2019ވަނަ އަހަރު އުފެއްދި ރެކޯޑް ލޭބަލް ‘އިއްޔަ ރެކޯޑްސް’އާއި މިއަހަރު އުފެއްދި ރެކޯޑް ލޭބަލް ‘ޑީބީ ރެކޯޑްސް’ ގުޅިއްޖެއެވެ. އުފެދުމުގައިވެސް ގުޅިފައިވާ މި ދެ ލޭބަލް ރަސްމީކޮށް ގުޅިފައި މިވަނީ ‘އިއްޔަ ރެކޯޑްސް’ގެ ސީއީއޯ އުލްޔާ މުސްތާޤް އެ ލޭބަލްގެ ސީއީއޯގެ މަޤާމުން ވަކިވުމާއި ގުޅިގެންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހި މިއުޒިކީ ދާއިރާގައި މަޝްހޫރު އުފެއްދުންތަކެއް ނެރުނު ‘އިއްޔަ ރެކޯޑްސް’ އާއި ދުރަށް ޖެހިލަނީ ކީއްވެގެންތޯ އުމުރުން 21އަހަރުގެ އާއިޝަތު އުލްޔާ މުސްތާޤާއި މުނިއަވަސް އިން ސުވާލުކޮށްލީމެވެ.

ކުއްލިގޮތަކަށް އުލްޔާ މިއުޒިކާއި ދުރަށްޖެހިލަން ތިޔަ ނިންމީ ކީއްވެގެންކަން ބުނެދީފާނަން؟
އެއްގޮތަކަށްވެސް މިއުޒިކާއި ދުރަށް ދަނީއެއް ނޫން އިނގޭތޯ. އަޅުގަނޑު ދުވަސްކޮޅެއްގެ ބްރޭކެއް މި ނަގަނީ އަޅުގަނޑުގެ ބެޗްލާސް ޑިގްރީ އަލުން ފެށުމަށް. ފުލްޓައިމްކޮށް ކިޔަވަމުން އަޅުގަނޑު މިވަގުތު ބޭނުންވަނީ އަޅުގަނޑުގެ ޖުވެލްރީ ލައިން ‘އިއްޔަ.އެމްވީ’ގެ މަސައްކަތަށް ވަގުތު ހުސްކޮށްލަން.

މުސްތާޤަށް މަޤާމު ހަވާލުކޮށްލީ ވަކިން ޚާއްޞަ ސަބަބެއް އޮވެގެންތަ؟
ދެ ލޭބަލްގެ ފައުންޑަރ އަކީ ވެސް ބައްޕަ (މުސްތާޤް). އެހެންކަމުން އަޅުގަނޑަށް ވުރެން މާ މޮޅަށް މި މަސައްކަތް ކުރަން ބައްޕަ އަށް އެނގިލައްވާނެކަން އަޅުގަނޑު ޤަބޫލުކުރަން. މި ފުރުޞަތަކީ ބައްޕަ އަޅުގަނޑަށް ދެއްވި ރަނުގެ ފުރުޞަތެއް، އެކަމަށް އަޅުގަނޑު ޝުކުރުވެރިވަން.

އަލުން މި ދާއިރާއަށް އުލްޔާ އަންނަ ޚިޔާލެއް ގެންގުޅެންތަ؟
އާދެ، ފީލްޑާއި ގުޅުންހުރި ރޮނގަކުން އަޅުގަނޑު ޑިގްރީ މި ހާޞިލްކުރަނީ. އެހެންކަމުން އެކަމުގެ ތަޢުލީމު އުނގެނިގެން ކުރިއަށްވުރެން ފުރިހަމަކޮށް މި މަސައްކަތައިގެން އުޅުމުގެ ވިސްނުމެއް އަޅުގަނޑުގެ ހުރީ.

ދާއިރާއާއި ދުރަށް ޖެހިލަމުން އުލްޔާ ވަނީ ކުރު ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި، ބައްޕަ މުސްތާޤް މޫސާއަށް އިއްޔަ ރެކޯޑްސްގެ ސީއީއޯގެ މަޤާމު ހަވާލުކުރާ ކަމަށާއި އިއްޔަ ރެކޯޑްސް އާއި ޑީބީ ރެކޯޑްސް މިހާރުން ފެށިގެން ހިނގަމުންދާނީ އެއް މެނޭޖްމެންޓްގެ ދަށުންކަމަށް ބުނެފައިވެއެވެ.

އިއްޔަ ރެކޯޑްސްގައި މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާ ހަތަރު އާޓިސްޓުންކަމަށްވާ ހަމޫދު، ހަޔާ، އަކްރަމް އަދި ޓްރޯ މިހާރުން ފެށިގެން އިއްޔަ ރެކޯޑްސް އާއި ޑީބީ ރެކޯޑްސްގައި މަސައްކަތްކުރުމަށް އެގްރީމެންޓްކުރެވިފައި ނުވާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އިއްޔަ ރެކޯޑްސް އާއިއެކު ސޮއިކޮށްފައިވާ އިތުރު އާޓިސްޓުން ދެން މަސައްކަތްކުރާނީ ‘އިއްޔަ ރެކޯޑްސް’ X ‘ޑީބީ ރެކޯޑްސް’ ކަލެކްޓިވްގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

‘އިއްޔަ ރެކޯޑްސް’ އުފެއްދީ ރާއްޖެއަށް މުޅިން ތަފާތު ސްޓައިލެއްގެ މިއުޒިކު ގެނެސްދިނުމަށާއި މިއުޒިކްގެ ދާއިރާގައި ޕްލެޓްފޯމެއް ނުލިބިފައި ތިބި ހުނަރުވެރި ގިނަ ޒުވާނުން ތަކަކަށް ޕްލެޓްފޯމެއް ހޯދައިދީ އެފަދަ ފަންނާނުން ކުރިއަރުވައިދިނުމަށެވެ. ހަމަ އެގޮތަށް ‘ޑީބީ ރެކޯޑްސް’ގެ ވެސް އަމާޒު ހުރި ހަމަ އެ މިސްރާބަށްކަން ފާހަގަކޮށްލެވެއެވެ.

‘އިއްޔަ ރެކޯޑްސް’އާއި ‘ޑީބީ ރެކޯޑްސް’ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.