ބަވަނަވެފައިވާ މި ޒަމާނަކީ އޮންލައިންގެ ޒަމާނެކެވެ. ވިޔަފާރިކޮށްލަން، ޞިއްޙީކަމެއްގެ ލަފާ ހޯދައިލަން ނުވަތަ ލޯބިވެރިއެއް ހޯދުމަށްވެސް މިހާރު އޮންލައިންގެ ވަޞީލަތެއް ބޭނުންކޮށްލުމަކީ އާދައެކެވެ. އޮންލައިންކޮށް ހިތާވެގެން، ކައިވެންޏާއި ހަމައަށް ގޮސްފައިވާ އެތައް ބައެއް އުޅެމުންދާއިރު، އޮންލައިންކޮށް ހިތާވެގެން އުޅޭ މީހާއާއި ބައްދަލުކޮށްލެވޭ އިރު، ހީވެސް ނުކުރާ ފަދަ ލަނޑުތައް ވެސް އެތައް ބަޔަކަށް ލިބިފައިވެއެވެ.

މި އަންހެން މީހާ، އޭނާގެ އޮންލައިން ލޯބިވެރިޔާއާއި ބައްދަލުކުރުމަށް ފަސް ގަޑިއިރުގެ ދިގު ދަތުރެއްކޮށް ފުރަތަމަ ފަހަރަށް ލޯބިވެރިޔާ ފެނުނުއިރު ކަމަކުދާކަށް ނެތެވެ. ހިތާވެގެން މި އުޅެވުނީ އުމުރުން އެންމެ 12 އަހަރުގެ ފިރިހެން ކުއްޖަކާއެވެ.

އޮންލައިން މަންސައަކުން ހިތާވެގެން އުޅުނު ފިރިހެން ކުއްޖާއާއި ބައްދަލުކޮށްލުމަށް ދުރު ރާސްތާއަކަށް ދަތުރުކުރުމަށްފަހު، ހިތާވެވިގެން އުޅެވުނީ އުމުރުން އެންމެ 12އަހަރުގެ ފިރިހެން ކުއްޖަކާކަން އެނގުމުން އެފްރިކާ ބައްރުގެ ނައިޖީރިއާށް ނިސްބަތްވާ މި އަންހެން މީހާއަށް ލިބުނު ހިތްހަމަނުޖެހުން ފޮރުވައިގެނެއް ނުހުރެވުނެވެ. ވަގުތުން ޓްވީޓްކޮށް އެކަން މުޅި ދުނިޔެއަށް ހާމަކޮށްލިއެވެ.

ނައިޖީރިއާގެ މި އަންހެން މީހާއަށް އޭނާގެ ލޯބިވެރިޔާއާއި ދިމާވީ އޮންލައިން އިންނެވެ. ދެމީހުންވެސް ނަންބަރު ހިއްސާކޮށް ‘ވަޓްސްއެޕް’ އިން ޗެޓްކުރަން ފެށިއެވެ. ފިރިހެން ކުއްޖާގެ ޖާދުވީ ބަސްތަކުގެ ޝިކާރައަކަށް އަންހެން މީހާ ވެގެންދިޔައެވެ. އެ އިޝްޤީ ވާހަކަތަކުގެ ސަބަބުން ހިތާވެގެންގޮސް ފޯވެވުނެވެ. ޅެންވެރިޔާ ބުނާހެން “ލޯބީގެ ކަނޑުތެރޭގައި މޯޖުން ނަޖާ ނުވެވިފާ” އުޅެން ޖެހުނެވެ. ނަމަވެސް އޮންލައިންކޮށް ވާހަކަދައްކަމުން ދިޔަ ކުޑަކުއްޖާ އުލްފަތުގެ ގުލްޝަނުގައި މާފޮޅުވުމަށް ހުރި ހުޝިޔާރުކަމުގެ ސަބަބުން ފުރާފުރިހަމަވެފައިވާ މި އަންހެން މީހާއަށް ދޮންކަޅުވެސް ވަތްކެއް ނުވިއެވެ.

މި އަންހެން މީހާއަކީ އެކަނިވެރި ހަޔާތެއް އުޅެމުންދިޔަ އަންހެނެކެވެ. ޒަމާންތަކެއް ފަހުން ދިމާވި ‘ލޯބިވެރިޔާ’ އާއި އެކުގައި ޒަވާޖީ ޙަޔާތެއް ފެށުމުގެ ފޮނި ހުވަފެންތައް ދެކެވެން ފެށުނެވެ. ނަމަވެސް ‘ލޯބިވެރިޔާ’ އާއި ބައްދަލުވެވުނު އިރު، އެ ފިރިހެން ކުއްޖާއަކީ އުފަން ދަރިއެއް ހުރިނަމަ، ދަރިއެއްގެ އުމުރުގެ ކުއްޖެކެވެ.

އެ ފިރިހެން ކުއްޖާގެ އެއްވެސް މަޢުލޫމާތެއް އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކުއްޖާގެ ބެލެނިވެރިކަމުގައި ތިބި ބަޔަކަށް އިނގިލި ދިއްކޮށް ބަދުބަސްތައް ރައްދުވެފައިވެއެވެ.

އޮންލައިންކޮށް ހިތާވެގެން އުޅުމަކީ ފަންނިއްޔާތުގެ ކުރިއަރާފައިވާ މި ޒަމާނުގައި އާދައެކެވެ. އެގޮތަށް އުފެދޭ ބައެއް ގުޅުންތަކަށް އަލިނުވިލެނީސް ވަރަށް ހިތާމަވެރި ގޮތްގޮތަށް ވެސް ނިމިފައި އެބަހުއްޓެވެ.

އެފްރިކާ ބައްރުގެ ކެންޔާ އަންހެނަކު ހިތާވެގެން އުޅުނު މީހާއާއި ބައްދަލުކުރަން ދިޔައީ ކައިވެނީގެ ފޮނި ހުވަފެންތައް ދެކެމުންވެ. ނަމަވެސް އެ ދަތުރު ވެގެންދިޔައީ އޭނާގެ ހަޔާތުގެވެސް އެންމެ ފަހު ދަތުރަށެވެ. އޮންލައިންކޮށް ގުޅުން ބާއްވަމުން އައި މީހާގެ ވަޅީގެ ޝިކާރައަކަށްވެ ކަތިލެވިގެންދިޔަ އެވެ. އެ އަންހެން މީހާ ހިތާވެގެން އުޅުނު ފިރިހެން މީހާ މިހާރު ދުވަސްތައް ގުނަމުން ދަނީ ތޭރިތަކުގެ ތެރޭގައެވެ. އޭނާއަކީ ފޭސްބްކް މެދުވެރިކޮށް މީހުންނާއި ހިތާވެގެން އުޅެ، އަތުޖެހޭ ހިސާބަށް އައުމުން އެމީހުން ކަތިލައި އުޅުނު ‘ސީރިއަލް ކިލަރ’ އެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.