އިންޑިއާގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާ އާއި، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ “އެކްޓިންގް ވޯކްޝޮޕް” ނިންމާލައިފިއެވެ.

40 ބައިވެރިންނާއެކު ފަސް ދުވަހުގެ މުއްދަތަށް ބޭއްވި މި ވޯކްޝޮަޕަކީ އެކްޓިންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ވޯކްޝޮޕްގައި ފިލްމްތަކާއި، އަދި ސްޓޭޖް ޑްރާމާތައް ހުށައެޅުމުގެ ހުނަރު ދަސްކޮށްދީފައިވެއެވެ.

އިންޑިއާގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ފެސިލިޓޭޓަރ ޑރ.އަބިލޭޝް ޕިއްލޭ ވަނީ ދިވެހިންގެ ހުނަރުވެރިކަމަށް ތަޢުރީފް ކުރައްވާފައެވެ. އެގޮތުން ދާއިރާއާއި ގުޅޭ މަޢުލޫމާތާއި ހުނަރުތައް މިހާރުވެސް ވަރަށް ބޮޑަށް އެނގޭކަން ފާހަގަކޮށްފައިވެއެވެ. އަދި ޒުވާނުން މި ދާއިރާގައި ގިނަކަން އަބިލޭޝް ޕިއްލޭ ފާހަގަކުރެއްވިއެވެ.

“ފުރުސަތަށް ހުޅުވާލުމުން ފާހަގަވި މިފަދަ ޕްރޮގްރާމަކަށް ބޭނުންވެފައިވާވަރު. ރާއްޖޭގައި އަޅުގަނޑުމެންގެ ޕަރފޯމަންސް ޑިޕަރޓްމަންޓެއް ހެދުމަށްވެސް ވިސްނަން. އަދި އިންޑިއާގެ އަޅުގަނޑުމެންގެ އިންސްޓިޓިއުޓްގައިވެސް އަރޓްސްގެ ދާއިރާއިން މުހިންމު ގިނަ ފުރުސަތުތަކެއްވަނީ ފަހިކޮށްދީފައި.” ވޯކްޝޮޕާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަބިލޭޝް ޕިއްލޭ ވިދާޅުވިއެވެ.

އެކްޓިންގ ވޯކްޝޮޕްގެ ބައިވެރިންނާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއެވެ. ސަންޖޭ ސުދީރް ވަނީ ރާއްޖެއާއި އިންޑިއާ އާއި ސަޤާފީގޮތުން އެއްގޮތް ކަންކަން ހުރިކަން ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޕާފޯމިންގ އާޓުގެ ދާއިރާގައި ދެޤައުމުގެ އެއްގޮތްކަން ސަންޖޭ ސުދީރް ފާހަގަ ކުރެއްވިއެވެ.

“ރާއްޖޭގައި ތިބީ ހުނަރުވެރި ބައެއް. އީދު ފަދަ މުނާސަބަރުތަކުގައި މިކަން ފެނިގެންދޭ. އެންޓަޓެއިންމަންޓް ދާއިރާއަށް ވަރަށް ޝައުގު ހުންނަ ބައެއް. ބޭނުންވަނީ މި ހުނަރުތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތެއް.” ސަފީރު ވިދާޅުވިއެވެ.

މިމަހުގެ 22ގައި ފެށި މި ޕްރޮގްރާމްގައި އިންޑިއާގެ ނެޝަނަލް ސްކޫލް އޮފް ޑްރާމާގެ ތަޖުރިބާކާރު 3 ޕްރޮފެސަރުން ތަމްރީންދީފައި ވެއެވެ.

 

މަޢުލޫމާތުނެގީ: ޕީއެސްއެމް ވެބްސައިޓުން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.