ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 8 މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއިގުޅޭގޮތުން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް ހާމަކުރެއްވުމަށް ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު 13 މީހުންގެ ތެރެއިން މިހާތަނަށް 8 މީހަކު ބަލިން މުޅި ރަނގަޅުވެފައިވާކަމަށެއެވެ.

ކޮވިޑް-19 އިން ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާދެމުންދަނީ 5 މީހަކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްޖުލްހޫރިއްޔާ ވިދާޅުވީ މި ނަތީޖާއާއިއެކު އެއްވެސް ރައްޔިތަކު ފަރުވާކުޑަނުކޮށް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލެބުމަކީ މިދަނޑިވަޅުގައި ވަރަށް މުހިންމުކަމެއްކަމަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއްކަން ފާހަގަކުރައްވަމުން ޙާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މިއަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ މުއްދަތުގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުންވެސް ބަންދުވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލެވޭނެކަމަށާއި، އަދި ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން، 14 ދުވަސް ހަމަވުމުން، އެ ރިސޯޓެއްގެ މުވައްޒަފުންނަށް ރިސޯޓުން ފުރައިގެން އެހެން ތަންތަނަށް ދިއުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިވްވެފައިވާ 13 މީހުންނަކީވެސް ބޭރުމީހުންނެވެ. މިހާތަނަށް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން، ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން، ކުރަމަތި މޯލްޑިވްސްއިން 2 މީހުން، ސަފާރީއަކުން 2 މީހުން، އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.