އައި ފިލްމްސްގެ ދެވަނަ ފިލްމު “ނީނާ” އަށް، ފިލްމުގެ ލީޑް ނުޒުހަތު ޝުއައިބް (ނުޒޫ)ގެ ދިގު އިސްތަށިގަނޑު ކޮށައިލިކަމަށް ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނެފިއެވެ.

ކްރައިމް ތްރިލާ “ނީނާ“ގައި ނީނާގެ ކެރެކްޓަރއިން ނުޒޫ ތިން ސިފައެއްގައި ފެނިގެންދާނެކަން މީގެ ކުރިން އިއްލެ ބުނެފައިވާއިރު، އެއިން އެއްވެސް ސިފައެއް އާއްމުކޮށްފައެއް ނުވެއެވެ. ވަކިން ޚާއްޞަކޮށް ނުޒޫގެ ބޯ ކޮށާލާފައިވަނީ ކިހިނެއްކަމެއް، ކިހާ ވަރަކަށް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމުގެ ޝޫޓިންއަށް ނުޒޫ ލާމަށް ދިޔައިރުވެސް ހުރީ ބޮލުގައި ކެޕެއް އަޅައިގެން، އިސްތަށިގަނޑު ފޮރުވައިގެންނެވެ. ނުޒޫގެ އިސްތަށިގަނޑު ކޮށާލިކަން ހާމަކުރަމުން މިއަދުވެސް އިއްލެ ބުނީ އިސްތަށިގަނޑު ކޮށާލާފައިވާ ފޮޓޯއެއް ދެއްކެން ނެތްކަމަށެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްދިޔައިރު، މި ފިލްމުގައި ނުޒޫ ފެނިގެންދާނެ ތިން ސިފައިގެ ތެރެއިން ދެ ސިފައިގައި މޭކަޕްކޮށްފައި ހުއްޓާ މުނިއަވަސްގެ ޓީމަށް ފެނިފައިވެއެވެ. ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދިފައިވާ ފަދައިން އެފަދަ އެއްވެސް ސިފައެއް އިތުރަށް ސިފަކޮށްދެވޭކަށްވެސް ނެތެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއް ލ. މާންދޫގައި ޝޫޓްކުރަނީ – ފޮޓޯ: މުނިއަވަސް

ފިލްމު “ނީނާ” އަށް ނުޒޫ މާޝަލް އާޓްސް ދަސްކޮށްފައިވާއިރު، ފިލްމުގައި ‘ފައިޓް ސީން’ތަކެއް ހިމެނިފައިވާކަން މިއީ މިހާރު އެނގިފައިވާ ކަމެކެވެ. ފިލްމުގެ ނަން ތަޢާރަފްކުރުމަށް އައި ފިލްމްސް އިން ނެރުނު ނުރަސްމީ ޓީޒާގައި ބުނެފައިވާ އިބާރާތްކޮޅުންވެސް “ނީނާ“ގެ ކެރެކްޓަރ އަކީ ވަރަށް ތަފާތު ކެރެކްޓަރއެއްކަން އެނގެއެވެ.

”ހަމްދުއަށް އެނގޭތަ މަގޭ ނަމުގެ މާނަ؟“ ފިލްމުގެ ލީޑް ކުޅޭ ނުޒޫގެ އަޑުން ސުވާލުކޮށްލައެވެ.

”އުނހޫނ. ކިޔާބަލަ!“ ފިލްމުގައި ހަމްދުގެ ބައި ކުޅޭ ފިރިހެންކުއްޖާ އެދެއެވެ.

”ރީތި، ހިތްހެޔޮ، ފްރެންޑްލީ، ޕަވަރފުލް، އިންޓެލިޖެންޓް، ސްޓްރޯންގް ވޯރިއަރ. ވަރަށް ވަރުގަދަ ނަމެއް ދޯ؟ އެހެންވީމަ ހަމްދު އެއްވެސް ކަމަކާ ވިސްނާނެ ކަމެއް ނެތް. އަހަރެން ހަމްދު ހުރިހާ ކަމަކުން ސަލާމަތްކުރާނަން.“ ނުޒޫ ކިޔައިދެއެވެ.

މި ފިލްމުގެ އޮންލައިން މީޑިއާ މުނިއަވަސް އާއި މީޑިއާ ޕާޓްނަރ ސަން އޮންލައިންއާ މިއަދު އައި ފިލްމްސް އިން ހިއްސާކޮށްފައިވާ ފޮޓޯތަކުގައި ނުޒޫ އާއި ޝަރަފް ފެނިގެންދަނީ ލޯބީގެ މަންޒަރުތަކެއްގައި ހަރަކާތްތެރިވާތަނެވެ. މީގެ ކުރިން މި ފިލްމުގައި ނުޒޫ ފެންނާނެ ގޮތުގެ މިހާ ސާފު އެއްވެސް މަންޒަރެއް، އެއްވެސް މީޑިއާއަކާ ހިއްސާކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ނީނާ”ގެ ލީޑްގައި ހަރަކާތްތެރިވާ ނުޒޫ އަދި ޝަރަފް – ފޮޓޯ: އައި ފިލްމްސް

ފިލްމު “ނީނާ” އަކީ ކްރައިމް ތްރިލާއެކެވެ. އެހެންކަމުން ވަރުގަދަ ސަންސްޕެންސް ކަންތައްތަކެއް ފިލްމުގެ ވާހަކައިގައި ފެނިގެންދާއިރު، ފިލްމުގެ ކެރެކްޓަރތައް ފެނިގެންދާނީވެސް ތަފާތު ގޮތެއްގައިކަން އެނގެއެވެ. ފިލްމުގެ ލީޑް ކުޅޭ ޖުމައްޔިލް ނިމާލްގެ ފެންނާނެ ގޮތެއްވެސް އަދި މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

ލީޑް ތަރިންގެ އިތުރުން ދިވެހި ފިލްމީ ސިނަމާގެ ވެޓަރަން އެކްޓްރެސް އައްޑޫ މަރަދޫ މަރިޔަމް ރަޝީދާ ވެސް ފިލްމުގެ މުހިންމު ރޯލަކުން، މޮޅު އެކްޓިންއެއް ދައްކާނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ނީނާ“ގައި އިތުރަށް ހަރަކާތްތެރިވާނީ ޑާކްރެއިންގެ ފިލްމުތަކުން ފެންނަ އާދަމް ރިޒްވީ (ރެކްސް) އަދި ހަމްދޫން ފާރޫޤް (އައްކި)ގެ އިތުރުން ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ ޓިކްޓޮކްގެ މަޝްހޫރު ތަރި އިބްރާހިމް ޝާއިފް (ޑެވިލް ޝާއިފް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން (ޝިންޓޭ) އަދި މަރިޔަމް ޝަކީލާ އާދަމްގެ އިތުރުން އައިޝާ އަލީ ހިމެނެއެވެ.

ފިލްމު “ލީނާ”ގެ ލީޑް ކާސްޓުން، ޝަރަފް، ނުޒޫ އަދި ޖުމަލް – ފޮޓޯ: މުނިއަވަސް

ފިލްމުގެ މިއުޒިކް ހަދަނީ ހުސައިން ތައުފީގް އެވެ. މޭކަޕް ހަދައިދެނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ.

މި ފިލްމުވެސް ކެމެރާ ކުރަނީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހަދަނީ އޯކޭޒް އިންކް ގެ ސާމީ އެވެ.

ނީނާ” ލިޔެ ޑައިރެކްޓްކުރަނީ ވެސް އިއްލެ އެވެ. ފިލްމު “ނީނާ“ގެ ވެސް ޕްރޮޑިއުސަރުންނަކީ ”ބަވަތި“ ޕްރޮޑިއުސްކުރި އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.

ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.