“ޝަހީދުންގެ ޢީދޭ ކުރާށޭ ހަނދާން، ބަހީދެން އެހިތްވަރު އަލުން އައުކުރާން،
ބަހީދެން މިޤައުމަށްޓަކައި ޖާނުދޭން، ބަހީދެން އެކީގައި މުޅީން ހޭދަވާން”

“ވިޔޭ ދިވެހި އަގުހުރި ދަރީންތައް ޝަހީދު، ވިޔޭ ދެން ފިދާ ޖާނު ދޫކޮށް ޢަޒީޒު،
ކިޔޭހައި ނުވޭތޯޔެ ދުވަހަށް މިޢީދު، މިޔޭ ޢީދަކީދެން ކުރަންވީ ހަނދާން”

ޝަހީދުންގެ ދުވަހަކީ ކޮބާ؟

މިއަދަކީ ދިވެހިރާއްޖޭގެ ފަޚްރުވެރި ޝަހީދުންގެ ދުވަހެވެ. އާދެ، އެކާޅީސްވަނަ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ޚިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށެވެ.

މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ.

ޝަހީދުންގެ ދުވަސް ނިސްބަތްވާ ބަޠަލް

ނަންފުޅު: އައްސުލްޠާނު ޢަލީ (6 ވަނަ.)

ކޮލީ ނަންފުޅު: ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުން.

ބައްޕާފުޅު: ޔަމަންކަރައިގެ އައްސައްޔިދު ޢަބްދުއް ރަޙުމާނު ދޮށިމޭނާކިލެގެފާނު. (އަލްވަޒީރުލް އަޢުޡަމް ޢަބްދުއްރަޙުމާނު)

މަންމާފުޅު: އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެ

ބޭފުޅުން: ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާފާނު، ކުޑަކަލާފާނު.

ރަސްކަމަށް އިސްވެވަޑައިގަތީ: 965ހ. ވަނަ އަހަރު (1558މ.)

ރަސްކަންކުރެއްވި މުއްދަތަކީ: 2 މަހާއި 15 ދުވަސް

ތާރީޚުގެ ތެރެއިން ބައެއް ޝަހީދުންގެ މަޢުލޫމާތު:

އަލިތަކުރުފާނު:

ނަންފުޅު: އަލިތަކުރުފާނު

ބައްޕާފުޅު: ބާރަށު ކަޅުޙަސަން ކަލޭގެގެފުތް އުތީމު ކަޅުޢަލިޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނު.

މަންމާފުޅު: މާރަންދޫ ކަމަނާ(މާރަންދޫ ތޭރަވާ މުދިންކަލޭގެ ކިއުނު ބޭކަލެއްގެ ދަރިކަބަލެއް)

ޝަހީދުކުރެވުނު އަހަރަކީ ހިޖްރައިން 980 ވަނަ އަހަރުގައެވެ.

އުތީމު އަލިތަކުރުފާނަކީ، ޕޯޗްގީޒުންގެ އަތްދަށުން ރާއްޖޭގެ މިނިވަންކަމާއި ދީން ސަލާމަތްކުރުމަށް އުތީމު ތިންބެއިން ކުރި ވަރުގަދަ ހަނގުރާމައިގައި ޝަހީދުވި ފުރަތަމަ ބަޠަލެވެ.

ކަނބާ ޢާއިޝާ ރަނިކިލެގެފާނު:

ބައްޕާފުޅު: އައްސުލްޠާނު ކަޅު މުޙައްމަދު ރަސްގެފާނު

މަންމާފުޅު: ބުރެކިރަނިން

ކައިވެނިފުޅު ބައްލަވައިގަތީ: އައްސުލްޠާނު ޢަލީ 6 ވަނަ (ޢަލީރަސްގެފާނު).

ބޭފުޅުން: ސިއްތިމާވާ ރަނިކިލެގެފާނު

ޝަހީދުވެވަޑައިގަތީ… އުތީމު މުޙައްމަދު ތަކުރުފާނާ ސިއްތިމާވާ ރަނިކިލެގެފާނު ކައިވެނިފުޅު ބައްލަވައިގަތުމަށްފަހު، އުތީމު ތިން ބެއިންގެ ޢާއިލާގެ ބޭފުޅުން މަލިކަށް ފޮނުއްވެވުމުގައި، ސިއްތިމާވާ ރަނިކިލެގެފާނު ބާރަށުން ފުރާވަޑައިގެންނެވި ހާދިސާގައި، ހިތްވަރުފުޅާއެކީ އެކަމަނާ ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވަނިކޮށެވެ. ކަނބާ ޢާއިޝާ ޝަހީދުވެވަޑައިގަތީ ޕޯޗުގީޒު އޮފިސަރެއްގެ ކަނޑިން އެކަމަނާގެ ހަށިކޮޅާ އިސްތަށިފުޅު ވަކިކޮށްލައިގެންނެވެ. ވަޅުފުޅުލެވިފައިވަނީ ބާރަށު އާސާރީ މިސްކިތުގެ ކައިރީގައެވެ.

ކަލާފާނު:

ނަންފުޅު: އައްސުލްތާން އިބްރާހީމް ކަލާފާނު.

ކޮލީ ނަންފުޅު: އައްސުލްތާން އިބްރާހީމް ސިރީ ސުއްދަ ސުވަރުދަ މަހާރަދުން.

ބައްޕާފުޅު: އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑު ތަކުރުފާނު).

މަންމާފުޅު: މަޝްހޫރު ބޯށިވަލު ބުޅާ ފާޠިމާގެ ރެހެންދި ގޮއްޔެ.

ރަސްކަމަށް އިސްވެވަޑައިގަތީ: 1585މ ވަނަ އަހަރު (993ހ.)

ރަސްކަންކުރެއްވީ: 24 އަހަރާއި 2 މަސްދުވަސް.

ޝަހީދުވެވަޑައިގަތީ: 1017ހ. ވަނަ އަހަރުގެ ޝައްވާލު މަހުގެ 28 ވީ ބުދަ ދުވަހުއެވެ. (1609މ.)

ޝަހީދުވެވަޑައިގަތީ… ހޮޅީންގެ ބަޔަކު ދިވެހިރާއްޖެއާ ދެކޮޅުވެރި ވުމުންއެބައިމީހުންގެ ކިބައިން ސަލާމަތްވުމަށްޓަކައި ކުރެވުނު ހަނގުރާމައިގެ ތެރޭގައެވެ. ފަސްދާނުވެޑުވިފައިވަނީ ހަންޏާމީދޫގައެވެ.

ޝަހީދު ޙުސައިން އާދަމް- ފަހުގެ ތާރީޚްގެ ބަޠަލެއް

ޝަހީދު ޙުސައިން އާދަމް

ކައިރި މަޒީއަކަށް ޖެހިލާނަމަ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ސިފައިންގެ މައިދޮރާށި ދިފާއުކުރަން މަސައްކަތް ކުރަމުންދަނިކޮށް ޝަހީދުވި ހދ. ކުޅުދުއްފުށީ ޙުސެއިން އާދަމާއި، އެދުވަހު ދިވެހިންގެ ތެރެއިން ޝަހީދުވެގެންދިޔަ ސިފައިންނާއި ޢާއްމު މީހުންގެ ޛިކުރާވެސް އާކުރުން މުހިއްމެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު އަޅުގަނޑުމެން ހަނދާންކުރަންވީ މިއިން ކޮންމެ ބޭފުޅަކުވެސް ޝަހީދުވެވަޑައިގެންނެވީ ދިވެހި ޤައުމަށްޓަކައިކަމެވެ. ދިވެހި ޤައުމު އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވުމުގެ މަތިވެރި ޢަޒުމުގައިކަމެވެ. އެބޭފުޅުން އެކުރެއްވި މަސައްކަތްޕުޅު އެގޮތަށް ނުކުރެއްވިނަމަ ރާއްޖެމިއަދު މިދެކޭ މިނިވަންކަމާއި ތަރައްޤީއާއި ކުރިއެރުން އަޅުގަނޑުމެންނަށް ނުފެނުނީސްކަން ޔަޤީނެވެ.

މަޢުލޫމާތު ނެގީ: ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.