ކޮވިޑް 19 އާ ގުޅިގެން މި ހިނގާ މާރޗް މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ކުރުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމައިފިވެ.

މި ނިންމުން ނިންމައިފައި ވާއިރު ސިޔާސީ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިގެ 20 އިންސައްތަ އުނިކުރުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ޚަރަދު ތަކުގެ ތެރެއިން 01ބިލިޔަން ރުފިޔާއާ ހަމައަށް ކުޑަ ކުރުމަށް މިއަދުގެ މަޖިލީހުގައި ވަނީ ކަނޑައަޅާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކާއި ސިނަމާތަކާއި ޕާކްތައް ވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ޓިއުޝަން ސެންޓަރުތަކާއި ގޭގޭގައި ޓިއުޝަން ދޭ ތަންތަންވެސް ވަނީ ބަންދުކުރުމަށް އަންގާފައެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.