ޗައިނާގެ އުއިޣޫރު މުސްލިމުން އުޅޭ ސަރަހައްދުގައި މޫނުބުރުގާ މަނާކޮށްފި.
ޑެންމާކުގައި އާންމު ތަންތަނުގައި މޫނުބުރުގާ އެޅުން މަނާކޮށްފި.
މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ނުނިކުތުމަށް މަތިވެރި ޓީޗަރަކަށް އަންގައިފި.
ކުނަހަންދޫ ސްކޫލުގެ ޓީޗަރަކު މޫނުބުރުގާ އަޅާތީ ވަޒީފާއިން ވަކިކޮށްފި.
މިއީ މި މައުޟޫގައި ދިވެހި ނޫސްތަކުން ފެނިގެން ގޮސްފައިވާ ސުރުޚީތަކުގެ ތެރެއިން މަދު މިންވަރެކެެވެ. ނިވާވެތިބުމުން ލިއްބައިދޭ ރައްކާތެރިކަން މިއަދު މުޅިދުނިޔެ މިދަނީ ތަޖުރިބާ ކުރަމުންނެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ގިނަބަޔަކު އެކަމުން ރައްކާތެރިވުމަށްޓަކައި މުޅިހަށިގަނޑު ނިވާކޮށްގެން އުޅޭތަން ފެނުމުން ވަރަށް ގިނަ ހަނދާންތަކެއް ކުރުވައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފުރިހަމަ ނިވާވުމަކުން އިސްލާމީ ހިޖާބުން ނިވާވެ މޫނުބުރުގާއަޅައިގެން އުޅޭ އުޚްތުންނަށް މި ސައްތައިންސައްތަ އިސްލާމީ ޤައުމު ވެސް ހިމެނޭހެން އެކިއެކި ޤައުމުތަކުން ކުރިމަތި ކުރުވި ފިއްތުން ތަކުގެ ސަބަބުންނެވެ. ކުރި ޖެއްސުމާއި ދިން ނިކަމެތިކަމާއި ކުރި މަލާމާތުގެ ސަބަބުންނެވެ. ޤައުމެއްގައި ޖިންސާއި ޓީޝާޓުލައި “ބެކްޕެކް” އަޅައިގެން ހުރި މީހަކުދިން ޓެރެރިސްޓު ހަމަލާއާއި ގުޅިގެން ވެސް މަނާވީ މޫނުބުރުގާއެވެ. ނުވަތަ ގަޔަށް ދޫ އިސްލާމީ ވަންތަ ހެދުމެވެ.

ވިސްނާލަމާ ހިނގާށެވެ. ހާލަތާއިމެދު ފިކުރުކޮށްލަމާ ހިނގާށެވެ. މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމަށްޓަކައި މަގުމަތީގައި އުޅޭ ގިނައަދަދެއްގެ މީހުން ވެސް އަނގަަމަތީ މާސްކު އަޅައިގެން އުޅެއެވެ. މޫނުބުރުގާއެޅި އުޚްތަކާއި މާބޮޑު ތަފާތެއް ނުހުރެއެވެ. މި ބައްޔަށް ފަރުވާދޭ ޑަކްޓަރުންނާއި އަދި މި ނޫނަސް މި ވައިރަސްގެ އަސަރު ކޮށްފައިތިބޭ މީހުންނާއި ކައިރިވާ އެންމެން ތިބެނީ ލޯވެސް ނުފެނާނޭހެން މުޅިހަށިގަނޑު ނިވާކޮށްގެންނެވެ. މި ބަލި ޖެހިފައިވާ މީހުން ބޭނުންވަނީ ބަލިން ފަސޭހަވުމެވެ. ފަރުވާ ދިނުމަށްޓަކައި އަންނަ ޑަކްޓަރުގެ އައިޑެންޓިޓީ ނޭނގިގެން ނުވަތަ މޫނު ނުފެނިގެން ބަލިމީހުން އެ ޝަކުވާއެއް ނުކުރެއެވެ. އެކަން މައްސަލައަކަށް ވެގެން ބަޔަކު ނޫޅެއެވެ. މިކަމުން އެނގި ހާމަވެގެންދަނީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމްތަކާއިމެދު ކާފަރުން އަބަދު ވެސް ނުރުހޭނެކަމެވެ. މިއީ މުސްލިމުން ދެނެގަންނަން ޖެހޭ އެންމެ ބޮޑު އެއް ހަޤީޤަތެވެ. އިސްލާމީ ޝަރީއަތަށް އަމަލު ކުރުމަށް އިންކާރު ކުރުމުގެ އިތުރުން ފުރިހަމަ މުސްލިމެއްގެ ގޮތުގައި މީހަކު ހުރުމަކަށްވެސް އެބައިމީހުން ނުރުހޭނެއެވެ. ﷲ ތަޢާލާ ގެ ވަހީ ބަސްފުޅުގައިވެއެވެ. ” وَلَن تَرْ‌ضَىٰ عَنكَ الْيَهُودُ وَلَا النَّصَارَ‌ىٰ حَتَّىٰ تَتَّبِعَ مِلَّتَهُمْ ۗ قُلْ إِنَّ هُدَى اللَّـهِ هُوَ الْهُدَىٰ ۗ وَلَئِنِ اتَّبَعْتَ أَهْوَاءَهُم بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ ۙ مَا لَكَ مِنَ اللَّـهِ مِن وَلِيٍّ وَلَا نَصِيرٍ‌ (سورة البقرة ١٢٠) މާނަ : ” އަދި ޔަހޫދީންވެސް އަދި ނަޞާރާއިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢުވެވަޑައިގެންފުމަށް ދާންދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ﷲގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ ހަވާނަފްސުގެ އެދުންތަކަށް ކަލޭގެފާނު ތަބަޢު ވެވަޑައިގެންފިނަމަ ﷲ ގެ ހަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަސްރުދޭނޭ މީހަކުވެސް ނުވާނެތެވެ.

އިސްލާމީ ޝަރީއަތަކީ ޒަމާނަށް ނުފެތޭ ޝަރީއަތެއްކަމަށާއި އަދި އެ ޝަރީއަތަކީ އިންސާނީ ހައްޤުތަކާއި ފުށުއަރާ އެއްޗެއްކަމުގައި މުސްލިމުންނަށް ވިސްނައި ދިނުމުގައި ޣައިރު މުސްލިމުން ތާއަބަދު މަސައްކަތް ކުރަމުންދެއެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމުގައި ތާއަބަދު އުޅޭ މީހުން ބުނާގޮތުގައި އެ މީހަކު ބޭނުން ހެދުމެއް ލައިގެން އުޅެންވީއެވެ. އެއީ މިނިވަންކަމެވެ. ނަމަވެސް މޫނުބުރުގާ ފިޔަވައެވެ. ނުވަތަ އިސްލާމީ ވަންތަ ހެދުންތައް ފިޔަވައެވެ. އެއީ އަޅެ ކޮންކަހަލަ އިންސާނީ ހައްޤެއްބާއެވެ.

އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެކެވެ. މި ދީނުގައި އިންސާނާގެ ހަޔާތަށް ބޭނުންވާނޭ އެންމެހާ ކަންކަން ބަޔާންކުރައްވާފައިވެއެވެ. މިގޮތުން އުޚްްތުންގެ ހެދުން ބަހައްޓަންކުރަން ޖެހޭނެ ގޮތުގެ އިރުޝާދު ވެސް ވަރަށް ފުރިހަމައަށް ވަނީ ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. ﷲ ތަޢާލާ ވަހީ ބަސްފުޅުގައިވެއެވެ. ﴿ وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ ﴾   (سورة النور ٣١)
މާނައީ: ” އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާ މިންވަރު ފިޔަވައި ފާޅުނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ.” އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.
﴿ يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَحِيماً ﴾   (سورة الأحزاب ٥٩)
މާނައީ: “އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ޖިލްބާބުތަކުން (ބޮލުން ފެށިގެން މޫނާއި އަދި ހަށިގަނޑު ނިވާވާގޮތަށް ލެވޭހެދުމެއް) ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ. އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.