ފެންނަމުން ދިޔައީ ބަލާލަން ފަސޭހަ މަންޒަރެއް ނޫނެވެ. ހިތްދަތި ކަމާއި ވޭނުން ފުރިފައިވާ މަންޒަރެކެވެ. އެއީ ހަމަ އަހަރެމެން ކަހަލަ އިންސާނުންނެވެ. ތަފާތަކީ އެތާނގައި ތިބި ބައެއް މީހުންނަކީ އާއިލާގެ އަޅާލުމެއް ނުލިބި ނުވަތަ އާއިލާއަށް ނުބެލިހެއްޓިގެން މިތަނަށް ގެނެސްފައި ތިބި މީހުންނެވެ. އެމީހުންނަށް ޚާއްސަ ކުރެވިފައިވާ މަރުކަޒުގައި އަހަރެންނާއި އަހަރެންގެ ލޯބިވާ ދަރިފުޅު އިނީ އެމީހުންގެ ހަރަކާތަށް ބަލާށެވެ. އަހަރެން މިތަނަށް އާދެވުނީ ރައްޓެއްސަކު ދިން ދަޢުވަތަކަށެވެ. ސްކޫލް ބަންދާއި ދިމާކޮށް ދަރިފުޅު ގޮވައިގެން ކ.ގުރައިދުއަށް މިއައީވެސް އެހެން ވީމައެވެ. އަހަރެންނަކީ ނިކަމެތިންނަށް އެހީވާން ވަރަށް ބޭނުން މީހެކެވެ.
”މިތާ ކީއްކުރަނީ. ދީބަލަ ދަރިފުޅު.” އަހަރެންގެ ގާތަށް އެތަނުން މީހަކު އައިސް ބުނެލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ އަހަރެން ދަންނަ އަޑަކާއި ވަރަށް ވައްތަރެވެ.
”ދަރިފުޅު ނުދާނެ އެއްވެސް މީހެއްގެ ގާތަށް.” އަހަރެން އޭނާ އަތަށް ދަރިފުޅު ނުދޭން ދޮގު ހެދީމެވެ.
”މިއީ ފަޔާޒު. އިނާގެ ކުރީގެ ބޯއި ފްރެންޑް” އެމީހާ ބުނެލިއެވެ. ނަމަވެސް އަހަރެން އެވާހަކައެއް ގަބޫލެއް ނުކުރަމެވެ. ތެދެކެވެ. ކުރިން އަހަރެންގެ ހަޔާތަށް ފަޔާޒު ކިޔާ ޒުވާނަކު އައެވެ. ނަމަވެސް ކުޑަ ދުވަސްކޮޅަކަށެވެ. ފަޔާޒު މިތަނަށް އަންނަންވީ ކީއްވެބާއެވެ.
އެއީ މީގެ އެތައް އަހަރެއްގެ ކުރިއެވެ. އަހަރެން ސްކޫލް ނިންމާލާފައި ވަޒީފާއަކަށް ދާން އުޅުނު ދުވަސްވަރެވެ. ގިނަ ފިރިހެން ކުދިންގެ ކިބައިން އެކި ލޯބީގެ މެސެޖުތައް ދިޔައީ ކެނޑިނޭޅި ލިބެމުންނެވެ. ނަމަވެސް އެކަމަށް އަހަރެން ދެމުންދިޔައީ ބީރު ކަންފަތަކެވެ. އަހަރެން އިސްކަން ދެމުން ދިޔައީ އަހަރެންގެ ލޯބިވާ މަންމަގެ ކަންތައް ބެލެހެއްޓުމަށެވެ. އަހަރެން ކުޑައިރު ބައްޕަ ވަނީ މަރުވެފައެވެ. ހުރިހާ ޒިންމާއެއް އުފުލަން ޖެހެނީ އަހަރެންނަށެވެ. އެވަރުންވެސް ރަށުގެ އިޖްތިމާއީ ހުރިހާ ކަމެއްގައި ކަހަލަ ގޮތަކަށް އަހަރެން ބައިވެރިވަމެވެ.
******
ރަސްމީ ސިފައެއްގައި އީދު ފާހަގަ ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވަނީ މިރަށުގައެވެ. ރަށުގެ އެންމެން ހޭބޯނާރާ ރެއާއި ދުވާލު މަސައްކަތް ކުރަމުން ދިޔައީ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށެވެ. އަދި ވަޑައިގަންނަވާ މެހެމާނުންނަށް ފުރިހަމަ މަރުހަބާއެއް ކިއުމަށެވެ. އަހަރެންވެސް މަންމަގެ ކަންތައް ކޮށްލައިދިނުމަށްފަހު ލިބޭ ހުސްވަގުތުގައި އުޅެނީ އީދު ކުޅިވަރަށް ތައްޔާރު ކުރުމުގައެވެ. އަހަރެމެންގެ ގެ ވެސް ހުރީ އީދަށް އަންނަ މެހެމާނުންނަށް ތައްޔާރު ކޮށްފައެވެ. ވަޑައިގަންނަވާ ބޭފުޅުންނާއި ހަވާލުވާނެ ގްރޫޕް ތަކާއި ކުރަންވީ ކަންތައް އެ ގްރޫޕްތަކަށް ވަރަށް ފުރިހަމައަށް ވަނީ ކިޔައިދީފައެވެ. އަހަރެންނަށް ލައްވައިލީ މެހެމާނުންގެ ކަންތައް ބެލެހެއްޓުމެވެ. ރާއްޖޭގެ ޓީވީ އަކުން ވަގުތުން އީދު ކުޅިވަރު ދައްކާތީ އެންމެންވެސް ބޭނުންވީ އެންމެ ފުރިހަމަކޮށް އެކަންތައް ކުރިއަށް ގެންދިއުމަށެވެ.
******
އީދުގެ ކުޅިވަރުތައް އީދު ނަމާދަށް ފަހު ފެށިގެން ކުރިއަށް ދިޔައެވެ. އަހަރެން ހުރީ ސައި ތައްޔާރު ކުރުމަށް މޭޒު ދޮށުގައެވެ.
”އައްސަލާމް އަލައިކުމް.” ފަހަތުން މީހަކު ސަލާމް ގޮވައިލި އަޑަށް އެނބުރި ބަލައިލީމެވެ. ފަހަތުގައި ނުދަންނަ މީހަކު މަޑުކޮށްލައިގެން ހުއްޓެވެ.
”ޖޫސް ތަށްޓެއް ލިބިދާނެތަ؟” އަހަރެން އަނގައިން ނުބުނެވެނީސް އޭނާ ބުނެލިއެވެ.
އަހަރެން ޖޫސްތަށްޓެއް ދިނީމެވެ. ”ތޭންކްސް” ބުނެފައި އޭނާ ހިގައިގެންފިއެވެ. އަހަރެން ހުރީ ހުއްޓުން އަރާފައެވެ. ދުވަހަކުވެސް އަހަރެންނަށް ނުވާފަދަ އިހްސާސެއް ވިއެވެ. އަހަރެންނަށް މިވީ ކިހިނެއްބާއޭ ހިތާ ސުވާލު ކޮށްލެވުނެވެ.
”ސާބަހޭ. ހާދަ ވަރަކަށް ތިބަލަނީ. ވެދާނެ އެއީ މީހެއްގެ ފިރިއަކަށް ވެސް.” އަހަރެން ސިއްސައިގެން ދިޔައީ ސިދުރާ އައިސް އަހަރެންގެ އަތުގައި ހިފުމުންނެވެ.
”ހާދަހާ ސްމާޓޭ ދޯ.” ބޭއިޚްތިޔާރުގައި އަހަރެންނަށް ބުނެވުނެވެ.
”ސާބަސް. އެއީ ފަޔާޒު. މާލޭގެ ގެދޮރު ހުރި ޒުވާނެއް. މޮޅު ޅެންވެރިއެއް އަދި މޮޅު ވާހަކަ ލިޔުންތެރިއެއް އަދި މޮޅު ފިލްމްސްޓާރެއް.” ސިދުރާ ފައްޗަކަށް އަމުނައިލިއެވެ.
”އޯހް އެހެން ވިއްޔާ ވަރަށް މޮޅުވާނެ ދޯ ބަހުސްކުރަން.” އަހަރެން ހީލަމުން ބުނެލީމެވެ.
”އެހެންވީމަތާ ތިހުރީ ގެއްލި ހުސްވެފަ. މަ ތިކަން ކޮއްލަދީފާނަން.” ސިދުރާ ޖޫސްތަށިތައް ހިފައިގެން ހިގައިގެންފިއެވެ. އަހަރެންވެސް އަހަރެންނާއި ހަވާލުކޮށްފައިވާ މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ. އަދި މަސައްކަތް ނިންމާލާފައި ގެއަށް ދާން ހިގައިގެންފީމެވެ. މަންމައަށް ކާންދޭށެވެ.
”އޭތް މަޑުކޮއްލަބަލަ.” ސިދުރާ ގޮވައިލިއަޑަށް އަހަރެން މަޑުކޮށްލީމެވެ. ސިދުރާ އައީ ދުވެފައެވެ.
”ފަޔާޒު ބުނި މިރޭ ބައްދަލުކޮއްލަން ބޭނުމޭ.” ސިދުރާ ބުނެލިއެވެ.
އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ފަޔާޒާއި ބައްދަލުކޮށްލެވޭތީއެވެ. އެރޭ ގަޑިން އަށެއް ޖެހިއިރު އަހަރެން ހުރީ ނަލަހެދިލައިގެން އީދު ޝޯވ ބާއްވާ ފަސްގަނޑަށެވެ. ޝޯވގެ ކަންތައް ކުރަމުންދިޔައިރު އަހަރެންގެ ލޯ އެކި ދިމަދިމާއަށް ހަރަކާތް ކުރަމުންދިޔައެވެ. ފަޔާޒުގެ ހިލަމެއް ވޭތޯއެވެ. އެތައް އިރެއްވީއިރުވެސް ފަޔާޒެއް ނުފެނުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަދި އެހާމެ ރުޅިވެސް އައެވެ. އީދު ކުޅިވަރުގެ މަތިން އެއްކޮށް ފޫހިވިއެވެ. އަހަރެން އިތުރަށް އިންތިޒާރު ކުރާކަށް ބޭނުމެއް ނޫނެވެ. ދޮގުހަދާ މީހުންނަށް އިންތިޒާރު ކުރުމަކީ މޮޔަކެމެކެވެ. އަހަރެންނަކަށް މާދުރަކަށް ދެވޭވަރެއް ނުވިއެވެ. ފަޔާޒު އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން ދުރަށް ދާން ބޭނުންވިއެވެ. ނަމަވެސް އެކަމަށް އަހަރެންގެ ހިތް ޤަބޫލުނުވިއެވެ. ފަޔާޒު އަހަރެން ގޮވައިގެން ދިޔައީ އެހެން މީހުންނާއި އެކަހެރި ދިމާލަކަށެވެ.
”އަހަރެންގެ ނަމަކީ ފަޔާޒު. މާލޭ މީހެއް. އަދި ސިންގަލް.” ފަޔާޒު ފައްޗަކަށް އަމުނައިލިއެވެ.
އަހަރެންވެސް ތަޢާރަފް ވެލީމެވެ. ބަލި މަންމަ އެއް ގެންގުޅެމުންދާ ފަޤީރު ނިކަމެތި މީހެކޭ ބުނީމެވެ. ފަޔާޒުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
”ދެން ތިއީ އެހާވަރުގެ ކަމެއްތަ ފަޤީރު ވުމަކީ.” ފަޔާޒު ބުނެލިއެވެ.
”އަހަރެންނަށް ފަޤީރު ވުމަކީ ވަރަށް ބޮޑު ކަމެއް. ފަޔާޒުމެން ކަހަލަ މުއްސަނދި އާއިލާގެ ކުދިންނާއި އަހަރެމެން ގުޅޭކަށް ނުވާނެ.” އަހަރެން ބުނެލީމެވެ.
”އަހަރެން މި ހުންނަނީ ތިކަހަލަ ރީތި ކުއްޖަކު ނުލިބިފައި މެރީކުރަން.” ފަޔާޒު އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.
އަހަރެމެންގެ ހިމޭންކަމަށް ސިހުން ގެނުވީ ސިދުރާ އައިސް ގޮވާލި އަޑަށެވެ. އަހަރެމެން ދިޔައީ ސިއްސައިގެންނެވެ.
”ކޮބާ ޝޯވ ބަލަން ނުދަންތަ؟” ސިދުރާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަހަރެން ހިގައިގަތީ ދާހިތަކުންނޫނެވެ. ނަމަވެސް ދާން މަޖުބޫރުވީއެވެ. އަހަރެން ހިގައިގަތުމުން ފަޔާޒުވެސް އަހަރެމެންގެ ފަހަތުން ހިގައިގެންފިއެވެ. އަހަރެން އެންމެ ސިކުންތަކަށްވެސް ފަޔާޒާއި ދުރުގައި ހުންނާކަށް ބޭނުމެއް ނޫނެވެ. އެއީ މިހާރު އަހަރެންގެ ހިތަށް ކުޅަދާނަވެގެންވާ ކަމެއް ނުނޭވެ.
******
ޖެހިގެންއައި ހުކުރުވިލޭރޭއަކީ އަހަރެންގެ ހަޔާތުން އައި އެންމެ އުފާވެރި އެއް ރެއެވެ. އަހަރެންގެ ހަޔާތާއި އަލަށް ގުޅުނު އަހަރެންގެ އެމީހަކަށްޓަކައި ޤުރުބާންވާން ތައްޔާރަށް ހުރި ފަޔާޒު އަހަރެން އެހާމެ ލޯބިވާ މަންމަ އާއި ބައްދަލުކުރަން އަހަރެމެންގެ ގެއަށް އައިރެއެވެ. ފަޔާޒު ވަރަށް ރަނގަޅެވެ. މަންމަ އާއި ވާހަކަ ދެއްކީ ނުލާހިކު ލޯބިން އަދި އެހާމެ އިހްތިރާމާއި އެކުގައެވެ. އަދި ފަޔާޒު އިސްނަގައި އަހަރެންނާއި އިންނަން ބޭނުންވާ ވާހަކަ މަންމައަށް ހުށަހެޅިއެވެ. މަންމަ އެކަމާއި އެއްބަސްވިއެވެ. ނަމަވެސް މަންމަގެ ބަލިހާލަތު ހުރިގޮތުން މަންމަ އާއި އަހަރެން ދުރަށް ނުގެންދިއުމަށް މަންމަ އެދުނެވެ. ފަޔާޒު އެކަމާއިވެސް ރުހިގަބޫލުވިއެވެ. ފަޔާޒު ހާދަ ރަނގަޅުވެފައި އަހަރެން ދެކެ ވަރަށް ލޯބިވެއޭ ހިތަށްއެރިއެވެ. އެރެއިން ފެށިގެން އަހަރެމެންގެ ލޯބީގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވެ ކުރިއަރަމުންނެވެ. އަހަރެމެން ބައްދަލުކުރަމުންދިޔައީ ވަރަށް މިނިވަންކަމާއި އެކު އަހަރެންމެންގެ ގޭގައެވެ. ނަމަވެސް މާގިނަ ދުވަހަކު މިކަން ދެމިއޮންނަ ގޮތެއް ނުވިއެވެ. ފަޔާޒު ފުރަންޖެހުނީއެވެ. ޗުއްޓީ ހަމަވެގެންނެވެ. ނަމަވެސް ފަޔާޒު ފުރައިގެން ދިޔައީ ދުވަހަކުވެސް އަހަރެންނާއި ވަކިނުވާނޭކަމަށް ހުވާކޮށްފައެވެ. ފަޔާޒު މާލެ ދިޔަފަހުންވެސް ބަރާބަރަށް އަހަރެންނަށް ގުޅާ ހާލުބަލައެވެ. އަދި އަހަރެން ބޭނުންވާ އެއްޗެއް ވިއްޔާ ބަރާބަރަށް ފޮނުވަމުން ދިޔައެވެ. ހަމައެކަނި ތަފާތަކީ އަހަރެންގެ ގާތުގައި ނުހުންނަކަމެވެ. ނަމަވެސް އެއަށްވުރެ ދުރަށް ދުވަސްކޮޅަކަށް ނަމަވެސް ފަޔާޒު ދާން ޖެހިއްޖެއެވެ. މެލޭޝިއާއިން ކިޔަވަން ލިބުނު ފުރުސަތެކެވެ. އަހަރެން ކެތްކުރީމެވެ. ފަޔާޒު އަންނާނެ ދުވަހަކަށެވެ. މި ގޮތަށް ކެތްކުރެވުނީ ދެމަސްދުވަހަށެވެ. އަހަރެން ލިބުނީ ހައިރާންކަން ލިބުނު ޚަބަރެކެވެ. އަހަރެން ބަލިވެ އިނީއެވެ. އެޚަބަރު ލިބުމާއިއެކު އަހަރެންނަށް ރޮވުނެވެ. ކުރާނެކަމެއް ނެތި ގޮތް ހުސްވިއެވެ. މިއަދު އަހަރެންގެ އަޑުއަހާނީ ކާކުހެއްޔެވެ. އެންމެންވެސް ކުރާނީ މަލާމާތާއި ފުރައްސާރައެވެ. އަހަރެން ވަގުތުން ފަޔާޒަށް ގުޅީމެވެ. އަހަރެން ބޭނުންވީ އަވަހަށް ކައިވެނި ކުރާށެވެ. ފަޔާޒު ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. އަވަހަށް މާލެ އައުމަށް ފަޔާޒު އެދުނެވެ. އަހަރެން ވަރަށް އުފާވިއެވެ. ފަޔާޒު އަހަރެންނާއި އެކު އަބަދުވެސް ހުންނާނެތީއެވެ.
*********
އަހަރެންނަށް މާލެ އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. ގެއަށް އައިސް ފެންވަރައިލައިގެން ދިޔައީ ފަޔާޒާއި ބައްދަލު ކުރާށެވެ. މާގިނައިރެއް ނުވެ ޓެކްސީ މަޑުކޮށްލީ ހިތަށްފިނިވާގެއަށެވެ. ކިހާ ރީތި ނަމެއް ހެއްޔެވެ. މިރޭ ހިތުގެ ރިހުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެވެ. އަހަރެން ގޮސް ދޮރުގައި ހުރި ބެލްއަށް ފިތައިލީމެވެ. ދޮރު ހުޅުވީ ފަޔާޒެވެ. ފަޔާޒު އަހަރެންގެ އިންތިޒާރުގައި ހުރި ކަހަލައެވެ. އަހަރެން ފަޔާޒު އަތުގައި ހިފެހެއްޓީމެވެ. އަދި ރޮވެން ފެށުނެވެ.
”ކީއްވެ ރޮނީ. ހުއްޓާލާ.” ފަޔާޒު އަހަރެންގެ ހިތްހަމަޖައްސާލެވޭތޯ އުޅުނެވެ. ނަމަވެސް އެކަންވީ ބޭކާރެވެ.
”ހިނގާ ވާހަކަ ދައްކާލަން ރަނގަޅު ތަނަކަށް؟” ފަޔާޒު އަހަރެންގެ އަތުގައި ހިފަހައްޓައިގެން ގޮސް އޭނާގެ ކާރަށް އެރުވިއެވެ. ކާރު ގޮސް މަޑުކޮށްލީ ރެސްޓޯރެންޓަކަށެވެ. އެއީ ކޮން ރެސްޓޯރެންޓެއްކަން ނޭގުނަސް އެއީ ވަރަށް ރީތި ތަނެކެވެ. އަހަރެން ފަޔާޒާއި އެކީ ގޮސް މޭޒު ދޮށުގައި އިށީނީމެވެ.
”ކޮންއިރަކު ކައިވެނި ކުރަނީ؟” އަހަރެން ހުރީ ކެތްމަދުވެފައެވެ.
”ރަނގަޅުވާހަކައެއް ބުނަންތަ. އަދިވެސް އަހަރެން މިހުރީ ކައިވެނި ކުރާގޮތަށް. އެކަމަކު ޝަރުތެއް އެބައޮތް.” ފަޔާޒުގެ ވާހަކަތަކުން އަހަރެންނަށް ހައްތަހާވެސް ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
”ކޮބާ ޝަރުތަކީ؟” އަހަރެން ހުރީ ކޮންމެ ޝަރުތެއް ހުށަހެޅިޔަސް ޤަބޫލު ކުރާށެވެ.
”ތި ގޮތަށް ހުރެ އަހަރެންނަށް ކައިވެނި ކުރެވޭކަށް ނެތް. ދަރި ވައްޓާލާ!” ފަޔާޒު ވަރަށް ކެރިހުރެގެން ބުނެލިއެވެ.
”ނޫން. ނޫން. ތިކަމެއް ނުވާނެ. ފަޔާޒު އަހަރެންނާއި ކައިވެނި ނުކުރިޔަސް.” އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ.
”އެހެންވިއްޔާ އަހަރެންގެ މަތިން ހަނދާން ނައްތާލާ!” ފަޔާޒު ހިނގައިގަތެވެ. އަހަރެންވެސް ފަޔާޒުގެ ފަހަތުންގޮސް ކާރަށް އެރީމެވެ. އަހަރެން އާދޭސް ކުރީމެވެ. ފަޔާޒުގެ ނިންމުން ބަދަލު ކުރެވޭތޯއެވެ. ފަޔާޒު އައިސް އަހަރެން އުޅޭ ގެއަށް މަޑުކޮށްލުމާއި އެކު އަހަރެން ކާރުން ފޭބީމެވެ. އެނޫން އެހެން ގޮތެއް ނެތީމައެވެ. އަހަރެން ކާރުން ފޭބުމާއި އެކު ފަޔާޒު ކާރު ދުއްވައިލިއެވެ. އަހަރެން ގޭތެރެއަށް ވަދެ ފަޔާޒަށް ގުޅީމެވެ. އެންމެ ފަހަރަކު ދެ ފަހަރަކު ނޫނެވެ. ފޯނަކަށް ފަޔާޒު ޖަވާބެއް ނުދެއެވެ. އެންމެ ފަހުން ފޯނު ނިއްވައިލީއެވެ. ކުރާނެކަމެއް ނެތެވެ. އެކަމަކުވެސް އަހަރެންގެ ބަނޑުގައިވާ ދަރިފުޅު މަރާލާކަށް ބޭނުމެއް ނޫނެވެ.
******
ހެނދުނު ހަތެއް ޖެހިއިރު ފުރި ބޯޓުން އަހަރެން ރަށަށް ދާން ފުރައިފީމެވެ. ރަށުގެ މީހުން އަހަރެންނާއި ދިމާކޮށް، ކުރާނެ މަލާމާތާއި ފުރައްސާރަ އެނގި ހުރެއެވެ. އަހަރެން އެންމެ ދެރަވީ މަންމައަށް މި ޚަބަރު ލިބުނީމާ ވާނެ ދެރައެވެ. ރަށުގެ ފަޅުން ވަދެ ބޯޓު ބަނދަރާއި ގާތްކޮށްލުމުން އަހަރެން ފޭބީމެވެ. އެންމެންގެ ލޯ ހުއްޓިފައި ހުރީ އަހަރެންނާއި ދިމާލަށެވެ. އަހަރެން ކުރިންވެސް ހީކުރިގޮތަށެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ މަލާމާތެވެ. ގެއަށް ގޮސް ވަނުމާއި އެކު މަންމަވެސް ފުރަތަމަވެސް ކުރީ އެސުވާލެވެ. އަހަރެން އެއްބަސްވީމެވެ. އެހެން ގޮތެއް ނެތިގެންނެވެ. މަންމައަށް ރޮވިއްޖެއެވެ. އަދި ނޭވާ ހާސްވެ ތެޅިގެންފިއެވެ. އަހަރެން ގޮސް މަންމަ ގައިގައި ބައްދާލީމެވެ. އަދި ވަގުތުން ސިއްޚީމަރުކަޒަށް ގެންދިޔައީމެވެ. ނަމަވެސް މާގިނައިރަކު ޑޮކްޓަރުންނަށް މަންމައަށް ފަރުވާ ދެވޭނެ ގޮތެއް ނުވިއެވެ. މަންމަގެ އެންމެ ފަހުނޭވާ މިދުނިޔެއަށް ދޫކޮށްފިއެވެ. އަހަރެންގެ ބޮލަށް އެނބުރުން އެރިއެވެ. ނަމަވެސް ހިތްވަރުކޮށްލާފައި މަންމަގެ ޖަނާޒާގެ ހުރިހާ ކަމެއްގައި ބައިވެރިވީމެވެ. އަހަރެން ކެތްކުރީ އަހަރެންގެ ބަނޑުގައިވާ ދަރިފުޅަށްޓަކައެވެ. އަހަރެންގެ އެ ހިތްވަރު އެބަހުއްޓެވެ.
******
އަހަރެންގެ ބަނޑަށް ދުވަސްފުރާ ވިހެއީ ފިރިހެން ކުއްޖެކެވެ. ނަމަވެސް ދަރިއެއް ލިބުމުގެ އެންމެ ފުރިހަމަ އުފަލެއް ނުލިބުނެވެ. ދަރިފުޅު ބައްޕައެއް ނެތެވެ. މުޖުތަމަޢު އިން ދަރިފުޅު ބަލައިގަންނާނީ ވަރަށް ދެރަކޮށެވެ. އަދި ދަރިފުޅު ދޫކޮށްލާފައި އަހަރެންނަށް ވަޒީފާއަކަށް ވެސް ނުދެވޭނެއެވެ. އަހަރެން ފަޔާޒަށް އެ ޚަބަރު ދޭން ގުޅީމެވެ. ނަމަވެސް ފޯނު ނަގާފައި ތީ އަހަރެންނާއި ބެހޭ ކަމެއް ނޫނޭ މިހާރު މިއުޅެނީ މެލޭޝިއާގެ ކުއްޖަކާއި އިނދެގެންނޭ ކިޔައިފައި ފޯނުބޭއްވިއެވެ.
ދަރިފުޅު ވިހައިގެން ތިންމަސް ވީތަނާ އަހަރެން ރަށުގެ ބައެއް މީސްމީހުންނަށް މަސައްކަތް ކޮށްލަދޭން ދާންފެށީމެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބުނެވެ. ގިނަ ދުވަސް ދުވަހު މަސައްކަތް ކުރާ ގެތަކުން ލިބޭ ކާއެތި ކޮޅު ކައިގެންވެސް ހުންނަމެވެ. އަދި އެމީހުން ދީފައި ހުންނަ ހެދުން ތަކަކީވެސް މުޅިން އާ ހެދުންތަކެއް ކަމަށް ނުވިޔަސް ދަރިފުޅު ލައްވަމެވެ. ހިތްވަރާއި އެކު އަހަރެން މަސައްކަތް ކުރަމުން ދިޔައީ ދަރިފުޅަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދިނުމަށެވެ. ދަރިފުޅަށް ނުލިބުނު ބައްޕަގެ ލޯބި އަހަރެން ހޯދައިދެވޭތޯ މަސައްކަތް ކުރީމެވެ.
******
ސްކޫލްތައް ބަންދުވެ ރަށުގެ އެކި މީހުން އެކި ދިމާލަށް ފުރަފުރައިގެން ދާންފަށައިފިއެވެ. އާއިލާ އާއި އެކީގައެވެ. ލޯބިވާ އަނބިމީހާ ނުވަތަ ފިރިމީހާ އެކީގައެވެ. ޒުވާން ލޯބިވެރިންނެވެ. އަހަރެންވެސް ދާން ބޭނުންވިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިރަށުން އެކަހަލަ ދަތުރެއްގައި އަހަރެން ގެންދާނީ ކާކުހެއްޔެވެ.
”ކޮންކަމަކާއި ތި ވިސްނަނީ.” އަހަރެން ދަރިފުޅު ގޮވައިގެން ގޯތިތެރޭގައި އިންދާ ސަލްމާ އައިސް ބުނެލިއެވެ. ސަލްމާ އަކީ އަހަރެންނަށް ވަރަށް ހެޔޮމީހެކެވެ. އަހަރެން އޭނާގެ ދަރިފުޅު ބަލައިދީ ގޭތެރޭގެ ކަންތައް ކޮށްލައިދޭތީއެވެ.
”ކަމެއް ނުވޭ. ދެން ހަމަ އިނީ.” އަހަރެން ބުނެލީމެވެ.
”މާދަން މިއުޅެނީ ދަތުރެއް ދާން. ހިނގާ ދާން.” ސަލްމާ ބުނެލިއެވެ. އަހަރެން އެއްބަސްވީމެވެ.
”ކޮން ރަށަކަށް ދަނީ؟” އަހަރެން ސުވާލު ކޮށްލީމެވެ.
”ކ. ގުރައިދުއަށް.” ސަލްމާ ޖަވާބު ދިނެވެ.
އަހަރެން ހުރީ ވަރަށް ދާހިތުންނެވެ. ދުވަހަކުވެސް އެރަށަށް ނުދާތީއެވެ. އަދި ޚާއްސަކޮށް އެރަށުގައި އުޅޭ ޚާއްސަ އެހީ އަށް ބޭނުންވާ މީހުން އުޅޭގޮތް ބަލާލުމަކީ އަހަރެން އަބަދުވެސް ބޭނުންވިކަމެކެވެ.
******
ހެނދުނު އަށެއް ޖެހިއިރު އަހަރެމެން ތިބީ ކ. ގުރައިދޫގައެވެ. ހެނދުނު ސައިބޮއިގެން އެންމެވެސް ބޭނުންވީ ރަށުތެރެ ބަލައިލާން ދާށެވެ. އެމީހުންނާއި އެކު އަހަރެންވެސް ދިޔައީމެވެ. ފުރަތަމަވެސް އެމީހުންވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށެވެ. އެތާނގައި އެކި ކަހަލަ މީހުން ތިއްބެވެ. އަހަރެން ދަރިފުޅުގޮވައިގެން ގޮސް ގޮނޑިއެއްގައި އިށީނީމެވެ. އެމީހުންގެ ހަރަކާތް ހުންނަ ގޮތް ފަރުވާތެރިކަމާއިއެކު ބަލަމުން ދިޔައިރު އެ އެމީހުންގެ އިޙްސާސް އަހަރެންނަށް ކުރަމުން ދިޔައެވެ. އަހަރެން އެހެން އިންދާ އަހަރެން ގާތަށް އެ އައީ އަހަރެން އަބަދުވެސް ދެކެން ބޭނުންވާ މީހާއެވެ. ނަމަވެސް މިތަނަކުން ނޫނެވެ. މި ގޮތަކަށް ނޫނެވެ. އެއީ ދަރިފުޅުގެ ބައްޕައެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. އަނގައިން ބަސްހުއްޓިފައެވެ.
”ކީއްވެ ފަޔާޒު މިތަނަށް އަންނަން ޖެހުނީ؟” އަހަރެން ހައިރާންވެފައި ހުރެ އަހައިލީމެވެ.
”އަހަރެން އަނބިމީހާ އަހަރެންގެ ލާރިކޮޅުގެ ބޭނުމުގައި އިންޖެކްޝަނެއް ޖަހައި ނުކުޅެދޭ މީހަކަށް ހަދައިފި. އަދި އޭނާ ފިލައިފި.” ފަޔާޒު ރޯންފެށިއެވެ.
”އަހަރެން ދެން ފަޔާޒު އާއި ކައިވެނި ނުކުރާނަން”. އަހަރެން ހިތްވަރާއި އެކު ބުނެލީމެވެ.
ފަޔާޒު ދަރިފުޅުގައިގައި އޮޅުލައިގަތެވެ. އަހަރެން އެކަމަށް ހުއްދަ ދިނީމެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ދަރިފުޅުގެ ބައްޕައެވެ. ދުނިޔޭގެ ހުރިހާ އެއްޗަކީ ފައިސާ ނޫންކަން މިހާރު ފަޔާޒަށް ވިސްނޭނެއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އަހަރެން ދަރިފުޅުގޮވައިގެން އެ މަރުކަޒުން ނިކުމެގެން ދިޔައިރު ފަޔާޒު ބަލަހައްޓައިގެން ފެންކަޅިވެފައި ހުއްޓެވެ. އެކަމަކު ދެން އަހަރެން މިކަހަލަ ވިޔާނުދާ އަމަލެއް ނުކުރަން ހިތުގައި އަޒުމް ކަޑައެޅީމެވެ. އެކަމަކު އަހަރެންގެ ދަރިފުޅު ފެންނަ ކޮންމެ ވަގުތަކު ފަޔާޒުގެ ހަނދާންތައް އަބަދު އާލާވަމުންދެއެވެ.
( ނިމުނީ )
ލިޔުންތެރިޔާގެ ފުރަމަލަ
- މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 ޖޫން 2022ބިރުވެރިބާރަވަނަ ފަންގިފިލާ
- 9 ފެބްރުއަރީ 2022ވާހަކަފިނިފެންމާ
- 27 އޯގަސްޓް 2021ވާހަކަމިލަހަނދުވަރު – 09
- 25 އޯގަސްޓް 2021ވާހަކަމިލަހަނދުވަރު – 08