ޝައި ޕްރޮޑަކްޝަނާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ދިވެހި ފިލްމް “ހެހެސް” ލޯންޗްކޮށްފިއެވެ. ފިލްމު ލޯންޗްކޮށްދިނީ ފިލްމީ ދާއިރާގެ ތަޖުރިބާކާރު ފަންނާނު އަލީ ރަޝީދު (ގޮޅާ) އެވެ.
ފިލްމު ލޯންޗުކުރުމަށް ބޭއްވުނު ހަފްލާތެރޭގައި ފިލްމުގެ ރަސްމީ ދެ ޕޯސްޓަރެއްވެސް ވަނީ ދައްކާލާފައެވެ. އަދި ފިލްމުގައި ހަރަކާތްތެރިވާ މައިގަނޑު ކާސްޓުންގެ އިތުރަށް، ފިލްމަށް ލަވަކިޔައިދީފައިވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) ވެސް ވަނީ މި ހަފްލާގައި ބައިވެރި ވެފައެވެ.
މި ފިލްމު ޑައިރެކްޓު ކުރާނީ މަޤްބޫލް އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލް އެވެ. ފިލްމުގެ ފިރިހެން ކާސްޓުންގެ ތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، އިބްރާހިމް ޖިހާދު (ޖިމީ) އަދި މިހާރު ގިނަ ބައެއްގެ ލޯބި ހޯދަމުން އަންނަ އަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.
މި ފިލްމުގެ ޚާއްޞަ އެއް ކަމަކީ ވަރަށް ބޮޑު ޒުވާން އަންހެން ކާސްޓެއް ހިމެނިފައި ވާތީއެވެ. މީގެތެރޭގައި ކުރިއަރަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، ޢާއިޝަތު ލަހުފާ (ލަހޫ)، މަރިޔަމް ޝިފާ، ވަޝިޔާ މުޙައްމަދު، އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ. މީގެ ކުރިން ޝިޔާ ފެނިފައި ވާނީ ކުޑައިއްބެ އެންމެ ފަހުން ރިލީޒް ކުރި ވީޑިއޯލަވައިންނެވެ.
“އިން ފަހަނައެޅި އިޝްޤް” މި ޓެގްލައިން ބޭނުންކޮށްފައިވާ މިފިލްމަކީ ލޯބީގެ ތަފާތު ވާހަކަ އެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ. ނިމާލު ބުނިގޮތުގައި މިއީ ލޯބީގެ ފިލްމެއްގައި މިހާ ބޮޑު ކާސްޓެއް ހިމެނޭ ފުރަތަމަ ދިވެހި ފިލްމު ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޑައިރެކްޓާރު ނިމާލު ބުނީ ފިލްމަކީ ބެލުންތެރިން ބަލައިގަންނާނެ ފިލްމަކަށް ވާނެ ކަމަށެވެ.
ނިމާލް ބުނީ ފިލްމަށް “ހެހެސް“ގެ ނަމުން ނަން ދީފައި އެވަނީ ޔޫއްޕެ ކަމަށާއި އެއީ ފިލްމުގެ ސްޓޯރީއާ އެންމެ ގުޅޭނެ ނަމަށްވެފައި، ނަމުގެ މާނައިގާ ވާގޮތަށް ލޯބީގެ ކަންތައްތަކުގައި އިން ފަހަނައަޅައިދާ މަންޒަރު ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދޭނެ ކަމަށެވެ.
ޔޫއްޕެގެ ވާހަކަ އަދި ސްކްރީން ޕްލޭއަކަށް ބިނާކޮށް އުފައްދާ މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނެތްނަމަވެސް މި އަހަރު ތެރޭގައި ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މަސައްކަތްކުރާނެ ކަމަށް ފިލްގެ އެއް ޕްރޮޑިއުސަރ ކަމުގައިވާ އިސްމާޢީލް ޝަފީޤު ބުންޏެވެ. މި ފިލްމުގެ ޝޫޓިންތައް ބ.ގޮއިދޫގެ އިތުރުން މާލެގައިވެސް ނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
“ސްޓޯރީ ލައިން، އިންގޮތުން ކޮންމެ އެކްޓަރަކުވެސް ލޯބީގެ ކަންތަކުގައި އިންފަހަނަ އަޅައިދާތަން ފެންނާނެ،” ފިލްމުގެ ސްޓޯރީ އާމެދު ޑައިރެކްޓަރ ނިމާލް ބުންޏެވެ.
ހެހެސް
ނ
- މީހަކާ ހިތާވެގެންގޮސް ހައްދުފަހަނަޅާ ދާދިއުން.
ލިޔުންތެރިޔާގެ ފުރަމަލަ
- މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.