ކާމިޔާބު އަދި ވަރުގަދަ ފިލްމުތައް ކަމަށްވާ “ސިޓީ” އާއި “އަނިޔާ” އަދި “ޒަލްޒަލާ” އާއި “ޒަލްޒަލާ އެނބުރި އައުން” ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މަޤްބޫލު އެކްޓަރ/ޑައިރެކްޓަރ އަޙްމަދު ނިމާލް ޑައިރެކްޓްކުރާ ފިލްމު “ހެހެސް“ގެ ޝޫޓިން ބ. ގޮއިދޫގައި ފަށައިފިއެވެ.

ބ. ގޮއިދޫގައި ހުރެ ފިލްމު “ހެހެސް“ގެ ޑައިރެކްޓަރ އަޙްމަދު ނިމާލް، މުނިއަވަސް އަށް މިރޭ ބުނީ ފިލްމުގެ ޝޫޓިން ރޭގެ ވަގުތެއްގައި ފަށައިގެން ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. ނިމާލް ބުނީ ފިލްމުގެ ގިނަ ތަރިންތަކެއް ހިމެނޭ މަންޒަރެއް ރޭގައި ނަގާފައިވާކަމަށާއި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ބައެއް ތަރިން އަދި ގޮއިދޫއަށް ނުދާ ކަމަށެވެ. އެގޮތުން ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާ ތިން ތަރިންގެ ތެރެއިން ޢަލީ އާޒިމް (ދޮން އައްޔަ) އަދި އެ ރަށަށް ގޮސްފައި ނުވާކަން ފާހަގަކުރިއެވެ.

ނިމާލް އިތުރަށް ބުނީ ފިލްމުގެ މަންޒަރުތަކުގެ ތެރެއިން މިހާރު ގޮއިދޫގައި ތިބި ތަރިން ހިމެނޭ މަންޒަރުތައް ޝޫޓްކުރުން ކުރިޔަށްދާ ކަމަށެވެ.

ފިލްމު “ހެހެސް” އަކީ ވަރުގަދަ އަންހެން ކާސްޓެއް ހިމެނޭ ފިލްމަކަށްވާއިރު، ފިރިހެން ކާސްޓުންގެ ތެރޭގައި ރާޢްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ. ފިލްމުގެ ޒުވާން އަންހެން ކާސްޓުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވަޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

”އިން ފަހަނައެޅި އިޝްޤް“ މި ޓެގްލައިން ބޭނުންކޮށްފައިވާ މިފިލްމަކީ ލޯބީގެ ތަފާތު ވާހަކަ އެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ. މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނެއެވެ.

ފިލްމު “ހެހެސް”ގެޝޫޓިން ބ. ގޮއިދޫގައި ކުރިޔަށްދަނީ – ފޮޓޯ: ފިލްމު ފިލްމު “ހެހެސް” ޕޭޖް

ޔޫއްޕެގެ ވާހަކަ އަދި ސްކްރީން ޕްލޭއަކަށް ބިނާކޮށް އުފައްދާ މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނެތްނަމަވެސް މި އަހަރު ތެރޭގައި ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މަސައްކަތްކުރާނެ ކަމަށް ފިލްގެ އެއް ޕްރޮޑިއުސަރ ކަމުގައިވާ އިސްމާޢީލް ޝަފީޤު ބުންޏެވެ.

ބ.ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކުރާ މި ފިލްމު ކެމެރާކުރަނީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހަދަނީ ޖަލާލް އެވެ. ބެކް ސްކޯ ހަދަނީ ބާޗީއެވެ. މޭކަޕް ކުރަނީ އާއިޝަތު އިބްނާ ނާޞިރް އެވެ.

ފިލްމު “ހެހެސް”ގެޝޫޓިން ބ. ގޮއިދޫގައި ކުރިޔަށްދަނީ – ފޮޓޯ: ފިލްމު ފިލްމު “ހެހެސް” ޕޭޖް

މި ފިލްމަށް ލަވަކިޔައިދެނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ތޮލާ އެވެ.

ނިމާލް ޑައިރެކްޓްކޮށް، އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދީފައިވާ ފިލްމަކީ 2016ގައި ރިލީޒްކުރި ބިރުވެރި ފިލްމު “އެ ރެއަށް ފަހު” އެވެ.

ފިލްމު “ހެހެސް”ގެ ޕޯސްޓަރެއް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.