ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުން އަންނަ މި ދުވަސްކޮޅަކީ ސާފުތަހިރުކަމަށް އިތުރު ސަމާލުކަމެއް ދީގެން އުޅެންޖެހިފައިވާ ދުވަސްވަރެކެވެ. އަދި މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިިޔަވަޅަކީވެސް އަމިއްލަ ސާފުތަހިރުކަމާ، އަނެކުންގެ ސާފުތާހިރުކަމަށްވެސް ސަމާލުކަން ދީގެން އެކަންކަން ކުރުމެވެ.

އެގޮތުން މިދަނޑިވަޅުގައި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމުކަމެކެވެ. ރާއްޖެއަކީ ކާބޯތަކެތީގެ ތެރެެެއިން މޭވާއާއި ތަރުކާރީގެ ބާވަތްތައް ގިނަ އަދަދަކަށް އިންޕޯޓްކުރާ ގަައުމަކަށް ވާތީ، މި ތަކެތި ބޭނުންކުރުމުގައި އިތުރަށް ސަމާލުވާން އެބަޖެހެ އެވެ.

ބާޒާރުގައި ލިބެންހުންނަ ތަރުކާރީއާއި މޭވާގެ ބާވަތްތަކުގެ ސާފުތާހިރު ކަމާމެދު އެއްވެސް ޔަގީންކަމެއް ނޯންނަ އިރު އެތަކެތި ވިއްކާ ފަރާތްތަކުގެ ސާފުތާހިރުކަމާއި މެދު ސުވާލު އުފެދޭ އެތައް ކަމެއް ދޭތެރެ ދޭތެރެއިން އާންމުންގެ ސަމާލުކަމަށް އާދެއެވެ. މިކަން މިހެން އޮތްއިރު ބާޒާރުން ގަންނަ މިފަދަ ތަކެތި ރަނގަަޅަށް ދޮވެ ރައްކާތެރިކޮށް އެތަކެތި ބޭނުން ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ރާއްޖޭގެ ކާމިޔާބު ފިލްމު ސްޓޫޑިއޯ ޑާރކް ރެއިން އެންޓަރޓެއިންމެންޓުންވެސް ހަނދާން ކޮށްދެނީ މި ވާހަކައެވެ. އެ ސްޓޫޑިއޯއިން “ޕަބްލިކް ސާވިސް އެނައުންސްމެންޓް” ގެ ގޮތުގައި މި އަދު ގެނެސްދިން ވީޑީއޯއިންވެސް ބުނެދެނީ މޭވާއާއި ތަރުކާރީ ދޮވެގެން ބޭނުންކުރަން ވީ ސަބަބެވެ. ޚާއްސަކޮށް އާންމުން ގިނަ އަދަދަކަށް ގޮސް އުޅޭ މާރުކޭޓުގައި ލިބެން ހުންނަ ތަކެެތި ރަނގަޅަށް ދޮވެގެން ނޫނީ ބޭނުން ނުކުރަން އިލްތިމާސް ކޮށްފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި މިއީ ރާއްޖޭގެ ސްޓޫޑިއޯއަކުން އަދާކުރަމުން ގެންދާ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަައް، މި ބާވަތުގެ އެހެން ވައިރަސްތައް ފެތުރުނު އިރު އެޅި ފިޔަވަޅުތަކާ މާ ބޮޑު ތަފާތެއް ނެތެވެ. އިސްކުރަންވީ އަމިއްލަ ސާފުތާހުރުކަށާއި އަނެކުންގެ ރައްކާތެރިކަމަށެވެ. ކަމާބެހޭ އިދާރާތަކުން ދޭ  ޢިޜުޝާދުތައް އަޑުއަހައި ފަރުދީ ޒިންމާ އަދާކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.