15 މާރޗް 2020 އާއި ގުޅޭ….
މަހްރާން ފެނުމަށްފަހު ޒެހެކްއަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން ޚުދު ޒެހެކް ވެސް ގަބޫލުކުރެއެވެ. މަހްރާން އާއެކު ހޭދަކުރެވުނު ދެދުވަސް ހޭދަ ވެގެން ދިޔަ ގޮތެއްވެސް ޒެހެކް އަށް ނޭނގެއެވެ. ހިތް ބުނެއެވެ. މަހްރާންގެ ހިތުގައިވެސް ޒެހެކްއަށް މަގާމެއް ހުސްވެއްޖެއެވެ. ޒެހެކްގެ ޚިޔާލުތަކުގެ ވާފަށް ކަނޑާލީ ރިންގް ވަމުން ދިޔަ އޭނާގެ ފޯނެވެ. ގުޅަނީ މަހްރާންއެވެ.

“ހަލޯ. ބިޒީ ވަގުތެއްތަ؟” މަހްރާން ޖެހިލުންވަނީ ޒެހެކްގެ ހިތް އޮތްގޮތެއް ނޭނގޭތީއެވެ. ގައިމުވެސް ގާތްކަމެއް އުފެދިއްޖެއެވެ. 

“ނޫނޭ.. ކިހިނެއްވީތޯ؟” ޒެހެކްގެ އަމިއްލަ އިހްސާސްތަކުގެ މައްޗައް ގަދަވެގަނެ މާތްކޮށް ވާހަކަ ދެއްކީ ގަސްތުގައެވެ. 

“މާދަން ފުރާތީ.. ދެން ތަންކޮޅެއް ލަހުން ވިޔަސް ހިތައް އެރީ ގުޅާލަން… ” ކުޑަކޮށް ޖެހިލުންވިނަމަވެސް ޒެހެކް އެންމެ ފުރަތަމަ ފެނުނު ހިނދުވެސް މަހްރާންއަށް ޒެހެކް އަކީ ތަފާތު މީހެއްކަން އިހުސާސްވިއެވެ. ދެދުވަސް ތެރޭ ނޭނގިނަމަވެސް ޒެހެކްއާއި ގާތްވެވުނެވެ. ގައިމުވެސް ޒެހެކްގެ ހިތުގައި މަހްރާންއަށް މަގާމެއް ހުސްވެއްޖެކަން މަހްރާން ޔަގީން ކުރިއެވެ. 

“ހެހެ. އާން. ދެން ދާންތާ އައީވެސް. އެހެންވީމަ ދެން ދާނީ ދޯ.. މަހްރާން ކީއްކުރަނީ..” ލެޕްޓޮޕް އެއްކައިރިއަށް ޖައްސާލަމުން ޒެހެކް މަހްރާންއަށް ހުސްވެލިއެވެ.

“މިދަނީ ކޮފީއެއް ނިންމާލާފަ ގެއަށް… ދަމުން ހިތަށްއެރީ ޒެހެކްއާ ދިމާވެލަން.. ވާނެތަ؟” ކުޑަކޮށް ފަސްޖެހިލަމުން މަހްރާން ބުނީ ޒެހެކްވެސް ބޭނުންވާގޮތެވެ. 

“ނިކުންނަންވީ..” އަވަސް އަވަހަށް ޒެހެކް ބުނެލިއެވެ. 

“އުހުން އަހަރެން މިވަންނަނީ.. ލޮބީ އަށް ނުކުމޭ..” މަހްރާން ބޭނުންވީ ޒެހެކްގެ އިތުބާރެވެ. 

ފޯނު ކަނޑާލުމަށްފަހު ޒެހެކް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އައްސާފައި އިން އިސްތަށިގަނޑު ނިއުޅާލިއެވެ. އެއަށްފަހު ލޮބީއަށް ނުކުންނަށް ހިނގައިގަތެވެ. 

ޒެހެކްއަށް ލޮބީއާ ހަމައަށް އާދެވުނު އިރު މަހްރާން ލޮބީއަށް ވަދެގެން އަންނަނީއެވެ. ޒެހެކް ފެނުމާއެކު މަހްރާންއަށް ކުޑަކޮށް މަޑު ޖެހިލެވުނެވެ. ޒެހެކް ހާދަ ރީއްޗެވެ. މަހްރާން ފެނުމާއެކު މަހްރާންގެ ގާތަށް ޒެހެކް އަންނަ ހިނގައިގަތެވެ. އިޚްތިޔާރުން ބޭރުގައެވެ. ބައެއް ފަހަރު ޒެހެކްގެ ހިތަށް އުނދަގޫވެއެވެ. ނޭނގި ނަމަވެސް މަހްރާންއާ ގާތް ވުމަކީ ޒެހެކް ބޭނުންވި ގޮތެއްނޫނެވެ.  

މަހްރާންގެ ހާލަކީވެސް ހަމަ އެއީއެވެ. ބޭނުން ނުވިއަސް ޒެހެކްއާ ގާތްވެވެނީއެވެ. ގުޅެނީއެވެ. ގާތުގައި ހުންނަން ބޭނުންވަނީއެވެ. 

މަހްރާންއާއި އެކީ ހޭދަ ކުރެވުނު ވަގުތުތައް އަރައިގެން ދިޔަގޮތްވެސް ޒެހެކްއަށް ނޭނގުނެވެ. ފާއިތުވީ ކޮންމެ ވަގުތުކޮޅެއް ދެމީހުންގެ އެކުވެރިކަން ދިޔައީ ވަރުގަދަ ވަމުންނެވެ. ބާރަ ޖެހުމާއެކު ބޭނުން ނުވިއަސް ދެމީހުން ވަކިވިއެވެ. ހެނދުނު ފުރުވަން ދާން އަންނާނެކަމަށް ބުނެ މަހްރާން ވަކިވިއެވެ. 

ކޮޓަރިއަށް ވަދެ ނިދަން ތައްޔާރުވެ ފުރަންވާ އިރަށް އެއްޗެހި ދަބަހަށް އަޅާ ތައްޔާރު ކޮށްލުމަށްފަހު އޮށޯއޮތެވެ. އާދައިގެ މަތިން ޝޯޝަލް މީޑިޔާގެ ގަޑި ޖެހުނީއެވެ. އެންމެ ފުރަތަމަވެސް ފޭސްބުކް ބަލާލިއެވެ. ތިން ފްރެންޑްޝިޕް ރިކުއެސްޓް އިނެވެ. މަހްރާން އެޑް ކުރާނެކަމަށް ބުނުމުން އަވަސް އަވަހަށް ބަލާލިއެވެ. އެންމެ ފުރަތަމަވެސް އިނީ މަހްރާންގެ ރިކުއެސްޓެވެ. އެކްސެޕްޓް ކޮށްލުމަށްފަހު ކްލޯޒް ކޮށްލަން އުޅެނިކޮށް އެންމެ ތިރީގައި އިން ނަން އަޅައިގަތެވެ. 

“މައިކަލް ޖޭ ޕާރކިއަންސް” 

އެނަން ޒެހެކް ހަނދާން ނެތޭނީ ކިހިނެތް ހެއްޔެވެ.؟ ޒެހެކް ހުއްޓުން އެރިއެވެ. މުޅި މީހާ ގަނޑުވިއެވެ. ތުރުތުރު އަޅައިގަތެވެ. އަވަސް އަވަހަށް އެ ޕްރޮފައިލް ހުޅުވާލިއެވެ. ޒެހެކްގެ ދެލޯ ބޮޑުވިއެވެ. އާނއެކެވެ. އެއީ މައިކަލްއެވެ. ޕްރޮފައިލް ފޮޓޯގައި އިނީ އެމިލީއާއެކު އިން ފޮޓޯއެކެވެ. ރިލޭޝަންޝިޕްވެސް އިނީ ‘އެންގޭޖް ވިތު އެމިލީ’ ކަމަށެވެ. ހޯސްލާފައި ލޮލުން ކަރުނަ އޮހިގަތެވެ. ޝަކުވާ ކުރަން ބޭނުމެވެ. ނޫނެކެވެ. ބޭނުމެއްނޫނެވެ. މައިކަލް ހުރީ އުފަލުންނެވެ. އެކަން އޭނާގެ ފޮޓޯއިންވެސް އެއިނީ ފެންނާނެވެ. މައިކަލް ބޭނުންވާނީ އޭނާގެ އުފާވެރި ދިރިއުޅުން ޒެހެކް އަށް ދައްކާށެވެ. 

ތިން ދުވަސްވީ އިރުވެސް މައިކަލްގެ ރިކުއެސްޓް ޒެހެކް އެކްސެޕްޓް ނުކުރުމުން މައިކަލް މާޔޫސްވިއެވެ. މައިކަލްގެ އުޅުމަށް ބަދަލެއް އައިސްފިކަން އެމިލީއަށް އެނގުނެވެ. ކުއްލިއަކަށް މައިކަލްއަށް އައި ބަދަލާމެދު އެމިލީއަށް ޝައްކުވިއެވެ. 

“ޔޫގޮޓް ޒެހެކް ބެކް” އެންމެ ފަހުން ކެތްނުވެގެން އެމިލީ އެހިއެވެ.

އެމިލީ ބުނި އެއްޗަކުން މައިކަލްއަށް ކުއްލި ސިހުމެއް ލިބުނެވެ. އެމިލީއަށް ޒެހެކް އެނގުނީ ކިހިނެތް ހެއްޔެވެ.؟ ކޮލެޖްގައި އެކީގައި ކިޔަވަން އުޅުނު އިރުވެސް ޒެހެކްއާއި މައިކަލްގެ ގުޅުން އެހެން އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެމިލީ އަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟

“ވަޓް” މައިކަލް ފުއްމައިގެން ތެދުވިއެވެ. އެއާއެކު އެމިލީ ދައްކާލީ މައިކަލްގެ ފޯނެވެ. ޒެހެކްގެ ޕްރޮފައިލް ހުޅުވާފައި އިންގޮތަށް އިނީއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު މައިކަލްގެ ފޯނު އެމިލީ އަތުން އަތުލުމަށްފަހު މައިކަލް ހިނގަތެވެ. އެމިލީއަށް ދޭނެ އިތުރު ޖަވާބެއް މައިކަލްއަކަށް ނުވިސްނުނެވެ. 

ފަތިސް ނަމާދަށް ބަންގިގޮވިއިރުވެސް ޒެހެކް އިނީ ހޭލައެވެ. އެތައް މަސައްކަތަކުން މަރާމާތު ކުރި ހިތުގައި ރެނދުލައިފިއެވެ. ގިނަ އިރު ރުއިމުގެ ސަބަބުން ޒެހެކްގެ ދެލޯވަނީ ދުޅަވެއެވެ. މުޅިމީހާވަނީ ވަރުބަލިވެ ބަލިވެފައެވެ. 

ފުރަންދާން ނުކުތް ޒެހެކް ފެނި މަލާއަށް ހުއްޓެވުނެވެ. ޒެހެކް ރޭގައި މަހްރާން އާއެކު ލޮބީގައި ހުއްޓާ މަލާއަށް ފެނުނެވެ. މަހްރާން ޒެހެކްއަށް ގޮތެއް ހެދީބާއެވެ. 

“ޒެހެކް… ކިހިނެތްވެފަ ތިހުރީ” މަލާ ހައިރާންވެފައި ސުވާލުކުރި ވަގުތަކީ މަހްރާން އައިސް ހުއްޓުނު ވަގުތެވެ. 

“މައިކަލް..” މަލާއަށް މައިކަލް އެއީ އާ ނަމެއް ނޫނެވެ. ޒެހެކް ބުނި އެއްޗަކުން މަހްރާން ހުއްޓުނެވެ. ރޭގައި މައިކަލްގެ ވާހަކަ ޒެހެކް މަހްރާންއަށް ކިޔައިދިނެވެ. މައިކަލް އައީ ބާވައެވެ. މައިކަލް އަންނަނީ ބާވައެވެ. ޒެހެކްއާއި ވާހަކަ ދައްކަން މަހްރާން އިންތިހާއަށް ބޭނުންވިއެވެ. އެހެންނަމަވެސް ޒެހެކް ހުރީ އެވަގުތު ވާހަކަ ދެއްކޭނެ ހާލަތަކު ނޫނެވެ. ހިތާ ދެކޮޅަށްނަމަވެސް ޒެހެކް ލޯންޗާ ހަމައަށް ގެންގޮސް ލޯންޗަށް އެރުވީވެސް މަހްރާންއެވެ. 

“އަހަރެން އިންތިޒާރު ކުރާނަން” ސަލާންކޮށްލުމަށްފަހު ފައިބަމުން ޒެހެކްގެ ކަންފަތް ކައިރި މަހްރާން ބުންޏެވެ. 

މާލެ ފޭބުމާއެކު ޒެހެކް އަވަސްވީ ގެއަށް ދިޔުމަށެވެ. އިލާން އާއި މިލާން ނުފެނި މިދިޔަ ދެދުވަސް އެކުދިން މަންމައަށް ބޭނުންވާނެވަރު އެންމެފަހަރަކުވެސް އޭނާ ހަނދާންނައްތައެއް ނުލައެވެ. 

އެދުވަހު ޒެހެކް އޮފީހަކަށް ނުދެއެވެ. މަހްރާންއަށް ގުޅަން ބޭނުންވިއެވެ. އެހެންނަމަވެސް ހިތަށް އުނދަގޫވަނީއެވެ. އިލާން އާއި މިލާން އެންމެ ހިނދަކަށްވެސް ދުރަށް ނުދެއެވެ. 

ޒެހެކްގެ ޚަބަރެއް ނުވެގެން މަހްރާން ކަންބޮޑުވެގެން އެންމެފަހުން އޮފީހަށްވެސް ގުޅައިފިއެވެ. އެހެންނަމަވެސް ޒެހެކް އެދުވަހު އޮފީހަކަށް ނުނިކުމެވެ. ޒެހެކް ކޮބައިބާއެވެ. މައިކަލް އައީބާވައެވެ. އެންމެ ދެދުވަހަށްފަހު ރަނގަޅަށް ވާހަކަވެސް ނުދެއްކެނީސް ޒެހެކް ގެއްލުނީބާވައެވެ. 

“ބައްޕީ” މަހްރާން ސިއްސައިގެންދިޔައީ ޔޫވިކް އައިސް މަހްރާންގެ ދެފައިގައި ބައްދައިގަތުމުންނެވެ. 

“ބައްޕީ ޖާން.. ކޮންއިރަކު އައީ.. ކޮބާ މަންމީ.” ޔޫވިކް އަންގާވެސް ނުލައި ކުއްލިއަކަށް އައުމުން މަހްރާން އުފަލުން ފުރުނެވެ.

“އައިމް ހިޔާ.. ސަޕްރައިޒް” 

ކުރިމަތީގައި ހުރި ޔަޝްފީ ފެނިފައި މަހްރާން ހަމަ އަސްލުވެސް ސަޕްރައިޒްވިއެވެ.

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.