ދުނިޔޭގެ އެންމެންގެ ހިތްތަކަށް ސިހުން ގެނުވައިދިން ކޮރޯނާ ވައިރަސް ނޫންނަމަ ކޮވިޑް-19 މި އުޅެނީ އަދިވެސް ފަރެއްގައި ނުޖެއްސިގެންނެވެ. އިންސާނާގެ ހަށިގަނޑު ތެރެއަށް ވަދެ އެފުށް މިފުށަށް ޖަހައި އިންސާނާ ބަލިކޮށްލާއިރު އިންސާނުންނަށް ވުރެން ވިސްނުމުގެ ގާބިލުކަން މި ޒައްރެއްގެ ދިރުމުގައި މާ ތިޔާގީ ހެއްޔެވެ؟

އާދޭހެވެ. އަޅުގަނޑަށް އެންމެ ފުރުތަމަ އިވިގެން ދިޔައީ ކޮރޯނާ ވައިރަސް ގެ ނަމެވެ. ދެން އިވުނީ މި ސޫފީގެ ސަބަބުން ޗައިނާގެ ރައްޔިތުންތަކެއް ނިޔާވަމުންދާ އަޑެވެ. މި ހިތާމަވެރި ލަފުޒުތަކަށްފަހު ދެން އިވިގެން ދިޔައީ މި ޖަރާސީމު ބާރު ދުވެއްޔެއްގައި ދުނިޔޭގެ އެކި ވާދީތަކަށް ދަތުރު ކުރަމުންދާ އަޑެވެ. އެންމެފަހުން މި އޮތީ މި ވައިރަސް މި ދިވެހި ފަސްގަނޑުގައި ވެސް ނިކަން ވަރުގަދައަށް ވަކި ހިއްޕާލާފައެވެ. މިއީ އަދި މަދު ސިކުންތު ކޮޅެއްގެ ހާލަތެވެ.

ކޮރޯނާ ވައިރަސް އޭ ކިޔަން ފެށި ހިސާބުން ދިވެހިރާއްޖޭގެ ސަރުކާރުންގެ މަސައްކަތްތައް މެކުހައްޖަހާލީ އެޔެއްމިޔެއް ބަލައިނުލައެވެ. ޤައުމުގެ ސިއްޚީ ދާއިރާ އޮތީ ހޭވައްލާ ތައްޔާރަށެވެ. މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕޮޓެކްޝަން އޭޖެންސީންގެ މިންނެތް މަސައްކަތްތަކެވެ. ކަމުގެ އެންމެ ފަހުގެ މަޢުލޫމާތާއި އަމަލުތައް ބަހައްޓަން ވީގޮތް އޭގެ އެންމެ ތާޒާކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެކި އެކި މީޑިއާ ތަކުގެ އެހީތެރިކަމެވެ. ރޭޑިއޯތަކާއި ޓީވީ ތަކުގެ އިތުރަށް މީސްމީޑިއާގައި ކެނޑިނޭޅި، މަޢުލޫމާތު ފޯރުކޮށްދިނުމުގައެވެ. މީގެ އިތުރުން ޤައުމުގެ އެހެނިހެން މިނިސްޓްރީތަކާއި ވުޒާރާތަކާއި ޤައުމު ކޮޅަށް ޖަހައިގެން ތިއްބެވި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ނަން ވެސް މި ލިސްޓު ގައި ކުލަގަދަކޮށް ފަވަމެވެ.

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޓީމެއް ކޮވިޑް-19 ޖެހިފައިވާ ބައެއްގެ ކައިރިއަށް ދިއުމަށް ތައްޔާރުވަނީ – ފޮޓޯ: އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ

ހިތްވަރު ގަދަ ޑަކުޓަރުންނާއި ހިތްހެޔޮ ނަރުހުންނަކީ މިއަދު މި ޤައުމުގެ ކޮންމެ ރައްޔިތަކު ޝުކުރު ވެރިވާނޭ ޤައުމުގެ ޙަޤީޤީ ބަޠޮލުންނެވެ. އަމިއްލަ އާއިލާތަކާއި ދިރިއުޅުން ގުރުބާން އެކުރައްވަނީ އެއްވެސް ޝަކުވާއެއް ނެތިއެވެ. އެ ބޭފުޅުންގެ ދިރިއުޅުން ބޮޑު ހިރާސް ކަނޑެއްގެ ތެރެއަށް މި ވައްޓާލަނީ މައުސޫމް އެތަކެއް ފުރާނައެއް ސަލާމަތްކުރުމަށްޓަކައެވެ. ކޮންފަދަ މަތިވެރި ޤުރުބާނީއެއްތޯއެވެ. ހަމަ އެ ބީދައިން ލެބޯރެޓޮރީ ތަކުގައި މަސައްކަތް ކުރާ ބޭފުޅުން ވެސް ހިމަނަމެވެ.

ޖުމުލަ ގޮތެއްގައި މި ކަމުގައި ޝާމިލުވާ ލޮބުވެތި އެންމެހާ ބޭފުޅުންގެ މަސައްކަތްތައް ރަން އަކުރުން މިއަދު ފެވިގެން ދާއިރު މި ފަރާތްތަކަށް ޝުކުރު ވެރިވާނޭ ވަކި މޮޅު އިބާރާތެއް މި ސިކުނޑިއަކަށް ފަހުމެއް ނުވިއެވެ. މިއީ މި ޤައުމު މި ބޭފުޅުން ކޮށަމުން ގެންދާ މަގުތަކަށް ދަރަނިވެރިވެ ޝުކުރުވެރިވާނޭ ހާލަތެވެ. މާތްﷲ އަޅުގަނޑުމެންގެ މި ޚިދުމަތްތެރިންގެ މަސައްކަތްތަކުގައި ކާމިޔާބު މިންވަރު ކުރައްވައި މި ބަލިމަޑުކަން މި ދުނިޔެއިން ނެތި ކުރައްވާށި.

– އާމީން –

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.