކަތްކުރިއެވެ.
“ދޫކޮށްލެވޭނެ އޮތީ އެންމެގޮތެއް.” ކަމާލިޔާގެ އާދޭސްތަކަށް ބީރުކަންފަތެއްދެމުން ރާއިދު އޭނާގެ ނިންމުން އިއްވާލިއެވެ.
“އެއީ …. ؟!” ކަމާލިޔާގެ ކިބައިން ފެނުނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ.
“މާދަމޭރޭ މިގަޑިއަށް މިތަނަށް އަންނަން އެއްބަސްވޭ.” ކަމާލިޔާގެ ފަރާތުން އެންމެ ބޭނުންވިކަންތައް ނުވި ނަމަވެސް އެންމެ ރެއަކަށް ބަލާއިރު ހިތްހަމަޖެހޭވަރުވިއެވެ. މަޑުމަޑުން ކުރިޔަށް ގެންދަމުން ގެންދަމުން އެންމެ ބޭނުން ހިސާބަށް ވެސް ދެވޭނެއެވެ. ކަމާލިޔާގެ ފަރާތުން ލިބުނު އިޝްގީ މަސްތީ ލޯބި ތަކުރާރުކުރަން ރާއިދު ބޭނުންވިއެވެ. އެކަމަށްޓަކައި އޭނާގެ ހިތްވަނީ ފެންބޮވައިގެންފައެވެ.
ހަދާނެގޮތް ހުސްވެގެން ކަހަލަގޮތަކަށް ވަށައިގެން ހޯދާލަމުން ކަމާލިޔާ އެއްބަސްވިއެވެ.
ގެއާ ދިމާއަށް ހިނގަމުންދިޔަ ކަމާލިޔާއަށް ބަލަހައްޓައިގެން ހުރިއިރު ރާއިދުގެ ކިބައިން ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމެވެ.
ޓީޝާޓްގެ ކަރުކައިރީހުރި ލޭ ރާއިދަށް ފެނުނީ ޓީޝާޓްބާލައި ކޮނޑުގައި އަޅުވަންއުޅުނު ވަގުތުއެވެ. ކަމާލިޔާ ބިރުން ބައްދާލިވަގުތު ކަރުގެ ދަތްޖެހިގެން އައިސްފައިހުރިލޭ ކަމަށް ނިންމައި އެކަމަށް މާބޮޑުސަމާލުކަމެއް ނުދިނެވެ.
އެތައް ދުވަހެއްވާންދެން ދެކުނު ހުވަފެނެއް ޙަޤީޤަތަކަށް ހެދުމަށް ލިބުނު ފުރުސަތުގެ ސަބަބުން ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމުގަ ނިދަން އޮށޯތް ރާއިދަށް ނިދުނީ ވަރަށް އަވަހަށެވެ.
ގަދަވަޔާއެކު ވިދާގުގުރާ ވާރޭވެހެންފެށީ މެންދަންވީ ފަހުންނެވެ. ޖަހާލާބާރުގުގުރީގެ އަޑަށް ސިއްސަސިއްގެން ގޮސް ހޭލެވުނު މީހުންނާއި ކުދިން ގިނައެވެ. ޖެހެމުންދާ ބާރު ވަޔަށް ހިފަހައްޓާނުލެވިގެން ބައެއް ގަސްތަކުގެ ގޮފިތައް ބިންދައިގެން ނުވަތަ އިރައިގެން ވެއްޓެމުންދިޔައިރު އެތައް ރުކަކާއި އެތައް ގަހެއް ވެއްޓިއްޖެއެވެ. ވިދާލާ ވިދުވަރުގެ އަލިން ބިންގަނޑު އަލިވެގެން ދާއިރު ދުވާލުގެ އަލިކަންފަދައެވެ. ބައެއްކުދިން ބިރުން ރޮމުން ދިޔައިރު އެކުދިން މަސަލަސްކުރުމާއިގެން ބެލެނިވެރިން އުޅެމުންދިޔައެވެ.
“ރާއިދު ….. ރާއިދު.” ސިއްސައިގެން ގޮސް ރާއިދަށް ހޭލެވުނީ ކަމާލިޔާގެ އަޑަށެވެ. ކަންފަތުގައި އަޑުޖެހުމާއެކު ވެސް އެއީ ކަމާލިޔާގެއަޑުކަން ރާއިދަށް ޔަގީންވިއެވެ. ހައިރާންކަމާއިއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އަޑުއަންނަނީ ކޮޓަރީގެ ކުޑަދޮރާއިދިމާ ބޭރުންނެވެ. އެކުޑަދޮރަކީ ގެއިން ބޭރަށް ހުންނަދޮރެކެވެ.
ވިދާލި ވިދުވަރުގެއައްޔާއެކު ކަމާލިޔާގެ ހިޔަނި ކުޑަދޮރުން ރާއިދަށް ފެނުނެވެ. އެއީ ކަމާލިޔާ ކަން ރާއިދަށް ޔަގީންވި ވަގުތު ގޭތެރެއިން ކޮޓަރީގެ ބޮޑުދޮރުގަ ޓަކިޖަހާލިއަޑު އިވުނެވެ. ކޮޓަރިތެރެއަށް ފެތުރިފައިވަނީ ނިދާބޮކީގެ ފަނޑުއަލިކަމެވެ. ހަދާނެގޮތަކާއިމެދު ވިސްނާ ފިކުރުކުރަމުން ދެފަހަރު ދެދިމާއަށް ބަލާލަބަލާލައިން ރާއިދުގެ ކިބައިން ފެންނަނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ. ބޭރުންގޮވަމުންދަނީ ކަމާލިޔާ ނަމަވެސް މިފަދަ ވަގުތެއްގައި ގޭތެރެއިން ދޮރުގައި ޓަކިޖަހަނީ ކާކުބާއޭ ރާއިދުގެ ހިތަށްއަރަމުން ދިޔައެވެ.
ހަދާނެގޮތެއް ނޭނގި ހުއްޓުންއަރާފައި އިން ރާއިދު ސިއްސައިގެން ދިޔައީ ކޮޓަރީގެ ތަޅަށް ތަޅުދަނޑިޖަހަމުން އަނބުރާލި އަޑަށެވެ. ރާއިދު އަވަސް އަވަހަށް އޮށޯވެ ނިދާކަމަށް ހަދައިގެން އޮތީ ކޮޓަރިއަށް ވަންނަނީ ކާކުތޯ ބަލާލުމަށްޓަކައެވެ. ރައްކާތެރިކަމުގެ ފިޔަވަޅު ފުރަތަމައޭ ބުނާ ފަދައިން ބޭރުގައި ހިނގަމުންދާ ކަންތަކާއި އޭނާއާ އެއްވެސް ގުޅުމެއްނެތްކަން ދެއްކުމަށްޓަކައެވެ.
ކޮޓަރީގެ ދޮރުހުޅުވާލަމުން އެތެރެއަށްވަތް ސުމްރާ ފެނުމާއެކު ރާއިދު ދިޔައީ ސިއްސައިގެންނެވެ. އުމުރުން ސާޅީހަކަށް އަހަރު ވެފައިވާ ސުމްރާއަކީ އެގޭގެވެރި ޒަކީގެ އަނބިމީހާއެވެ. ޒަކީވީ ރަށުންބޭރުގައެވެ. ސުމްރާ ކޮޓަރިއަށް ވަތްހިސާބުން ފެށިގެން ކަމާލިޔާގެ އަޑު ކެނޑިއްޖެ އެވެ. ސުމްރާ ކޮޓަރިއަށް ވަތްކަން އެނގުނީ ކަހަލައެވެ.
ޓީޝާޓަކާއި ހަރުވާޅެއްލައިގެންހުރި ސުމްރާއަށް ބަލާލުމުން އޭނާ ހުރީ ނިދަން ތައްޔާރުވެގެންކަން އެނގެއެވެ. ކޮޓަރީގެ ދޮރުލައްޕާ ތަޅުލުމަށްފަހު ސުމްރާ ހިނގައިގަތީ ރާއިދުއާ ދިމާއަށެވެ. ސުމްރާއާދިމާއަށް ބަލަހައްޓައިގެން ރާއިދު އޮތީ ހައިރާންކަމާއެކުއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި