މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބޮޑު ވަބާ، “ނޮވެލް ކޮރޯނާ ވައިރަސް” ނުވަތަ “ކޮވިޑް-19” އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީ އަށް އެހީވުމަށްޓަކައި ކިއުބާ ގެ ޑޮކްޓަރުންނާއި، ނަރުހުންގެ ޓީމެއް އެ ޤައުމަށް ގޮސްފިއެވެ.

ކެރީބިއަން އަށް ނިސްބަތްވާ ކިއުބާ އިން ކޮރޯނާ ވައިރަހާ ހަނގުރާމަ ކުރުމަށް އެގައުމުގެ ހުދު ހެދުން އެޅި ފައުޖު ފޮނުވާފައިވަނީ އިޓަލީގެ އެންމެ ޙާލަތު ގޯސްވެފައިވާ ލޮމްބާޑީ އަށެވެ. ހެެއިޓީ ގައި 2010 ވަނަ އަހަރު ފެތުރުނު ކޮލެރާ އާއި، އެފްރިކާގައި 2010 ވަނަ އަހަރު ފެތުރުނު އެބޯލާ ނައްތާލުމަށް ކިއުބާގެ ޑޮކްޓަރުންގެ ޓީމެއް އެންމެ އިސް ސަފުގައި މަސައްކަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އިޓަލީ އަށް ދިޔަ ކިއުބާގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމު / ފޮޓޯ: ރޮއިޓާސް

އާންމުކޮށް ފަގީރު އަދި ކުދި ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކިއުބާ އިން އިޓަލީ ކަހަލަ ކުރިއަރާފައިވާ މުއްސަނދި ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދިން މިއީ ފުރަތަަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މިއީ ފާއިތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ކިއުބާ އިން ކޮރޯނާ ވައިރަހާ ދެކޮޅަށް އެހެން ޤައުމުތަކަށް އެހީވުމަށް ފޮނުވި ހަވަނަ ޓީމެވެ. އެ ޤައުމުން ވެނެޒުއޭލާ، ނިކަރަގުއާ، ޖަމެއިކާ، ގްރެނާޑާ އަދި ސުރިނާމް އަށް މީގެކުރިން ސިއްޙީ މާހިރުންގެ ޓީމެއް ވަނީ ފޮނުވާފައެވެ.

“އަހަރެމެން އެންމެން މިތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި. އެކަމަކުވެސް އަހަރެމެން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކެއް އެބައޮތް. އެހެންކަމުން ބިރު ނަގާފައި އެއްފަރާތެއްގައި މި ބޭއްވީ.” ކިއުބާގެ ޑޮކްޓަރުންގެ ޓީމުގެ އިންޓެންސިވް ކެއަރ ސްޕެޝަލިސްޓް ލިއޮނާޑޯ ހެނާންޑެޒް ރޮއިޓާސް އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވެއެވެ.

“ތިމަންނަ ބިރެއް ނުގަނެއޭ އެއްވެސް މީހެއް ބުނެފިނަމަ، އެމީހަކީ ސުޕަރ ހީރޯ އެއް. އެކަމަކު އަހަރެމެންނަކީ ސުޕަރ ހީރޯސް އެއް ނޫން. އަހަރެމެންނަކީ ރިވޮލިއުޝަނަރީ ޑޮކްޓަރުން.” ލިއޮނާޑޯ އިތުރަށް ބުނެފައިވެއެވެ.

އިޓަލީ އަކީ ކޮރޯނާ ވައިރަސް އެންމެ ބާރުމިނުގައި ފެތުރެމުންދާ އަދި އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ފޯރާފައިވާ ޤައުމެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން އެ ޤައުމުން މިހާތަނަށް ގާތްގަނޑަކަށް 3095 މީހުން މަރުވެ އެތައް ހާސް ބަޔަކު ވަނީ އެ ވައިރަހަށް ފައްސިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.