الحمد لله! މިއަދު މުޅި ދިވެހި ޤައުމަށް ލިބިގެން ދިޔަ އުފާވެރި ޚަބަރުން އުއްމީދުގެ ހުޅުކޮޅު ގަދައަށް ރޯވާން ފެށީއެވެ. ކޮރޯނާގެ ވަބާއިން ސަލާމަތް ވެވޭނެ އައްސޭރިއަށް ދެވޭނެ ކަމުގެ އުއްމީދުތައް ދިވެހިންގެ ހިތްތަކުން ކެކެން ފަށައިފިއެވެ. މިއީ އަޅުގަނޑުމެން މާތް ﷲ ގެ ޙަޟްރަތަށް ޙަމްދުކޮށް ސަނާ ދަންނަވަންވީ ވަގުތެވެ. އާދެ، މުޅި އާލަމް މި ބިޔަ ކަށިކުނބުރު ޖަންގަލިން އަރައިގަތުމަށް އެތައް ހާސް މަސައްކަތްތަކެއް ކުރެވެމުން ދާއިރު މި ދިވެހި ރާއްޖޭގައި މި ނުރައްކާތެރި ރޯގާއަށް ފައްސިވީ މީހުންގެ ތެރެއިން 3 މީހަކު މި ބަލިން ފަސޭހަވީއެވެ. އެހެންނަމަވެސް މިއީ ގަދަ ކަނޑެއްގެ ތެރޭގައި އައި ހިމޭން ވަގުތު ކޮޅަކަށް ވެސް ވެދާނެއެވެ.

މި މަސައްކަތްތަކުގައި ޝާމިލްވާ އެންމެހައި ފަރާތްތަކަށް ޝުކުރުދަންނަވަމެވެ. ވަކިން ޚާއްޞަކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑަކުޓަރުންނާއި ނަރުހުންނަށް މިއަދު ތިޔަ ވެލައްވާ ޤުރުބާނީއަށް ފަށްފަށުން ތަހުނިޔާ މި ދަންނަވަނީ އެންމެ ރިވެތިވީ ވަސްމީރު މާތަކުންނެވެ. މިއަދު ތިޔަ ބޭފުޅުން ހުއްޓުމެއްނެތި ކުރަމުންދާ ބުރަ މަސައްކަތުން ރަމްޒުކޮށްދެނީ ދިވެހި ޤައުމަށް ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވެސް ފަސްނުޖެހި ކެރިގެން ކުރިމަތިލާނޭކަމުގެ އުފާވެރި މަންޒަރެވެ. މި މަންޒަރު ހުއްޓުމެއްނެތި އެ ހިތްވަރާއެކު ފެނިގެންދާނެ ކަމަށް އުއްމީދުކުރަމެވެ.

ދިވެހިރާއްޖެއަކީ އެހެން ޤައުމުތަކާ އެއް ހަމައިން ޓެކްނޮލީގެ ގޮތުން މާކަ ބޮޑެތި އީޖާދުތަކާއި ކުރިއެރުންތަކެއް ހޯދިފައިވާ ޤައުމަކަށް ނުވިޔަސް ކޮރޯނާ ވައިރަހަށް އެންމެ ބޮޑަށް ތައްޔާރު ވެފައިވާ އެއް ޤައުމެވެ. ޤައުމު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އާންމު ރައްޔިތުންނަށް އެއްވެސް އޮޅުވާލުމެއްނެތި ސަރުކާރުން ކުރަމުންދާ މަސައްކަތައް ވަރަށް ވެސް ސަރީޙައެވެ. ބަލީގެ އަސަރު ކިތަންމެ ކުޑ ަމިންވަރަކަށް  ހުރި މީހާއާދޭތެރޭގައްޔާއި ބައްޔަށް ޝައްކު ކުރެވޭ މީހާއާ ދޭތެރޭ އަޅަމުންދާ ފިޔަވަޅު ތަކުން މިކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މި ވަގުތުގައި ވެސް އަޅުގަނޑުމެންނަށް އޮތީ ކުރިއެކޭ އެއްގޮތަށް ރައްކާތެރިކަމުގެ ނިވަލުގައި ތިބެ އެގޮތަށް މަސައްކަތް ކުރުމެވެ. އެއްވެސް ހާލެއްގައި ވައިރަހުގެ ނުރައްކާތެރިކަން ހަދާން ނައްތާލާ ނުލާށެވެ. މީޑިއާތަކުންނާއި އެހެނިހެން ވަސީލަތްތަކުން ފޯރުކޮށްދޭ ސައްހަ މަޢުލޫމާތު އަޑު އެހުމަށްފަހު އެގޮތަށް އަމަލުކުރުމެވެ. ސިއްޚީ ދާއިރާގެ ހީވާގި ބޭފުޅުންގެ މަސައްކަތްތަކަށް ޝުކުރުވެރިވެވޭނެ އެންމެ މޮޅު ގޮތަކީ އެ ބޭފުޅުންގެ އާދޭސްތަކަށް ބޯލެނބުމެވެ. ވީހައިވެސް ބޮޑަށް ތަނުގެ ތާހިރުކަމާއި އަމިއްލަ ނަފްސުގެ ތާހިރުކަން އިސްކުރާށެވެ. ގިނަގިނައިން އަތްދޮވެ ގޭގައި މަޑުކޮށްލާށެވެ. މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމުގެ ތަޖުރިބާކާރުން ގޮވާލާއިރު އެ ބުނަނީ ކޮންމެވެސް މުހިއްމު ސަބަބުތަކެއް ވާތީ ކަން ދަންނާށެވެ. މި ދުވަސްވަރު އިޖުތިމާއީ ގައިދުރުކަން އިސްކުރާށެވެ. މަގުމައްޗަށް ކުޅުޖެހުން ހުއްޓައިލާ، ކެއްސާކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރާށެވެ. މި ކަމުގައި އެއްވެސް ޓިޝޫފަދަ އެއްޗެއް ބޭނުން ކޮށްފިނަމަ އޭތި ކުނިވަށިގަނޑަށްލާން ހަނދުމަފުޅު ބަހައްޓަވާށެވެ. މިއީ ހެލްތު ޕޮޓެކްޝަން އޭޖެންސީން މެދުނުކެނޑި އަޅުގަނޑުމެންނަށް ފޮނުވާ މެސެޖުތަކެވެ.

ދުނިޔެއަށް ވެރިވެފައިވާ ކޮރޯނާ ވައިރަހުގެ އަސަރު ދުނިޔޭގެ އެންމެ ވަރުގަދަ ޤައުމުތަކަށް ވެސް ކޮށްފައިވާއިރު މި ވަބާއަށް އަވަސް ނިމުމެއް އަންނާނެ އުފާވެރި ދުވަހަކަށް މުޅިދުނިޔެ ވަނީ ފޮނި އިންތިޒާރެއްގައެވެ. މި ބަލިމަޑުކަމުން އަޅަމެންނާއި އަޅަމެންގެ ވަތަން ރައްކާތެރި ކުރައްވާށި. އާމީން.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.