މިހާރު އެންމެންގެ ދޫތަކުން ވެސް ދެކެވެނީ އެ ވާހަކައެވެ. ޓީވީތަކުންނާއި ރޭޑިއޯތަކުން ވެސް މެދުނުކެނޑި ހަމަ އެ ވާހަކައެވެ. މީސް މީޑިއާގައި ވެސް އެ ވާހަކަތައް އެކި ސިފަސިފައިގައި އެކި ގޮތްގޮތަށް ބަޔާންކުރަމުން ދާއިރު އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވަނީ ބިރުވެރިކަމެވެ. ހިތް ނުތަނަވަސްކަމެވެ. އާދެ، މި ދައްކަނީ ކޮވިޑް-19 ނުވަތަ ކޮރޯނާ ގެ ބިރުވެރި ވާހަކައެވެ.
ދުނިޔޭގެ އެކިއެކި މަންޒިލް ތަކުގައި ފީނަމުން އުދުހެމުން މި ވައިރަސް މި ވަނީ އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑުގައި ވެސް ފިސާރި ރަނގަޅަށް ފައިތިލަ ހަމަ ކޮށްފައެވެ. ދުވަހެއް ދުވަހަކަށް ވައިރަހަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަނީއެވެ. ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ރައްޔިތުންގެ ޚިދުމަތުގައެވެ. ޑަކުޓަރުންނާއި ނަރުހުން އަމިއްލަ އާއިލާތައް ދޫކޮށް ފުރާނަ ގުރުބާންކުރަމުން ދަނީއެވެ. މި ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރަމެވެ.
މިހައި ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން އުވުނީ ހެއްޔެވެ؟ ނޫނީ އެ ސިނާއަތް މެދު ކަނޑާލީ ހެއްޔެވެ؟ ވީއިރު އެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިން ކޮބާ ހެއްޔެވެ؟ ކޮވިޑް-19 މި ޤައުމުގައި ދުވަން ފެށި ހިސާބުން ރިސޯޓްތައް ބަންދުވީއެވެ. ޗައިނާއާއި އިޓަލީ މީހުންގެ ތެރޭގައި ރިސޯޓް މަސައްކަތްތެރިން ތާށިވީއެވެ. ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި އެންމެ މީސްތަކުން މަގުތައް ހުސްކޮށް ގޭގެއަށް ވަދެ ބޮޑު ތަންޑު އެޅުވީއެވެ. ދެން އަޅުގަނޑުގެ ޚިޔާލަށް އަންނަނީ މާ ބިރުވެރި ވާހަކައެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 ފެނިފައި ވަނީ މުޅިންވެސް ރިސޯޓްތަކުންނެވެ. ނަމަވެސް ރިސޯޓްތަކުގައި އެތަނުގެ މަސައްކަތްތެރިން ތާށިވެފައި ވާއިރު މި ކަމާ ކަން ބޮޑުވަނީ ކާކު ހެއްޔެވެ؟ އެ ހީވާގި ބޭފުޅުންގެ ހައްގުތައް ކޮބާ ހެއްޔެވެ؟ މި ކަމުން އެ މުވައްޒަފުންގެ ރައްކާތެރިކަމަށް ސަރުކާރަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ އެޅުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟ އެއީ ވެސް ތިޔަ ޢިއްޒަތްތެރި ބޭފުޅުން ފަދަ އިންސާނުންނެވެ. ޤައުމުގެ ޖީޑީޕީ ހިފަހައްޓަން އެ މައުސޫމް ކުދިންގެ ފުރާނަ އަތްމައްޗަށް ލައިގެން ދުވާއިރު ސަރުކާރުން ހަމަ ބަސް ނުބުނަނީ ހެއްޔެވެ؟ މި ވެރިންގެ އާދޭސްތަކަށް ވީ އެންމެ އަވަހަކަށް ރަނގަޅު ހައްލެއް ލިބޭނެ ހިނދުކޮޅަކަށް މި ވެރިން މި ދަނީ ފޮނި އިންތިޒާރެއް ކުރަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.