މިމަހު 27ގައި ބައިސްކޯފުން ދައްކަންފަށާ ވެބް ސީރީޒް “ހަނާ”އަށް ކުރަމުން އަންނަ އިންތިޒާރަށް ނިމުން އަންނަނީއެވެ. ކިޑް ޕްރޮޑަކްޝަން އިން އުފައްދައި މިހާރު ބައިސްކޯފާއި ހަވާލުކޮށްފައި “ހަނާ”ގެ ޕްރޮޑަކްޝަންގައި މަސައްކަތްކުރި އެންމެންވެސް ކުރީ ވަރަށް ފަރުވާތެރިކަމާއެކު، ރަނގަޅު އެއްޗެއް އުފެއްދުމަށެވެ.

ޝޫޓިން ނިމި، ފިލްމެއް ނުވަތަ ޑްރާމާއެއްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރުމަކީ އޭގެ ޒާތުގައި އެންމެ ބުރަ އެއް މަސައްކަތެވެ. ޕްރޮޑަކްޓްގެ ކާމިޔާބާއި ނާކާމިޔާބު ބިނާވެފައި އޮންނަނީވެސް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކުގެ ކޮލިޓީއާއޭ ވެސް ބުނެވިދާނެއެވެ.

“ހަނާ” ސީރީޒްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ ފިލްމީ ދާއިރާގެ ވަރަށް ތަޖުރިބާކާރު ފަންނާނެކެވެ. މި ސީރީޒްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހޯދައިލުމަށް ޢަލީ ރަޝީދު (ގޮޅާ އައްޔަ)އާއި ވާހަކަދައްކައިލީމެވެ.

ފިލްމީ މަސައްކަތާ ދުރުގަ އެތައް ދުވަހަކު އުޅުމަށްފަހު އައްޔަ ފެނިގެން މި ދިޔައީ ބޮޑު މަސައްކަތަކުން. “ހަނާ”ގެ މަސައްކަތްކުރަން އޯކޭ ދިނީ ކީއްވެ؟

 އަސްލުގަ “ހަނާ”ގެ މަސައްކަތަށް އޯކޭދޭން ޖެހުނު ދެތިން ސަބަބެއް އެބައުޅޭ. ފުރަތަމަ ސަބަބަކީ އަމްޖޭއަކީ ވަރަށް ގިނަދުވަސްވީ، ވަރަށް ބައިވަރު ފިލްމުތަކެއް އަމްޖޭއާ އެއްކޮށް ކެމެރާކޮށްފަ ހުރީ އަމްޖޭގެ ޑައިރެކްޝަންގަ. އެހެންވީމަ އަމްޖޭއާ އެއްކޮށް މަސައްކަތެއް ކޮށްލަން ފުރުޞަތެއް ލިބުނީމަ އެއީ އެއް ކަންތައް.

އަނެއް ކަމަކީ ބޭނުންވެފަ ހުރީ ކިޑް ޕްރޮޑަކްޝަން ވެސް އަބަދުވެސް ބަލަން އެކިއެކި ޕްރޮޑަކްޝަން ހައުސްތަކުގަ މަސައްކަތް. އެގޮތުން ކިޑް ޕްރޮޑަކްޝަންއިން ހުސައިން މުނައްވަރުވެސް ރިކްއެސްޓްކުރީ، އަމްޖޭގެ ވެސް އެދުމެއްގެ މަތިން އައްޔަވެސް މިކަން ކޮށްލަދޭށޭ. އެހެންވީމަ މި ހުރިހާ ކަމަކަށްވެސް ބަލާފަ މިއަށް އޯކޭ ދެވުނީ.

ދެން އެންމެ ބޮޑަށް އޯކޭ ދެވުނު އެއް ސަބަބަކަމަށް ވެދާނެ މީ އަންހެނުންގެ ސްޓޯރީއަކާ ސްކްރިޕްޓަކަށް ވީމަ އެއަށް، އަންހެނުންނަށް އެ މަސައްކަތެއް ކޮށްދިނުމުގެ ގޮތުން އޭނައަށް އެއްބާރުލުމެއް ދިނުމުގެ ގޮތުން، މިފަދަ އެތައް ބައިވަރު ކަންތައްތަކަކާ ހެދި މިއަށް އޯކޭ ދެވުނީ. ދެން ތި ބުނާހެން އެހާ ގިނަދުވަސް ވެފަ މިވަރުގެ މަސައްކަތެއް ކުރާއިރުގަ ވަރަށްވެސް ބޮޑަށް ތައްޔާރުވެގެން މިއަށް ނުކުތީ އަޅުގަނޑު.

“ހަނާ” ގެ ޕްރޮޑިއުސަރ ހުސެން، އައްޔަ އަދި ރިނާޒާ – ފޮޓޯ: ހަނާ ޑްރާމާ ޓީމް

“ހަނާ”ގެ ކާސްޓުންގެ ޕާފޮމަންސާ ދޭތެރޭ އައްޔަ ބުނާނީ ކީކޭ؟
“ހަނާ”ގެ ކާސްޓުންގެ ޕާފޮމަންސާ ދޭތެރޭގަ ބުނެލަން ބޭނުންވަނީ ހަގީގަތުގަ އަމްޖޭގެ ސެލެކްޝަން ވަރަށް ސަޅިއޭ. އެއީ ސަބަބަކަށް ވަނީ މީގެ މެއިން ކެރެކްޓަރ ނޫރާ އަމްޖޭ ޗޫސްކޮށްފަ އިނީ. ނޫރާގެ އެކްޓިންވެސް ވަރަށް މޮޅު. ދޮން އައްޔަގެ ވެސް ހަމަ އެހާ މޮޅު. ޖިމީ ވެސް. މީގަ ނެތް ވަކި ދަށް އެކްޓިންއެއް ދެއްކިފަ އެއްވެސް މީހަކު އަޅުގަނޑަށް ފެންނަ ފެނުމުގަ. އެއީ ސަބަބަކަށް ވަނީ އެޑިޓްކުރަމުން ދިޔައިރުވެސް އަޅުގަނޑަށް އެނގޭ މިމީހުންގެ އެކްޓިންނާ އެއްޗިހި ހަމަ ވަރަށް ސަޅިކަން.

ވެބް ސީރީޒް “ހަނާ” ގެ މަސައްކަތުގައި ގޮޅާ އައްޔަ، އަދި ހުސެން – ފޮޓޯ: ހަނާ ޓީމު

“ހަނާ”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ދިޔަގޮތް ކުރުކޮށް ކިޔާލަދީބަލަ؟

ހަނާގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތާ ބެހޭގޮތުން އަޅުގަނޑު ބުނާނީ އެއީ އަޅުގަނޑު މިވީހާ ތަނަށް އަޅުގަނޑުގެ ކެރިއަރގަވެސް އެންމެ ބުރަކޮށް ކުރި އެއް މަސައްކަތޭ. ސަބަބަކަށް ވަނީ އެޑިޓިން، ޑަބިން، ނެޗުރަލް ސައުންޑް މިހެންގޮސް ބުނާނެ ކަމެއް ނެތް، ހަމަ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ޕޯސްޓްޕްރޮޑަކްޝަންގަ އަޅުގަނޑު ކުރީ.. މީގަ އުނދަގޫތަކެއް ދިމާވި އަޅުގަނޑު ލަންކާއަށް ދޭތެރެއަކުން އަންނަން ޖެހޭ. އަންނަމުން ވެސް އަޅުގަނޑު އަންނަނީ ސިސްޓަމް ހިފައިގެން. އައިސް ހަމަ މިކޮޅުގަ އެޑިޓްކޮށްފަ އަނެއްކާ މާލެ ދާއިރު ސިސްޓަމް ގެންގޮސް މާލޭގަ އެޑިޓްކޮށް ޑަބްކޮށް މިހެން ގޮސް ގާތްގަނޑަކަށް ދެ މަހެއްހާ ދުވަހުގެ ބޮޑު މަސައްކަތެއް “ހަނާ”ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތަކީ.

ދޮން އައްޔަށް ދިން ސައޕްރައިޒް ކެއުމުގެ ތެރެއިން – ފޮޓޯ: ހަނާ ޓީމް

މިހާރު ބައިސްކޯފުގަ ހުރި ވެބް ސީރީޒްތަކުގެ ކޮލިޓީގައި “ހަނާ” ހެދުމަށް ކިހާވަރެއްގެ މަސައްކަތްތަކެއް ކުރެވުނު؟

އަސްލުގަ އަޅުގަނޑުމެންގެ މަސައްކަތްތައް ހުރީ ކުރީގަ ކުރެވިފަ މެނުއަލް އެޑިޓިން، މެނުއަލް މަސައްކަތްތަކެއް ކުރެވިފަ ހުރީ. އެހެން ނަމަވެސް މިހާރު މިއޮތީ ވަރަށް ބޮޑަށް ޓެކްނޮލޮޖީ ގޮތުންވެސް ތަރައްގީވެފަ. އެހެންވީމަ ބައިސްކޯފު ކަހަލަ ބޮޑު ޕްލެޓްފޯމަކަށް ވެބް ސީރީޒެއް ތައްޔާރުކުރާއިރު، އަޅުގަނޑު އެންމެ ބޮޑަށް ބެލި އެއް ކަމަކީ ކޮލިޓީ ހިފެހެއްޓޭތޯ. އެހެން ވެބް ސީރީޒްތަކުގަ އެ ފެންނަ ކޮލިޓީއަށްވުރެން ރަނގަޅުކުރެވޭތޯ އަޅުގަނޑު ބެލީ. އެގޮތުން އަޅުގަނޑު ކޮށްފަ ހުންނާނެ ވަރަށްގިނަ މަސައްކަތްތައް މީގަ. އަދި ހުސެން މުނައްވަރާ އަޅުގަނޑާ ދެމީހުންގެވެސް ވަރަށް ބޮޑު މަޝްވަރާއަކާ އެކީގަ މަސައްކަތްތައް ކުރިއަށް ދިޔައީ. ދެން އަޅުގަނޑުވެސް ހަމަ އުއްމީދުކުރަމުން މިދަނީ ހަމަ އެހެން ސީރީޒްތަކާ ހިފަހައްޓާލެވޭ ވަރުގެ ޕްރޮޖެކްޓަކަށް “ހަނާ” ވެގެންދާނެ ކަމަށް.

“ހަނާ” ޑައިރެކްޝަންގައި އަމްޖޭ – ފޮޓޯ: މުނިއަވަސް

ވެބް ސީރީޒް “ހަނާ” ގެ ޓާގެޓް އޯޑިއަންސަކީ ކޮބާ؟

މިހާރުގެ ޒުވާން ޖީލުތަކަށް “ހަނާ” ކަމުދާނެ ޔަގީނުންވެސް. އަޅުގަނޑުގެ އުއްމީދަކީ މި އޯޑިއަންސަކީ ހަމަ ގައިމުވެސް “ހަނާ” ބަލައިގަންނާނެ އޯޑިއަންސެއް، ބައިސްކޯފުގަ މިހާރު މި އޮތް އޯޑިއަންސަކީ. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަނީ ހަމަ އެކި އުމުރުފުރާގެ، އެކި އުމުރުފުރާ މި ކިޔަނީ ހަމަ އެންމެ ދުވަސްވީ މީހުންނަށްވެސް “ހަނާ” ކަމުދާނެ. އަދި ހަމަ އެންމެ މިހާރުގެ ޒުވާން ކުދިންނަށްވެސް “ހަނާ” ގުޅޭނެ، ހަމަ “ހަނާ” ކަމުދާނެ.

ވެބް ސީރީޒް “ހަނާ” ބަލަންވީ ކީއްވެކަމަށް ބެލުންތެރިން ކައިރީގަ ބުނެލާނީ؟
“ހަނާ” ބަލަން ޖެހޭ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި. ސަބަބަކީ ދިވެހި މުޖުތަމައަށް ވަރަށް ރަނގަޅު ޢިބްރަތްތެރި ފިލާވަޅެއް ގެނެސްދީފަ އިންނަ ވަރަށް އަސަރުގަދަ ސްޓޯރީއެއް “ހަނާ” އަކީ. ދެން މި ހުރިހައި އެންމެންގެ އެކްޓިން ބަލައިލުމަކީވެސް ހަމަ ގައިމުވެސް ކޮށްލަން ޖެހޭ ކަމެއް. ދެން އަމްޖޭގެ ޑައިރެކްޝަން އަކީވެސް ހަމަ ތަފާތު ޑައިރެކްޝަނެކޭ ބުނެލާނީ. ދެން އެހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި “ހަނާ” ބަލައިލަން ޖެހޭ. ދެން ބަލައިލީމަ އެނގޭނެ އަސްލުގަ އަޅުގަނޑު މި ބުނީ ރަނގަޅު ވާހަކައެއްކަން “ހަނާ” ބަލައިލަން ޖެހޭ.

“ހަނާ” ގެ ޝޫޓިން ތެރެއިން – ފޮޓޯ: މުނިއަވަސް

ބައިސްކޯފު ކަހަލަ ރަނގަޅު ޕްލެޓްފޯމެއް މިހާރު ލިބިފަ އޮތްއިރު، “ހަނާ” ފަދަ އިތުރު ޕްރޮޖެކްޓްތަކާއެކު ކުރިއަށް ދާގޮތަށްތަ މިހާރު ތި ހުރީ؟

ބައިސްކޯފުން މިހާރު މީ “ހަނާ”އަށް ފަހު އިތުރު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން. ދެން އަދި ހަމަ ސަޕްރައިޒެއް ގޮތުގަ ބާއްވާލާފަ އަޅުގަނޑުމެން މިއޮތީ. އިރާދަކުރެއްވިއްޔާމުން “ހަނާ” ޕްރިމިއާކުރާ ރޭ އަޅުގަނޑުމެން އެކަން ހާމަކޮށްލާނަން.

ފިލްމީ މަސައްކަތުގެ ކޮން ޕްރޮޖެކްޓްތަކެއް މިވަގުތު ހުރީ؟

ކުރިއަށް ހަމަ އިތުރު ޕްރޮޖެކްޓްތައް ރާވަމުން މިދަނީ އަޅުގަނޑުމެން ހަމަ އެއްޗަކަށްފަހު އެއްޗެއް ތައްޔާރުކުރަން ގަސްދުކޮށްގެން މި ދަނީ. އެގޮތުން ކުރިން މި ދެންނެވިހެން “ހަނާ” ނިންމާފަ އިތުރު ޕްރޮޖެކްޓެއްގެ މަސައްކަތްވެސް ފަށާގޮތަށް މިއޮތީ. ދެން ހަމަ އެއަށްފަހުވެސް ހަމަ ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ މި ސީރީޒާ ކަންތައްތަކުގެ މަސައްކަތް ހަމަ ކުރިއަށްދާނެ ވަރަށް ސްޕީޑްގަ.

ވެބް ސީރީޒް “ހަނާ”ގެ ޕޯސްޓަރ

ނިންމާލަމުން އިތުރު ކަމެއް ފާހަގަކޮށްލަން ބޭނުންތަ؟
އަޅުގަނޑަށް މިކަހަލަ ފުރުސަތެއް ލިބުނީތީވެ އަޅުގަނޑު ހަމަ މުނިއަވަސް އަށް އަޅުގަނޑުމެންގެ އޮންލައިން މީޑިއާ ޕާޓްނަރ މުނިއަވަސް އަށް ވަރަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން . އެއީ އަޅުގަނޑުމެންގެ ކޮންމެ ކަމެއްގަ ވެސް މުނިއަވަސް ތި އޮންނަނީ ހަމަ ތައްޔާރަށް. ހަމަ ކޮންމެ ޚަބަރެއް ވެސް ހަމަ ވަރަށް ތާޒާކަމާއެކީ ވަރަށް ފްރެޝްކޮށް ކިޔުންތެރިންނާ ހަމައަށް ލިބޭ ޚަބަރުތަކެއް. އެހެންވީމަ މިކަހަލަ ފުރުޞަތެއް އަޅުގަނޑުމެން މުނިއަވަސްގެ ޓީމަށް ވަރަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން އަދިވެސް އެއްފަހަރު.

މި ސީރީޒްއަކީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރީ ސީރީޒްއެކެވެ. ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ވާހަކަ ލިޔުނީ ރިނާޒާއެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ. ޕްރޮޑިއުސްކޮށް ކެމެރާކުރީ ހުސެން މުނައްވަރު (ކުޑަފޫޅު) އެވެ.

ހަނާ”ގެ ޕްރޮޑަކްޝަން ޓީމުން މިއަދު ބުނީ، ސީރީޒްގެ ހުރިހައި މަސައްކަތެއް އެއްކޮށް ނިންމައި، 13އެޕިސޯޑް ބައިސްކޯފާ ހަވާލުކޮށްފައިވާކަމަށެވެ.

ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.