ޓީޝާޓަކާއި ހަރުވާޅެއްލައިގެން ހުރި ސުމްރާއަށް ބަލާލުމުން އޭނާ ހުރީ ނިދަން ތައްޔާރުވެގެންކަން އެނގެއެވެ. ކޮޓަރީގެ ދޮރުލައްޕާ ތަޅުލުމަށްފަހު ސުމްރާ ހިނގައިގަތީ ރާއިދުއާ ދިމާއަށެވެ. ސުމްރާއާ ދިމާއަށް ބަލަހައްޓައިގެން ރާއިދު އޮތީ ހައިރާންކަމާއެކު އެވެ.
ރާއިދުގެ މަގަތުން އިށީންދެ އޭނާގެ މޫނާއި ދިމާއަށް ސުމްރާ ގުދުވަމުން ދިޔައިރު ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ނޭވާ ހިފަހައްޓާލައިގެން ރާއިދު އޮތެވެ.

“ސީރިއަސްކޮށް މިބުނީ …… ވަރަށް ގިނަ މީހުން ކިޔާއެއްޗެއް އެއީ.” ކުއްލިއަކަށް ރާއިދުގެ ހަނދާނަށް އައީ އޭނާ އެގެއަށް ބަދަލުވި ދުވަހު ނާގިތު އާއި ކަމާލް ދެއްކި ވާހަކައެވެ.

އުމުރުން ސާޅީހަކަށް އަހަރު ވެފައިވީ ނަމަވެސް ސުމްރާއަކީ ރީތި އަންހެނެކެވެ. ފެންނަފެނުމަށް އުމުރަށްވުރެ މާބޮޑަށް ވެސް ޒުވާނެވެ. ބޭނުންކުރަނީ މިހާރުގެ ޒުވާނުން ބޭނުންކުރާ އަންނައުނާއި ޒަމާނީ ތަކެއްޗެވެ. ފިރިމީހާއަށް ވަގަށް ޒުވާން ލޯބިވެރިން ގެންގުޅެއެވެ. ޒުވާނުންގެ މެދުގައި ސިއްރު ސިއްރުން އެވާހަކަތައް ދެކެވެމުންދިޔައެވެ. ނާގިތު ބުނާގޮތުން އޭނައަކީ ސުމްރާ ކައިރިއަށް ޖެއްސި ޒުވާނެކެވެ. ސުމްރާއަކީ ސަތޭކައިގެ އަންހެނެކެވެ. ތަޖުރިބާ އާއި ހުނަރު އަދި ކެރުން އެބަހުއްޓެވެ. އެކަމަކަށް އެއަށްވުރެ ވަކި ރަނގަޅު އަންހެނަކު ނުލިބޭނެއެވެ.

ރާއިދުގެ ތުންފަތުގައި ތުންފަތްޖައްސާލަމުން އަތުން ކޮށްލި ހަރަކާތާއިއެކު ސުމްރާގެ މަޤްޞަދު ރާއިދަށް އެނގުނެވެ. ސުމްރާގެ ފުރަތަމަ ހަރަކާތާއިއެކު ވެސް ރާއިދުގެ ހުރިހާ ހިއްސެއް ހޭލައްވާލިއެވެ. ކެތްކުރަން އުޅުނު ނަމަވެސް ކެތްކުރަން ދަތިވިއެވެ. ނިދާފައިކަމަށް ހަދައިގެން އޮތް ނަމަވެސް މާގިނައިރު މަޑަކުން ނުއޮވެވުނެވެ.

ނާގިތާއި ކަމާލް ދެއްކި ވާހަކަތަކުގެ ތެދުކަން ކިތަންމެހާ ވެސް ރަނގަޅަކަށް ރާއިދަށް ފެނުނެވެ. ހިތުގެ ގޮވުމާއި ދެކޮޅުހަދާކަށް އެއްވެސް ގުނަވަނަކަށް އެއްބަހެއް ނުވެވުނެވެ. ލޯތްބާއި އޯގާތެރިކަމާއެކު ސުމްރާގެ މޫނުގައި ފިރުމާލަމުން ރާއިދު ދިން އެއްބާރުލުމާއެކު ސުމްރާއަށް އިތުރު ދިރުމެއް އައެވެ. އަނދަމުންދިޔަ އަލިފާންގަނޑަކަށް ޕެޓްރޯލްއަޅާލި ކަހަލަ އެވެ.

ހިއްސުތައް އެދި ގޮވަމުންދިޔަ ގޮވުމާއި އެއްގޮތަށް ރާއިދު ސުމްރާއާ ބައިވެރިވިއެވެ. ކުރަމުންދިޔަ ތޫފާނެއްފަދަ ގަދަފަދަ ވިއްސާރަ އަކަށް ދެމީހުން ކުރެ އެކަކު ވެސް ސަމާލުކަމެއް ނުދެއެވެ. ދެމީހުން ވެސް ބޭނުންވީ ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފައި ފެންބޮވައިގެންފައިވާ އިސްގީ މަސްތީ ކަރުހިއްކުން ފިލުވާލާށެވެ. އަނެއްކާގެ ފަރާތުން ދެމުންދިޔަ އެހީތެރިކަމާއި ލޯތްބާއިއެކު ލޯތްބާއި އެހީތެރިކަން ދޭށެވެ. ހިތްއުފާކޮށްދީ ހިތްހަމަ ޖައްސައިދޭށެވެ.

ވަގުތުތައް ފާއިތުވަމުން ދާވަރަކަށް ސުމްރާގެ ފޯރިގަދަވަމުން އަޑު ގަދަވަމުން ދިޔައެވެ. ކޮޓަރިން ބޭރަށް ވެސް އަޑުއިވިދާނެހެން ހީވި އެތައް ފަހަރެއް އައެވެ. ކޮންމެވެސް ވަރަކަށް ކަންބޮޑުވި ނަމަވެސް މާބޮޑު ސަމާލުކަމެއްނުދީ ރާއިދު ވެސް ހުރީ ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމުގެ އިތުރުން ގޭގައި އެހެން މީހަކު ނޫޅޭތީ އެވެ. ދެވަނަ ފުރުސަތެއް ލިބޭނީ އޭނާ ބޭނުންވަރަށް ފުރުސަތު ތަނަވަސް ކޮށްދީގެން ކަމަށް ނާގިތު ބުނެފައިވާ ބުނުން ހަނދާނުން ފިލައި ނުދާތީ އެވެ. ދެވަނަ ފުރުސަތަކަށް ހިތްއެދި ގޮވާވަރުން ނެވެ.

ކުއްލިއަކަށް ސުމްރާގެ ހަރަކާތްތަކަށް ހުއްޓުން އައީ ކޮޓަރީގެދޮރުގައި ތަޅައިގަތް އަޑަށެވެ. ދޮރުހުޅުވާށޭ ގޮވާލިއިރު ހިތްހަމަ ނުޖެހުން ފާޅުވެގެން ދިޔައެވެ. ދަންނަގޮތެއް ހުރި އެއަޑަކީ އަންހެން އަޑެކެވެ. ރާއިދަށް ލިބުނު ހައިރާންކަމާއެކު އުފެދުނު ސުވާލުތައް ގިނަވިއެވެ.
ފުންމައިގެން ކަހަލަގޮތަކަށް ރާއިދުގެ ގައިމަތިން ސުމްރާ ތެދުވި ވަގުތު ފެނުނު މަންޒަރުން ރާއިދަށް ލޯމަރާލަން މަޖުބޫރު ވިއެވެ. އެނދުމައްޗަށް ފޭބީ ލޭތަކަށް އެއްވެސް ސަމާލުކަމެއްނުދީ އަންނައުނުތައް ހިފައިގެން ކުޑަދޮރުން ފުންމާލައިގެން ސުމްރާ ދިޔައީ ވައިސޫރިއެއްހާ ހަލުވި ކޮށެވެ. ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެއްވެސް ބިރެއް ޖެހިލުމެއް ނެތިއެވެ.

އެނދުން ތެދުވަން މަސައްކަތްކުރި ނަމަވެސް ރާއިދަކަށް އެކަމެއް ނުވިއެވެ. ކޮޓަރިތެރެއަށް ވެރިވެގެންދިޔަ ފަރުހަކިވަހާއެކު ބޮލަށް އެނބުރުން އަރައިގެން އެނދުމައްޗަށް ދެމިއްޖެއެވެ. ކޮޓަރިތެރެއިން އަޑުމަޑުވުމާއެކު ބޭރުން ވެސް އަޑުކެނޑުނެވެ.

އަރައިގެން އައި އިރާއެކު އޮޑިވެރިންތައް ބަނދަރާއި ދިމާއަށް ދުއްވައިގަތްއިރު ދަނޑުވެރިން ވެސް ދަނޑުތަކާއި ދިމާއަށް މިސްރާބު ޖަހައިފި އެވެ. ތިމާމެންގެ އެއްވެސް މުދަލަކަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމުގެ މުހިންމުކަން ކޮންމެ މީހަކަށް ވެސް ބޮޑެވެ.

ހެނދުނު ނުވައެއް ޖަހާކަން ހާއިރެވެ. އަށެއް ޖަހާއިރު މަސައްކަތު ދާނެކަމަށް ބުނެފައި ނުވައެއް ޖެހިއިރު ވެސް ޚަބަރެއް ނުވުމުންނާއި ފޯނަށް ޖަވާބެއް ނުދޭތީ ރާއިދު ކޮބައިތޯ ބަލާލަމުން އާސިރު އެގެއަށް އައެވެ. އާސިރާއި ދިމާވި ސުމްރާގެ ވާހަކަތަކުން އެނގުނުގޮތުގައި ރާއިދު އަދިވެސް ނުހޭލައެވެ. ސައިބޯން ނުތެދުވާތީ ގޮވުމުން ވެސް ހަބަރެއް ނުވިއެވެ.

ސުމްރާ އާއި އާސިރު ގޮސް އެކޮޓަރީ ދޮރުގައި ޓަކިޖަހަމުން ރާއިދަށް ގޮވާގޮވާ ޚަބަރެއް ނުވިއެވެ. ލިބުނު ހައިރާންކަމާއެކު ސުމްރާ ހާސްވެ ނުތަނަވަސްވާން ފެށިއެވެ. ކޮޓަރި ހުޅުވައިގެން ބަލަން ސުމްރާ ބޭނުންވުމުން އާސިރު އެކަމަށް ތާއިދުކުރި އެވެ.

ކޮޓަރީގެ ދެވަނަ ތަޅުދަނޑި ހިފައިގެން ސުމްރާ އައިސް ތަޅުހުޅުވި އެވެ. ދޮރުހުޅުވާލަމުން އެތެރެއަށް ބަލާލި ވަގުތު ފެނުނު މަންޒަރުން ދެމީހުނަށް ވެސް ހުއްޓުންއެރި އެވެ. އެނދު ހުރަހަށް ކަހަލަގޮތަކަށް ރާއިދު އޮތްއިރު ގައިގާ އެއްވެސް އަންނައުނެއް ނެތެވެ. އެނދުމައްޗާއި ކޮޓަރީގެ ތަޅުންމަތީގައި ވަނީ ލެއިން ކޯރުހެދިފައެވެ. ކޮޓަރީގެ ކުޑަދޮރެއް ހުޅުވާލާފައި ހުރިއިރު ލޭގެކޯރު ދަތުރުކޮށްފައިވަނީ އެނދުން ފައިބައިގެން ކުޑަދޮރުން ބޭރަށެވެ.

ފެނުނު މަންޒަރުން އަޑުން އަޑުންނަގައި ރޮއިގަތް ސުމްރާ މަސައްކަތްކުރީ ރާއިދު ކައިރިއަށް ދާން ނަމަވެސް، އާސިރު އޭނާގެ ގައިގާ ހިފަހައްޓައި މަޑުކުރުވި އެވެ. ރޮމުން ރޮމުންދިޔަ ސުމްރާގެ ޚަބަރުހުސްވެގެން ދެމުނީ އާސިރުގެ އަތުތެރެ އަށެވެ. ސުމްރާ ގެންގޮސް ސޯފާގައި ބާއްވާލުމަށްފަހު އާސިރު އެންމެ ފުރަތަމަ ފޯނުކުރީ ޒަކީ އަށެވެ.

ޒަކީ ގެއަށް އަންނަ ވާހަކަ ބުނުމުން އިތުރު ވާހަކައެއް ނުދައްކާ އާސިރު ފޯނުކުރީ ރަށުގައި ހުންނަ ޕޮލިސް ޕޯސްޓަށެވެ. ވެގެން އުޅޭގޮތް ކިޔައިދިނުމާއެކު ޕޮލިހުން އަންނަ ވާހަކަ އާއި ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ.

ޖިންސީގުނަވަނަށް ބޮޑެތި އަނިޔާތަކެއްދީ އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ރާއިދު ފެނުނު ވާހަކަ ރަށުތެރެއަށް ފެތުރިގެން ދިޔައީ ވަރަށް އަވަހަށެވެ. ރާއިދަށް އެހެން ހެދުމަށްފަހު އެމީހަކު ކުޑަދޮރުން ނުކުމެގެން ގޮސްފައިވާކަމަށް ވެސް ވާހަކަ ދެކެވެމުންދިޔަ އެވެ.

ރާއިދުގެ މަރުގެ ޚަބަރާއި އެ ޚަބަރާއި ގުޅިގެން ދައްކަމުންދިޔަ ވާހަކަތައް އަޑުއިވުމާއެކު ނާޖިދާ ސިއްސައިގެންދިޔަ އެވެ. ގަތްބިރުން މުޅިމީހާ ތުރުތުރުއަޅައި ގަތެވެ. ހާސްވެ ދެލޯ ބޮޑުވިއިރު ކަންބޮޑުވުން މުޅިމީހާ ވަށާލިއެވެ.

އެންމެންގެ ހިތުގައި ވެސް އުފެދޭ އެންމެބޮޑު ސުވާލަކީ އެމީހަކު އެކޮޓަރިއަށް ވަތް ގޮތެވެ. މަރާލާފައި އޮތްއިރު ރާއިދު އޮތްގޮތެވެ. ރާއިދާއި އެމީހަކާދެމެދު އޮތް ގުޅުމެވެ.

ފެނުނު މަންޒަރުތަކާއި ކަން ހިނގާފައިވާގޮތަށް ބަލާއިރު އެކަން ކޮށްފައިވަނީ އަންހެނަކު ކަމަށް އެންމެން ވެސް އިއްތިފާގު ވެއެވެ. އެހެނަސް އުފެދޭ އަނެއް ސުވާލަކީ އެވަރު އަނިޔާވެރި ޢަމަލެއް ހިންގަން ކެރޭވަރުގެ އަންހެނަކު ހުރެދާނެ ބާއެވެ.

މާލެއިން އައި ޕޮލިހުންގެ ޓީމާއިއެކު ރާއިދު މައިން ބަފައިން ވެސް އެރަށަށް އައެވެ. ރާއިދުގެ މަރުގެ މައްސަލައާ ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ލިބޭތޯ ޝައްކު ކުރެވޭ މީހަކު ފެނޭތޯ ޕޮލިހުން ތަހުގީގުކުރަމުން ދިޔައިރު، އިވެމުންދިޔަ އަޑުތަކުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ހާސްވެ ކަންބޮޑުވެފަ އެވެ. ބިރުން ސިހިސިހި އެވެ. އެވަރުގެ އަނިޔާވެރި ޢަމަލެއް ހިންގަން ކެރޭވަރުގެ ރަހުމުކުޑަ އަންހެނަކު އެރަށުގައި ނުހުންނާނެކަމަށް ބުނަމުންދިޔަ އަންހެންވެރިން ގިނައެވެ.

ކޮންމެ ގޮތަކުން ނަމަވެސް ރާއިދުގެ މަރުގެ ޙަޤީޤަތް ހޯދަން އޭނާގެ ޢާއިލާއިން ބޭނުންވި އެވެ. ރާއިދުގެ މަރުގެ ސަބަބުން ރޮއި ހިތާމަ ކުރަމުންދިޔަ އޭނާގެ މަންމަގެ ދެލޮލުން ކަރުނަ ނުހިކެއެވެ. އޭނާގެ ދަރިފުޅަށް އެއަނިޔާކުރި މީހެއްގެ ކިބައިން ބަދަލުހިފާނެ ކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ކޮންމެހެން ވެސް ހަދަންޖެހޭ އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކައި ރާއިދުގެ ހަށިގަނޑު މާލެ ގެންދިޔައިރު އޭނާގެ މައިންބަފައިން ވެސް މާލެ ދިޔައެވެ.

ރާއިދުގެ މަރުގެ ޙަޤީޤަތް ހޯދުމަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ކުރާނެކަމަށާއި ވަންނަންޖެހޭ ކޮންމެ ތަނަކަށް ވަންނާނެ ކަމަށް ޕޮލިހުން ތަކުރާރުކޮށް ބުނަމުންދިޔަ އެވެ. ރައްޔިތުން އެއްގޮތަކަށް ވެސް ކަންބޮޑުވެ ހާސްނުވުމަށާއި މިކަމާގުޅުމެއްނެތް އެއްވެސް މީހަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ބުނަމުންދިޔަ އެވެ.

ދިމާވި ހާދިސާގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވާ ހިތާމައިގެ އަސަރުތަކާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ހުއްޓުމެއް ފަސްޖެހުމެއް ނެތި ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން އުޅެމުންދިޔަ އެވެ. ވަގުތުތައް ފާއިތުވަމުން އައިސް އިރު އޮއްސުނުއިރު މަގެއް މަތިން ވަރަށް މަދުން ނޫނީ މީހަކު ނުފެނެ އެވެ. ފިހާރައެއް، ހޮޓަލެއް ހުޅުވާފައެއް ނެތެވެ. އެއްވެސް މީހަކު ބޭރަށް ނުކުންނަން ބޭނުންނުވާ ކަހަލަ އެވެ. ރަށް އޮތީ ނިދާމަރުވެފައިވާ ފަދައަކުން ނެވެ.

ރާއިދުގެ މަރާއިމެދު ވިސްނާ ފިކުރުކުރަމުންދިޔަ ނާޖިދާގެ ލޮލަކަށް ނިންޖެއްނައެވެ. ފުރޮޅި ފުރޮޅި އެނދުގައި އޮތްއިރު އޭނާއަށް ވިސްނެމުން ދިޔައީ އެމަރުގެ ފަހަތުގައި އެހެން ސިއްރެއް އޮވެދާނެކަމާމެދުގަ އެވެ. އެހެންވެއްޖެނަމަ ނާޖިދާއަކަށް މާގިނަ ދުވަހެއް ނެތެވެ. ރާއިދަށްފަހު ދެން ނުރައްކާވާނީ އޭނާއަށްކަން އޭނާއަށް އެނގޭ ކަހަލަ އެވެ.

ކޮންމެކަމެއްގައި ވެސް ވިސްނުން އެންމެ ކުރިޔަށްނެރެން މަސައްކަތްކުރާ ނާޖިދާހުރީ ވިސްނައި ސަމާލުވެގެން ނެވެ. އޭނާގެ ފަރާތުން އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ އެވެ. އޭނާއާ ރާއިދުގެ މެދުގައި ގުޅުމެއް އޮތްކަން މީހަކަށް ޝައްކު ކުރެވޭވަރުގެ ކަމެއް ވެސް ނުފެންނާނެ އެވެ. ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާނީ ތިމާއެވެ.

ނާޖިދާ ބަނޑުބޮޑުވެ ވިހަން ކައިރިވާ ވަރަކަށް ދެފަރާތުގެ ޢާއިލާއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުންދިޔަ އެވެ. ނާޖިދާގެ ޢާއިލާމެންބަރުން ގިނަގިނައިން އެގެއަށް އައިސް ނާޖިދާއަށް އެހީތެރިކަމާއި އެއްބާރުލުންދީ މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުން ފަދަ ކަންތައްތައް ކޮށްދެމުންދިޔަ އެވެ.

އެގާރަ ޖަހާކަން ހާއިރެވެ. ޒަކީ ނިދާން އައިއިރު ވެސް ސުމްރާ ނުނިދައެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮތީ އެވެ. ޒަކީއަށް ބަލާލި ގޮތުން ހީވަނީ ޒަކީގެ އިންތިޒާރުގައި އޮތްހެނެވެ. ސުމްރާއަށް ބަލާލަމުން ޒަކީ ކޮށްލި ސުވާލާއެކު ސުމްރާ ދިޔައީ ސިއްސައިގެން ނެވެ. ފުންމައިގެން ކަހަލަގޮތަކަށް ތެދުވަމުން ޒަކީއަށް ބަލާލި އެވެ.

ސުމްރާގެ ދަޢުވަތަށް ޒަކީ އިޖާބަދިނީ އުފަލާއިއެކު އެވެ. ޢަމަލުތަކާ އެއްވަރަށް ސުމްރާގެ އަނގަ ވެސް ހަރަކާތް ކުރަމުންދިޔަ އެވެ. އެތައް ދުވަހެއް ވާންދެން ސިއްރުކޮށްގެން ހުރި ވާހަކަތަކެއް ކިޔައިދޭން އުޅޭ ކަހަލަ އެވެ. ސުމްރާގެ ވާހަކަތައް ފެށުނީ އޭނާއަށް ހޭލެވުނު ހިސާބުން ނެވެ. އޭރުވެސް ރާއިދުގެ ކޮޓަރިތެރޭން ކޮންމެވެސް އަންހެނެއްގެއަޑު އިވެމުންދިޔަ އެވެ. ޒުވާބުކުރާ އަޑެއް، ހަޅޭލަވާ އަޑެއް ނޫނެވެ. އުފަލުން ފުރިގެންވީފަދަ މަސްތީ ކުކުރުމެއްގައި ހައްދުފަހަނައަޅާފައިވާ އަޑެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރަށް ބޭނުންވެގެން އުޅޭ އަޑެވެ. ރާއިދަށް ސާބަސް ދޭ އަޑެވެ. ރާއިދުގެ ކޮޓަރިއާ ހަމައަށް އަންނަން ސުމްރާއަށް ޖެހުނީ އެހެން ބަޔަކަށް އެކަން އެނގިދާނެހެން ހީވި ހިސާބުން ނެވެ.

ޒަކީއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވަމުންދިޔައިރު ވާހަކަތަކާ އެއްވަރަށް ސުމްރާއަށް ވެސް ފޯރިއަރަމުންދިޔަ އެވެ.

“އަހަރެން ގޮސް ދޮރުގައި ޓަކިތަޅައިގަތް ހިސާބުން ހުރިހާ އަޑެއް ކެނޑުނީ …. ފޯރިއެއްހުއްޓޭ.” ވަރުބަލިވެގެން އެނދުމައްޗަށް ދެމެމުންދިޔަ ސުމްރާ މަޑުމަޑުން ބުނެލިއެވެ.

އެރޭގެ ހާދިސާ އިތުރު މީހަކަށް ކިޔައިނުދީ ސުމްރާ މަޑުކުރީ އޭނާއަށް ހެއްކެއް ދެއްކެންނެތް ވާހަކައެއް ދައްކައި ބޮޑު މައްސަލައެއްގެ ތެރެއަށް ނުވަންނާށެވެ. އޭނާއަށް އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށްވާތީ އެވެ.

އެތައް އަހަރަކަށްފަހު ކޮއްކޮއަކު ލިބޭތީ ކަމާލިޔާ ވެސް ހުންނަނީ ވަރަށް އުފާވެ ހިތްހަމަޖެހިފަ އެވެ.

އެއް މޫސުން ނިމި އަނެއް މޫސުމަށް ވައި ބަދަލުވިފަދައިން އެއްވެސް ކާމިޔާބެއް ކުރިއެރުމެއް ނުލިބި ރާއިދުގެ މަރުގެ ވާހަކަތައް ވެސް ވަޔާއި ވިއްސިވިހާލިވެގެން ހިނގައްޖެ އެވެ. ދައްކަންޖެހޭ ވާހަކައަކަށްވާތީ ބައެއްމީހުން އެވާހަކަ ދެއްކި ނަމަވެސް އެކަމަށް ސަމާލުކަންދޭ އެއްވެސް މީހަކު މިހާރަކު ނެތެވެ. ބައެއް މީހުން އެ ހާދިސާ މިހާރު ހަނދާން ހުރިހެނެއް ވެސް ހިޔެއްނުވެ އެވެ.

ނާއިމް ރަށުގައި ނެތުމުން މިރޭ ވެސް ނާޖިދާ ނިދަން ދިޔައީ ކަމާލިޔާގެ ކޮޓަރި އަށެވެ. އެފަދަ ކޮންމެރެއަކު ނާޖިދާއަށް ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަން ބޮޑުނަމަވެސް އެނޫންގޮތެއް ނެތެވެ. އެކަނި އޮންނާކަށް އޭނާއަކަށް ނުކެރެއެވެ. ކަމާލިޔާއާމެދު ބިރުގަނެ ޖެހިލުންވި ނަމަވެސް އޭނާއާ ދެކޮޅަށް ދެއްކޭނެ ވާހަކައެއް ހެއްކެއް ނެތެވެ. ހަމަނިދި ނުލިބުނަސް އެކަނި އޮންނަން ޖެހުމަށްވުރެ މިގޮތް ރަނގަޅެވެ.

އޮށޯތީ ނިދާން ނަމަވެސް ކަމާލިޔާ ނިދުމުގެކުރިން ނުނިދުމަކީ ނާޖިދާގެ އަޒުމެވެ. ކަމާލިޔާ ނިދީމާ ނިދުމަކުން އޭނާއަކަށް އެއްވެސް ނުރައްކަލެއް ނެތެވެ. ބިރުގަނެ ޖެހިލުންވާންޖެހޭ ސަބަބެއް ނެތެވެ. ކަމާލިޔާ ނިދީމާ ނިދާލާފައި އޭނައަށްވުރެ ކުރިން ހޭލުމަކީ ނާޖިދާ ބޭނުންވާ ގޮތެވެ.

ކޮންމެ ފަހަރަކު ކޮންމެ ކަމެއް ތިމާ ބޭނުންވާގޮތަށް ނުވެދާނެ އެވެ. ނާޖިދާއަށް މިރޭވެސް ވީ އެކަހަލަ ގޮތެކެވެ. އޮށޯތްތާ މާގިނައިރެއް ނުވަނީސް އޭނާއަށް ނިދިއްޖެ އެވެ. ކަމާލިޔާއަށް ނިދުނުކަމެއް ނުނިދާކަމެއް ނޭނގެ އެވެ.

ކުއްލިއަކަށް ސިއްސައިގެން ގޮސް ނާޖިދާއަށް ހޭލެވުނީ ކަރުކައިރިން ތަންކޮޅެއްގައި ރިއްސައިގަތުމުން ނެވެ. އަތްޖައްސާލިއިރު ލޭ އައިސްފައި ހުއްޓެވެ. އެއީ ކުރިންވެސް ހަލާކުވެފައިވާ ތަނެވެ. ޑޮކްޓަރީ ފަރުވާއިން ރަނގަޅު ނުވުމުގެ އިތުރުން އިތުރަކަށް ގޯހެއް ވެސް ނުވެއެވެ. ފަރުވާކުޑަކޮށްލެވުނީ އެހިސާބުން ނެވެ. ބުނަން އުނދަގޫ ކަހަލަ ތޫނުތަދެއް އޭރު ވެސް އިހުސާސް ވަމުންދިޔަ އެވެ.
ކަމާލިޔާ އޮތީ ނިދާފައެވެ.

ކަމާލިޔާ ކައިރީ ނިދާ ކޮންމެރެއަކު މިކަންތައް ތަކުރާރުވާތީ ހަދާނެގޮތް ހުސްވެފައި ކަހަލަގޮތަކަށް އިންދާ ސިއްސައިގެން ދިޔައީ ގޭސްފުޅިން ގޭސް ލީކުވާންފެށި އަޑަށެވެ. ހާސްކަމާއެކު ވަށައިގެން ހޯދާލި ވަގުތު ފުރާޅުމައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓުނުއަޑާއި ފާޚާނާތެރެއިން ފެންމާގަނޑު ދޫކޮށްލިއަޑު އިވުނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.