ކަމާލިޔާ ކައިރީ ނިދާ ކޮންމެރެއަކު މިކަން ތަކުރާރުވާތީ ހަދާނެގޮތް ހުސްވެފައި ކަހަލަ ގޮތަކަށް އިންދާ ސިއްސައިގެން ދިޔައީ ގޭސްފުޅިން ގޭސް ލީކުވާންފެށި އަޑަށެވެ. ހާސްކަމާއެކު ވަށައިގެން ހޯދާލި ވަގުތު ފުރާޅުމައްޗަށް ކޮންމެވެސް އެއްޗެއް ވެއްޓުނުއަޑާއި ފާޚާނާތެރެއިން ފެންމާގަނޑު ދޫކޮށްލިއަޑު އިވުނެވެ.

ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ރޮވިރޮވި އިން ނާޖިދާ އަނެއްކާ ވެސް ސިއްސައިގެން ދިޔައީ ކޮޓަރީ ކުޑަދޮރުގައި ޓަކިޖަހާލި އަޑަށެވެ.

“ޔަގީން ބިޓު އައީ …. މިރޭ މިހުރިހާކަމެއް ފަޅާއަރުވާލާނަން …. ރީތިލަދެއް ގަންނަވާލަން.” ނާޖިދާގެ ލޭ ކެކިގަތެވެ. ބަދަލު ހިފާލާކަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެއެވެ. އަވަސް އަވަހަށް އޮށޯވެ ނިދާކަމު ހަދައިގެން އޮތީ ކަމާލިޔާ ކަންތައްކުރާގޮތް ބެލުމަށްޓަކައެވެ. ކުރިން ހިނގާދިޔަ ހުރިހާކަމެއް ހަނދާންނެތުނެވެ.

ކަމާލިޔާ ކޮށްލި ހަރަކާތާއެކު އެނދަށް ލޮޅުމެއްއެރި އެވެ. ކަމާލިޔާ ތެދުވަނީ ކަމަށް ނިންމައިގެން އޮއްވައި އަނެއްކާ ވެސް ނާޖިދާއަށް ނިދިއްޖެއެވެ. ވީނުވީއެއް ނޭނގުނެވެ.

ވިހާ ދުވަސް ގާތްވުމުން ނާޖިދާ ގޮވައިގެން މާލެދިއުމަށް ޑޮކްޓަރުން ލަފާދިނެވެ. ސަބަބެއް ކަމަށް ބުނީ ނާޖިދާގެ ހަށިގަނޑުން މާބޮޑަށް ލޭ މަދުވެފައި ވުމެވެ. އަލަތު ދަރިފުޅަށް ބަލިވެ އިނީއްސުރެ ސިއްހީ މާހިރުންގެ ލަފާ ހޯދަމުން އެމީހުން ބުނި ކޮންމެއެއްޗެއް ކައިގެން ކޮންމެ ގޮތެއް ހަދައިގެން އުޅެނިކޮށް މާބޮޑަށް ލޭ މަދުވެފައިވާ ވާހަކަ ބުނުމާއެކު ނާޖިދާގެ ހަނދާނަށް އައީ އޭނާގެ ކަރު ކައިރިން ހަލާކުވެފައިވާ ތަންކޮޅެވެ. ކަމާލިޔާ ކައިރީ ނިދާ ކޮންމެ ރެއަކު އެތަނުން ލޭ އަންނަކަމާއި ތޫނުތަދެއް އިހުސާސް ކުރަންޖެހޭ ކުރަންޖެހުމެވެ.

އެވާހަކަ ދައްކާލަން ހިތަށްއެރި ނަމަވެސް އެތައް ފަހަރަކު ޑޮކްޓަރަށް ދައްކައި ކާމިޔާބެއް ކުރިއެރުމެއް ނުލިބޭތީ އަޅާނުލީއެވެ. ބޭކާރު ކަމެއް ކުރުމުގެ މާނައެއް ނެތްކަން ވިސްނުނީއެވެ. ދެން ދައްކާނީ މާލެ ގޮހެވެ.

ހޮސްޕިޓަލްގައި އެނދުމަތިކުރިތާ ދެވަނައަށްވީ ދުވަހު ނާޖިދާ ފިރިހެން ކުއްޖަކު ވިހައިފިއެވެ. ހަށިގަނޑުން ލޭ މަދުވެފައިވާތީ ލޭ އަޅަން ޖެހުނެވެ. ލޭ މަދުވާ ސަބަބެއްކަމަށް ބުނެ ނާޖިދާ ދެއްކި ވާހަކަތައް ޑޮކްޓަރުންނަކަށް ގަބޫލެއް ނުކުރެވުނެވެ.

ސަމްޢާން އާއި ނާޖިދާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި ދެދުވަހެއް ވާންދެން ހޮސްޕިޓަލްގައި ބޭއްވިއެވެ. ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ. ނާއިމްގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ނާޖިދާ ހުރީ ވަރަށް އުފަލުންނެވެ. ނާއިމްގެ ހިތުގައި އޭނާއާމެދު އެއްވެސް ހިތްބަރުކަމެއް ނެތްކަމަށް ނާޖިދާ އަމިއްލައަށް ނިންމީ އެކަންކަމަށް ބަލައިގެންނެވެ. ރާއިދުގެ މަރާއެކު އޭނާގެ ބާބު ނިމުނީއެވެ. ނާޖިދާ ބޭނުންވި ގޮތަށް އެހުރިހާކަމެއް ސިއްރުވެގެން ދިޔައެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު ދެމައިން ގޮވައިގެން ނާއިމް ރަށަށް އައެވެ.

އެއްބަފާ ކޮއްކޮ ސަމްޢާން ފެނުމާއެކު ކަމާލިޔާ މޮޔަވި ކަހަލައެވެ. ނާއިމްގެ އަތުން އެކުއްޖާ ނަގާ ބައްދާލިގޮތަށް އެހެން މީހަކު އަތަށް ނުވެސް ދިނެވެ. ސަމްޢާންގެ ގައިގާ އޮޅުލަމުން ބޮސްދެމުން ދިޔައެވެ. ކަމާލިޔާ އުޅެމުން ދިޔަގޮތުން ބައެއް މީހުން ހައިރާން ވެސް ވިއެވެ.
ސަމްޢާން އައުމާއެކު ކަމާލިޔާގެ އުޅުމަށް ބޮޑުބަދަލެއް އައެވެ. ގެއިން ބޭރަށް ދިއުމުގެ ބަދަލުގައި އަބަދުވެސް އުޅެނީ ސަމްޢާންއާ އެކުގައެވެ. ސަމްޢާންގެ ކޮންމެވެސް ކަމެއްގައެވެ. ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ކަމާލިޔާ އާއި ސަމްޢާންގެ މެދުގައި ވަރުގަދަ ގާތްގުޅުމެއް އުފެދެމުން ދިޔައެވެ. ނާޖިދާއަށް ވުރެ ގިނައިން ސަމްޢާން އުރައިގެން އުޅެނީ ކަމާލިޔާ ކަމަށްވާތީ ސަމްޢާން ވެސް ބޮޑަށް ގަޔާވަނީ ކަމާލިޔާ އާއެވެ. ސަމްޢާން ރުއިން ހުއްޓުވަން އެންމެ ފަސޭހައީ ވެސް ކަމާލިޔާ އަށެވެ.

ކަމާލިޔާ އާއެކު ހޭދަކުރާ ވަގުތުތަކުގައި ސަމްޢާންގެ ފަރާތުން ފެންނަމުންދާ އުފަލާއި ހިތްހަމަޖެހުމަކީ ނާޖިދާ އާއި ނާއިމަށް ވެސް ފާހަގަކުރެވުނު ކަމެކެވެ. ސަމްޢާންއާ ހެދި ކަމާލިޔާ އުޅޭވަރުން ނާއިމް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ނާޖިދާއަށް އެހާމެ ފަސޭހައެވެ.

ދުވަހުގެ ހަވީރުގެ ވަގުތެވެ. ގޯތިތެރޭ ހުރި ގަސްތަކުތެރޭ އެލުވާފައިވާ ޖޯލީގައި އޮށޯވެލައިގެން ސަމްޢާން އުނގުގައި ބާއްވާލައިގެން ކަމާލިޔާ އޮތެވެ. ސަމްޢާންގެ މޫނުމައްޗަށް ވާކަހަލަ ގޮތަކަށް ބާއްވާލާފައި ބޯގަންވިލާ މާގަނޑެއް އޮތްއިރު ސަމްޢާން އޮތީ އުފަލުން ހެވިފައެވެ. ދޭތެރެއަކުން ސަމްޢާންއާ ދިމާއަށް ގުދުވެ ސަމްޢާންގެ ކޮލުގައި ނުވަތަ ނިތްކުރީގައި ނޫނީ ކަރުގައި ކަމާލިޔާ ބޮސްދެއެވެ. އެއިން ކޮންމެ ފަހަރަކު ސަމްޢާން އިތުރަށް އުފާވެއެވެ.

ގޯތިތެރެއަށް ވަދެގެން އައި ޒުބޭދާއަށް މިމަންޒަރު ފެނުމުން ހިތްހަމައެއް ނުޖެހުނެވެ. މީގެކުރިން ވެސް ކަމާލިޔާގެ މިޢަމަލުތައް ހުއްޓުވަން ނާޖިދާގާތު ޒުބޭދާ ވަނީ ބުނެފައެވެ. ނާޖިދާގެ ނަޒަރުގައި އެއީ މާބޮޑުކަމެއް ނޫނެވެ. ވާލޯތްބެއްގެ ބޮޑުކަމުން ސަމްޢާން އުފާކޮށްދޭން ކަމާލިޔާ އުޅޭގޮތެވެ.

ކަމާލިޔާއާ ދެކޮޅަށް ޢަމަލެއް ނުކުރާ ތާނގައި އޭނާއާ ދެކޮޅަށް ބަހެއް ބުނާކަށް ވެސް ނާޖިދާ މިހާރަކު ބޭނުމެއް ނުވެއެވެ. އޭނާގެ ހާލަތު އޭނާއަށް ވިސްނެއެވެ. އޭނާ ދެން ކުރިޔަށް ދާނީ ވެސް އެވަރު ވިސްނައިގެން ނެވެ.

ޒުބޭދާ ގޭތެރެއަށް ވަތްއިރު ނާޖިދާ ހުރީ ފެންޑާތެރޭގައި ކޮންމެވެސް ކަމެއް ކުރާށެވެ.

“ނާޖިދާ ! …. ދަރިފުޅުގާތު ކިތައްދުވަހު ބުނެފިން އެކަމާލިޔާ އަތަށް ސަމްޢާން ނުދޭށޭ. މިހާރު ކުރާކަންތައް ނިކަން ބަލާލަބަލަ. އެހެން އުޅެނިކޮށް އެކުއްޖާއަށް ކޮންމެފަދަ ގޮތެއް ވެސް ވެދާނެ …… އޭނާގެ ހިތެއް ސަމްޢާން އަކަށް ރަނގަޅެއް ނުވާނެ.” ހިތްހަމަނުޖެހުމާއެކު ޒުބޭދާ ވާހަކަދެއްކިއެވެ.

“ކަމާލިޔާ އަކީ ނާއިމްގެ މުޅިދިރިއުޅުން ….. އޭނާއާ ދެކޮޅަށް އެއްވެސް ކަމެއް ކުރުން ރަނގަޅެއް ނުވާނެ. އެހެން ނޫނަސް އޭނަ ސަމްޢާން ދެކެ ވަރަށް ލޯބިވޭ. އަބަދު އުޅޭނީ ސަމްޢާން ގޮވައިގެން. އޭނާ އެހެން އުޅޭތީ އަހަރެންނަށް ވެސް ވަރަށް ފަސޭހަ. މަންމަ ހަމަޖެހިބަލަ. ދެން ކޮންމެހެނެއް ވިޔަސް އަހަރެމެނަށް ވެސް ބައެއް ލިބޭނެ.” ހާލަތުގެ ގޮތުން މަޖުބޫރުވެފައިވީ ނަމަވެސް އެކަން ސިއްރުކުރަން މަސައްކަތް ކުރަމުން މަޑުމަޑުން ނާޖިދާ ވާހަކަދެއްކިއެވެ. އެވާހަކަތައް އެހެން އެއްވެސް މީހަކަށް އިވޭކަށް ނާޖިދާ ބޭނުމެއް ނުވެއެވެ.

“ދަރިފުޅުގެ ފިނޑިކަން …” ހިތްހަމަނުޖެހުމާއެކު ގެއިން ނުކުންނަން ހިނގައިގަންނަމުން ތަންކޮޅެއް ބާރަށް ޒުބޭދާ ބުނެލިއެވެ.

ނާޖިދާގެ ވާހަކަތަކާމެދު ހިތްހަމަނުޖެހިގެން ޒުބޭދާ ދިޔައީ ކަމަށް ނާޖިދާއަށް ހީކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ގެއިން ނުކުމެވުމާއެކު ޒުބޭދާ މިސްރާބުޖެހީ ކަމާލިޔާ މެން ތިބި ތަނާއި ދިމާއަށެވެ. ސަމްޢާންގެ ކަރުގައި ތުންފަތް ޖައްސާލައިގެންއިން ކަމާލިޔާ އަވަސް އަވަހަށް ސަމްޢާންގެ ކަރުން އަނގަ ނައްޓާލަމުން ބަލާލީ ފިޔަވަޅުގެއަޑު އިވިގެންނެވެ. ހިތްހަމަ ނުޖެހުމާއެކު ލޯއަޅަމުން އައި ޒުބޭދާ ކަމާލިޔާއަށް ފެނުނެވެ.

ޒުބޭދާ އައިގޮތަށް އައިސް ގަދަކަމުން ކަހަލަގޮތަކަށް ކަމާލިޔާގެ އަތުން ސަމްޢާން ޖަހައިގަތެވެ. އެއާއެކު އަޑުގެކޮޅަށް ސަމްޢާން ރޮއިގަތް ނަމަވެސް ޒުބޭދާ އެކަމަކަށް ސަމާލުކަމެއް ނުދެއެވެ.

“ކަލޭތީ ތަނެއްދޮރެއް ނޭނގޭވަރުގެ ކުޑަކުއްޖެއްތަ ހިތަށްއެރި ގޮތެއް މިކުއްޖާއަށް ތިހަދަނީ؟ … ކަލޭ ހިތުން ތިޔައުޅެނީ ނާއިމްގެ ހުރިހާ މުދަލަކީ ކަލޭގެ އަމިއްލަ އެއްޗިއްސަށް ހަދަންދޯ؟ .. ތިކަމެއް ނުވާނެ …. މީގެފަހުން މިކުއްޖާގައިގަ އަތްލައިގެން ނުވާނެ.” ހަޅޭލަވައިގަންނަ ފަދައަކުން ޒުބޭދާ ވާހަކަދެއްކިއެވެ. އަމުރުކުރިއެވެ.

“އާން … ނާއިމްގެ މުދަލުން ކުނޑިފުކެއްގެ ހިސާބު ވެސް ތިކުއްޖާ އަކަށް ނުވާނެ.” ފަހަތުން ކޮންމެވެސް ފިރިހެނަކު ބުނިއަޑު އިވުނެވެ. ލިބުނު ހައިރާންކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އެސަރަހައްދުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ޒުބޭދާ ހާސްވެ ކަންބޮޑުވި އެވެ. އެއީ އޭނާއަށް ހީވިގޮތެއް ކަމަށް ގަބޫލުކުރަން ބޭނުންވި ނަމަވެސް އެކަމެއް ނުވިއެވެ. އޭނާއަށް ވަރަށް ސާފުކޮށް އެއަޑު އިވުނެވެ. ދަންނަ އަޑަކާއި ވައްތަރު ނަމަވެސް އެކަން ޔަގީނެއް ނުވިއެވެ.

ޒުބޭދާގެ އަޑުގަދަވެގެން ނާޖިދާ ބޭރަށް ނުކުތްއިރު ސަމްޢާން އުރާލައިގެން ބާރުބާރަށް ޒުބޭދާ އައިސް ގެއަށް ވަންނަނީ އެވެ. ފެންކަޅިވެފައި ސަމްޢާން އަށް ބަލަހައްޓައިގެން ކަމާލިޔާ އިނެވެ.

ސަމްޢާން އާއި ކަމާލިޔާގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދުރުވަމުން ދިޔައިރު، ސަމްޢާންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔައެވެ. ދުވަހަކަށްވުރެ ދުވަހެއް އެކުއްޖާގެ ހަށިގަނޑު ނިކަމެތިވަމުން އުފާވެރިކަން ގެއްލެމުންދިޔަ އެވެ. އަވަސް އަވަހަށް ބަލިވާން ފެށިއެވެ. ސިއްހީމަރުކަޒަށް ދައްކައިގެން ކާމިޔާބެއް ކުރިއެރުމެއް ނުލިބުމުން އަތޮޅު ހޮސްޕިޓަލަށް ވެސް ދެއްކިއެވެ. ކޮންމެ ޑޮކްޓަރެއް ވެސް ބުނަނީ އެއްވެސް މައްސަލައެއްނެތް ކަމަށެވެ.

ސަމްޢާންގެ ޓެސްޓްތަކެއް ހަދައި ނަތީޖާ ބެލުމަށްފަހު މާލެގޮސް ލޭއެޅުމަށް ޑޮކްޓަރު ލަފާދިނެވެ. އިތުރަށް ޑޮކްޓަރު ކިޔައިދިން ގޮތުގައި އެކަހަލަ ކަންތައް އާންމުކޮށް ދިމާވަނީ ތެލެސީމިޔާ ދެ ކެރިއަރުންނަށް ލިބޭ ދަރިންނަށެވެ. އެހެން ބައްޔެއްގެ ސަބަބުން ވެސް އެކަހަލަކަމެއް ދިމާވެދާނެ އެވެ. ސަމްޢާނަށް ދިމާވެގެން އުޅެނީ ތެލްސީމިޔާގެ ކަމެއްކަމަށް ވަރަށްބޮޑަށް ގަބޫލުކުރެވޭ ކަމަށާއި ދެމަފިރިން ޓެސްޓްހަދައި ޑޮކްޓަރުންގެ ލަފާހޯދައިގެން ކުރިޔަށްދިއުން ރަނގަޅުކަމަށް ވެސް ޑޮކްޓަރ ބުންޏެވެ.

ޑޮކްޓަރުގެ ވާހަކަތައް އެހެންހުރި ނަމަވެސް ދެމަފިރިން ޓެސްޓްހަދައިގެން ދަރިފުޅަށް ކުރާނެ ފައިދާއެއް ނުވަތަ ވާނެ ގެއްލުމެއް ވެސް ނެތެވެ. ދަރިފުޅަށް ދިމާވެގެންއުޅޭ ކަންތަކުގައި ނާއިމްގެ ދައުރެއް ނެތްކަން ދެމަފިރިންނަށް ވެސް އެނގެއެވެ. އެއްޗެކޭ ނުބުނެ ނާޖިދާ އިނީ އެހެން ގޮތެއް ނެތުމުންނެވެ.

ޑޮކްޓަރަށް ދެއްކުމަށްޓަކައި ނާޖިދާ އާއި ނާއިމް ސަމްޢާން ގޮވައިގެން މާލެދިއުމުން ކަމާލިޔާ ދިޔައީ އޭނާގެ މަންމަ ފަރާތު މާމަ ގެއަށެވެ. މާމަ އާއި ކާފަގެ އިތުރުން ދައްތަމެންގެ ލޯތްބާއި އަޅާލުން އަދި އެންމެ ބޭނުންވި އެހީތެރިކަމާއި ހިމާޔަތް ލިބުނެވެ. ކަމާލިޔާގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެންދިޔަ އެވެ. އަމިއްލަގެއަށް އާދެވުނުކަމުގެ ހިތްހަމަޖެހުން ފާޅުވިއެވެ.

މެންދަމުން އަލިވެ ތިނެއް ޖަހާކަން ހާއިރެވެ. ސިއްސައިގެން ގޮސް ޒުބޭދާއަށް ހޭލެވުނީ ކުޑަކުއްޖެއްގެ ރުއިމުގެ އަޑަށެވެ. އަވަސް އަވަހަށް ތެދުވަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު އޭނާ އާއި އޭނާގެ ފިރިމީހާ ސާގިބު ނޫން މީހަކު ކޮޓަރީގައި ނެތެވެ. ސާގިބު އޮތީ ވެސް ގަދަ ނިދީގައެވެ. ކަމެއް ވާހެން ވެސް އޭނާއަކަށް ހިއެއް ނުވެއެވެ. ގޮވާލުމުން ވެސް ޚަބަރެއް ނުވިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.