މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 (ކޮރޯނާ ވައިރަސް) އިން ރައްކާތެރިވެތިބުމަށް ކުރާ މަސައްކަތްތަކަށް ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނެލް މެސީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ސްޕެއިންގެ ބާސެލޯނާގައި ހުންނަ ހޮސްޕިޓަލްތަކާއި، ކުލިނިކުތަކަށް 1 މިލިއަން ޔޫރޯ ގެ ފައިސާގެ އެހީތެރިކަން މެސީ ފޯރުކޮށްދީފައިވާ ކަން އެ ހޮސްޕިޓަލްތަކުންނާއި، ކުލިނިކުތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މެސީގެ އިތުރުން މެންޗަސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި، ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ދާދި ފަހުން އެ މީހުންގެ ޤައުމުތަކަށް އެކިވަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޕޯޗުގަލްގެ ލިސްބަންގައި ހުންނަ ހޮސްޕިޓަލްތަކަށް 1 މިލިއަން ޔޫރޯ ގެ ދީލަތި އެހީއެއް ރޮނާލްޑޯ ދީފައިވާއިރު، ބާސެލޯނާގެ ހޮސްޕިޓަލްތަކަށް 1 މިލިއަން ޔޫރޯގެ އެހީތެރިކަން ގާޑިއޯލާ ފޯރުކޮށްދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ދުނިޔެއަށް ކުރިމަތި ވެފައިވާ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ އެންމެ މަޤުބޫލު ލީގުތައް ހުއްޓުމަކަށް އައިސްފައިވާއިރު، ދާދި ފަހުން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔޫރަޕާ ލީގު މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.