ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީގެ ލަވައެއް އާންމުންނަށް ދޫކޮށްލައިފިއެވެ. “ޢާލަމީ ވަބާ”ގެ ނަންދީފައިވާ މި ލަވަ އާންމުންނަށް ދޫކޮށްލާފައިވަނީ މުހައްމަދު އާސިފް (މޮންދުގެ) ފޭސްބުކް އެކައުންޓް މެދުވެރިކޮށެވެ. މިއީ “ޒިންދަގީކޭ ސަފަރުމޭ އަކޭލޭތެ ހަމް” މި ރާގަށް އަޝްރަފް މުދައްރިސް އަމިއްލަފުޅަށް ޅެން ހައްދަވައި، އެބޭފުޅާގެ އަޑުން ވިދާޅުވެފައިވާ ލަވައެކެވެ.

އަޝްރަފް ވިދާޅުވިގޮތުގައި މިފަދަ ލަވައެއް އާންމުންނާ ހަމަޔަށް ގެނެސްދިނުމުގެ މަޤްޞަދަކީ މިހާރު ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުން މިދާ ބަލިމަޑުކަމާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުވުން ކަމަށެވެ. އަދި މި ލަވަ އަކީ ހިތްވަރު އާކޮށްދީ، މި ވައިރަސް ނައްތާލުމަށް އެކުގައި މަސައްކަތް ކުރުމަށާއި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއް ވާކަން ހަނދާންކޮށްދިނުމުގެ މަޤްޞަދުގައި ގެނެސްދެވުނު ލަވައެއްކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.

ޅެންވެރިއެއް ކަމުގައިވާ އަބްދުﷲ ރަޝީދު ވިދާޅުވަނީ މި ލަވަޔަކީ މި ވަގުތު ދިވެހި ގައުމު އޮތް ހާލަތަށް ރިޢާޔަތްކޮށް ދިވެހި ގައުމާ ދިވެހި އަދަބިއްޔާތަށް ލޯބިކުރައްވާ ބޭފުޅަކު ދިވެހި ގައުމަށްޓަކައި ހަދިޔާ ކުރައްވާފައިވާ ހިތުގެ ޝުޢޫރުތަކެއް ކަމުގައެވެ. އަދި މިއަދުގެ ޙާލަތާ މި މަޢުޟޫއާ ގުޅިގެން ޅެމުގައި ވާހަކަތައް އަތުރާލެވިފައި ވުމުގެ އިތުރަށް މި ޅެމަކީ ދިވެހި ޝާޢިރިއްޔަތުގައި ވަރަށް ފުރިހަމަ ޅެމެއްކަމަގައިވެސް އެބޭފުޅާ ވިދާޅުވެއެވެ.

މީސް މީޑިއާއަށް ލަވަ ދޫކޮށްލުމާއިއެކު މި ލަވަޔަށް އަންނަނީ ވަރަށް ގިނަ ބައެއްގެ ތަޢުރީފު ލިބެމުންނެވެ. އެގޮތުން އެބޭފުޅާ އުނގަންނަވައިދެއްވި ދަރިވަރުންނާއި އާއްމުންގެ ގިނަބަޔަކު އަންނަނީ ލަވަޔާ މެދު ޝުޢޫރު ފާޅުކުރަމުންނެވެ. މިހާތަނަށް އަށްހާހަށްވުރެ ގިނަ މީހުން ލަވަ އަޑުއަހާފައި ވާއިރު، ނުވަސަތޭކައަށް ވުރެ ގިނަ މީހުން މިސްމީޑިއާގައި މި ލަވަ ޝެއާރކޮށްފައިވެއެވެ.

“މިއީ، މި ޖީލުގައި އުފަންވި ދިވެހި ލަވަތަކުގެ ތެރެއިން ޒަމާނަށް ދިރި ދެމިހުންނާނެ އެންމެ މޮޅު އެންމެ ރީތި އެންމެ ފުރިހަމަ އެއް ލަވައަށް ވާނެއެވެ. އަޝްރަފްގެ ރަން އަޑުފުޅުން މި ލަވައިގެ ފުރާނަ އެޅިގެންވުމީ، ރީތި ލަވައިގެ ނަސީބުވެސް ގަދަކަމެވެ.” މިސްމީޑިއާގައި އަޝްރަފްގެ މަސައްކަތަށް ތަޢުރީފުކޮށް މީހަކު ބުނެފައި ވެއެވެ.

“މުދައްރިސް އަޝްރަފް ޢަލީ، ވަރަށް ރީތި ލަވައެއް! ވަރަށް އަޑު ރީތި ހަމަ ރީތި ކިޔައިލުމެއް! ވަރަށް އަސަރުގަދަ ޢިލްތިމާސެއް!” ލަވަޔަށް ތަޢުރީފުކޮށް އަޝްރަފްގެ ދަރިވަރަކު ލިޔެފައި ވެއެވެ.

ލަވައެއް ރިކޯރޑު ކުރައްވާ ގެނެސްދެއްވުމަކީ ކޮން ވިސްނުންފުޅެއްގައި ކުރެވުނު ކަމެއްތޯއާމެދު އަޝްރަފްއާ ސުވާލުކޮށްލީމެވެ. އަޝްރަފް ވިދާޅުވީ އާއްމުވެގެން މި އުޅެނީ މި ދުވަސްވަރާގުޅޭ ލަވައެއް ހައްދަވައި މި ލަވަ ކިޔުމަށް ބޭފުޅަކާ ހަވާލުކޮށް، ޅެމުގެ އަސަރުގައި ލަވަ ކިޔާނެގޮތް ބުނެދިނުމަށް ކިޔައިލި އިރު، ހެދި ރެކޯޑިންއެއް ކަމަށެވެ.

ލަވައިގެ ޚާއްޞަ ކަންކަމުގެ ތެރޭގައި ޅެމުގައި ހިމަނާފައިވާ ބަސްކޮށާރާއި ބަސްތައް އަތުރުއްވާފައިވާ ގޮތް ފަހަގަކޮށްލެވެއެވެ. ވަކިން ޚާއްޞަކޮށް އަލަށް ހަދާފައިވާ ލަފުޒުތަކުގެ ތެރެއިން ‘ފައްސި’ އާއި ‘ނައްސި’ އަދި ‘ބިރާސް’ ހިމަނުއްވައިގެން ޖުމްލަތައް ތަރުތީބުކުރައްވާފައިވާ ފުރިހަމަކަން ފާހަގަކޮށްލެވެއެވެ.

އާނއެކެވެ! މި ލަވަޔަކީ ދިވެހި ބަހަށް ލޯބިކުރައްވާ ބޭފުޅެއްގެ ޅެންވެރިކަމުގެ ގަލަމުން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދެއްވާފައިވާ ޝާޢިރީ އިލްތިމާސްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.