ދުނިޔޭގެ ހަތަރު ބިތަށް ފެތުރިފައިވާ ނުރައްކާތެރި ބަލާ އާފާތުގެ ސަބަބުން އޮފީސްތަކާ ސުކޫލުތައް ބަންދުކޮށް ވިޔަފާރިތައް ބަންދުކޮށް މަގުމައްޗައް ނުކުތުންވެސް މަނާ ކޮށްފިއެވެ. “ސްޓޭ އެޓް ހޯމް” ގެ ނަމުގައި ކެމްޕޭންކޮށް އަދި ބައެއް ގައުމުތައް ފުރަބަންދުވެސް ކޮށްފިއެވެ. މީގެ އިތުރުން ބަައެއް ގައުމުތަކުގައި ކާފިއު އިއުލާނުކޮށް ގެއިން ނުކުންނަ މީހުންނަށް ހަރުކަށި އަދަބުތައް ދޭންވެސް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް ބަލީގެ ނުރައްކާތެރިކަން އެންމެ ތަންކޮޅެއްވެސް ކުޑަވެފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ ނުރައްކާތެރިކަން ކުޑަވާނެ ދުވަހެއްވެސް ނޭނގެއެވެ.
ކަން މިހެން ހުރިއިރު ދަރިން ގޮވައިގެން އަޅުގަނޑުމެން މައިންބަފައިން މިތިބީ ގޭގައެވެ. ދަރިންގެ ސަލާމަތާ ރައްކާތެރިކަން އިސްކޮށްގެން ކިތަންމެ ބޮޑާހޭކިޔަސް، ރުޅި ދެއްކިއަސް އެކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅޭކަަަަށް ގައިމުވެސް އަޅުގަނޑުގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ.
ދަރިން ގޮވައިގެން ގޭގައި މިވީ ދެތިން ހަފުތާތެރޭ ތެދުތެދަށް ބުނާނަމަ އަޅުގަނޑު ހަމަ “އަލާ ކަނޑާލައިފި”އެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ އަޅުގަނޑުގެ ދެދަރިންގެ ކަންކަމުގައި ދެތިން ގަޑިއިރު ވާއިރު އަޅުގަނޑަށް ކުރެވޭ އިހްސާސްއައީ ދުވާލަކު 8 ގަޑިއިރު 25 ނޫނީ 30 ކުދިން ހިފަހައްޓާލާ މުދައްރިސް ހާދަ ކެތްގަދަ ވާނެތާއެވެ. އެކި މިޒާޖުގެ އެކި ކުދިންނެވެ. އެކި ވަރަށް އެހީ ބޭނުންވާ އެކި ކުދިންނެވެ. ވަކި ކުއްޖެއް ތަފާތު ކުރުމެއްނެތި ހުރިހާ ކުދިން “ޓޮލަރޭޓް” ކުރަނީ ނުހަނު ލޯތްބާ ކެތްތެރިކަމާއެކުއެވެ. ސުކޫލު ނިންމާލާފައި ލޯބިން މުދައްރިސްއާއި ސަލާމްކޮށްލާ ބައްދާލުމަށްފަހު ހިތްހަމަ ޖެހިލައިގެން ދަރިފުޅު އަންނަތަން ފެނުމުން މައިންބަފައިންނަށް އެކުރެވޭ އިހްސާސް ބުނެދޭންވެސް ނޭނގެއެވެ. ކޮންމެ ވަގުތަކުވެސް ބެލެނިވެރިންނާ އަދި ދަރިވަރުންނާވެސް ނުހަނު ލޯބިން ހިނިތުންވުމާއެކު ކުރިމަތި ލަނީ އެއްވެސް ހިތްބުރަ ކަމެއް ނެތިއެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން އެނގިހުރެ ހުރިހާ ކުދިން ހިތްހަމަ ޖައްސައިދީ އުފާކޮށްދޭ ގޮތެއް އަޅުގަނޑު ގައިމުވެސް ދަސްކުރަން ބޭނުމެވެ.
މިދިޔަ ދެތިން ހަފުތާގައި ގައިމުވެސް ދަރިންކިޔަވާ ހިތްވާނެ ގޮތަކަށް ކިޔަވައިދޭނެ ގޮތެއް އަޅުގަނޑަށް ނޭނގުނެވެ. އެންމެ ފަހުން ކިޔަވައިދޭ ގޮތް ކަމުނުގޮސްގެން ދަރިފުޅު ބުނީ “މަންމަ ނިކަން އަޅުގަނޑުގެ މިސްގާތު އަހާބަލަ.. އަބަދު އަބަދު ކިޔަވާށެކޭ މިސް އެއް ނުކިޔާ.. މިސް ބުނާނެ ކުރަހަން ވެސް ކުލަ ޖައްސަންވެސް.. ނިކަން މިސް ކިޔަވަދޭ ގޮތަށް ކިޔަވަދީބަލަ!”
އާނއެކެވެ. މިސްމެން ކިޔަވައިދޭ ގޮތަކަށް އަޅުގަނޑަކަށް ކިޔަވައެއް ނުދެވޭނެއެވެ. އެންމެ ދެކުދިންގެ ކަންކަން ކޮށް ނިމޭއިރު އަޅުގަނޑު މި އިންނަނީ ހަނާވެފައެވެ. ކޮންމެ ދުވަހަކު އެތައްކުދިންނެއްގެ ކަންކަން އުފަލާއެކު ނިންމާލާފައި އަދި ގެއަށްގޮސް އަމިއްލަ ދަރިންގެ ކަންކަން ކޮށް ހަދާނީ ހާދާ ހިތްވަރު ގަދަވެގެންތާއެވެ.
މިހުރިހާ ކަމެއް ތަހަންމަލުކުރާ މުދައްރިސުންނަށް ހަމަ އައްސަރިބަހާ ސާބަހެވެ. ތިޔަ ކެތްތެރިކަމަށް ސާބަހެވެ. ތިޔަ ދެއްވާ ލޯތްބަށް ޝުކުރިއްޔާއެވެ. ތިޔަ ދެއްވާ އަޅާލުމާ އިހްތިރާމަށް ހަމަ އައްސަރިބަހާ ސާބަހެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.
Tolerate ge dhivehi lafzu neygeneethw. Dhivehin liyefa oinnama varah furihama vees