މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ބަލިމަޑުކަން ނުވަތަ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ ސާފުތާހިރުކަމެވެ. ގިނަގިނައިން އަތް ދޮވުމެވެ. މިއީ ދުނިޔޭގެ ޞިއްޙަތާބެހޭ ވުޒާރާ ޑަބަލިޔުއެޗްއޯ އިންނާއި އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލުންވެސް އެންމެ ބޮޑަށް އެދެމުން އަންނަ ކަންތަކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮތް އެންމެ އިސް ކަމަކީ ގިނގިނައިން އަތްދޮވުން ކަމަށްވީ ހިނދު، މުސްލިމުން އަޅުކަން ކުރުމަށްޓަކައި ކުރަމުން އަންނަ ވުޟޫގެ އަޅުކަމަކީ ހަމަ ގައިމުވެސް މިކަމަށް އޮތް އެންމެ ރަނގަޅު މަގެވެ. އެހެނީ ފަރުޟު ފަސް ނަމާދުކުރުމަށްޓަކައި އަހަރެމެން ފަސް ފަހަރަށް ވުޟޫކުރަން ޖެހެއެވެ. ވުޟޫކުރާ ކޮންމެ ފަހަރަކު އަތްތިލައާއި އިނގިލިތައް ތިން ފަހަރަށް ދޮންނަން ޖެހެއެވެ. ހަމަ އެހެންމެ އަތުގެ އުޅަނބޮށްޓާއި ހަމައަށްވެސް ތިން ފަހަރު ދޮންނަން ޖެހެއެވެ. ނޭފަތާއި އަނގަޔަށް ތިން ފަހަރު ފެންލައި ދޮންނަމުނެވެ. ކޮންމެ ކަންފަތެއްވެސް، ކަންފަތު ވޮށީގެ އެތެރެއާއި ބޭރު ތިން ފަހަރަށް ދޮންނަމުއެވެ. ބޮލުން ބައެއްގައިވެސް ތިން ފަހަރު ފެންފުހަމުއެވެ. މީގެ އިތުރުން ފަޔާއި ފައިގެ އިނލިތައްވެސް ދޮންނަމުއެވެ. އެހެންކަމުން ފަސް ނަމާދަށް ފަސް ފަހަރު ވުޟޫކުރާ އިރު، އެ ގުނަވަންތައް 15 ފަހަރަށް ދޮވެވިގެން ދެއެވެ. ވީއިރު، ވުޟޫގެ އަޅުކަމާއި ގުޅިގެން އަހަރުމެން ސާފުތާހިރުވާނެ ވަރު ވިސްނާލާށެވެ.

ކޮންމެ ނަމާދަކަށް ވުޟޫކުރުން

ކޮންމެ ނަމާދަކަށް ވުޟޫކުރުމަކީ އަހަރުމެން އާއްމުކޮށް ކޮށް އުޅޭ ކަމެކެވެ. ފަހަރެއްގައި މަޣްރިބް ނަމާދާއި އިޝާ ނަމާދާއި ދެމެދު އެ އޮންނަ ވަގުތުކޮޅުގައި ވުޟޫ ގެއްލޭފަދަ ކަމެއް މެދުވެރި ނުވެ ހިނގައްޖެ ހާލަތެއްގައި ފަސް ނަމާދަށް ވުޟޫކުރަން ނުޖެހިދާނެއެވެ. ނަމަވެސް ވުޟޫގެ އަޅުކަމަކީ އަހަރެމެން މުސްލިމުން ކުރާން ޖެހޭ އަޅުކަމެކެވެ. އެއީ އަޅުކަމަށް ފެށުމުގެ ގޮތުން ކުރާ މުހިންމު އަޅުކަމެކެވެ.

ކީރިތި ޤުރުއާނުގެ އަލް-މާއިދާ ސޫރަތުގެ06 ވަނަ އާޔަތުގައި މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ:

يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ ۚ وَإِن كُنتُمْ جُنُبًا فَاطَّهَّرُوا ۚ وَإِن كُنتُم مَّرْضَىٰ أَوْ عَلَىٰ سَفَرٍ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ ۚ مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُم مِّنْ حَرَجٍ وَلَٰكِن يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން قصد ކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ.

ކުރިންވެސް އިޝާރާތްކުރެވުނު ފަދައިން ވުޟޫކުރާއިރު، މޫނާއި އަތްތިލައާއި އަތް އަދި ފައި ދޮންނަން ޖެހެއެވެ. ފަރުޟު ނަމާދަށް ވުޟޫގެ އަޅުކަން އަދާކުރުމުން ކުރެވިގެން އެދަނީ ބަލިޖައްސާ ޖަރާސީމުތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ.

ނިދަން އޮށޯތުމުގެ ކުރިން ވުޟޫކުރުން

ފަރުޟު ފަސް ނަމާދަށް ވުޟޫކުރުމާއި ކީރިތި ޤުރުއާން ކިޔެވުމަށް މުސްހަފުގައި ބީހުމަށް ވުޟޫކުރުމުގެ އިތުރުން ނިދަން އޮށޯތުމުގެ ކުރިން ވުޟޫކުރުމަށް ރަސޫލާ صلى الله عليه وسلم އަހަރެމެން މުސްލިމުންނަށް ނަޞޭހަތްތެރިވެ ވަޑައިގެންފައިވެއެވެ. އެގޮތުން ވުޟޫ ކޮށްގެން ނިދައިފި މީހަކު ރައްކާތެރި ކުރުމަށް މަލާއިކަތުން ތިއްބަވާނެ ކަމަށް އިމާމު ބުޚާރީގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ.

“ތިޔަބައިމީހުން ނިދަން އޯށޯތުމުގެ ކުރިން ނަމާދުކުރުމަށް ވުޟޫކުރާ ފަދައިން ވުޟޫކުރާށެވެ.” (ޞަޙީޙުލް ބުޚާރީގެ 274 ޙަދީޘް)

ނިދިން ހޭލައިގެން އަތް ދޮވުން

ފަތިހު ނުވަތަ ހެނދުނު ހޭލައިގެންވެސް އެންމެ ފުރަތަމަ ކަމަކަށް ކުރަންވި ކަމަކީ އަތް ދޮވުމެވެ.

އަބޫ ޙުރައިރާ رضي الله عنه ރިވާކުރެއްވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންކުރެ މީހަކު
ނިދިން ހޭލެވިއްޖެނަމަ 03 ފަހަރު އަތްދޮވުމަށްފަހު ނޫނީ ފެންނަގާ ކަންވާރަށް އަތްނުބާނާ ހުށިކަމެވެ. ފަހެ ހަމަ ކަށަވަރުން އޭނާގެ އަތް ރޭ ހޭދަކުރީ ކޮންތާކު ކަމެއް އޭނާ ނުދެނެހުރެއެވެ.” (ޞަޙީޙުލް ބުޚާރީގެ 160، ޞަޙީޙުލް މުސްލިމު 278)

ދުޢާކުރުން

މުސްލިމުންނަށް ލިބިފައިވާ އެންމެ ބާރުގަދަ އެއް ހަތިޔާރަކީ ދުޢާ އެވެ. ބޮޑެތި ބަލިމަޑުކަމުން ނަޖާވުމަށް ކިޔުމަށް އެތަކެއް ބައިވަރު ދުޢާތައް އަހަރުމެންނަށް ވަނީ ލިބިފައެވެ. އެގޮތުން އަންނަނިވި ދުޢާއަކީ މި ދުވަސްވަރު އަހަރެމެން އެންމެންވެސް ކިޔަންވީ އެއް ދުޢާ އެވެ.

اللَّهُمَّ إِنَّا نَعُوذُ بِكَ مِنَ الْبَرَصِ وَالْـجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الْأَسْقَامِ.
ޔާ ﷲ! ހަމަކަށަވަރުން އަޅަމެން، ބަރަޞް ބައްޔާއި، މޮޔަވުމާއި، ޖުޒާމު ބައްޔާއި، އެންމެހާ ނުރައްކާތެރި ބަލިތަކުން، ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ.

މާތް ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ރަޙުމަތްފުޅުން އެންމެހައި ބަލިމަޑުކަމުން އަޅަމެން ރައްކާތެރިކުރައްވާންދޭވެ!

އާމީން

 

މަޢުލޫމާތު އެއްކުރި މަސްދަރުތައް:

– ޤުރުއާން ޑޮޓް އެމްވީ
– ސުންނާ ޑޮޓް ކޮމް
– އިސްލާމް ޓްރިބިއުން ޑޮޓް އޯރގް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.