ދިވެހިންނަށް އަބަދު ދިވެހިންގެ އުނިސިފަ ފެނި އަބަދުމެ އަމިއްލަ ގައުމާއި އަމިއްލަ ގައުމުގެ ރައްޔިތުންގެ ކަމުނުދާ ކަންކަން ފެންނަނީ ކީއްވެބާއެވެ؟ ދިވެހިންނަކީ ހަމަ އެހާ ކަމުނުދާ ސިފަތަކެއް ހުރި ބަޔަކީބާއެވެ؟
އަބަދުމެ މިގޮތަށް އަޅުގަނޑުމެންގެ ރައްޔިތުންގެ ކިބައިން މިކަހަލަ އަޑުއިވުމަކީ ދިވެހިރައްޔިތަކަށް ވީތީ ލަދުވެތިވުން ނޫންބާއެވެ؟ އަޅެ ދިވެހިންގެ ގައިގައިހުރި ރަނގަޅު ކަންކަމުގެ ވާހަކައާ ކަމުނުދާ ކަންކަމުގެ ލިސްޓެއް ހަދާލައިގެން ބުރަވާކޮޅެއް ބަލައިލި މީހަކު އެބަހުރިހެއްޔެވެ؟ އަޅުގަނޑު ހަމަ ގައިމުވެސް ދިވެއްސަކަށް ވީތީ ފަޚުރުވެރިވަމެވެ. ސަބަބުތަކެއްވެސް ހުރީމައެވެ.
އެވޭލާ ޒަމާނުގައި އެހެން ޤައުމުތަކުގެ މީހުން ލިޔެފައި ހުންނަ ފޮތްތަކުން ދިވެހިން ސިފަކޮށްފައި އޮންނަގޮތުން ދިވެހިންނަކީ ވަރަށް ހިތްހެޔޮ، މެހެމާންދާރީ އަދާކުރުމުގައި ވަރަށް ފުރިހަމަ ބައެކެވެ. މި ދެންނެވީ އެވޭލާ ޒަމާނުގެ ވާހަކައެވެ. މިއަދުވެސް އެކަން އަޅުގަނޑުމެނަށް ފެނެއެވެ. ތަފާތަކީ މިއަދު ބޮޑަށް ވައިރަލްވަނީ ދިވެހިންގެ ފަރާތުން ފެންނަ މަދު އުނިސިފަތަކުގެ ވާހަކަތަކެވެ. އެންމެ މީހެއްގެ ފަރާތުން ފެންނަ ކަމަކީ މުޅި ދިވެހިންގެ ގޮތޭ ބުނުމަކީ ބޭއިންސާފެކެވެ.
ދިވެހިންނާއި މި ސަރަހައްދުގެ އެހެން ޤައުމުތަކުގެ މީހުންނާ އަޅައި ބަލާއިރު ދިވެހިންނަކީ ސާފުތާހިރު ބައެއްކަން ގަބޫލު ކުރެވޭހެއްޔެވެ؟ ދިވެހީންގެ އާންމު ދިރިއުޅުމާމެދު ވިސްނައިލިޔަސް އެކަން ފެންނާނެއެވެ. އެކަމާ ހަމަގައިމުވެސް އަޅުގަނޑު ފަޚުރުވެރިވަމެވެ. އެކަމު މިހާރުވެސް ސާފުތާހިރުކަން އެންމެ ރަނގަޅޭ، އެންމެ ފުރިހަމައޭ ނުދެންނެވިދާނެވެ.
އަޅުގަނޑުމެންނަކީ ވަސީލަތްތަކުގެ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ގައުމެއް ނޫނެވެ. މުއްސަނދި ޤައުމެއް ނޫނެވެ. އެހެންނަމަވެސް އެހެން ގައުމުތަކަށް ދިމާވާ ބޮޑެތި ކާރިސާތަކުގައި އެހީތެރިވުމުގެ ގޮތުން އާންމު ރަޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން، ތަފާތެއް ނޫންތޯއެވެ؟ އެހެން ބޮޑެތި ޤައުމުތަކުން އެޤައުމުގެ ސަރުކާރުން ރާއްޖެއިން ދޭ އެހީތެރިކަމުގެ ބަދަލުގައި އަޅުގަނޑުމެންގެ ޤައުމުން އެކަންކަން ކޮށެއްނުދެއެވެ. އެކަމު ވަކިވަކި ފަރުދުންގެ ޖީބުން އަޅުގަނޑުމެންގެ ފެންވަރުން އެދޭ އެހީއަކީ ދިވެހިންގެ އިހުސާންތެރިކަމުގެ ފުރިހަމަ ހެއްކެކެވެ. އެކަމަށްޓަކައި އަޅުގަނޑު ފަޚުރުވެރިވަމެވެ.
ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖެ އަންނަނީ މިގައުމުގެ ރީތި ގޮނޑުދޮށްތަކާ، ކަނޑުއަޑީގެ މަނޒަރުތައް ބަލާށެވެ. އެހެން ނަމަވެސް އެ ފަތުރުވެރިންނަށް ޚިދުމަތްދޭން ތިބޭ ރޫމްބޯއީންނާއި ވޭޓަރުންނާ އެހެނިހެން ސްޓާފުންގެ އޯގާތެރިކަމާއި އިހްތިރާމް ނުލިބި މާލޭ ހޮޓާތަކުގައި އުޅޭ ބިދޭސީން ގޮތަށް ކަންކަންކުރާނަމަ އެ ފަތުރުވެރިން ދެވަނަ ފަހަރަށް މިޤައުމަށް އަންނާނެތޯއެވެ؟ އަޅުގަނޑުމެންގެ ‘ރިސޯޓްބޯއީސް’ ގެ އެމަސައްކަތަށް އަޅުގަނޑު ފަޚުރުވެރިވަމެވެ.
މީގެ ދުވަސްކޮޅެއް ކުރިން ފަތުރުވެރިއްގެ ދަބަހެއް ޓެކްސީއެއްގެ ތެރޭގައި ބޭއްވިގެން އެފަތުރުވެރިޔާ ހަދާނެގޮތް ހުސްވެފައި ހުއްޓާ ޓެކްސީޑްރައިވަރު އެއާރޕޯޓަށް ގޮސް އެ ދަބަސް ހަވާލުކޮށްދީގެން އެވާހަކަ ޓުވިޓަރގައި ވެސް އުޅުނެވެ. އެކަމާ އަޅުގަނޑުމެން ފަޚުރުވެރި ވާކަށް ނުޖެހޭހެއްޔެވެ؟
ޤައުމަށް ދިމާވާ ބޮޑު ކޮންމެ ކަމެއްގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަމަކީ ހަމަ ފަޚުރުވެރިވާ ވަރު ކަމެއް ނޫންތޯއެވެ؟ ސުނާމީ ކާރިސާއާއި މާލޭގައި ހިނގި އަލިފާނުގެ ހާދިސާތަކަށް އެކަނި ފިކުރެއް ހިންގައިލިޔަސް މި ދެންނެވި ކަންކަމުގެ ހެއްކަކަށް ފުދެއެވެ.
ދިވެހިންނަކީ ކިޔަމަންތެރިބައެއް ކަން މިހާރު ދިމާވެގެން މިއުޅޭ ކޮވިޑް-19ގެ ކަންތަކުން ވަރަށް ރީތިކޮށް ފެންނަމުން އެބަދެއެވެ. ކާރޫބާރޫ ބޮޑު މާލޭގެ މަގުތަކުން އެކަނިވެސް އެކަން ހާމަވެއެވެ.
މި ދެންނެވި ކަންކަމަކީ ދިވެހިން ދިވެހިންނާމެދު ފަޚުރުވެރިވާންޖެހޭ ކަންތައްތައް ނޫންތޯއެވެ؟ ވިސްނާލުމުން ދިވެއްސަކަށްވީތީ ފަޚުރުވެރިވާން ޖެހޭ އެތަކެއް ކަމެއް ފެންނާނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 އޭޕްރިލް 2020ރިޕޯޓްއަޅުގަނޑުމެންގެ ކިބައިން މުޅި ޤައުމު އެދެނީ ގޭގައި މަޑުކޮށްލުމަށް!
- 12 އޭޕްރިލް 2020ރިޕޯޓްމިނިވަންކަމަކީ ކޮބައިތޯއެވެ.
- 22 މާރޗް 2020ރިޕޯޓްވިސްނާލާ! ދިވެއްސަކަށްވީތީ ފަޚުރުވެރިނުވޭތޯ؟
- 21 މާރޗް 2020ރިޕޯޓްކޮރޯނާވައިރަހުން ރައްކާތެރިކަން ލިބުމަށް އެދި ދުޢާކުރަމާތޯއެވެ.