ހޫނު ސަރަޙައްދުތަކުގައި ކޮރޯނާ ވައިރަސް ފެތުރުން ލަސްވެދާނެ ކަމަށާއި، ނަމަވެސް އެއްކޮށް މަޑު ނުޖެހޭނެ ކަމަަށް ސައިންސުވެރިން ބުނެފިއެވެ.

އެމެރިކާގެ “މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ” ގެ ސައިންސުވެރިން ހެދި ދިރާސާ އަކުން ދައްކާގޮތުގައި “ނޮވެލް ކޮރޯނާ ވައިރަސް” ނުވަތަ “ކޮވިޑް-19” އެންމެ ބާރުމިނުގައި ފެތުރެނީ ފިނިހޫނުމިން 3 ޑިގްރީ އާއި، 17 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ހުންނަ ސަރަޙައްދުތަކުގައެވެ. ފިނިހޫނުމިން 18 ޑިގްރީ ސެލްސިއަސް އަށްވުރެން މަތީގައި ހުންނަ އިކުއެޓޯރިއަލް ސަރަޙައްދުތަކުން ރިޕޯޓުކޮށްފައިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ 6 އިންސައްތަ ކޭސްތަކެވެ. އެހެންކަމުން މިއީ ހޫނު ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް މި ވައިރަސް ފެތުރުން ހުއްޓުވުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެކެވެ.

“ފިނިހޫނުމިން ދަށް ސަރަޙައްދުތަކުގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އައީ ވަރަށް ބާރުމިނުގައި އިތުރުވަމުން.” މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގެ ކޮމްޕިއުޓޭޝަނަލް ސައިންޓިސްޓު އަދި މި ދިރާސާގެ އެންމެ އިސްކޮށް އުޅުނު އެއް ފަރާތްކަމުގައިވާ ޑރ. ޤާސިމް ބުޚާރީ ބުނެފައިވެއެވެ.

“ޔޫރަޕަށް ބަލާލުމުން މިކަން އެނގިގެންދާނެ. އެމީހުން އަތުގައި ދުނިޔޭގެ އެންމެ ޒަމާނީ ވަސީލަތްތައް އެބަހުރި. އެމެރިކާ އަށް ބަލާލުމުން ވެސް މިކަން އެބައެނގޭ. ވޮޝިންޓަން، ނިއުޔޯކް އަދި ކޮލޮރާޑޯ ފަދަ ފިނި ސަރަޙައްދުތަކާއި އަޅާބަލާއިރު، ދެކުނު އަވަށްތައް ކަމުގައިވާ އަރިޒޯނާ، ފްލޮރިޑާ އަދި ޓެކްސަސް ފަދަ ހޫނު ސަރަޙައްދުތަކުގައި ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު މަދު.” ޑރ. ބުޚާރީ އިތުރަށް ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސް އާއި ބެހޭގޮތުން މިފަދަ އެހެން ދެ ހޯދުމެއް ސްޕެއިން އަދި ފިންލޭންޑުގެ ސައިންސުވެރިން ވެސް ހޯދާފައިވެއެވެ. އެމީހުންގެ ހޯދުންތަކުން ވެސް ދައްކާގޮތުގައި ފިނިހޫނުމިން 2- ޑިގްރީ އާއި، 10 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ހުންނަ ސަރަޙައްދުތަކުގައި މި ވައިރަސް ފެތުރޭ މިންވަރު އިތުރެވެ.

ކަންމިހެން އޮތްނަމަވެސް، މި ނުރައްކާތެރި ވަބާ ފެތުރުން ހުއްޓުވާ އޭގެއިން ސަލާމަތްވުމަށް ގިނަ ފިޔަވަޅުތައް އަޅަން ޖެހޭކަމަށާއި، ހޫނު ސަރަޙައްދުތަކުގައި މި ވައިރަސް ފެތުރޭ މިންވަރު ލަސްވި ނަމަވެސް، އޭގެ މާނަ އަކީ އެ ސަރަޙައްދުތަކުގައި މި ވައިރަސް ނުފެތުރޭނެ ވާހަކަ އެއް ނޫންކަމަށް ވެސް ޑރ. ބުޚާރީ ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.