ރާއްޖޭގެ ތަޖްރިބާކާރު އަދި އެހާމެ މަޤްބޫލު އެކްޓަރ އަދި ޑައިރެކްޓަރ އަޙްމަދު ނިމާލް ޑައިރެކްޓްކުރާ އިން ފަހަނައަޅައި ގޮސްފައިވާ ލޯބި ދައްކައިދޭ “ހެހެސްް” ފިލްމުގެ ގޮއިދޫ ޝޫޓިން ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޑައިރެކްޓަރ އަޙްމަދު ނިމާލް މިއަދު ބުނީ ފިލްމުގެ ހުރިހައި ކްރޫއިންނާއި ފަންނާނުންގެ ފުރިހަމަ އެއްބާރުލުމާއެކީ ވަރަށް ކާމިޔާބުކަމާއެކު ފިލްމު “ހެހެސްް”ގެ ބ. ގޮއިދޫގެ ހުރިހައި މަންޒަރެއް ޝޫޓްކޮށް ނިންމައިލެވިފައިވާކަމަށެވެ. މި ފިލްމުގެ ޝޫޓިން ގޮއިދޫގައި ފެށީ މި މަހު 11 ގައެވެ.

”އިން ފަހަނައެޅި އިޝްޤް“ މި ޓެގްލައިން ބޭނުންކޮށްފައިވާ ފިލްމު “ހެހެސްް”އަކީ ލޯބީގެ ތަފާތު ވާހަކަ އެއްގެ މަށްޗަށް ބިނާކޮށް އުފައްދާ ސަސްޕެންސް ތްރިލާއެކެވެ. މިއީ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަންގެ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ޝާނީޒް ޢަލީ ވެސް ހިމެނެއެވެ.

ފިލްމު ”ހެހެސް“ގެ ކާސްޓުންގެ ތެރޭގައި ރާޢްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ހުނަރުވެރި އެކްޓަރ އިބްރާހިމް ޖިހާދު (ޖިމީ) އާއި ޢަލީ އާޒިމް (ދޮން އައްޔަ) ހިމެނެއެވެ.

ފިލްމު “ހެހެސް”ގެ ޕޯސްޓަރެއް – ފޮޓޯ: ޝައި އަދި ޔޫއްޕެ ޕްރޮޑަކްޝަން

ފިލްމު ”ހެހެސް“ އަކީ ވަރުގަދަ އަންހެން ކާސްޓެއް ހިމެނޭ ފިލްމަކަށްވާއިރު، ފިލްމުގެ ޒުވާން އަންހެން ކާސްޓުގައި މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އިރުފާނާ އިބްރާހިމް (އިރޫ)، މަރިޔަމް ޝިފާ، ވަޝިޔާ މުޙައްމަދު، ޓީވީ ޕްރެސެންޓަރ މަރިޔަމް ޝިފާ (ޝިފް) އަދި ފީޗާ ފިލްމަށް މުޅިން އަލަށް ތާޢާރަފްވާ ޝިޔާޒާ މުޙައްމަދު (ޝިޔާ) ހިމެނެއެވެ.

ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޔޫއްޕެއެވެ. ބ. ގޮއިދޫގެ އިތުރުން މާލެގައި ޝޫޓްކުރާ މި ފިލްމު ކެމެރާކުރަނީ ގިނަ ފިލްމުތަކެއް ކެމެރާކުރަމުން އަންނަ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މިއުޒިކް ހަދަނީ ޖަލާލް އެވެ. ބެކް ސްކޯ ހަދަނީ ބާޗީއެވެ. މޭކަޕް ކުރަނީ އާއިޝަތު އިބްނާ ނާޞިރް އެވެ.

މި ފިލްމަށް ލަވަކިޔައިދެނީ ރާއްޖޭގެ އެންމެ ހުނަރުވެރި އެއް ލަވަކިޔުންތެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި އޭނާގެ އަންހެނުން އަޝްފާގެ އިތުރުން ޙަސަން ޠޮލާޤް (ތޮލާ)އެވެ.

މި ފިލްމު ރިލީޒް ކުރާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނެތްނަމަވެސް މި އަހަރު ތެރޭގައި ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދެވޭތޯ މަސައްކަތްކުރާނެ ކަމަށް ފިލްގެ އެއް ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤު މީގެ ކުރިން ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.