ކޮރޯނާވައިރަސް ޗައިނާގައި ފެތުރެން ފެށުމާއެކު، ފޭސްބްކް ތެރެއިންނާއި ބައެއް ވައިބަރ ގްރޫޕްތަކުން ފެނުނު ޕޯސްޓެކެވެ. ޕޯސްޓް ކިޔައިލުމުން ހިތަށްއެރީ ‘އާނ، މީ ކުރަން ރަނގަޅު ކަމެކެވެ.’ އެހެން ހިތަށް ނާރާންވީ ސަބަބެއްވެސް ނެތެވެ. އެ ޕޯސްޓްގައި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ބުނެފައިވަނީ ‘މީހުން ދިރިއުޅޭ ކޮންމެ ގެއެއްގައި މަޣްރިބް ނަމާދު ފަހުގައި މި ބަލިމަޑުކަމުން ސަލާމަތަށް އެދި ގޭގައި ކޮންމެ ރެއަކު ޔާސީން، ތަބާރަ، ވާޤިޔަތު ސޫރަތް ކިޔަވަން ފެށުމަށެވެ.

ރަނގަޅެވެ. ކީރިތި ޤުރުއާނުން އެންމެ ކަލިމައެއް ކިޔެވުމަކީވެސް އެކަމުގެ ޘަވާބު ލިބޭނެ ކަމެކެވެ. އެހެންކަމުން ސޫރަތުލް ޔާސީން، ތަބާރަ އަދި ވާޤިޔާ ކިޔެވުމުންވެސް ޘަވާބާއި ދަރުމަ ލިބޭނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް މި ދެންނެވި ޕޯސްޓްގައި އެ ސޫރަތްތައް ކިޔަވަން ބުނެފައިވަނީ އެހެން ކަމަކަށެވެ. އެހެން ގޮތަކަށެވެ.

މި ޕޯސްޓް ކިޔައިލުމުން މީގައި ގޯސް ވާހަކައެއް އޮތްކަމަކަށް ދީނުގެ ކަންކަން އެންމެ ރަނގަޅަށް އޮޅުންފިލާފައިވާ މީހަކަށް މެނުވީ ނޭނގިދާނެއެވެ. އަލްޙަމްދު ލިﷲ، މި ޕޯސްޓް ފެތުރެން ފެށިތަނުން ދެން ފެނުނީ ދީނީ ބައެއް ޢިލްމުވެރިން މިޔަށް ރައްދުދެއްވާފައި ވަނިކޮށެވެ. ކަން އޮތްގޮތް އޮޅުންފިލުވައިދެއްވާފައި ވަނިކޮށެވެ.

އަޅުގަނޑާއިއެކުގައި ކޮލެޖްގައި އެއް ކުލާހުގައި ކިޔަވަން އުޅުނު ގާތް އަޚެއް ކަމަށްވާ ޝެއިޚް ޢަބްދުއްރަޙީމް މުޙައްމަދު ވެސް މިދެންނެވި ޕޯސްޓަށް މިއަދު ވަނީ ރައްދެއް ދެއްވައި، ރަނގަޅުގޮތް ބުނެދެއްވާފައެވެ.

މީސްމީޑިއާގައި ފަތުރަމުން އަންނަ “ބިދުޢަވެރި” ކަމެއް ކުރުމަށް ބުނާ ޕޯސްޓެއް

މިކަމާމެދު ޝެއިޚް ޢަބްދުއްރަޙީމް މުޙައްމަދު ވިދާޅުވަނީ ޝަރީޢަތުގައި ވަގުތު ކަނޑައެޅިފައި ނުވާ އަޅުކަމަކަށް، ދަލީލަކާއި ނުލައި ވަގުތެއް ކަނޑައަޅައިގެން ކުރުމަކީ ނުބައިވެގެން ބިދުޢައެއް ކަމަށެވެ. މިކަމުގެ ތަފްޞީލު ދެއްވަމުން ޝެއިޚް ވިދާޅުވި ކަންކަން ނަކުލުކޮށްލާނަމެވެ.

އިމާމު ޝާތިބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

(އަދި ބިދުޢަ ތެރޭގައި ޚާއްޞަ އަޅުކަމެއް ޚާއްޞަ ވަގުތެއްގައި ކުރުން ދެމިހުރުން ވެއެވެ. އެއީ ޝަރީޢާގައި އެ ޚާއްޞަ ވަގުތު ކަނޑައެޅިފައި ނުވާ ނަމައެވެ.)- މަސްދަރު: އަލް އިހްތިސާމް

އެހެންކަމުން، ޔާސީން އާއި ވާޤިއާ ސޫރަތް، މަޣްރިބް ފަހުން، ރައްކާތެރިވުމަށް އެދި ކިޔުމަށް ދަލީލެއް ނެތުމުން އެކަން ވާހުށީ ބިދުޢާގެ ތެރެއިންނެވެ. އޭގެ ބަދަލުގައި ޝަރީޢަތުގައި ބަލިން ސަލާމަތްވުމަށް އައިސްފައިވާ ދުޢާތަކާއި ޛިކުރުތައް ކިޔުން މުހިންމުވެގެން ވެއެވެ.

ޝެއިޚް ވިދާޅުވި ކަންކަން، އިތުރު ތަފްޞީލާއެކު ގެނެސްދޭނަމަވެ.

ޝެއިޚް ވިދާޅުވި ކަންތައްތަކުގެ ތެރޭގައި:-

1- ގެއިން ނުކުންނަ އިރު ކިޔާ ދުޢާ ކިޔުން

– بِسْمِ اللَّهِ تَوَكَّلْـتُ عَلَى اللَّهِ، وَلاَ حَوْلَ وَلاَ قُـوَّةَ إِلاَّ بِاللَّهِ.

– اَللَّهُـمَّ إِنِّي أَعُـوذُ بِكَ أَنْ أَضِـلَّ أَوْ أُضَـلَّ، أَوْ أَزِلَّ أَوْ أُزَلَّ، أَوْ أَظْلِـمَ أَوْ أَُظْلَـمَ، أَوْ أَجْهَلَ أَوْ يُـجْهَلَ عَلَـيَّ .

( ނޯޓް: މި ނޫން ދުޢާތައް ވެސް މިކަަމަށް ހުރެއެވެ.)

2- ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔުން

މި ޒަމާނަކީ ކޮންމެ މީހެއްގެ އަތުގައި ދުނިޔޭގެ އެންމެ ބޮޑު ލައިބްރަރީ ނުވަތަ މޮބައިލް ފޯނު އޮންނަ ޒަމާނެވެ. ހެނދުނާ ހަވީރުގެ ޛިކުރުތައް ހޯދާލަން ގައިމުވެސް ފަސޭހަވާނެއެވެ. މިކަމަށް ޚާއްޞަކޮށްފައި ހުންނަ އެޕްލިކޭޝަންތައް ބައިވަރެވެ. އެޕްލިކޭޝަނެއް ޑައުންލޯޑްކޮށްގެން ކޮންމެ ދުވަހަކުވެސް ކިޔަން ފަށާށެވެ.

3- ނަމާދުގެ ފަހުން ކިޔާ ޛިކުރުތައް ކިޔުން

ނަމާދުގެ ފަހުގައި ކިޔާ ޛިކުރުތައް ކިޔަން އާދަވެފައި ނެތްނަމަ، މިއީ އެކަން ކުރަން ފަށަންވީ ވަގުތުކަމަށް ދެކި އަވަހަށް ފަށާށެވެ.

4- ނިދުމުގެ ކުރިން ކިޔާ ޛިކުރުތައް ކިޔުން

މިކަމަށް ޚާއްޞަކޮށްފައި ހުންނަ އެޕްލިކޭޝަންތައް ބައިވަރެވެ. އެޕްލިކޭޝަނެއް ޑައުންލޯޑްކޮށްގެން ކޮންމެ ދުވަހަކުވެސް ކިޔަން ފަށާށެވެ.

5- ފަތިސް ނަމާދުކުރުން

ފަތިސް ނަމާދަށް ހޭލަން ފަށާށެވެ. ފަރުޟު ފަސް ނަމާދަށް ރައްކާތެރިވާށެވެ. ނަމާދަކީ ދީނުގެ ތަނބަށް ވީހިނދު، އިންސާނާއަށް ފަހި ދިރިއުޅުމެއް މި ދުނިޔޭގައި ލިބުން އޮތީ ބަރާބަރަށް ނަމާދުކޮށްގެންނެވެ. އާޚިރުގައި ލިބޭނެ މަންފާއާއި އުފާވެރިކަން އަދި މާބޮޑެވެ.

6- މަންޒިލަކަށް ނުވަތަ ތާކަށް ވަންނަ އިރު، ކިޔާ ދުޢާ ކިޔުން

أعوذ بكلمات الله التامة من شر ما خلق.

****
والله أعلم وصلى الله وسلم على المصطفى.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.