ރަށުން ބޭރުގައި ޝޫޓިންއަށް ގޮސް އުޅޭ ހުރިހައި ފިލްމީ ފަންނާނުން ވަރަށް ސަމާލުވެ ބަލައިގެން އުޅުމަށް ދިވެހި ފިލްމީ ދާއިރާގެ އެންމެ ބަޤްބޫލު އެކްޓްރެސް ނިޢުމާ މުޙައްމަދު އެދިއްޖެއެވެ. ނިޢުމާ މިކަމަށް އެދުނީ މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ މެންބަރުން ހިމެނޭ ވައިބަރ ގްރޫޕްގައެވެ.

ފިލްމީ ދާއިރާއިން އެކްޓިންއާއި ދުރަށްދިއުމަށްފަހު ފިލްމު އުފެއްދުމަށް އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއްގައި މަސައްކަތްކުރަމުން އަންނަ ނިޢުމާ މިހެން ބުނެފައިވާއިރު، މިވަގުތު އަތޮޅުތެރޭގައި ދެ ފިލްމެއްގެ ޝޫޓިން ކުރިއަށްދާކަން މުނިއަވަސް އަށް ވަނީ އެނގިފައެވެ. އެގޮތުން ‘ޝައި ޕްރޮޑަކްޝަން’ އާއި ‘ޔޫއްޕެ ޕްރޮޑަކްޝަން’ އިން އުފައްދާ ފިލްމު “ހެހެސް“ގެ ޝޫޓިން ބ. ގޮއިދޫގައި ވަނީ ފަށާފައެވެ. މީގެ އިތުރުން ސްކްރީން ރައިޓަރ އަޙްމަދު ޒަރީރްގެ ‘އެއް ކާފް ޕްރޮޑަކްޝަން’ އިން އުފައްދާ ފިލްމު “މަރްޔަމް”ގެ ޝޫޓިން މ. މުލަކުގައި ކުރިއަށްދެއެވެ.

ފިލްމު “ހެހެސް“ގެ ޝޫޓިންއަށް ފިލްމުގެ ޑައިރެކްޓަރ އަޙްމަދު ނިމާލް އާއި ކާސްޓުން ގޮއިދުއަށް ދިޔައީ މިމަހު 10 ވަނަ ދުވަހުއެވެ. ފިލްމު “މަރްޔަމް”ގެ ޑައިރެކްޓަރ އަދި ކެމެރާމަން ވިޝާން (ކަނޑި) އާއި ކްރޫ ވެސް މުލަކަށް ދިޔައީ 10 ވަނަ ދުވަހުއެވެ.

ނިޢުމާގެ ޕްރޮޑަކްޝަން ހައުސް، ނިއުޒޯ ފިލްމްސް އިން ތައްޔާރުކުރަމުން އަންނަ ބިރުވެރި ފިލްމު “ކަޅަކި”ގެ ޝޫޓިން ލަންކާގައި އެއްކޮށް ޝޫޓްކޮށް ނިންމައި މިހާރު އެޑިޓިންގެ މަސައްކަތް ކުރަމުން އަންނަކަމަށް މަޢުލޫމާތު ލިބެއެވެ. ފިލްމުގެ ވަރުގަދަ ޓީޒާއެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު، ޓީޒާ އިން ފެންވަރު ރަނގަޅު، ބިރުވެރި މަންޒަރުތަކެއް ފެނިގެންދެއެވެ.

ކޮވިޑް-19 އަށް ޕްރޮޒިޓިވް ވެފައިވާ 10 މީހުން މިއަދާއި ހަމައަށް ރާއްޖެއިން ވަނީ ފެނިފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނައިރު، ރަށްރަށަށް އާއްމުން ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށްވެސް މިއަދު އިލްތިމާސްކޮށްފައިވެއެވެ.

ނިޢުމާގެ “ކަޅަކިި” އަދި ޒަރީރްގެ “މަރްޔަމް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.