މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ)ގެ އާއްމު ޖަލްސާއެއް މިމަހުގެ 08 ވަނަ ދުވަހު ބާއްވަން ނިންމައި އެ ޖަލްސާގެ ދަޢުވަތު ފިލްމު އެސޯސިއޭޝަންގެ މެންބަރުންނަށް އާއްމުކޮށް ފޮނުވައިފިއެވެ. ޖަލްސާ އޮންނާނީ އޮލިމްޕަހުގައި އެ ދުވަހު ހަވީރު 04:00 ގައެވެ.

2019 ވަނަ އަހަރަށް މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ އެގްޒެކެޓިވް ބޯޑު އެކުލަވައިލިފަހުން އަދި މިހައިތަނަށް އައިއިރު އާއްމު ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. މަޢުލޫމާތު ލިބޭގޮތުން 08 މާރިޗް ގައި ބާއްވާ މި ބަައްދަލުވުމަކީ 2018 ވަނަ އަހަރު ޑިސެމްބަރު މަހު އިންތިޚާބުކުރި ބޯޑުން އެމްއެފްއޭގެ މެންބަރުންނާއި އާއްމުކޮށް ބައްދަލުކޮށްލުމަށް ބާއްވާ ފުރަތަމަ ޖަލްސާއެވެ.

އެމްއެފްގެ ބޯޑުން އާއްމު ޖަލްސާއެއް މިހައި ދުވަސްވީ އިރު ނުބާއްވައި އޮތުމުން ފިލްމީ ދާއިރާގެ ފަންނާނުން އެކަމާ ހިތްހަމަނުޖެހި ކޮންމެވެސް ވަރަކަށް ޝަކުވާތައްވެސް އުފުލަމުންދެއެވެ.

އެނގިފައިވާގޮތުން އެމްއެފްއޭ އިން މި އަހަރު ހިންގުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ގެންދަނީ ރާވަމުންނެވެ. އެގޮތުން އާއްމުކޮށް މި ބާއްވާ ޖަލްސާއަކީ އެފަދަ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާ ހޯދުމަށްވެސް ބާއްވާ ޖަލްސާއެކެވެ.

މިއަހަރު އެމްއެފްއޭ ފިލްމު އެވޯޑްސްގެ އިތުރުން ފުޓްސަލް މުބާރާތެއް ބާވާކަން މީޑިއަތަކަށް އާއްމުކޮށްފައިވެއެވެ. މީގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ރާވަމުން އަންނަ އިރު، އެމްއެފްއޭ އިން ބާއްވާ އާއްމު ޖަލްސާގައި ވީހައިވެސް ގިނަ މެންބަރުން ބައިވެރިވުމަކީ ދާއިރާގެ ކުރިއެރުމަށް ލިބޭނެ ބާރެކެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަން ގެ ޗެއާޕާސަންއަކީ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. ވައިސް ޗެއާއަކީ ފިލްމީ ތަރި ނިއުމާ މުހައްމަދު އެވެ. ސެކްރެޓަރީ ޖެނެރަލް އަކީ ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. ބޯޑުގެ ޚަޒާންދާރަކީ ޖާދުﷲ އިސްމާއީލް (ޖާދު) އެވެ. އެމްއެފްއޭ ބޯޑު މެމްބަރުންގެ ގޮތުގައި ތިބީ ފިލްމީތަރި މުޙައްމަދު މަނިކު އާއި އަޙްމަދު ޒިޔާގެ އިތުރުން އަލީ ޝާނީޒެވެ.

އެމްއެފްއޭ އިންތިޚާބުގެ ތެރެއިން – ފޮޓޯ: އެމްއެފްއޭ


ޝާއިޢުކުރީ: އަޙްމަދު ރަޝީދު  | ރިވިއު ކުރީ: އަޙްމަދު ރަޝީދު


 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.