މޫދަށް އެރުމުން ގައިގެ ހަންގަނޑު އަނދައި، ކަޅުވާތީ ކަންބޮޑުވޭ ހެއްޔެވެ؟ އެކަމުގެ ސަބަބުން މޫދަށް އެރުން ތިބާއަށް ވެފައި އޮންނަނީ ފޫހި ކަމަކަށް ހެއްޔެވެ؟ މި ދެ ސުވާލުގެ ޖަވާބަކަށް އާނއެކޭ ބުނާ މީހުންނަށް ޚާއްޞަކޮށް ދޭން ބޭނުންވާ މުހިއްމު މެސެޖެއް އެބައޮތެވެ. އެއްމެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ ދުވަސްވީ މީހުން ބުނާހެން ‘ރަންކޮޅާ ދެލޯކޮޅާ ބުނާކަށް’ މޫދު ލޮނަކީ އޭގައި ނުޖެހި ދޫކޮށްލަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމެވެ.

މޫދު ލޮނުން ލިއްބައިދޭ ސިއްޙީ ފައިދާތަކަކީ ގުނާ ޢަދަދުކުރަންވެސް ކުޅަދާނަވެގެން ނުވާނެހައި ގިނަގުނަ ފައިދާތަކެކެވެ. މޫދު ލޮނުން ހަށިގަނޑުގެ ސަމައްތަރު ހެޔޮކޮށްދިނުމަށް އެހީތެރިވެދޭ މިންވަރު އެނގުނަސް، ހަމަ ކޮންމެ މީހަކު ހެން މޫދަށް އެރުމަށް ޝައުޤުވެރިވާނެކަން ޔަޤީނެވެ.

މޫދު ލޮނުން މޫޑު ރަނގަޅުކޮށްދެ އެވެ. ޢާއްމު ސިއްޙަތު ދުޅަހެޔޮކޮށްދެ އެވެ. މޫދު ލޮނުން ހަމަ އެކަނި އަހަރުމެންނަށް ނުކޮށްދޭ އެއްކަމަކީ ހަށިގަނޑުގައި ފެނުގެ މިންވަރު އިތުރުކޮށް ދިނުމެވެ. އެހެނަސް އެއީކީ މޫދު ލޮނުން ލިބިދޭ ފައިދާ ތަކާއި އަޅައި ބަލާއިރު އެހައި ބޮޑު ގެއްލުމެއް ނޫނެވެ.

މޫދު ލޮނަކީ ޤުދުރަތީ ބޭހެއް ކަމަށްވެސް ބުނެވިދާނެ އެވެ. މޫދަށް އެރުމުން ހަށިގަނޑުގައި ވަރުޖައްސައިދީ ތާޒާކޮށްދިނުމާއި ދުޅަހެޔޮ ކަމުގެ އިޙްސާސް ކޮށްދެއެވެ. މިކަން ރާޅާއަޅާ މީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ރަށްރަށުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުންނާއި ގިނަގިނައިން މޫދަށް އެރި އުޅޭ މީހުން، ކަންކަމަށް އިޖާބަދޭ މިންވަރު އިތުރުވަނީވެސް ލޮނުގެ އަސަރުން ކަމަށް ހޯދުންތަކުން ދައްކަ އެވެ.

ފެނުގެ އިތުރަށް މޫދު ލޮނުގައި ހުންނަނީ 3.5 އިންސައްތަ ލޮނު ނުވަތަ ސޯޑިއަމް ކްލޮރައިޑް އެވެ. އެހެންކަމުން އެއް ލިޓަރު މޫދު ލޮނުގައި 35 ގްރާމް ގެ ލޮނު ހުރެ އެވެ. މީގެ އިތުރުން މަދު މިންވަރަކަށް މެގްނީޒިއަމް، ސަލްފޭޓް އަދި ކެލްސިއަމް އެކުލެވެ އެވެ.

ސައިންސްގެ ހޯދުންތަކުން މިހައިތަނަށް ކަށަވަރުވެފައި ނެތްނަމަވެސް ތަލަސޯތެރަޕީ (މޫދު ފަރުވާ) thalassotherapy ގައި މޫދު ލޮނާއި މޫދުގައި ހުންނަ އަލްގޭ (ފެހި)، ލޮނު، ކިސަޑު، މޫދު ހުއި އަދި ކަނޑުތަކުގައި ހުންނަ ފެން ބޭނުންކުރެ އެވެ. މި މާއްދާތަކުގެ ސަބަބުން ހަމުގެ މައްސަލަތައް ނައްތާލަ އެވެ.

މޫދު ލޮނުގައި ހައިރާންވާން ޖެހޭހައި ގިނަގުނަ ސިއްޙީ ފައިދާތައް އެކުލެވިގެންވެ އެވެ.

ހަންގަނޑު ސާފުކޮށްދިނުން

މޫދު ލޮނުގައި އެކުލެވިގެންވާ މައުދަނީ ލޮނު ތަކާއި އިރުގެ ހަކަތަ އެކުވެގެން ގައިގެ ހަންގަނޑަށް އާރޯކަން ގެނެސްދެ އެވެ. މިއީ މޫދަށް އެރުމުން ހަންގަނޑު ހަލާކުވާކަމަށް ދެކޭ މީހުންނަށް ރަނގަޅު މެސެޖެއް ކަމަށް ވާނެ އެވެ. މި ދެންނެވިގޮތަށް ހަންގަނޑަށް އާރޯކަން ލިބުމުން ފާރު ހިއްކުމާއި، ގައިގެ ހަންގަނޑުން ތަންތަންކޮޅު ރަތްވެ އުފުލޭގޮތްވުން ނުވަތަ ލޫޕަސް lupus ރަނގަޅުކޮށްދިނުމާއި، އޮށާޅަ ނެގުން އަދި ސޮރައިސިސް psoriasis ފަދަ ހަމުގެ ބަލިތަކުން ރައްކާތެރި ކޮށްދެ އެވެ.

ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުން

މޫދަށް އެރި އުޅެލުމުން ނުވަތަ މޫދުގައި ފަތާލުމުން 5 އާއި 20 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ލޭގައި ހުންނަ ރަތް ސެލް ގެ މިންވަރު އިތުރުކޮށްދެ އެވެ. އަދި ހުދު ސެލްތަކުގެ ޢަދަދު މާ މަތީ ޢަދަދަކަށް އިތުރުކޮށްދެ އެވެ. އެހެންކަމުން ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ލޭމަދު ވުމުގެ ބަލި (އެނެމިއާ) އަދި ލޭގައި ހަކުރުގެ މިންވަރު އިތުރަށް ހުންނަ މީހުންނަށް މޫދު ލޮނަކީ ވަރަށް ފައްކާ ބޭހެކެވެ.

ހުޅުހުޅުގައި ރިއްސުން ކުޑަކޮށްދިނުން

މޫދަށް އެރި ހެލިފެލިވެ އުޅުމަކީ ކައްޓާއި މަސްގަނޑުގައި ރިއްސުމާއި، ރާއްޖެބަލީގެ އުނދަގޫވުން ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ލޭ ދައުރުކުރުން ރަނގަޅުކޮށްދިނުމާއި އޮޕަރޭޝަނެއް ކުރުމަށްފަހު ކުރިމަތިވާ އެކިއެކި އުނދަގޫތައް ވުން ކުޑަކޮށްދެ އެވެ.

ހާސްކަން ކުޑަކޮށްދިނުމާއި ހާސްކަން ފިލުވައިދނުން

މޫދު ލޮނުގައި އެކުލެވިގެންވާ މެގްނީޒިއަމް ގެ ސަބަބުން ހަށިގަނޑަށް ހިމޭންކަން ގެނެސްދެ އެވެ. ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި ދިރިއުޅޭ މީހުން މޫދަށް އެރިއުޅުމަށް ސިއްޙީ ބޭފުޅުން އިރުޝާދު ދެ އެވެ.

މޫދު ލޮނުގެ ސަބަބުން ލަކުނުލުން އަވަސްކޮށްދިނުން

މޫދު ލޮނުގައި ހުންނަ މަޢުދަނީ ލޮނުގެ ބާވަތްތައް ކަމަށްވާ ސޯޑިއަމް އާއި އަޔޮޑިން ގެ ސަބަބުން ފާރު ހެއްވުން (ފަސޭހަވުން) އަވަސްކޮށްދީ ފާރުގަނޑު ލަކުނަށް ބަދަލުކޮށްދިނުމުގެ މަރުޙަލާ cicatrizing އަވަސް ކޮށްދެ އެވެ.

ނޭވާލުން ރަނގަޅުކޮށްދިނުން

ނޭވާހިއްލާ މީހުންނާއި، ގަދަޔަށް ކެއްސާމީހުން، ކަރުތެރޭގައި ގަދަޔަށް ދަވަ އުފެދުމާއި ނޭވާލާ ނިޒާމަށް ކުރިމަތިވާ ބައެއް އެހެނިހެން މައްސަލަތައް ހުންނަ މީހުން މޫދަށް އެރި ފަތާ އުޅުމުން އެ މައްސަލަތައް ލުއިކޮށްދެ އެވެ. ފުއްޕާމެއަށް ގެއްލުންދޭ ވިހަ މާއްދާތައް މަދުކޮށްދިނުމަށް މޫދު ލޮނު މުހިއްމު ދައުރެއް އަދާކުރެ އެވެ.

ބޮޑު ގޮހޮރު ސާފުކޮށްދިނުން

ވަރަށް މަދު މިންވަރަކަށް މޫދު ލޮނު ބުއިމުގެ ސަބަބުން ގޮހޮރުތެރެ ސާފުކޮށްދެ އެވެ. ހަށިގަނޑު ޑިޓޮކްސިފައި ކޮށްދެ އެވެ. ހަކަތަ އިތުރުކޮށްދެ އެވެ. ޚާއްޞަކޮށް ތުއްތުކުދިންގެ ހަކަތަ އިތުރުކޮށްދެ އެވެ.

ފުރަމޭ (ލިވަރ) އަދި ގުރުދާ (ކިޑްނީ) ގެ މައްސަލަތައް ކުޑަކޮށްދިނުމަށް އެހީތެރިވުން

މޫދު ލޮނުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް އަލުން އުފެއްދުން އަވަސްކޮށްދެ އެވެ. ޚާއްޞަކޮށް ދިގު މުއްދަތަކަށް ފުރަމޭ ހަލާކުވުން ކުރިއަށް ދިއުމުގެ ސަބަބުން ކުރިމަތިވާ ސައިރޮސިސް cirrhosis އަށް ފަރުވާ ލިއްބައިދިނުން އަވަސްކޮށްދެ އެވެ. ކިޑްނީ ނުވަތަ ގުރުދާގައި މައްސަލަޖެހުމުގެ ސަބަބުން ބަނޑުތެރޭގައި އަށަގަންނަ ފެން ބޭރުކޮށްލުމަށްވެސް އެހީތެރިވެދިނުމަށް މޫދު ލޮނު މުހިއްމު ދައުރެއް އަދާކޮށްދެ އެވެ.

ނިދިނައުމުގެ މައްސަލަ insomnia އާއި ހާސްވެ ކަންބޮޑުވުމަށް މަގުފަހިކޮށްދޭ އަލާމާތްތަކުން ދުރުކޮށްދިނުން

މޫދަށް އެރި އުޅުމުން ލޭގެ ޕްރެޝަރު ހަމައަކަށް އެޅުވުމާއި ހާސްވުން ފިލުފައިދިނުމުގެ ސަބަބުން މީހާގެ މޫޑު ރަނގަޅުކޮށްދެ އެވެ.

މަސްދަރު: www.surfertoday.com

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.