ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިއްމު ބިންގަލެވެ. އެހެންކަމުން އެ ބިންގާ ސީދާކޮށް އެޅުމަކީ މުހިއްމު ކަމެކެވެ. ކައިވެންޏެއްގެ ބޭނުމަކީ ޢާއިލާއެއް އުފައްދާ ހެޔޮލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކައިވެންޏެއްގެ މަޤުޞަދަކީ ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ ޢާއިލާއެއް އުފެއްދުމެވެ. އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވެ ދެމިއޮތުމަށް ޝަރުޢު ކުރައްވާފައިވާ މަގަކީ ކައިވެންޏެވެ. އެމަގުން ޢާއިލާތައް އުފެދި ޤަބީލާތަކާއި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެއެވެ.

ތިޔަ މަންމައާއި ބައްޕަ ހުޅުދާންކުރި ރޯޝަނީ ހަޔާތުގެ އަލި ނިއްވާލުމާއެކު، އެ ދަރިފުޅަށް ލިބުނު ގިލަންވެރިކަމުން ދުވަހަކުވެސް އަރައިގަނެވިދާނެ ކަމަށް އުންމީދުނުކުރާށެވެ. އެދަރިންނަކީ އާލަމްތަކުގެވެރި މަތްﷲ ސުބުހާނަހޫ ވަތައާލާ ތިޔަ ދެމައިންނަށް ދެއްވަވާފައިވާ އަމާނާތެކެވެ. ވީއިރު މަންމަ ނުވަތަ ބައްޕައެއްގެ ލޯބިން އެ ދަރިފުޅު މަހުރޫމުކޮށްލުމުގެ ކުރިން އެއްވެސް ކުށެއްނެތް އެ ދަރިފުޅުގެ މުސްތަގުބަލާ މެދު ރަގަޅަށް ވިސްނާލާށެވެ.

ދަރިން ލިބުމަށްފަހު، ކުޅޭ ކުޅިވަރެއް ހެން ވަރި އާއި ހަމައަށް ދާއިރު މާދަމާ މި ގައުމުގެ މުސްތަގުބަލް އުޖާލާކޮށްދޭން ތިބީ ތިމަންމެންގެ ދަރީންކަން ހަދާންކުރާށެވެ. ދަރިންގެ ކުރިމަތީގައި ދެމަފިރިން ޒުވާބުކޮށް އަރާރުންވާއިރު، މާދަމާ ތިމާމެންގެ ދަރިފުޅު ފުރާފުރިހަމަވެ ޒަވާޖީ ހަޔާތެއް ފަށާއިރު އެދަރިން ނަމޫނާއަކަށް ބަލާނީ ކުޑައިރުއްސުރެ އެ ދަރިފުޅުގެ މަންމައާއި ބައްޕަ ދައްކަމުން ތިދާ މަންޒަރުތައްކަން ހަދާން ކުރާށެވެ.

ކައިވެނި ރޫޅުމުގެ ސަބަބުން އެއް ގެއިން އަނެއް ގެއިން، އެއް އެނދުން އަނެއް އެނދުން އުޅޭ މައިންނާއި ދަރިން މި މުޖުތަމައުގައި އެތަކެއް ބައިވަރު އެބަތިއްބެވެ. އިހުމާލަކުން އެއްވެސް ކުށެއްނެތް އެތަކެއް ކުދިންނަށް އަނިޔާ ތަކެއްލިބި، މުޖުތަމައުގައި ބޭނުން ނުހިފޭ ބަޔަކަށް ވަމުންދާއިރު، އެއްވެސް ފަރުވާލެއް ނެތި ދަަރިން ބޮޑެތިވުމަށް ފަހުވެސް އެތަކެއް ކައިވެނި ތަކެއް ރޫޅެމުންދާ މަންޒަރު މި ކުޑަކުޑަ މުޖުތަމައުން ފެންނަމުންދާކަމީ ހިތާމަ ހުރިކަމެކެވެ.

ނަތީޖާ އެއްގެ ގޮތުން އެއްވެސް ކުށެއްނެތް އެތަކެއް ދަރިންނެއް، މަގުމަތިވެ މުޖުތަމައުއަށް ބޭނުންނުހިފޭ ބަޔަކަށް ވެގެންދެއެވެ. މައިންބަފައިންގެ ލޯތްބާއި އަޅައިލުން ނުލިބުމުގެ ސަބަބުން އެތަކެއް ގޯސް އަމަލުތަކެއްގެ ޝިކާރައަކަށް ވެގެންދެއެވެ. މައިވަންތަކަމުގެ ލޯބި ނުވަތަ ބައްޕައެއްގެ ލޯބިން މަހުރޫމްވެ ބޮޑުވަމުން އަންނަ ދަރީންގެ ހިތުގެ ވޭނާއި ތަދު އިހްސާސް ކޮށްނުލެވޭހައި ވަރަށް ތިޔަ މައިންބަފައިން ހިތް ހަރުވެދާނެކަމަކަށް ދުވަހަކުވެސް ހިޔެއްނުކުރަަމެވެ.

މަންމަ ނުވަތަ ބައްޕައެއްގެ ލޯބިން އެ ދަރިފުޅު މަހުރޫމުކޮށްލުމުގެ ކުރިން އެއްވެސް ކުށެއްނެތް އެ ދަރިފުޅުގެ މުސްތަގުބަލާ މެދު ރަގަޅަށް ވިސްނާލާށެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.