ހިތްހެޔޮކަމާއި އޯގާތެރި ކަމަކީ އެންމެން ވެސް ދައްކާވާހަކައެވެ. އިޙްތިރާމް ކުރުމާއި އަނެކާއަށް ޤަދަރުކުރުމުގެ ވާހަކަ ހަމަ މި ބީދައިން ދެކެވެމުން ދާއިރު މިއީ ކިހައި ވަރެއްގެ ކަމެއްތޯ ހިތާހިތުން ސުވާލު ކޮށްލީ ކާކު ހެއްޔެވެ؟

ދުނިޔޭގެ ފަހު ޒަމާނުގެ ފަހު ދުވަސްތައް ގުނަމުންދާއިރު އަހަރުމެން އިންސާނުން މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މި ކަމުގައި ވަކި ދާއިރާއެއް، ވަކި މީހެއް އިސްތިސްނާ ނުކުރާ އިރު އިންސާނުން ބަދަލުވެފައި މި ވަނީ ނުރަނގަޅު މަގަށެވެ. ނުރަނގަޅު ކަންކަމަށެވެ. ވީއިރު މި ކަމުން ތިމާ ދިރިއުޅޭ މުޖުތަމަޢުއަށް ކުރަނީ ނޭދެވޭ އަސަރުކަން އެނގެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް ހެއްޔެވެ؟

އިތުރު ވާހަކަތަކަކަށް ނުގޮސް ސީދާ މަޢުޟޫއަށް ހިނގާށެވެ. ހަނގާކުރުމާއި އަނެކާއަށް މަލާމާތްކުރުން މިއަދު މި ވަނީ އަހަރުމެން ދިވެހިންގެ ތެރޭގައި ވެސް ނިހާޔަތަށް ހައްދުފަހަނައަޅައިގެން ގޮސްފައެވެ. އަނެކާއާއި ދިމާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަށުވި ބަސްތަކެއް އަމުނަމުންދާއިރު ތިމާގެ ދަރަޖަ މަތިވަނީ ހެއްޔެވެ؟ ބުނެވޭ ބަހަކުން ނުވަތަަ ކިޔޭ މޮޅު ލަފުޒަކުން އަނެކާ ދަށްކޮށް ދެރަކޮށްލުމުން ތިމާއަށް ކުރެވޭ އިހުސާސްތަކަކީ ކޮބާހެއްޔެވެ؟ އުފާވަނީ ހެއްޔެވެ؟ ހިތްހަމަ ޖެހެނީ ހެއްޔެވެ؟ މި ކަމަށް ވުރެން އަނެކާއަށް އިޙްތިރާމް ކުރުން މާ ބުއްދިވެރި ވާނެއެވެ.

މިފަދަ ދަށު ދަރަޖައިގެ ޢަމަލުތަކުން އަނެކާއަށް ކުރާނެ އިޙްސާސްތަކާމެދު ފިކުރު ކޮށްލިން ހެއްޔެވެ؟ މިހިސާބުން ތި އަރައިގަނެވެނީ އަނެކާގެ ހައްޤު ތަކަށެވެ. ތިމާގެ ގަދަކަމާއި މޮޅުކަން މިފަދަ ނާތަހުޒީބު ކަންކަމުގައި ދެއްކުމަށް ވުރެން އެހެން ކަމަކާ އުޅުން މާ އައުލާވެގެންވެއެވެ. އެހެންމީހުން ވެސް ދުނިޔޭގައި އުޅޭކަން ތިބާ ހަނދާނުގައި އަބަދުވެސް ބަހައްޓާށެވެ؟ އެހެންމީހުންގެ ކަންކަން ބަލައި ފާޑުކިޔުމުން ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ނިކުންނާނީ މާހިތި ނަތީޖާއެވެ.

ތިމާ އަކީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހެއްގެ އެހީއަކަށް އެދި އާދޭސް ކުރާނޭ މީހެއް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިއީ ދުނިޔެ ދެކެފައިވާ ހަޤީޤަތެކެވެ. ވީއިރު އެހެން މީހުނަށް ހެޔޮ އެދޭ މީހަކަށް ވުން މާ މަތިވެރިވެގެން ވާނެއެވެ. ތިމާއަށް ލިބޭ ދަރުމަޔާއި ސަވާބު ވެސް އިތުރު ވާނެއެވެ. ދުނިޔެއަށް ތިބާ ފޮނުއްވުނުކަމުގެ މައިގަނޑު އަސާސް ނޭނގޭ ނަމަ ދަސްކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.