ހަނދުވަރުގެ އަލިކަން ދުނިޔެއަށް މަރުޙަބާ ކިޔަމުން ދިޔައިރުވެސް، އަހަރެން އިނީ ސްނެޕްޗެޓުގެ އަވައިގައި ޖެހި ގެއްލިފައެވެ. އެކި ކުދިންނަށް ސްޓްރީކް ކުރުމާއި، ސްޓޯރީތައް ހޭވުމުގައި ވަގުތު ދިޔަ ގޮތް ވެސް އަހަރެންނަކަށް ނޭނގުނެވެ. މީ އަހަރެންގެ އާދައެވެ.

“ދަރިފުޅާ! ސާރާ!” ސްނެޕްޗެޓުގެ ދުނިޔެެއިން އަހަރެންގެ ސިކުނޑި ކައްސުވައިލީ، އަހަރެންގެ މަންމަ އަހަންނަށް ގޮވައިލި އަޑަށެވެ. އެހެންނަމަވެސް އަހަރެން އެ އަޑަށް ދިނީ ބީރު ކަންފަތެކެވެ. އަނެއްކާވެސް ކުރިއަށް ވުރެށް ބާރަށް އަހަރެންނަށް ގޮވައިލި އަޑު އިވުނެވެ. އަހަރެންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެނދުމައްޗަށް ފޯނު އެއްލާލުމަށްފަހު، މަންމަގެ ކޮޓަރިއާއި ދިމާއަށް އަހަރެން ހިނގައިގަތީ ނުހަނު ރުޅިވެރިކަމާއި އެކުގައެވެ.

“މީ ދެން ކިހާ ދެރަކަމެއް ދޯ؟ މަށަށް ނުގޮވާ ހުރޭ! ކިހާ ބޮޑު އުނދަގުލެއް މީދެން!” އަހަރެންގެ ހިތަށް އައިހާ އެއްްޗެއް މަންމައާއި ދިމާއަށް ގޮވަމުން ދިޔައިރު، މަންމަ ރޮއި ގިސްލަމުން ގެންދިޔައެވެ. އެހެންނަމަވެސް މަންމަގެ ލޮލުން އޮހެމުން ދިޔަ ކަރުނައިިން، އަހަރެންނަށް އެއްވެސް އަސަރެއް ނުކުރިއެވެ. އަހަރެންގެ ހިތް ފުރޭވަރަށް މަންމަ އާއި ދިމާލަށް ހަޅޭއްލެވުމަށްފަހު، އަހަރެން ގޮސް ވަނީ އަހަރެންގެ ކޮޓަރިއަށެވެ.

އެނދުމަތީގައި އޮތް ފޯނު ނަަގައި، އަވަސް އަވަހަށް ސެލްފީ އެއް ނަގަން އަހަރެން ތައްޔާރުވެލީމެވެ. ވިހި ވަރަކަށް ސެލްފީ ނެގުނުު އިރު ވެސް، އަހަރެންނަށް ކަމުދާ ގޮތަށް ސެލްފީއެއް ނުނެގުނެވެ. ތަންކޮޅެއް ބޮޑަށް ތުންގަނޑު ދަމައިލަމުން އަނެއްކާ ވެސް އަހަރެން ސެލްފީއެއް ނަގައިފީމެވެ. މިފަހަރު ނެގުނު ސެލްފީ އަހަންނަށް ވަރަށް ކަމުދިޔައެވެ. ލަސްނުކޮށް ފޮޓޯގައި “ސްޓްރީކް” ޖަހައި، ހުރިހާ ރައްޓެހިންނަށް އަހަރެން އެ ފޮޓޯ ފޮނުވައިލީމެވެ. އިސާހިތަކު އެ ފޮޓޯއަށް ލިބެމުން ދިޔަ ލޯބީގެ ތަޢުރީފު މެސެޖުތަކުން، އަހަރެންގެ ހިތުގައި ބޮޑާވެރިކަމުގެ ބޮޑެތި ރާޅުތަކެއް ނަގަންފެށިއެވެ. ލިބެމުންދާ މެސެޖުތައް ކިޔަމުން އަމިއްލައަށް ހެމުން އަހަރެން ގެންދިޔައީމެވެ. 

“ދަރިފުޅާ! ކިހިނެއްތަ ތި އުޅެނީ؟ ނަމާދު ކޮށްލަން ދޭބަލަ! ހެޔޮނުވާނެ!” ސްނެޕްގެ ދުނިޔެއަށް ގެެއްލިފައިވާ އަހަރެން، މަންމަ އާއި ދިމާއަށް ބަލައިލީ ދަރިޔަކު މަންމަ އާއި ދިމާއަށް ބަލަން ހެޔޮނުވާ ފަދަ ބީދައަކުންނެވެ. އެހާވެސް ރުޅި އައިސްގެން ހުރެއެވެ.

“ތިއީ އަހަންނަށް ކަލޭ ކުރާ ޖެއްސުމެއްތަ؟ ކިތައް ފަހަރު ބުނާނީ އަހަރެން އުޅޭނީ އަހަރެން ބޭނުންވާ ގޮތަކަށޭ! ކޮންމެހެން އަހަރެންނަށް ދަރުސްތަކެއް ދޭނެ ކަމެއް ނެތް! ހުވާ އަހަރެން ހިތަށް އަރާ ކަލޭ މަރު..” އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ.

އަހަރެންގެ ކުރިމަތީގައި ހުރެ، މަންމަ އަޑުން އަޑު ނަގައި ރޯން ފެށިއެވެ. ގިސްލަގިސްލާފައި އަހަރެންނަށް ނަޞޭޙަތް ދިނެވެ. ދީނީ ވާޖިބުތައް ދޫނުކުރުމަށް އާދޭސް ކުރަމުން ގެންދިޔައެވެ. އެތައް އިރަކު އަހަރެންގެ ގާތުގައި ރޮއި ގިސްލުމަށްފަހު، މަންމަ ކޮޓަރިން ނުކުތެވެ. މަންމަގެ ލޮލުން ފޭބި ކަރުނަތައް، މިފަހަރު، ސީދާ އަހަރެންގެ ހިތާ ކުޅުނުހެން އަހަރެންނަށް ހީވިއެވެ.

އަހަރެން އެނދުން ތެދުވީމެވެ. ނަމާދު ކުރާށެވެ. އެކަމު ދެ ޚިޔާލެއްގައި ހުރެެއެވެ. ފާޚާނައަށް ވަދެ ވުޟޫކޮށްލައިގެން ނަމާދުކުރަން މުސައްލަ ފަތުރައިލި އިރުވެސް، އަހަރެން މި އުޅެނީ ނަމާދު ކުރަން ކަމެއް ޚުދު އަހަރެންނަކަށް ވެސް ޔަޤީނެއް ނުވިއެވެ. އަހަރެން ފޯނަށް ބަލައިލީމެވެ. ނަމާދު ކުރަން ފަށާނީ އަދި އެއް ސްނެޕް ކޮށްލާފައޭ ހިތް ބުނަން ފެށިއެވެ. މުސައްލަ އާއި އެކު ސެލްފީ އެއް ނަގައި، އެ ފޮޓޯ ސްނެޕް ކޮށްލުމަށްފަހު އަހަރެން ނަމާދު ކުރަން ފެށީމެވެ.

ނަމާދުކޮށް ނިމުނު އިރު އަހަންނަށް ހަމަރަނގަޅަށް ވެސް ހުރީ ރޮވިފައެވެ. އަހަރެންގެ މަންމަ އަހަރެންނަށް އެވަރަށް ނަޞޭޙަތް ދޭއިރު، ނުވާ އިޙުސާސެއް، މިރޭ އަހަންނަށް މިކުރެވެނީ ކީއްވެބާއޭ އަހަރެންގެ ހިތް ބުނަން ފަށައިފިއެވެ. މަންމަގެ ލޮލުން މިރޭ ފޭބި ކޮންމެ ކަރުނަ ތިއްކެއް، އަހަރެންގެ ހިތުގެ އެންމެ ފުން މިނަށް އަސަރު ކޮށްފިކަން އަހަރެންނަށް ޔަޤީންކުރެވެން ފެށުނެވެ.

އަހަރެން މަންމައަށް މަޢާފަށް އެދެން ބޭނުންވިއެވެ. ރަނގަޅު ކުއްޖަކަށް ވާން ބޭނުންވިއެވެެ. ހަމަ ކުއްލިއަކަށް މިފަދަ ބަދަލެއް އަހަރެންނަށް މި އައީ ކީއްވެކަން، ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. އަހަރެން މަންމަ ކޮޓަރި އާއި ދިމާއަށް ހިނގައިގަތީމެވެ. އަހަރެންގެ ހިތުގައި އާދަޔާޚިލާފު އިޙުސާސް ތަކެއް ވެރިވަމުން ދިޔައެވެ. މަންމަގެ ކޮޓަރީގެ ދޮރު ހުޅުވައިލުމާއިއެކު، އަހަރެން ގެ ދެލޯޯ ބޮޑުވިއެވެ. ކޮޓަރީގެ ތަށިމުށިގަނޑުމަތީގައި ވެއްޓިފައި އެ އޮތީ އަހަރެންގެ މަންމައެވެ. އަހަރެންނަށް ވަރަށް ބާރު ބާރަށް ރޯންފެށުނެވެ.

“މަންމާ!” އަހަރެން ގޮސް މަންމަގެ ގައިގައި ބައްދައިގަތީމެވެ. ނުހަނު ބާރަށެވެ. އެއްގޮތަކަށް ވެސް ދޫކުރަން ބޭނުން ނުވާ ފަދަ ބީދައަކުންނެވެ. 

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަހަރެންގެ މަންމަ ހޮސްޕިޓަލަށް ގެންދެވުނެވެ. އަހަރެންގެ ކަންފަތުގެ ހިނދުރި ތޮރުފައިލީ، ހިތްފަޅައިގެން ދާ ފަދަ ހިތްދަތި، ވޭން ހުރި ޚަބަރަކުންނެވެ.

“ނޫން! ނޫން! މަންމާ! އަހަރެންގެ މަންމާ! އަހަރެން ދޫކޮށްފައި ނުދޭ! މަންމަ ގެ ސާރާ މިހުރީ ރަނގަޅު ކުއްޖަކަށް ވެގެން މަންމަ ގާތަށް އައިސް. މަންމާ ލޯ ހުޅުވާލަބަލަ! ހެޔޮނުވާނެ މަންމާ!” އަޑުގެ ނެތް ތަނަށް އަހަރެން ރޮމުން ގެންދިޔައީމެއެވެ.

މަންމަގެ ފުރާނަނެތް މަސްގަނޑުގައި ބައްދަމުން އަހަރެން ގެންދިޔައިރު، އަހަރެންގެ ހިތުގެ ހުރިހާ ނާރެއް ހީވަނީ ކުދިކުދި ވެގެން ދަނީހެންނެވެ.

***

މަންމަ މަރުވިތާ ހަފުތާ އެއް ފަހެވެ. އަދިވެސް އަހަރެންގެ އެއްވެސް ދިރުމެއް ނެތްފަދައެވެ. ކަންފަތުގައި ހަރުލާފައި ވަނީ މަންމަގެ އަޑެވެ. ހިތުގައި ކުރެހިފައި ވަނީ މަންމަގެ ތަސްވީރެވެ. ބަލައިލި ކޮންމެ ދިމާއަކުން ފެންނަނީ އެ ސޫރައެވެ. އަހަރެންނަށް މަންމަ އާއި ދޭތެރޭ ކަންތައް މި ކުރެވުނީ ހާދަ އިހާނެތިކޮށެވެ. ހާދަ ރަޙްމު ކުޑަކޮށެވެ. ޅައުމުރުގައި ބައްޕަ ނިޔާވުމުން، މަންމަ އެކަނި މާއެކަނި އަހަރެން ބަލައި ބޮޑުކުރުމުން ވެސް، އަހަރެންނަށް މަންމަ އާއި ދޭތެރޭ ކަންތައް މިކުރެވުނީ ކިހިނެއް ހެއްޔެވެ؟ މަންމަ މަރުވީ ވަރަށް ބޮޑަށް ބަލިކޮށް އުޅުމަށްފަހު ކަމަށް ޑޮކްޓަރުން ބުނިއިރު، އެކަން އަހަރެންނަކަށް ނޭނގުނެވެ. މަންމަ ގޮވައިލިޔަސް، އަހަރެން އަންނަނީ ރުޅިއެވެ. އަހަރެންގެ މަންމައަށް ވުރެ ސްޓްރީކް ކުރުން އަހަރެންނަށް މާ މުހިންމު ވީއެވެ. ސްނެޕްޗެޓުގެ ދުނިޔޭގައި އަހަރެން ސްޓްރީކް ކޮށްކޮށް ހުއްޓައި، އަހަރެންނަށް ގެއްލިގެން ދިޔައީ އަހަރެންގެ އެންމެ ބޮޮޑު ނަސީބެވެ. 

އަހަރެންނަކީ ކޮންފަދަ ވިޔާނުދާ ދަރިއެއް ހެއްޔެވެ؟ އަހަރެންގެ މަންމަ އަހަރެންނަށް މަޢާފު ކުރާނެ ހެއްޔެވެ؟ މިއަދު އަހަރެންނަށް ވަރަށް އަސަރުކޮށްފިއެވެ. އަހަރެން ވަރަށް ވަރަށް ދެރަވެއްޖެއެވެ. އާ އުއްމީދަކާއި އެކު އާ ޙަޔާތެއް ފަށަން އަހަރެން ޢަޒުމް ކަޑައަޅައިފީމެވެ. މަންމަ ބޭނުންވާ ފަދަ ދީނަށް ލޯބި ކުރާ ކުއްޖަކަށް އަހަރެން ދެން ވާނަމެވެ. އަހަރެންގެ މަންމަ އާއި އަހަރެން ދެން ބައްދަލު ކުރާނީ، އިރާދަކުރެއްވިއްޔާ މަތިވެރި ސުވަރުގޭގައެވެ. އެއީ އަހަރެންގެ އުއްމީދެވެ. އަހަރެންގެ ދުޢާއެވެ.

ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން، އަހަރެން ފޯނު ހުޅުވައިލީމެވެ. ސްނެޕްޗެޓު ބަލައިލިއިރު ހުރިހާ ސްޓްރީކެއް ވަނީ ގޮސްފައެވެ. އަހަރެން ފޯނުގެ ފަހަތު ކެމެރާގައި އަތް އަޅައި، ފޮޓޮއެއް ނެގީމެވެ. އަދި ފޮޓޯގައި ލިޔެލީމެވެ.

“މަންމައަށް ކިޔަމަންވާށެވެ! މަންމަ ދެކެ ލޯޯބިވާށެވެ! އެހެނީ ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ!” އަދި އެ ފޮޓޯ އަހަރެންގެ ހުރިހާ ރައްޓެހިންނަށް އަހަރެން ފޮނުވައިލީމެވެ. އެއީ އަހަރެންގެ އެންމެ ފަހު ސްނެޕެއްގެ ގޮތުގައެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.