ކުރިމަތީ ހުރި ކޮފީތަށިން ހޫނު އާވި އަރަމުން ދެއެވެ. ލެޕްޓޮޕް ތެރެއަށް އޭނާގެ ދެލޯވަނީ އަމާޒުވެފައެވެ. ހެޑްސެޓް ޖަހައިގެން އިން ނަމަވެސް އޭގެން ބޭރަށް މަޑުމަޑުން އަޑު އިވެމުން ދިޔައެވެ. ފެންނަ ފެނުމުގައި ތަނެއްގެ ބޮޑު މީހެކެވެ. ސޫޓެއްފާޑުގެ ޓޮޕުން އެހަށިގަނޑުގެ ބައްޓަން ރީތިކޮށް ފާޅުވެއެވެ. ދޮން ރީތި އެ އަންހެން ކުއްޖާއަށް ވަށައިގެންވާ ހުރިހާ ކަޅިއެއް ވަނީ އަމާޒުވެފައި ނަމަވެސް ވަށައިގެންވާ މާހައުލުގައި ހިނގަމުންދާ އެއްވެސް ކަމެއް އޭނާއަށް ނޭނގޭފަދައެވެ. ކުއްލިއަކަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އަތުގައި އަޅާފައިވާ ސްމާރޓް ގަޑިއަށް ބަލާލުމާއެކު ހިނިތުންވެލިއެވެ. އަދި ދަބަސް ހާވާލުމަށްފަހު ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.
“މަންމީ ދޫނީ. ދެއްވާ ދިހަ މިނެޓު..” ލެޕްޓޮޕް ލައްޕާލަމުން އޭނާ ޖަވާބު ދިނެވެ. އަދި ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ބިލް ގެނެސްދިނުމަށް އިޝާރާތް ކޮށްލިއެވެ.
ބިލް ހިފައިގެން ދިޔަ ވޭޓަރަށް ރަނގަޅަށް ނުހުއްޓެވެނީސް ސަތޭކަ ރުފިޔާގެ ނޫޓެއްނަގާ ވޭޓަރު އަތަށް ދިއްކޮށްލުމަށްފަހު ބާކީ ލާރި ބޭއްވުމަށް އެދެމުން އޭނާ ތެދުވިއެވެ. އަދި މޭޒުމަތީ އޮތް އަވިއައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލިއެވެ.
ސާދާ ހިނގުމެއްގައި އޭނާ ހިނގާލާފައި ދިޔަ އިރު އޭނާގެ ހައިބަތު ނިކަން ފުރިހަމައަށް ފެނިގެން ދިޔައެވެ. ރެސްޓޯރެންޓް ތެރޭ ތިބި އެންމެންގެ ލޯ ހުއްޓިފައިވީ އޭނާއަށެވެ. އޭނާގެ މިސްރާބު ހުރީ ރެސްޓޯރެންޓްގެ ޕާކިން އޭރިއާގައި އޮތް ބީ.އެމް.ޑަބްލިއު ކާރަށެވެ. ފެންނަފެނުމަށް ހަރަކާތް އަވަސްވެފައި ހަލުވިއެވެ. ކާރަށް އެރުމަށްފަހު ދުއްވާލިއެވެ. ދިހަވަރަކަށް މިނެޓު ތެރޭ ކާރު ގެއްލިއްޖެއެވެ.
“މަންމީ” ގޭ ބޮޑު ދޮރުން ވަދެގެން އައި ޒެހެކް ފެނުމާއެކު ހަތަރު އަހަރުގެ އިލާން އާއި މިލާން ދުވެފައި ގޮސް ޒެހެކްގެ ގައިގައި އޮޅުލައިގަތެވެ. ގިނަ އިރުތަކެއް ވަންދެން މަންމަގެ އިންތިޒާރުގައި ތިބިފަދައެވެ.
އިލާން އާއި މިލާންއަކީ މިޒާޖުގެ ގޮތުންވެސް ވަރަށް އެއްގޮތް ދެކުދިންނެވެ. ދެބެންނަކީ އެއްމާބަނޑު ދެކުދިންނެވެ. ޒެހެކްގެ މުޅި ދިރިއުޅުމެވެ. އެދެބެންނަކީ ޒެހެކް ދިރިހުރުމުގެ އަސްލެވެ. ދެބެންނާ ސަމާސާ ކޮށްލުމަށް ވަގުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އިރު އޮއްސެންވާއިރަށް އެކުދިންނަށް ކާންދީ ނިންދަވަން ތައްޔާރުކުރީ ޒެހެކްއެވެ. ދެން މިރޭ ޒެހެކް އޮފީހަށް ދާނީ ދެކުދިން ނިންދަވާފައެވެ.
އިލާންއާއި މިލާން އަކީ ޒެހެކްގެ މުޅި ދިރިއުޅުމެވެ. ދަރިން ލިބިފައިވަނީ ކައިވެނިން ބޭރުގައި ކަމަށްވުމުން ބަލިވެ އިންކަން އެނގުމާއެކު ޒެހެކްގެ އާއިލާއިން އޭނާއާ ގުޅުން ކަނޑާލައި ނިކަމެތިކޮށްލީ އެއްވެސް ހަމްދަރުދީއެއް ނެތިއެވެ. އެހެންނަމަވެސް ހިތްދަތިކަމާއެކު އަމިއްލަ ދިރިއުޅުން ކޮޅަށްޖަހައި މިއަދު އޭނާ އަކީ ރާއްޖޭގައި ނަން މަޝްހޫރު ވިޔަފާރިއެކެވެ. އަމިއްލަ ނަމުގައި ދެ ރިޒޯޓާއި ސަފާރީއެއްގެ އިތުރުން ތިންރަށެއްގައި ތިން ގެސްޓު ހައުސް ހިނގަނީ ނުހަނު ހިންގުންތެރި ކަމާއެކުއެވެ. މައިކަލްގެ މަތިން ހަނދާން ނައްތާލުމަށްޓަކައި މަސައްކަތް ކުރި ނަމަވެސް އެންމެ ހިނދުކޮޅަކަށް ނަމަވެސް އެހަނދާންތަކާ ދުރަކަށް ނުދެވެއެވެ.
ލަންޑަންގެ ކާރޫބާރޫ ބޮޑު މަގުމަތީގައި މައިކަލްއާއި އެކު އެމިލީ ހިނގަމުން ދިޔައީ ކުސް ތަޅަމުންނެވެ. މައިކަލްގެ މޫޑް މިއަދު އާދަޔާޚިލާފަށް ރަނގަޅެވެ. ކުއްލިއަކަށް އައި ޚިޔާލަކާއެކު ޒެހެކްގެ ނަން އެކި ގޮތްގޮތަށް ޖަހަމުން ފޭސް ބުކް ހާވަމުން ދިޔައީ ކޮންމެވެސް އުއްމީދެއް އޮތީމައެވެ. އެމިލީ ކިޔަމުން ދިޔަ އެއްޗެއް މައިކަލް އަކަށް ރޭކައެއް ނުލައެވެ. އެއަށްވުރެ އޭނާގެ ސަމާލުކަން ހުރީ ފޭސް ބުކަށެވެ. ފާއިތުވެ ދިޔަ ފަސް އަހަރު އޭނާ ޒެހެކްގެ ހަބަރެއްވޭތޯ ނުބަލާ އެންމެ ދުވަހެއްވެސް ނުދެއެވެ.
“ވަޓްއާ ޔޫ ލުކިން ފޯރ” މައިކަލްގެ ފޯނު ޖަހައިގަންނަމުން އެމެލީ ބުންޏެވެ.
އަވަސް ހަރަކާތަކާއެކު އެމެލީ އަތުން މައިކަލް ފޯނު ޖަހައިގަތީ އޭނާ ޒެހެކް ހޯދާކަން އެމެލީއަށް އެނގިދާނެތީއެވެ. އެމެލީ އަކީ މައިކަލްގެ ލޯބިވެރިޔާއެވެ. ޒެހެކްއަކީ ކާކުކަން އެމެލީ އަށް އެނގެން މައިކަލް ބޭނުންނުވާ ފަދައެވެ.
ފޯނު އަތުލުމަށްފަހު މައިކަލް އަނެއްކާވެސް ސާރޗް ކުރަންފެށިއެވެ. ދެތިން ފަހަރު ސްކްރޯލް ކޮށްލުމަށްފަހު މައިކަލްގެ ޒެހެކްއާ ވައްތަރު ގޮތެއް ހުރި އަންހެނަކު އެއްމާބަނޑު ދެކުދިންނާއެކު އިން ފޮޓޯއެއް ފެނުމުން މައިކަލް ކުޑަކޮށް މަޑުޖެހިލިއެވެ. ހިތުގެ އެއްފަޅީގައިވާ ރިހުމަށް އިތުރު ވިންދެއް އިތުރުވެއްޖެފަދައެވެ. އޭނާގެ އެ ހަމަހިމޭންކަން އެމެލީއަށް އުނދަގޫ ކުރުވައިފިއެވެ. އަނެއްކާވެސް މައިކަލް އަތުން އޭނާގެ ފޯނު އަތުލުމަށް މަސައްކުރިއެވެ. އެހެންނަމަވެސް މިފަހަރު މައިކަލް ރުޅިއައެވެ.
“ވިލްޔޫ ޖަސްޓް ސްޓޮޕް” މައިކަލްގެ އެހަރަކާތުން އެމެލީ ހައިރާންވިއެވެ. ބުނާނެއެއްޗެއް ނޭނގި ހުއްޓުން އެރިއެވެ. އެހެންނަމަވެސް މައިކަލް ގެ މާބޮޑު ސަމާލުކަމެއް އެމެލީއަކަށް ނުލިބުނެވެ. އޭނާ އެދިޔަ ގޮތަށް ދިޔައީއެވެ. ފަސް އެނބުރި ބަލާވެސް ނުލިއެވެ. ނޭނގޭ ހާސް ކަމެއް މައިކަލްއަށް އުނދަގޫކޮށްފިއެވެ. ލަކުނަށްވެފައިވާ ފާރު އޭނާގެ ހިތުގައި ހުރިނަމަވެސް އެ ޒަޚަމްތަކުން ލޭ ކޮށިއްޖެއެވެ. އޭނާގެ ޝައްކު ޔަގީން ކުރަން ބޭނުންވި ނަމަވެސް ޒެހެކްގެ ކުރިމައްޗަށް އޭނާ ދާނީ ކިހިނެތް ހެއްޔެވެ. ކޮންމެ ގޮތެއް ވިޔަސް މައިކަލް މިއަދު ބޭނުންވަނީ ޒެހެކްގެ ކުރިމައްޗަށް ދާށެވެ. ކޮންމެ ގޮތަކުން ވިއަސްއެވެ.
އާދައިގެ މަތިން އޮފީހުގައި ބިޒީ ދުވަހެކެވެ. އިތުރު ގެސްޓް ހައުސްއެއް ހުޅުވުމަށް ރަނގަޅު ބިމެއް ލިބިފައިވާތީ ޒެހެކް ތައްޔާރު ވަމުން ދިޔައީ އެރަށަށް ދިޔުމަށެވެ. ހަވީރު ފުރުމަށް ހަމަޖެހިފައިވާތީ އަދި އެރަށުގައި ދެދުވަހެއް ވަރުވާނެތީ މައިރާ ގާތު ގެއަށް ދިޔުމަށް އެދި ހެނދުނު ކުރި މެސެޖަށް ޖަވާބެއް ނުލިބޭތީ އޭނާވަނީ ނުތަނަވަސްވެފައެވެ. ފޯނުނަގައި މައިރާއަށް ގުޅާލިއެވެ. މައިރާއަކީ ޒެހެކްގެ ދެބެންގެ ދެދަރި ކުއްޖެކެވެ. އާއިލާއަށް އެންމެ ބޭނުންވި ދުވަހު ޒެހެކްގެ ގާތުގައި ހުރީ ހަމައެކަނި މައިރާއާއި އޭނާގެ ފިރިމީހާއެވެ. އެކަން ޒެހެކް އަބަދުވެސް ބަލައިގަންނަނީ ހިތުގެ ފުންމިނުންނެވެ.
“ހަލޯ..” ނިދި އަޑަކުން މައިރާ ބުންޏެވެ.
“ސާބަސް ނިދަނީ ދޯ.. މަ މިދަނީ އެއްކަލަ ރަށަށް.. އަންނަންވީނު ގެޔަށް.. ދެދުވަހެއްވަރު ވާނެ.. ރިޕްލައި ނުކުރީމަ ހީވެސްވެއްޖެ ނުހޭލަނީއޭ..” ޒެހެކް ނުތަނަވަސްވެފައިވާކަން އޭނާގެ އަޑުން ފާޅުވޭވޭ ހުއްޓެވެ.
“އޭތް.. އޭތް.. ހަމަޖެހިބަލަ.. ނޭވާލައިގެން ވާހަކަ ދައްކަބަލަ.. މަ ހުންނާނެދޯ އަބަދުވެސް.” މައިރާއަށް ޒެހެކްއަކީ މުހިންމު މީހެކެވެ. ޒެހެކްގެ ކޮންމެ ކަމެއްވެސް މައިރާ ކުރަނީ އަމިއްލަ ކަމެއް ފަދައިންނެވެ. ދެބެންއިން ފަދައިން ކުޑަ ދުވަހުން ސުރެ އުޅެމުންއައިސް އެކަކު އަނެކަކަށް ދިމާވާ ކޮންމެކަމަކަވެސް ދެމީހުން ތިބެއެވެ. ޒެހެކްގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މައިރާއެވެ.
ހަތަރުގަޑި ބައިވީ އިރު ޒެހެކް އާއި ޒެހެކްގެ ޓީމް އެރަށަށް ދިޔުމަށް ދަތުރުފަށައިފިއެވެ. އަމާން ދަތުރަކަށް ފަހު އިރު އޮއްސެންވީއިރު ޒެހެކްގެ ޓީމަށް އެރަށަށް ލެފިއްޖެއެވެ. ޓީމް ލަފާތަނަށް ޒެހެކް ކުއްޔަށް ނެގި ބިމުގެ ވެރިޔާ އައިސް ހުއްޓެވެ. މަހްރާން އަކީ ޒުވާނެކެވެ. ބަލާބެލުމަށް ޒެހެކް އާއި އެއް އުމުރެކެވެ.
ޒެހެކްއާއި އޭނާގެ ޓީމް ގެސްޓުހައުސްއަކަށް ލުމަށްފަހު ރޭގަނޑުގެ ކެއުމަށް ބަލާއަންނާނެ ކަމުގައި ބުނެފައި މަހްރާން ދިޔައެވެ. މަހްރާން ދިޔަތަން ބަލަން ޒެހެކް ހުއްޓެވެ. ނޭނގޭ އިހްސާސެއް އެހިތުގައި އުފެދިއްޖެއެވެ. ފަސް އެނބުރި ބަލާލުމެއްވެސް ނެތި މަހްރާންގޮސް ގެއްލުނެވެ.
ބަރާބަރު އަށެއް ޖެހި އިރު މަހްރާން އައެވެ. ޒެހެކް އިނީ އިންތިޒާރުގައިފަދައެވެ. މަހްރާން ފެނުމާއިއެކު އެކުގައި އައި ދެކުދިންނަށް ގޮވާލިއެވެ.
ޒެހެކް އަށް ބަދަލެއް އައިސްފިކަން މަލާ ދެނެގަނެފިއެވެ. އަވަސްއަވަހަށް ފިޔާޒްގެ އަތުގައި ހިފައިގެން ޒެހެކް ފަހަތުން ހިނގައިގަތެވެ. ޒެހެކްގެ ސެކެއްޓްރީއެއްގެ ގޮތުގައި މަލާ މަސައްކަތް ކުރާތާ މިވީ ތިން އަހަރު ތެރޭ ޒެހެކްގެ ދިރިއުޅުމުގެ ގިނަކަންކަން މަލާއަށްވަނީ އެނގިފައެވެ. އެހެންނަމަވެސް މަލާއަށް އެނގިފައިވާގޮތުގައި ޒެހެކްގެ ދިރިއުޅުމުގައި ލޯބި ލިޔެވިފައިވަނީ އިލާންއާއި މިލާންއަށް އެކަންޏެވެ.
ލޮލަށް ނިދިނައިސްގެން މައިކަލް ކޮޓަރީގެ އެއްކަނެއްގައި ހުރި މޭޒެއްގެ ކައިރި އިނެވެ. އަނެއްކާވެސް ބަލާލީ ކުރިމަތީއިން ލެޕްޓޮޕްގެ ސްކްރީނަށެވެ. ހުޅުވާފައި އިން ޒެހެކްގެ ފޮޓޯ ގަނޑެވެ. އެއަށްފަހު އަތުގައި އޮތް ފޯނަށް ބަލާލިއެވެ. މިއަދު ފެނުނު ފޭސްބުކް ޕްރޮފައިލް އޭނާ އެތައްފަހަރަކު ބަލައިފިއެވެ. އެއީ ހަމަ ޒެހެކް ހެއްޔެވެ. ހާދަ ތަފާތެވެ. ފަސް އަހަރު ތެރޭ އިންސާނެއްގެ ސިފަ އެހާ ބަދަލު ވެދާނެބާއެވެ. އެހާ އަވަހަށް ޒެހެކް މައިކަލް މަތިން ހަނދާން ނައްތާލަފާނެބާއެވެ. މީހަކާ އިނދެ ކުދިން ހޯދަފާނެ ބާއެވެ. ހައްތަހާވެސް މައިކަލްއަށް ޖަވާބު ބޭނުން ސުވާލުތަކެވެ. ދެ ޚިޔާލެއްގައި އިނދެފައި ފްރެންޑްސް ރިކުއެސްޓެއް ފޮނުވާލިއެވެ. ހަމައެކަނި އުއްމީދަކީ އެއީއެވެ.
(ނުނިމޭ)
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.