ނުފެންނަ ކަލަކަށް އަޅުކަން ކުރުމަށް ފުރަގަސް ޖެހިއިރު، މިއަދު ނުފެންނަ ވައިރަހެއްގެ ކުރިމަތީގައި ބިރުގަންނަން އެނގުނީ ކީއްވެ؟

އެތަށް ދުވަހެއް، އެތައް ވަގުތެއް، މި ގިލަންވެރިކަމުގެ ތެރޭގައި ބަރުދާސްތުކޮށްފީމުއެވެ. ފަހުގެ ތާރީޚެއްގައި މުޅި ޢާލަމަށް ކުރިމަތިވާނޭ އެންމެ ވޭނީ ދުވަސްތަކަކީ މިއީ ކަމާމެދު ކުށްހީތައް ކުރެވެން ފަށައިފިއެވެ. ތަރައްޤީއާއި ތަހުޒީބުގެ އެތައް ރޮނގަކުން މަތީ ވަނަ ހާސިލްކޮށްފައިވާ ސީނުކުކަރައިގެ ހަތަރު ފާރުން ފާވި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 މިވަނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް ގަދަވެ، ވަރުގަދަފައެވެ. ވަކި ޤައުމެއް އިސްތިސްނާ ކުރުމެއް ނެތެވެ. ހުރިހާ ޤައުމުތަކެއް މި ވަނީ މި ބިރުވެރިކަމުގެ ގަދަ ރޯޅިތަކުން ފުރާލެވިފައެވެ. މި ވޭނީ ޢަޒާބަށް ނިމުމެއް އަންނާނެކަން ނުވަތަ ނާންނާނޭކަން ވެސް ބަޔާންކުރާން ދައްޗެވެ.

ކޮވިޑް19 ގެ ގަދަ ދޯދިތަކުން މުޅި ދުނިޔެ ފަތަޙަ ކުރަމުންދާއިރު މި ކުޑަކުޑަ ޤައުމަށް އެ ދޯދިތަކުގެ އަސަރު މާ ފަސޭހައިން ކުރާނެކަމާމެދު ޝައްކެއް، ވަހުމެއްނެތެވެ. އެހެނިހެން ޤައުމުތަކުގެ މައްޗަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް ކޮވިޑް19ގެ ގަދަ ރާޅުތައް ނުބީއްސާކަމުގައި ވީނަމަވެސް އަޅުގަނޑުމެންނަށް އޮތީ ވަކިން ކޮން ހިތްހަމަޖެހުމެއްތޯއެވެ؟ ތަރައްޤީއާއި ތަހުޒީބު ގެ ގޮތުން އެތައް ގުނައެއް ފަހަތުގައި، ކުޑަ ކަކޫ ޖަހައިގެން މި ޤައުމަށް ހަމަޖެހިލެވެނީ ވެސް އިގްތިސާދަށް ލިބޭ އާމްދަނީގެ 70 އިންސައްތަ ހަމަކޮށްދޭ ފަތުރުވެރިކަމުގެ މައަޗަށް ބުރަވެގެންނެވެ. އެހެންނަމަވެސް ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި ހުއްޓިފައިވާއިރު ދިވެހިންގެ ހާލަތު އަންދާޒާކޮށްލުން ކިހިނެއްވާނެތޯއެވެ؟ މި ކުޑަ މިސާލުން ވެސް ދިވެހިންގެ ބަލިކަށިކަމާއި ޙަޤީޤީ ނުފޫޒެއް ނެތްކަން ވަރަށް ސަރީޙަކޮށް ދެނެގަނެވެއެވެ.
ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
ޤައުމެއްގައި ކޮންމެހެން އަދާ ކުރަންޖެހޭ ވާޖިބުތައް މުޅިން ހުއްޓުމަކަށް ގެނައުމަށް މަޖުބޫރުވެފައިވާއިރު ފަހުގެ މާޒީ އެއްގައި ރާއްޖޭގައި މިވަނީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. އެގޮތުން ކިޔަވައިދޭ އެކިއެކި ފެންވަރުގެ މަރުކަޒުތައް ހުއްޓި ތަޢުލީމީ ނިޒާމު މެދުކެނޑުމަކާ ކުރިމަތިލީއެވެ. ހަމައެއާއިއެކު ދަތުރުފަތުރުކުރުމުގެ ނިޒާމާއި ރާއްޖެއަށް އެތެރެވުމާއި ބޭރުވުން މުޅިން ހުއްޓިއްޖެއެވެ. އާދޭހެވެ. ދިވެހިރާއްޖޭގެ މައި ނާރު ކަމަށް ސިފަކުރާ ފަތުރުވެރިކަން ހުއްޓި ރިސޯޓުތަކާއި ސަފާރީތައް ކަރަންޓީނު ވެއްޖެއެވެ. ތަންކޮޅެއް ތިލަކޮށް ދަންނަވަނީނަމަ ޤައުމުގެ ނޭވާލާ ނިޒާމު ނޫން އެހެން އެއްވެސް ނިޒާމެއް މުއްދަތެއް ނެތް ގޮތަށް މަސައްކަތް ކުރުމުން މަޙްރޫމްވީއެވެ.

އިގްތިސާދު ހީނަރުވެ މުސާރަތައް ކުޑަވުމާއިއެކު ވަޒީފާތަކުން މުވައްޒަފުން ވަކިކުރުމުގެ މައްސަލަތައް ފެންމަތިވާން ފެށީއެވެ. “ނޯޕޭ ލީވް” އޭ ކިޔައި މީސްމިޑިއާގައި ހަޅުތާލު އުފެދިއްޖެއެވެ. މިއީ އަދި ދިވެހިރާއްޖޭގެ ހާލަތެވެ.

މުޅި ދުނިޔޭގެ ޤައުމުތަކަށް ނަޒަރެއް ހިންގާލާ އިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް މުޅި ދުނިޔެ އޮތީ އަތުކުރި އޮޅައިލައިގެންނެވެ. އެގޮތުން އެއްވެ އުޅުން މަދުކުރުމަށް ހުށަހެޅުނު ޤާނޫނުގެ ދަށުން ނަމާދުގެ ޖަމާޢަތްތައް މެދުކެނޑިއްޖެއެވެ. ދުނިޔޭގައި ލެއްވި އެންމެ މުޤައްދަސް ބިން ފަޅުވެއްޖެއެވެ. މާސިންގާ ކާރުޚާނާތަކާއި ބޮޑެތި ކުންފުނިތަކުގެ އިތުރުން ބޭރުގެ އުދުހުންތައް މުޅިން ހުއްޓިއްޖެއެވެ. ޤައުމުތަކުގެ މައިދޮރާށިީގައި ތަންޑުއަޅުވައި ބަންދުކޮށްފިއެވެ. އެންމެހައި ރައްޔިތުންނަށް ގެއަށް ވަނުމުގެ އަމުރު ކުރިމަތިމަތިވެއްޖެއެވެ.

ކުޑަކުޑަ ވައިރަހެއްގެ ބިރަށް އެންމެ ބާރުގަދަ ކަރަކަރަިއގެ ނިންމުންތައް މިފަދައިން ހުރި އިރު، މިކަމުގެ ބިރުވެރިކަން އެންމެ ކުޑަކުއްޖާއަށް ވެސް އެނގޭނެއެވެ. މި ކަމުގައި ދުނިޔޭގެ ނަން މަޝްހޫރު ވަޒީރުން، ޕޯޑިއަމްތަކުގައި ބަޔާންކުރާ އަސަރުގަދަ އިބާރާތްތަކުން ކަރުނަ ހިލިގެންދާއިރު މިކަމުގެ ހާސްކަން ހުރީ އިންތިހާއަށެވެ.

އާދޭހެވެ. އެންމެ ފެންވަރު ރަނގަޅު ކަމަށް ދެކިގެން ފަރުމާކުރި ހޮސްޕިޓަލްތަކުގައި އެނދުތަންމަތި ހުސްވެއްޖެއެވެ. ހޮސްޕިޓަލްތައް ކުދި ވެއްޖެއެވެ. ބަލި މީހާ ވައްދާނޭ އިތުރު ދިމާއެއް ނެތުމުން މަގުތައް މައްޗައް ނެރެން ފެށީއެވެ. ދުނިޔޭގެ ސިއްޚަތާބެހޭ އިދާރާއަށް މިކަމުގައި ކުރެވުނީ ވަކި ކޮން ކަމެއްތޯއެވެ؟ ދުނިޔޭގެ ގަދަ ބާރު ތަކަށް ވެވުނު ގަދައެއް އެބައޮތްތޯއެވެ؟ ފުރުތަމަ މީހާއަށް ބަލި ޖުހުނުތާ 100 ދުވަސް ހަމަވީ އިރު އެއްލަކަ މަރެވެ. ސަހަރާތައް ފުރި ގަބުރުތައް ގިނަ ވާނެ ނޫންތޯއެވެ؟

ކޮރޯނާ ވައިރަސް ފެށުމުގެ ކުރިން ދުނިޔޭގެ ހާލަތު އޮތީ މުސްލިމު ޤައުމުތަކުން މެދުނުކެނޑި ރުއިމުގެ އަޑެވެ. ކޮންމެ ހިނދުކޮޅެއްގައިވެސް އޮންނަނީ ތެޅިތެޅި ބިރުން ރުއިމެވެ. އަޅުގަނޑުމެން، މުސްލިމުން ކަމުގައިވާ ޙާލު އަޅުގަނޑުމެން ފަދަ ނިކަމެތި އިންސާނުންނާއި ދޭތެރޭގައި އެ ފާޙިޝުން ހިންގާ ނޭއްގާނީ ޢަމަލުތަކުން ހިތުގައި ޖެހި ހިތްމަރުވެގެންދެއެވެ. މިއިން ފުރާނައެއް ހަށިފުރާ ނޭވާއެއްގެ މިންވަރު ވެސް ލާން ނޭދޭ ޙާލު ޙައްޤުތައް މަހުރޫމުކޮށް ފާޅުގައި އަނިޔާދެމުންދަނީއެވެ. އެތަކެއް ޅަ ފުރާނައެއް، އެތަކެއް މައުސޫމް ކުދިންނެއް، އެތަކެއް މަންމައެއް، އެތައް ބައްޕައެއްގެ ފުރާނަ ރަހުމްކުޑަ ގޮތަކަށް ކަތިލަމުންދާއިރު މި ދުވަސް އަންނާނޭކަން އެ މުނާފިގުންނަށް ނުވިސްނުނީއެވެ. ދުވަހުގެ ފެށުން ގަދަފަދަ ހަމަލާތަމުގެ ގަދަ އަޑުފަށްގަޑުން ފެށޭއިރު އިސްލާމީ އެތައް ޤައުމެއްގެ މައްޗަށް ގަދަވެ އެތައް ހާސް މުސްލިމުންނެއް ވިއްސިވިހާލިކޮށް އެތައް ބައެއްގެ އިތްފަތްތެރިކަމަށް އަރައިގަނެ މި ޤައުމުތައް ފިސްފިސްކޮށް ހެދިއިރު މިފަދަ ބޮޑު ކޯފާއެއް އައިސްދާނެކަމުގެ ބިރެއް ނުހެއްދެވިއެވެ. މި ނިކަމެތި ފުރާނަތައް ކޮންމެ ދުވަހެއް ހޭދަކުރަނީ މަރު ހިތު ތެރޭގައި ކުރަހަމުންނެވެ. މުސްލިމުންނަށް މަލާމާތްކޮށް އެބައިމީހުންގެ ގަދަކަން ދެއްކުމުގައި ހޭދަކުރި އިރު އެ ޤައުމުތައް މިއަދު މި ވަނީ ޙަޤީޤަތުގައި ވެސް ހަމަ ބިމަށް ތިރިކޮށްލާ ފައެވެ. މިއަދު އެ އަދުއްވުން ތަހައްމަލް ކުރަމުން އެދަނީ ގަދަ ފަދަ ވޭނުން ފުރިގެންވާ ސިފަކޮށްދޭން ދަތި ޖަޒާއެވެ.

ސުވާލަކީ ނުފެންނަ ކަލަކަށް އަޅުކަން ކުރުމަށް ފުރަގަސްޖެހި އިރު މިއަދު ނުފެންނަ ވައިރަހެއްގެ ކުރިމަތީގައި ބިރުގަންނަން އެނގުނީ ކީއްވެ ހެއްޔެވެ؟
ކޮރޯނާ ވައިރަސްގެ ޙަޤީޤީ ކުލަވަރު ދުނިޔެއަށް ފެނިފައި ކޮންމެ މީހަކުވެސް ހާސްވެ ކަންބޮޑުވެއެވެ. ނަމަވެސް މިކަމުގައި ކެތްތެރިވުމަށް ވުރެ ވަކި މޮޅު އިތުރު ގޮތެއް ނެތެވެ.

ކޮރޯނާ ވައިރަސްގެ މި ބިރުވެރި ވަބާއިން އަޅަމެން ރައްކާތެރި ކުރައްވާށި… އާމީން..

اللَّهُمَّ إِنَّا نَعُوذُ بِكَ مِنَ الْبَرَصِ وَالْـجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الْأَسْقَامِ.
ޔާ ﷲ! ހަމަކަށަވަރުން އަޅަމެން، ބަރަޞް ބައްޔާއި، މޮޔަވުމާއި، ޖުޒާމު ބައްޔާއި، އެންމެހާ ނުރައްކާތެރި ބަލިތަކުން، ރައްކާތެރިކޮށްދެއްވުން އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.