‏ޔުނިކްސް ސްޕޯޓްސްގެ ފަރާތުން އިންތިޒާމް ކޮށްގެން އެކްސެލް ސްޓްރީޓް ސޮކަރ 2020 ތްރީ އޮން ތްރީ ރާއްޖެ ޓުއާ މުބާރާތުގެ ހަނިމާދޫ އެޑިޝަންގެ ޗެމްޕިއަންކަން ‘އަޅިބްރޯސް’އިން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އަޅިބްރޯސް އިން ހޯދާފައިވަނީ ފައިނަލް މެޗުގައި ޓީމު ‘އަޅި މުރޯސް’އާއި ވާދަކޮށް ދޭއް ސުމެއްގެ ނަތީޖާއަކުންނެވެ.

އިއްޔެ ހަވީރު ހަނިމާދޫ މަލްޓިޕާޕަސް ޓާފު ދަނޑުގައި ފެށިގެން ކުރިއަށްދިޔަ މި މުބާރާތުގައި ބާރަ ޓީމަކުން ވާދަކޮށް ޖުމުލަ ނަވާރަ މެޗުވަނީ ކުޅެފައެވެ.

މި މުބާރާތުގެ އަތޮޅުބުރު ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް މި އަހަރު ޖޫންމަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ބުރަށް ކޮލިފައިވެގެން ދާނެއެވެ. މި މުބާރާތުގެ އަތޮޅުބުރު މިހާރު ތިން ހިސާބެއްގެ ތިން ރަށެއްގައި ވަނީ ބާއްވާފައެވެ. މިގޮތުން މިހައި ހިސާބަށް މާލެ، އޭދަފުށި އަދި ހަނިމާދޫގައި މި މުބާރާތްވަނީ ކުރިއަށް ގެންދެވިފައެވެ. މި މުބާރާތް ދެން ބޭއްވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ކުޑަހުވަދޫ، މާފުށި، ތިނަދޫ، ގަން، ފުވައްމުލަށް، ސ.ފޭދޫ، އަދި ތިމަރަފުށްޓެވެ.

ޔުނިކްސް ސްޕޯޓްސްގެ ސީ.އީ.އޯ ރޭޝަން ޝަރީފް މުނިއަވަސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތަކީ ޔުނިކްސް ސްޕޯޓްސްގެ ފަރާތުން ރާއްޖޭގައި ހިންގާ ފުރަތަމަ ތްރީން އޮން ތްރީ ސްޓްރީޓް ސޮކަރ މުބާރާތް ކަމަށާއި މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަގުސަދަކީ މުޖުތަމަޢުގެ އެއްބައިވަންތަކަން އިތުރުކުރުމާއި ޒުވާނުންގެ ހުނަރު އިތުރުކުރުން ކަމަށެވެ. މި މުބާރާތް 2021 ވަނަ އަހަރު ވެސް މިއަށްވުރެ މާފުރިހަމަކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. މި މުބާރާތް ހަނިމާދޫގައި އިންތިޒާމް ކޮށްދެއްވި ހަނިމާދޫ ކެތިއަރާ ޖަމުޢިއްޔާއަށާއި، ހަނިމާދޫގެ ޒުވާނުންނަށާއި އަދި މުބާރާތުގެ ރެފްރީކަން ކޮށްދެއްވި މުހައްމަދު ނާސިރަށާއި އަދި މި މުބާރާތް ކުރިއަށް ގެންދިއުމަށް އެހީތެރިވެ ދެއްވި އެންމެހާ ފަރާތްތަކަށް ރޭޝަން ވަނީ ޝުކުރުއަދާކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.