ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި ރާއްޖެ އަންނަ އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން
ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް ނިންމާފައިވާކަމަށެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި އަދި މިކަމާއި ގުޅުންހުރި އެންމެހާ ފަރާތްތަކަށް އަންގާކަމަށާއި އަދި މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވައި، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރި ކަމަށްޓަކައި ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، ބުނެވިދިޔަ ޤާނޫނުގެ 33ވަނަ މާއްދާގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް، 12 މާރިޗު 2020 ގައި، މިނިސްޓަރ އޮފް ހެލްތު އިޢުލާނުކޮށްފައިވީ ހިނދު، ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) އާއި، 12 ވަނަ މާއްދާގެ (ނ) ގެ 4 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، އަޅާފައިވާ ފިޔަވަޅެކެވެ.

ކޯވިޑް-19 ފެތުރުނަ ނުދިނުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ‏މާލެ ސަރަޙައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަން ބަންދު ކުރުމަށް ނިންމާ ހަމައެކަނި ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކާ ފަރާތްތަކަށް އެކަނި ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.