ދައްކަން މިއުޅެނީ ވަސްދުވާ ކަޅު މާވަހަރު ހޯދައިގެން ގޯތީގެ ވަރުވާކަނުގައި އެވަޅުލާ، ދުމަށް އެޅި ކުންޒުބުރު ފަތަކުން އެރި ދުންތަކުގެ ސަބަބުން އެތައްބައެއްގެ ދިރިއުޅުން ބަނަވެ، ދިރިއުޅުމުގައި ގިލަންވެރިކަން އުފައްދާފައިވާ ސިހުރު ހާހޫރައިގެ ނުބައިކަމުގެ ވާހަކައެވެ.

ސިހުރު ހާހޫރައިގެ މައްސަލަ ރާއްޖޭގެ ބޮޑެވެ. އެއީ އެންމެ ކުރިން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގައި އޮތް ބޮޑު މައްސަލަ އެކެވެ. މާޒީއަށް ބަލާކަމުގައި ވަނީނަމަ ސިހުރު ޖެހި އެތައް ބަޔަކު މަރުވެފައި ވެއެވެ. ހިތާމައަކީ މިއަދުގެ މި ޒަމާނުގައި ވެސް ސިހުރުގެ ސަބަބުން އެއްވެސް ކުށެއްނެތް އެތައްބައެއްގެ ދިރިއުޅުން ހަލާކުވަމުންދާ ކަމެވެ.

ސިހުރުގެ ސަބަބުން ކުދިންގެ ކިޔެވުން ހަލާކުވެ، އާއިލާތައް ރޫޅި، ގިނަ، ދެރަ މައްސަލަތަކެއް ދިމާވެ އެވެ. މީހުން ސިހުރު ހަދަނީ ދުނިޔަވީ އެކިއެކި މަންފާތައް ހޯދުމަށާއި، ހަސަދައިގެ ސަބަބުން މީހުންނަށް ދެރަ ދިނުމަށެވެ.

ސިހުރު ހަދަނީ މާތް ﷲއަށް އުރެދި ޝައިތާނާއަށް ތަބާވެ ޝައިތާނާގެ ފަރާތުން ބާރުލިބިގެން ކަމަށާއި، އެކަމުގެ ސަބަބުން ދީނުން ބޭރުވާ ފަދަ ކަންކަމަށް މަގުފަހިވާކަމަށް ދީނީ އިލްމުވެރިން ވިދާޅުވެއެވެ.

ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. “ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވާށެވެ! ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟” ހަދީޘްކުރެއްވި އެވެ. “މާތް ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި ހައްގަކާ ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ހައްގަކާ ނުލައި ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި ޢިއްފަތްތެރި މުއުމިނު އަންހެނުންނަށް ގަޛްފު ކުރުމެވެ.”

ސިހުރަކީ ސިހުރު ހަދާ ފަރާތާއި (ސާހިރު) ޝައިތާނާއާއި ދެމެދު ވެވިގެންދާ އަހުދެއްގެ ދަށުން ސިހުރުހަދާ ފަރާތުން ޝައިތާނާ ހިތް ރުއްސުމަށްޓަކައި އިސްލާމީ ޝަރީއަތުގައި ހުއްދަނޫން ޢަމަލެއް ކުރުމުގެ ސަބަބުން ނުވަތަ ހެއްދެވި ފަރާތަށް އުރެދުމުގެ ބަދަލެއްގެ ގޮތުން ސިހުރުހަދާ ފަރާތުން އެދޭ އެދުންތައް ޝައިތާނާގެ ފަރާތުން ކޮށްދޭ ކޮށްދިނުމެކެވެ. މިތަޢުރީފް ތަކުން އެގިގެން ދިޔަގޮތުގައި ސިހުރަކީ ޝައިތާނީ ޢަމަލެކެވެ. އަދި ސިހުރު ހެދުމަށްޓަކައި ސިހުރު ހަދާފަރާތުން ޝައިތާނީ ޢަމަލުތައް ކުރާކަމެވެ.

 

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.