ދިވެހިރާއްޖޭގެ ހަތްދިހަފަސް އިންސައްތައަކީ ކަނޑެވެ. ވުމާއިއެކު ދިވެހިންގެ ވިޔަފާރިތަކާއި ކެއިންބުއިމުގެ އާދަތައް ވެސް އެ ލޮނުގަނޑާއި އަބަދުވެސް އޮތީ ގުޅި ލާމެހިފައެވެ. މިގޮތުން ދިވެހިންގެ ރަށްތަކުގެ ގޮނޑުދޮށުން ފެށިގެން ގޮސް މާސިންގާ ކަނޑުތައް ހިމެނޭގޮތުން އެކިއެކި ޒާތްޒާތުގެ މަސްވެރިކަން ދިވެހިން އައީ ކުރަމުންނެވެ. ގޮނޑުދޮށުގައި އުފުލި ފުރުވުމާއި، ކަނަގަނޑުމަތީ އިނދެ ކަޅުއޮށް ބޭނުމާއި، މެދުފަޅުން ފަނިހަނދި ބޭނުމާއި، ތޮށިބަނޑުދޮށުން ފިލޮޅު ބޭނުމާއި، ވަދާދުއްވައިގެން ލައްޓި ބޭނުމާއި، ގާވަދު ހަލައިގެން ގިޔުޅު ބޭނުމާއި، ބޮޑުވަދު ދަމައިގެން ހިބަރު ބޭނުންފަދަ އެތައް ވައްތަރެއްގެ މަސްވެރިކަން ދިވެހިން އައީ ހުރިހައި ޒަމާނެއްގައި ވެސް ކުރަމުންނެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން އެ ބަދަލުތަކުގެ އަސަރު ހުރިހާ ދިމާއަކަށް ވެސް ކުރަމުން ދެއެވެ. ބައެއް ކަންކަމަށް އެދެވޭ ހެޔޮ ބަދަލުތަކެވެ. އަނެއްބައި ކަންކަމަށް ނޭދެވޭ އަސަރެވެ. ނުވަތަ ބަދަލެވެ. މިއީ ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ. މިގޮތުން ބަލާއިރު މި ބަދަލުތަކުގެ ނުފޫޒު މަސްވެރިކަމަށް ވެސް ވަނީކޮށްފައެވެ.

ކުޅިވަރަކަށް މަސްބޭނުން މިއީ ދިވެހި ކާބަފައިން ދަންނަ ކަމެއް ނޫނެވެ. ދިވެހިން ދާދި މިދާކަށް ދުވަހާއި ޖެހެންދެން ވެސް ކޮންމެ ކަހަލަ މަސްވެރިކަމެއް ވެސް ކުރަމުން އައިސްފައިވަނީ އެބައި މީހުންގެ ހާޖަތްތައް ފުއްދުމަށެވެ. ނަމަވެސް އެކާވީސްވަނަ ގަރުނާއި ދިވެހިން ކުރިމަތިލީ އިރުގައި ދިވެހިންގެ ތެރެއަށް ވަނީ ރީތި ނަންނަމުގައި އައު ވައްތަރުތަކުގެ މަސްވެރިކަން ތަޢާރަފުވެގެން ގޮސްފައެވެ. ޖިގިން، ޕޮޕިންގ އަދި ޓްރޮލިންގ ފަދަ ފަރަންޖީ ނަންނަމުގައި ތަޢާރަފުވެގެން ގޮސްފައިވާ މި ވައްތަރުތަކުގެ މަސްވެރިކަމުގައި މުޅިންވެސް ބޭނުން ކުރެވެމުންދަނީ އެކަމަށް ޚާއްޞަކޮށް ތައްޔާރު ކުރެވިފައިވާ “އާޓިފިޝަލް” ތަކެއްޗެވެ.

ހާލަތު މިވަނީ ބަދަލުވެފައެވެ. މިހާރު މޮޑެލް ކުރަމުންދަނީ ހަމައެކަނި ސްޓޭޖުތަކަކުގައި އެކަންޏެއް ނޫނެވެ. ދިވެހި ޒުވާނުން މިއަދު ކުޅިވަރަށް ބޮޑެތި މަސްބާނަން ދިއުމަށް ޝަޢުގެވެރިވެ އެކަމުގައި ހަރަކާތްތެރިވަމުންދާއިރު އެ ބާނާ މަހާއި އެކު ގޮތްގޮތަށް ފޮޓޯއަށް ހުއްޓި އެކުރަމުންދާ މޮޑެލް މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި ކޮންމެ ދުވަހަކު ވެސް އަދާހަމަ ކުރަމުން ދެއެވެ. މޮޅެތި ފޯނުތަކުގެ ކުޅަދާނަ ކެމެރާތަކުގެ ކުރިމަތީގައި ބޭނޭ މަހާއި އެކު މޮޑެލް ކުރުމަކީ މާ ބޮޑު އުފަލެއް ގެނުވާ ކަމަކަށް މިއަދު މިވަނީ ވެފައެވެ.

މީސްމީޑިއާ އިން ނަގާފައިވާ ފޮޓޯއެއް

ޒާތްޒާތުގެ ބުޅިއާއި ދޮށި ދޮށި ހިފައިގެން ކިތަންމެ ކުޑަމަހަކަސް، ހިއްލައި ނުލެވޭ ވަރު މަހަކަސް ފޮޓޯއެއް ނަގާނުލައި ހަމަ ދޫނުކުރެއެވެ. މީސް މީޑިޔާތަކުގެ ޕްރޮފައިލް ފޮޓޯތަކާ ސްޓޯރީތަކުގެ އިތުރުން އިންސްޓަގުރާމް އަލްބަމްތައް ފުރެމުން ދަނީ އެކި ކަހަލަ އެކި ސައިޒްގެ މަހާއެކު އަޅުގަނޑުމެންގެ ކަލުން ނަގާފައިވާ ފޮޓޯތަކުންނެވެ.

ކޮންމެއަކަސް ދިވެހި ކަލުންގެ މިފޮޓޯތަކުން އަޅުގަނޑުމެންނަށް ކުރިން ނުފެންނަ އެކި ވައްތަރުގެ މަސްތައް ފެންނަންފަަށައިފިއެވެ. މަސްވެރިންކަން އިހުނަށްވުރެ ތަފާތުކޮަށް ފޯރިއާއެކު ކުރެވެންފަށައިފި ކަމުގެ އިހުސާސް ކުރެވެންފަށައިފިއެވެ.


ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއު ކުރީ: ސަޒްރާ ނަސީރް


ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.