‎މިއަދު ދުނިޔެއިން ފެންނަމުން މިދާ ހަގީގަތަކީ އަހަރުމެންނަކީ ކިހައި ނިކަމެތި ބައެއްކަމެވެ. ލޮލަށްނުފެންނަ ކުޑަކުޑަ ވައިރަސްއަކާ ކުރިމަތިލުމުގެ ބާރެއް ނެތް ބައެއްކަމެވެ. މުޅި ދުނިޔެއަށް ޓެކޮނޮލޮޖީގޮތުން ގޮންޖަހަމުން އަންނަ ޗައިނާއަކީ އިޓަލީވިލާތް ފިޔަވައި އެންމެ ގިނަމީހުން މިބަލީގައި މަރުވިއުމެވެ. މުސްލިމު އެތައް ބަޔަކު ހައްޔަރުކޮށް މުސްލިމަކަށްވީތީ އެތައް އަނިޔާއެއްކޮށް ކަރަށް ރާއަޅައި ހަދަމުންދާ ބައެއްގެ ނިކަމެތިކަން މުޅިދުނިޔެއަށް ހާމަވެއްޖެއެވެ. ދުނިޔޭގެ ސުޕަރ ޕަވަރ ކަމަށް ކިޔާ އެމެރިކާއަށްވެސް މިކަމަށް ހައްލެއްހޯދުމަށް ނުކުޅެދި ފިކުރުބޮޑުވާން ޖެހުމުގެ ހެއްކަކީ އެމެރިކާގެ އެންމެ ވަރުގަދަ އެއް މުއައްސަސާ ކަމަށްވާ ޕެންޓަގަން އަށްވެސް މި ކުޑަކުޑަ ވައިރަސް ވަނީ ވަދެފައެވެ. މަތީ މަގާމެއްގައި ހުރި މީހެއް، ނިކަމެއްޗެއް ބެލުމެއްނެތެވެ. ގައުމުތަކުގެ އެންމެ މަތީ ބޭފުޅުންުނުން ފެށިގެން އެންމެއާދައިގެ މީހާއަށް ވެސް މި ވައިރަހުގެ ހުރި ގަދަކަން ދައްކައިލަނީ އެވެ.

އެދުވަހު ހަތްއުޑުމަތިން ބާވައިލެއްވި ކީރިތި ޤުރުއާން ބަދަލުކުރާ ވާހަކަ ދެއްކިއިރު ތިމާމެންގެ ފެންވަރު އިހުސާސްވިތޯއެވެ. މިއަދުމުޅި ދުނިޔެ މި ކުޑަކުޑަ ވައިރަހުން ސަލާމަތް ކުރެވެން އޮތީ ކޮންކަމެއް ކޮށްގެންތޯއެވެ. އެ ވައިރަސް އުފެއްދެވި ފަރާތަށް އަޅަމެން އެންމެން ދެއަތް އުފުލައި ދުއާކުރަންވީއެވެ. އެންމެހައި މަޚްލޫޤުން ދުނިޔެއަށް ފޮނުއްވާ އާލަމްތަކުގެ ވެރި ރައްބަށް ދެއަތް އުފުލައި ގިނަގިނައިން ދުޢާ ކުރަންވީ އެވެ. މުސްލިމުންގެ އެންމެ ވަރުގަދަހަތިޔާރަކީ އެއީއެވެ.

ޔާ ﷲ! ހަމަކަށަވަރުން އަޅަމެން އިބަ އިލާހުގެ ޙަޟްރަތުން މަދަދަށް އެދެމުއެވެ. އަދި އަޅަމެން ފާފަފުއްސެވުން އެދި ދަންނަވަނީ އިބަ އިލާހުގެ ޙަޟްރަތުންނެވެ. އަދި އަޅަމެން އިމާންވަނީ އިބައިލާހަށެވެ. އަދި އަޅަމެން ވަކީލުކުރަނީ އިބައިލާހަށެވެ. އަދި އަޅަމެން އެންމެހާ ރިވެތި ސަނާ ކިޔަނީ އިބަ އިލާހަށެވެ. އަޅަމެން އިބައިލާހަށް ޝުކުރުވެރިވަމެވެ. އަދި އަޅަމެން އިބައިލާހަށް ކުފުރުވެރިނުވަމެވެ. އަދި އިބަ އިލާހަށް އުރެދޭ ފާފަވެރިންނާ އަޅަމެން ދުރުހެލިވެ ގުޅުން ކަނޑައިލަމުއެވެ.

ޔާ ﷲ! އިބަ އިލާހުގެ ނިޢުމަތްތައް ފިލައިގެން ދިޔުމުންނާއި، އިބަ އިލާހު ދެއްވާފައިވާ ދުޅަހެޔޮކަން ބަދަލުވުމުންނާއި، އިބަ އިލާހުގެ ޢަޛާބު ކުއްލިއަކަށް އައުމުންނާއި އިބަ އިލާހުގެ އެންމެހާ ކޯފާއިން، އަޅަމެން ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ.

ޔާ ﷲ! ހަމަކަށަވަރުން އަޅަމެން، ބަރަޞް ބައްޔާއި، މޮޔަވުމާއި، ޖުޒާމު ބައްޔާއި، އެންމެހާ ނުރައްކާތެރި ބަލިތަކުން، ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ.

ޔާ ﷲ! ބަލާވެރިކަމުގެ ދަތިކަމުންނާއި، އަބާއްޖަވެރިކަމުގެ ދަށްކަމުންނާއި، މިންވަރުގެ ނުބައިކަމުންނާ އަދި މިއަޅާގެ ޢަދާވާތްތެރިން މިއަޅާއަށް ދިމާވާ ދެރަކަންތައްތަކާއި އުފާކޮށްހެދުމުން، މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބަ އިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ.

ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ޤައުމު ނުރައްކާތެރި ވައިރަސްތަކުންނާއި، ފަނާކުރަނިވި ބަލިތަކުން ރައްކާތެރިކޮށްދެއްވާނދޭވެ! އޭ ޢާލަމްތަކުގެ ރައްބު! އޭ އޯގާވަންތަ އިލާހު! ޔާ ﷲ! އިބައިލާހުގެ އޯގާވަންތަކަމުން، ކޮރޯނާ ވައިރަސް އަޅަމެންގެ ތެރެއިން ފިއްލަވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.

އަޅަމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތް ލައްވާނދޭވެ. އަދި ގިނަގުނަވެގެންވާ ސަލާމަކުން ޤިޔާމަތާ ޖެހެންދެން އެބޭކަލުންނަށް ސަލާމް ލައްވާނދޭވެ.

އާމީން

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.