ޔުވެންޓަސްގެ ޒުވާން ފޯވާޑް ޕައުލޯ ޑިބާލާ އާއި އޭނާގެ ލޯބިވެރިޔާ ކޮވިޑް-19 އަށް ފައްސި ވެއްޖެ ކަން އޭނާ ވަނީ ޔަގީންކޮށްދީފައެވެ.
އާޖެންޓީނާއަށް އުފަން ޑިބާލާ މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަހަރެން ނާއި އަހަރެންގެ ލޯބިވެރިޔާގެ ޓެސްޓުތަކުގެ ނަތީޖާ ލިބިފައިވާކަމަށާއި އެ ޓެސްޓުތައް ކޮރޯނާ ވައިރަހަށް ފައްސިވެފައިވާކަމަށެވެ. އެހެންނަމަވެސް ދެމީހުންގެ ހާލު ރަނގަޅު ކަމަށް ޑިބާލާ ބަޔާންކޮށްފައިވެއެވެ.
ކޮވިޑް-19 އަށް މިހާރު ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ފައްސި ވެފައިވާއިރު އެ ކުޅުންތެރިންނަކީ އިޓަލީގެ ޑެނިއަލޭ ރުގާނީއާއި ފްރާންސްގެ ބްލައިސް މަޓުއިޑީ އެވެ. މި ތިން ކުޅުންތެރިން ވެސް މިހާރު ތިބީ އައިސޮލޭޝަންގައެވެ.
ޑިފެންޑާ ރުގާނީ އަކީ މި ބައްޔަށް ފައްސިވި ސީރިއާގެ އެންމެ ފުރަތަމަ ކުޅުންތެރިޔާއަށް ވީއިރު އޭގެ ދުވަސް ކޮޅެއް ފަހުން ފްރާންސް ގެ މިޑްފިލްޑާ މަޓުއިޑީ ވެސް ބައްޔަށް ފައްސިވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައިގެ ނަން މަޝްހޫރު ލީގުތައް ހުއްޓުމަކަށް އައިސްފައިވާ އިރު ގިނަ އަދަދެއްގެ ކުޅުންތެރިން ތަކެއް ވެސް މި ބައްޔަށް ފައްސިވެފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.