ޖުމްލަ 50 ޝޯ ދައްކާފައިވާ ފިލްމު “ޔޫސުފް”އަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން ބަލާފައިވާ ފިލްމެކެވެ. ކުޅަދާނަ ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތުމަތު ނަހުލާގެ “ޔޫސުފް” އަކީ އޭނާގެ ފިލްމީ ކެރިއަރުގައިވެސް މުހިންމު ފިލްމަކަށް ވާނެ ފިލްމެކެވެ.

ފިލްމު “ޔޫސުފް”ގެ ވާހަކަ އަނެއްކާވެސް މިވަނީ ވައިގައި ހިފާފައެވެ. ކޮވިޑް-19 އާއި ގުޅިގެން ގޭގައި މަޑުކޮށްގެން ތިބޭ ތިބުމުގައި ފިލްމުބެލުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ފިލްމު “ޔޫސުފް”ގެ ވާހަކަތައް އަލުން މި ފެންމަތިވީ އެހެން ކަމެއްވެސް އޮވެގެންނެވެ. އެ ފިލްމުގައި “ޔޫސުފް”ގެ ދަރިފުޅު “ޔޫނުސް”ގެ ރޯލުން ފެނިފައިވާ ޗައިލްޑް އާޓިސްޓަކީ މިހާރު، ދެއިރު ދެދަޅައަށް ޓީވީތަކުން ފެންނަ މަބްރޫކް ކަމަށް މީސްމީޑިއާގައި ފަތުއަޑުކިޔާފައި ބަޔަކު އެ ވާހަކަ ދައްކަން ފެށުން މިވެސް އޭގެ ސަބަބެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވާ މުހައްމަދު މަބްރޫކް ޢަޒީޒް އާއި ފިލްމު “ޔޫސުފް” ގައި “ޔޫނުސް”ގެ ރޯލު ކުޅުނު ކުއްޖާއާ މާބޮޑަށް ވައްތަރުވިއްޔޯލައެވެ. މިކަމާ ގުޅިގެން މުނިއަވަސް އިން ނަހުލާއަށް ގުޅައިލީމެވެ. ނަހުލާ ބުނީ ވަރަށް ގިނަ މީހުން އެހެން އެބަ އަހާ ކަމަށާ ނަމަވެސް ފިލްމު “ޔޫސުފް” ގައި ޔޫނުސުގެ ކުޑައިރުގެ ރޯލު ކުޅެފައިވަނީ އަޙްމަދު ލައިސް ކަމަށެވެ.

އަޙްމަދު ލައިސް – ފޮޓޯ: ލައިސްގެ ފޭސްބްކް

މި ފިލްމުގައި އަޙްމަދު ލައިސް އަދާކުރި ރޯލަށް ‘މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011’ ގައި އަލަށް ނިކުތް އެންމެ މޮޅު ބަތަލްގެ އެވޯޑާއި އެންމެ މޮޅު ޗައިލްޑް އާޓިސްޓްގެ އެވޯޑްވެސް ލިބިފައިވެއެވެ. ލައިސްގެ އެކްޓިން މި ފިލްމުގައި ދައްކުވައިދީފައިވަނީ އެހާވެސް މޮޅަށެވެ. މަންމައެއްގެ ލޯބިން މަހުރޫމުވެފައިވާ ކުއްޖެއްގެ ހުރިހައި ޝުޢޫރުތަކެއް ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވާކަން ފިލްމުގެ މަންޒަރުތަކުން ފެނިގެންދެއެވެ.

ވަކިން ޚާއްޞަކޮށް އޮލިމްޕަހުގެ ސްޓޭޖްގައި ބާއްވާ ޝޯއެއްގެ ތެރެއިން ލައިސް ހުށައަޅައިދޭ ލަވައިން މިކަން ވަރަށް ރަނގަޅަށް ފެނިގެންދެއެވެ.

އަޙްމަދު ލައިސް އާއި އޭނާގެ މަންމަ ޞަފޫރާ ޚަލީލް – ފޮޓޯ: ލައިސް ފޭސްބްކް

ލައިސް އަކީ އެންޓާރިސް ބޭންޑުން މަޝްހޫރުކަން ހޯދި ލަވަކިޔުންތެރިޔާ ޞަފޫރާ ޚަލީލްގެ ދަރިއެކެވެ. ލައިސް ވަނީ މޯލްޑިވިއަން އައިޑަލްގައި ވެސް ބައިވެރިވެފައެވެ.

މޯލްޑިވިއަން އައިޑަލް އިން ލައިސް ވަކިވާންޖެހުނީ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. މަޝްހޫރު މަސްއޮޑި އާއިލާއަށް ނިސްބަތްވާ ލައިސްގެ މަންމަ ޞަފޫރާ ޚަލީލް މިހާރު މަސައްކަތްކުރަނީ އޮލިމްޕިއަންސްގައެވެ.

މޯލްޑިވިއަން އައިޑަލްގެ ބައެއް ހަނދާންތައް ލައިސްގެ ފޭސްބްކް ފޮޓޯތަކުން

ފިލްމު “ޔޫސުފް” އަށް ބަލައިލުމެއް

ދިވެހި ފިލްމް ޔޫސުފް އަކީ ފާތިމަތު ނަޙުލާގެ އަމިއްލަ ވާހަކައަކަށް ޑައިރެކްޓްކުރި އަސަރުގަދަ ލޯބީގެ، ވަރަށް ތަފާތު ފިލްމެކެވެ. މިފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކައިދެނީ މަންމަނު މީހެއްގެ ދިރިއުޅުމެވެ. ގާތްގަނޑަކަށް 4 ލައްކަ ރުފިޔާގެ ބަޖެޓަކުން ތައްޔާރުކުރި މިފިލްމުގައި ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ތަރިންތަކެއް ހަރަކާތްތެރި ވެއެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދިން ފިލްމު “ޔޫސުފް”ގެ ކާސްޓުގައި ޔޫއްޕެ، ނިޢުމާ، ޝީލާ، މަނިކު، ނިމާލް، ރަވީ، ޒީނަތު، އައްޔަ، ސިޔާދާ، ފައުޒިއްޔާ، އައިންތު، ސިތޫ، އާމިލާ، އަދި ލައިސް ހިމެނެއެވެ. މިއީ ފާތުމަތު ނަހުލާ ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ.

ދިވެހި ފިލްމް ޔޫސުފް ގައި ހިންދީ 10 ރާގަށް ހަދާފައިވާ 10 ލަވަ ވެސް ހިމެނެއެވެ. މިފިލްމަކީ ފާތިމަތު ނަހުލާގެ ކާމިޔާބު އެތައް ފިލްމްތަކެއްގެ ތަޖުރިބާ އަށްފަހު ހެދި ފިލްމަކަށް ވުމުން މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ރަގަޅު ފިލްމަކަށް ވާނޭކަމަށް ފާތިމަތު ނަހުލާ ބުނެފައި ވެއެވެ. ނަހުލާގެ އެ ބުނުން ތެދުކޮށްދީފައިވަނީ ފިލްމަށް ލިބިގެންދިޔަ ބޮޑު ތަރުހީބެވެ.

ދިވެހި ފިލްމު ޔޫސުފްގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު ބައެއް ރަށްތަކުގައެވެ. އަދި ބައެއް މަންޒަރުތައް މާލެ އާއި ކ. މާފުށީގައި ވެސް ނަގާފައި ވެއެވެ. މިފިލްމުގެ ޝޫޓިން ފެށީ 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މިފިލްމުގެ ޝޫޓިން އެއްކޮށް ނިންމާފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިފިލްމު ރިލީޒްކުރީ 2008 ގައެވެ.

ފިލްމު ޔޫސުފްގެ ޕޯސްޓަރެއް – ފޮޓޯ: ކްރިސްޓަލް އެންޓަޓެއިންމެންޓް

ފިލްމަށް ލިބިފައިވާ އެވޯޑްތައް

– ޤައުމީ ފިލްމު އެވޯޑުން އެންމެ މޮޅު ސިނަމޮޓޮގްރަފީ އެވޯޑް

– މީގެ އިތުރުން ޤައުމީ ފިލްމު އެވޯޑްގައި އެންމެ މޮޅު ކޮރިއޮގްރަފީ އާއި އެންމެ މޮޅު އާޓް ޑައިރެކްޝަން އަދި މިއުޒިކް އެވޯޑްތަކެއް ވެސް ލިބިފައިވޭ.

– އެންމެ މޮޅު ބަތަލާ ނިއުމާ މުހައްމަދު – މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

– އެންމެ މޮޅު ސަޕޯޓިންގް ބަތަލާ ޝީލާ ނަޖީބު މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

– އަލަށް ނިކުތް އެންމެ މޮޅު ބަތަލް އަހުމަދު ލައިސް އާސިމް – މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

– އެންމެ މޮޅު ޗައިލްއާޓިސްޓް އަހުމަދު ލައިސް އާސިމް – މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

– އެންމެ މޮޅު ލިރިކްސް މައުޞޫމް ޝާކިރު – ލަވަ : ޝަކުވާ – ފިލްމް – މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

– އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ މުހައްމަދު އަބުދުލްޣަނީ – ލަވަ: ހައިރާންވާހާ ޗާލޭ ފިލްމް – މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

– ބެލުންތެރިންގެ އެންމެ މޮޅު ފިލްމް : ޔޫސުފް – މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) 2011

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.