ހިސާބު ޢިލްމުގައި ނަވަތަ ބޭޭނުންވާ ފަދައިން، ސައިންސް ކިޔަވާ ދަރިވަރުންނަށް ޕީރިއަޑިކް ޓޭބަލް އަކީ ވަރަށް މުހިންމު އެއްޗެކެވެ. ޚާއްޞަކޮށް އަލްކީމިޔާތު ނުވަތަ ކެމިސްޓްރީ ގެ މާއްދާ އަށެވެ. ސާނަވީ ތަޢުލީމުގައި ސައިންސް ސްޓްރީމް ހަދާކުދިންނަށް ޕީރިއަޑިކް ޓޭބަލް އަކީ ބީރައްޓެހި އެއްޗަކަށް ނުވާާނެ އެވެ. އެ ޓޭބަލްގައި ހިމެނޭ އިލެމެންޓް (އެންމެ ލުއި މާއްދާ) ތަކާއި، އެ އުންސުރުތައް ތަރުތީބު ކުރެވިފައިވާ ގޮތާއި، ލިބިފައިވާ ޚާއްޞަ ސިފަތައް ފަދަ އެތައްކަމެއް އެނގޭނެ އެވެ.

ޕީރިއަޑިކް ޓޭބަލް އިން އަހަރެމެން ބަލަނީ ކެލްސިއަމް، އަޔަން އަދި ކާރބަން ފަދަ ބައެއް ޢާއްމު އިލެމެންޓް ތަކެއް ނަމަ އޭގެ ބޭނުންތަކާއި ޚާއްޞަ ސިފަތައް ބުނެދޭން ފަސޭހައިން އެނގޭނެ އެވެ. އެހެނަސް، ބައެއް އިލެމެންޓް ތަކަކީ އެއާއިމެދު އެހާ ބޮޑަށް ސާފު މަޢުލޫމާތު ލިބިފައި ނުވާ އިލެމެންޓެވެ. މިސާލަކަށް ކްރިޕްޓަން އާއި އެންޓިމޮނީ ފަދަ ބައެއް އިލެމެންޓް ތަކެއް ނަމަ، އެ އިލެމެންޓްތައް އަދާކުރާ ރޯލު އެނގޭނެ ހެއްޔެވެ؟ ވެނޭޑިއަމް ނުވަތަ ރުދޭނިއަމް، ޢަމަލީގޮތުން ބޭނުންކުރަނީ ކޮންކަމަކަށް ކަން ބުނެދޭން އެނގޭނެ ހެއްޔެވެ؟

ކަންބޮޑު ނުވާށެވެ. އަދުގެ ކިޔަވާކުދިންނަކީ ވަރަށް ނަސީބު ގަދަ ބައެކެވެ. އެމެރިކާގެ ކޮލޮރާޑޯ އަށް އުފަން، ކީތު އެނަވޯލްސަން Keith Enevoldsen މިވަނީ އޭނާގެ ވެބްސައިޓެއް ކަމަށްވާ އިލެމެންޓްސް.ވްލޮންކް.ކޮމް ގައި ވަރަށް ފައްކާ ޕީރިއަޑިކް ޓޭބަލް އެއް ޝާއިޢުކޮށްފަ އެވެ. މި ޕީރިއަޑިކް ޓޭބަލްގައި ކޮންމެ އިލެމެންޓަކަށް މަދުވެގެން އެއް މިސާލު ދީފައި (ޤުދުރަތީގޮތުން ލައްވަވާފައި ނުވާ އާދަޔާ ޚިލާފު ބަރު އިލެމެންޓް ތައް ފިޔަވައި) ވެއެވެ.

އެ ޓޭބަލްއަށް ބަލައިލާއިރު، ތޫލިއަމް ގެ ބޭނުމަކަށް ބުނެފައިވަނީ ލޭޒަރ އިން ލޮލުގެ ސާރޖަރީކުރުމަށް ބޭނުންކުރާ ކަމަށެވެ. ސީރިއަމް ބޭނުންކުރަނީ ލައިޓަރުގެ ހިލަ ހެދުމަށެވެ. ކްރިޕްޓަން ބޭނުންކުރަނީ ފްލޭޝް ލައިޓް ގައެވެ. ސްޓްރޯންޓިއަމް ބޭނުންކުރަނީ ހަވާއެރުވުމަށެވެ. ޒެނޮން ބޭނުންކުރަނީ ލައިޓްހައުސް ތަކުގައި ބޭނުންކުރާ އަލިގަދަ ބޮކީގަ އެވެ.

އަދި އެމެރިކާ މީހުން އެ އިލެމެންޓަކާއި މެދު ފަޚްރުވެރިވާ، އެމެރިކާގެ ނަމުން ނަންދީފައިވާ އިލެމެންޓް، އެމެރީސިއަމް ބޭނުން ކުރަނީ ސްމޯކް ޑިޓެކްޓަރ (އަލިފާނާއި ދުމުގެ އަސަރު ދެނެގަންނަ އާލާތެއް) ގައެވެ. އެމެރީސިއަމް އެއްމެ ކުރިން ހޯދިފައިވަނީ 1945 ވަނަ އަހަރު މެންހަޓަން ޕްރޮޖެކް ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ތެރެއިންނެވެ. އެމެރީސިއަމް އުފެއްދުނީ ނިއުކްލިޔާ ރިއެކްޓަރ އެއްގެ ތެރޭގައި ޕްލޫޓޯނިއަމް އާއި އެޓަމް ނުވަތަ ޒައްރާގެ ނިއުކްލިއަސް ތެރޭގައި ހުންނަ ނިއުޓްރޯންސް ތައް ބޮމްބާރޑް bombard ކޮށްގެންނެވެ.

އެގޮތުން އުފެއްދުނު އެމެރީސިއަމް އަކީ ރޭޑިއޯއެކްޓިވް އެއްޗެކެވެ. އެހެންކަމުން ސްމޯކް ޑިޓެކްޓަރ ތެރޭގައި އެމެރީސިއަމް ޑައިއޮކްސައިޑް Americium Dioxide (AmO2) ބޭނުންކުރުމުން އެއިން އަލްފާ ރޭޑިއޭޝަ އުފައްދަ އެވެ. މި އަލްފާ ރޭޑިއޭޝަން އަކީ ވަރަށް ހުޝިޔާރުކަމާއެކު އަލިފާނުގެ ވަސް ދެނެގަތުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. އަދި މީގައި ހުންނަ ރޭޑިއޭޝަނަކީ އޭގެ އަސަރު ސުމެއްގެ މިންވަރަށްވެސް މީހުންނަށް ނުކުރާނެ އެއްޗެކެވެ.

ރުބީޑިއަމް އަކީ ކޮން އެއްޗެއްކަމާއި އެއިން ކުރާ ހުރިހައި ބޭނުމަކާއި ޚާއްޞަކޮށް ރުބީޑިއަމް ބޭނުންކޮށްގެން ދުނިޔޭގައި މިހާތަނަށް އުފައްދާފައިވާ ވަގުތު ނުވަތަ ގަޑިބަލާ އާލާތް އުފައްދާފައިވާގޮތްވެސް ކިޔާލަދޭން ބޭނުންވެ އެވެ. އަދި ނިއޯބިއަމް ގެ އެހީގައި އާދަޔާޚިލާފު ބާރުމިނެއްގައި ރޭލު ދަތުރުކުރަނީ ކީއްވެގެންކަންވެސް ބުނެދޭން ބޭނުމެވެ. އެހެނަސް މި މަޢުޟޫގައި މާގިނަ ހާސަރުތަކެއް ނުދަމާ ޕީރިއަޑިކް ޓޭބަލްގެ ވާހަކައަށް ޖެހިލާނަމެވެ.

މިތަނުގައި ޕީރިއަޑިކް ޓޭބަލްގެ ފޮޓޯއެއް ހިމަނާލިނަމަވެސް، އަމިއްލަފުޅަށް މީގެ އަސްލު އިންޓަރެކްޓިވް ޕީރިއަޑިކް ޓޭބަލް ބައްލަވާލައްވާށެވެ.

ކުލާސް ކޮޓަރި ނުވަތަ ގޭގެ ކޮޓަރި ތެރޭގައި ތަތްކޮށްފައި ބެހެއްޓުމަށް ނުވަތަ ކުލާހުގައި ކިޔަވައިދިނުމަށް މި ޕީރިއަޑިކް ޓޭބަލްގެ ކޮޕީއެއް ބޭނުންފުޅުނަމަ ޕީޑީއެފް ކޮށް ޑައުންލޯޑް ކޮށްލައްވާށެވެ.

އަދި މި ޕީރިއަޑިކް ޓޭބަލް ބެއްލެވުމަށްފަހު، ތިބާ އަށް ސައިންސް ގެ ހާށަވިޔަނި ހަނދާނުން ކޮށިވެފައި ވާކަމަށް ހީވެލައްވާނަމަ އެސަޕްސައިންސް ގެ AsapSCIENCE’s ޕީރިއަޑިކް ޓޭބަލް ލަވަ ބައްލަވާލައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.