ބޯހަމަނުޖެހޭ މީހުން ނުވަތަ އެހެން ބަހަކުން ބުނަންޏާ ސިކުނޑި ހަމަނުޖެހޭ މީހުންނަކީ މި ކުޑަކުޑަ މުޖްތަމައުން މަދުންނަމަވެސް ފެންނަބައެކެވެ. ގިނަމީހުން ދެކޭގޮތުގައި އެއީ މުޖްތަމައުގައި ބޭކާރުބައެކެވެ. ދިވެހިރާއްޖެ ކަހަލަ ކުޑަ ގައުމަކުން ވެސް ފެންނަމުންދާ ހިތާމަވެރި މަންޒަރެކެވެ. މިކަހަލަ މީހުންނަށް އެހެން ދިމާވަނީ ނުބައި ނުލަފާ ކަމުން ކަމަށް ގިނަމީހުން ގަބޫލުކުރެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ކިތަންމެ ރަނގަޅަށް އުޅެން ބޭނުންވާ މީހަކަށްވެސް މިކަހަލަ ކަމެއްވުމަކީ އެކަށީގެންވާކަމެކެވެ. މިކަހަލަ ކަންކަމަކީ އެއްވެސް ޖިންސަކަށް، އެއްވެސް ދީނަކަށް ނުވަތަ ފުދުންތެރިކަމަށް ބަލާފައި ދިމާވާ ކަންކަމެއްނޫނެވެ.
މިކަހަލަ މީހުންގެ ތެރެއިން ގިނަމީހުންނަކީ “ސްކިޓްޒޯފްރީނިޔާ” އޭކިޔާ ބައްޔެއް ތަހައްމަލުކުރަމުންދާ މީހުންނެވެ.
“ސްކިޓްޒޯފްރީނިޔާ” އަކީ ނަފްސާނީގޮތުން މީހުންނަށް ޖެހޭ ބައްޔެކެވެ. އެންމެ އެދެވިގެންވާ ފަރުވާ ވީއެންމެ އަވަހަކަށް ހޯދުމަކީ މުހިންމުކަމެކެވެ. އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހިދާނެއެވެ.
މިބަލި ޖެހިފައި ތިބޭމީހުން ވިސްނާގޮތާއި، އިހްސާސްތައް އެހެން މީހުނަށް ފާޅުކުރާގޮތާއި، އެމީހުން ދުނިޔެ ދެކޭގޮތް އެހެން މީހުންނަށް ހާމަކުރާގޮތް ތަފާތުވާނެއެވެ. އަދި އެހެންމެ ވަޒީފާގެ މާހައުލުގެ އިތުރުން ދިރިއުޅުމެއް ބިނާ ކުރުމުގަ ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ. މިމީހުންނަށް ހީވެފައި އޮންނަނީ އެހެން މީހެއްގެ ފަރާތުން އަބަދުވެސް އަނިޔާއެއް ލިބިދާނެހެން، ނުވަތަ ލިބެން އުޅޭހެންނެވެ. ނުވަތަ އޭނާގެ ސަބަބުން އެހެންމީހުންނަށް އަބަދުވެސް އުނދަގޫވާހެން އޭނާއަށް އިހްސާސްކުރެވެއެވެ. މިހެން ވުމުން މިކަހަލަ މީހުން އަބަދުވެސް އެކަހެރިކޮށް އުޅެން ބޭނުންވެއެވެ. ދުނިޔެވީކަންކަން އޮޅުން ބޮޅުންވެ، ރަނގަޅު ކަމެއް ކޮށްދިނަސް ގިނަފަހަރަށް އެމީހުންނަށް އެކަމެއްވެސް އޮންނާނީ ގޯސް ކަމަކަށްވެފައެވެ.
ދުނިޔޭގައި ކޮންމެ 1000 މީހެއްގެ ތެރެއިން އެކަކީ މި ބަލި ތަހަންމަލް ކުރަމުންދާ މީހެކެވެ. މިބަލި ޖެހޭ %95 މީހުން މިބަލި މުޅި އުމުރަށް ތަހަންމަލު ކުރަންޖެހެއެވެ. މީގެ ތެރެއިން އަމިއްލައަށް މަރުވާން %10 އިން %20 މީހުން މަސައްކަތް ކުރެއެވެ. ނަމަވެސް މިކަން ކާމިޔާބުވަނީ އެންމެ %5 މީހުންނަށެވެ.
މިބަލިޖެހުމަށް މެދުވެރިވާ ސީދާ ސަބަބެއް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ރީސާޗްތަކުން ދައްކާ ގޮތުގައި މިބައްޔަކީ އާއިލީ ގޮތުންނާއި ދިރިއުޅޭ މާހައުލުގެ ގޮތުން މީހުންނަށް ޖެހޭ ބައްޔެއްކަން ފާހަގަކޮށްލެއެވެ. މަންމައާއި ބައްޕަގެ އިތުރުން ދައްތައެއް މިބަލި ހުންނަނަމަ މިބަލިޖެހުމުގެ %10 ފުރުސަތު އޮވެއެވެ. އަދި މަންމަ އާއި ބައްޕަ މިބަލި ހުންނަނަމަ މިބަލިޖެހުމުގެ %40 ފުރުސަތު އޮވެއެެވެ. މީގެ އިތުރުން އެއްމާބަނޑު ދެބެއިން މިބަލި ހުންނަނަމަ މިބަލި ޖެހުމުގެ %50 ފުރުސަތު އޮވެއެވެ.
މިބަލި ހުންނަ މީހުންނަށް ނުފެންނަ އެއްޗިހި ފެންނަހެން ހީވާނެއެވެ. އާއްމުގޮތެއްގައި އެއްޗެއް ނެތަސް، އެއްޗެއް އިންނަހެން އިހްސާސްވާނެއެވެ. ބައެއްފަހަރު އެއްޗިހި ފެންނަގޮތްވެސް ތަފާތުވެއެވެ. މީގެއިތުރުން އަމިއްލަ މީހާއާބެހޭ މައުލޫމާތު ނޭނގޭ ފަހަރު ފަހަރުވެސް އާދެއެވެ. މިއީ އަދި ފާހަގަކޮށްލެވޭ ބައެއް އަލާމާތްތަކެވެ. މީގެ އިތުރުންވެސް ބައިވަރު އަލާމާތްތައް ހުރެއެވެ.
ކައުންސިލިން، ޑަކުޓަރީބޭސް، ދިރިއުޅުމަށް ގެންނަ ބަދަލުތަކުގެ އިތުރުން އިޖްތިމާއީ ގޮތުން އެއްބާރުލުން ލިބޭނަމަ މި ބަލީގެ އަލާމާތްތައް ކުޑަކުރެވޭނެއެވެ.
މި ބަލި ހުންނަ މީހުން ވަކި ވަރަކަށް ރަނގަޅުވުމުން އާދައިގެ ދިރިއުޅުމެއް އުޅެވޭނެއެވެ. ނަމަވެސް ހިތާމައަކީ މި މުޖްތަމައުގައި މިކަހަލަ މީހުންނަށް އެކި ކަހަލަ އަނިޔާތައް ދެމުން ދާކަމެވެ. ނަފްސާނީ، ޖިސްމާނީ އަދި ޖިންސީގޮތުންވެސް އަނިޔާދެއެވެ.
މަގުމަތީގައި މިކަހަލަ މީހަކު އަޑުގަދަކޮށްލާއިރަށް ގިނަމީހުން ބަލަނީ ވިޑިޔޯ ނުވަތަ ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިޔާގައި އާއްމު ކުރެވޭތޯއެވެ. އެއްވެެސް މީހެއް އެމީހަކަށް އެހީވަކަށް ނޫޅޭނެއެވެ. އޭގެ ބަދަލުގައި އެ ނަގާ ވީޑިޔޯއެއް ނުވަތަ ފޮޓޯއެއް ސޯޝަލް މީޑިޔާއަށް ލުމަށްފަހު އެމީހެއް ބޭޒާރުކޮށްލައެވެ. މުޖްތަމައުއަށް ގިނަކޮށްލައެވެ.
ވިސްނާލާށެވެ. އެއީވެސް ހަމައަހަރެމެން ކަހަލަ އިންސާނެކެވެ. އެމީހެއް ހަމަ ބުއްދީގައި ނެތަސް ކޮންމެވެސް ވަރަކަށް އޭނާއަށްވެސް އެކަން އިހްސާސްކުރެވޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އިމްޝާ ނަޞީރަކީ ނޫސްވެރިކަމަށް ހުންނަ ޝާއުޤާއިއެކު، ނޫސްވެރިކަމަށް ކުރިމަތިލާފައިވާ ޒުވާން ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 މެއި 2020ދީންރަމަޟާން މަހުގެ ފަހު ދިހައިގެ ބަރަކާތް ލިބިގަންނަމާތޯ؟
- 3 އޭޕްރިލް 2020ރިޕޯޓްހައިރާންވާހާ ރީތި ކަނޑިތީމު!
- 26 ފެބްރުއަރީ 2020މަޢުލޫމާތުސްކިޓްޒޯފްރީނިޔާ އެނގޭތަ؟
- 6 ފެބްރުއަރީ 2020ރިޕޯޓްއަދުގެ ދުނިޔޭގައި “ބިޒީ” ޒުވާނުން