މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ ރަށެއްގެ ވެއްޓަށް މަސްތުވާތަކެތީގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ. އެކަން ފެތުރިގެން ދިޔަގޮތާއި އަދި މީގެ އިތުރުން އެކަމުގެ ސަބަބުން ވެއްޓަށް އުފަންވެގެންދިޔަ ނޭދެވޭ އަމަލުތަކުގެ މައްޗަށެވެ. މި ލިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ މިއަދާ ހަމައަށް މި ވަބާ ފެތުރިފައި ނުވާ ރަށްރަށް، މިފަދަ ހާލަތަކަށް ވެއްޓުމުގެ ކުރިން، ކަންތައް ވެގެންދާގޮތް ދެނެގަނެ މިކަންކަމުން މިންޖުވުމަށްޓަކައި މަސަައްކަތް ކުރުމަށް ހިތްވަރުދީ އެކަމަށް ލޯތައް ހުޅުވައިލުމެވެ.

މީގެ އަހަރުތަކެއް ކުރިއަށް ނަޒަރު ހިންގައިލާއިރު ފެންނަމުން ދިޔައީ ބައެއް މީހުން އަޖައިބު ކުރުވާފަދަ އަމާން މާހައުލެކެވެ. ރަށުގައި ޕޮލިސްޓޭޝަނެއް ނުހުރެއެވެ. ނަމާދަށް އަރާއިރު ފޯނާއި، އައިނާއި އަތުކުރި ގަޑިޔާއި ނުވިތާކަށް ވޮލެޓުވެސް މިސްކިތު ފެންޑާގައި ބާއްވާފައި މިސްކިތަށް އެ ދުވަސްވަރު ނަމާދަށް އަރާމީހުން ގިނައެވެ. ބައެއް ފަހަރު މިހެން ބަހައްޓާ ތަކެތި އޭގެ ވެރިފަރާތުން ހަނދުމަނެތި އެތަނުގައި އެ ތަކެތި ބަހައްޓާފައި ދެވޭފަހަރު އާދެއެވެ. އެތައް ގަޑިއިރެއް ނުވަތަ އެއް ދުވަސް ފަހުން އެ ތަކެތި ބަލައި އަންނައިރު ވެސް އެ ތަކެތި އެ ތަނުގައި ހުރެއެވެ. ވަގަށް ގެންދާނެ ނުވަތަ އެއަށް ގެއްލުންދޭނެ އެކަކުވެސް ނޫޅެއެވެ.

ރޭގަނޑު އެގާރަޖެހުމުން ވިޔަފާރިކުރާ ފިހާރަތައް ބަންދުކުރާއިރު ފިހާރަތަކުގެ ކުރިމަތީގައި ބައެއް މުދާ ބަހައްޓާފައި ހުރެއެވެ. ފިހާރަތަކުގެ ކުރިމަތީގައި އެލުވާފައި ހުންނަ ދޮންކެޔޮ ގަނޑުތަކާއި ބަރަބޮލާއި ކަރާފަދަ ތަކެތި ވެސް މިގޮތަށް ބަހައްޓާފައި ހުންނަތަން ފެނެއެވެ. އެތަކެތި ބަލަހައްޓާކަށް އެއްވެސް މީހަކު ބަހައްޓާފައި ނުހުރެއެވެ. ނަމަވެސް އެ ތަކެތި ރައްކާތެރިކަމާއި އެކު އެތަނުގައި ހުރެއެވެ. އެދުވަސްވަރު އެއްވެސް ޚިދުމަތެއް ދޭ ތަނެއްގައި ކެމެރާއެއްހާ ހިސާބުވެސް ނުހުރެއެވެ.

ސައިކަލްތަކުގެ ތަޅުދަނޑި ޖަހާފައި ބެހެއްޓުމާއި، ބަނދަރު ފަދަ ތަންތަނުގައި އަގުބޮޑެތި މުދާ ގިނަދުވަސްތަކެއް ވަންދެން އެއްވެސް ޖެހިލުމެއްނެތި ބެހެއްޓުމާއި ދަނޑުވެރިންގެ ދަނޑުތަކުގައި ހައްދާ ގަސްތަކުން ލިބޭ ތަރުކާރީ އާއި މޭވާ ވެސް ދަނޑުތަކުން ބަޔަކު ވަގަށް ގެންދާ ވާހަކަ އަކީ އެދުވަސްވަރު އަޑުއިވޭ ވާހަކަތަކެއް ނޫނެވެ. މަސްތުވާތަކެތީގެ ވަބާއަކީ ވެސް އެދުވަސްވަރު އޮތްކަމެއް ނޫނެވެ. ވުމާއިއެކު އަމާންކަމާއި އިޖުތިމާޢީ ހަމަޖެހުމާއި އުފާވެރި ވެށީގެ ހިތްހަމަޖެހުން އެންމެ ފުރިހަމައަށް އެދުވަސްވަރު އޮތެވެ.

މަސްތުވާތަކެތީގެ ވަބާ މަޑުމަޑުން ފެތުރެން ފެށިއެވެ. އިނގިލިން ގުނާލެވޭހާ މަދުބަޔަކު އެކަން ފުރަތަމަ ކުރަމުން ގެންދިޔައީ ވަރަށް ސިއްރުންނެވެ. ވަގަށެވެ. އެ ދުވަސްވަރު އެއީ މަދުބަޔަކަށް ވުމުން ރައްޔިތުންގެ ތެރެއިން ކަމުވޮށިގެންވާ މީހުން ނުކުމެ އެކަން ހުއްޓުވުމަށް ކުރި މަސައްކަތުން ދުވަސްތަކެއް ވަންދެން އެކަން އިތުރުނުވެ ހިފެހެއްޓިފައި އޮތެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމާއި ދަތުރުފަތުރުގެ ފަސޭހަކަމާއި އަދި ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި އަދި ޚާއްޞަކޮށް ފާޑުފާޑުގެ ޙައްޤުތަކުގެ ސަބަބުން އެބައި މީހުންނަށް ތަފާތު ނަންނަމުގައި މިނިވަންކަން ލިބިގެން ދިޔައެވެ.

މިހާހިސާބަށް ފޯރިއިރު ރަށުގައި ސައުވީސް ގަޑިއިރު ޚިދުމަތްދޭ ޕޮލިސްޓޭޝަނާއި އަދި މީނޫން ތަފާތު މުއައްސަސާތައް ރަށުގައި ހުއްޓެވެ. ނަމަވެސް މަސްތުވާތަކެތި ހުއްޓުވުމުގައި މާބޮޑުކަމެއް ކުރެވުނުތަނެއް ނުފެނެއެވެ. އެ ދުވަސްވަރު މަސްތުވާތަކެތި ގެންގުޅޭކަމުގެ ކިރިޔާ ހިލަމެއްވިޔަސް ރައްޔިތުން ކަމާބެހޭ ފަރާާތްތަކަށް ރިޕޯޓްކުރަމުން ގެނދިޔައެވެ. މިކަމާއި ގުޅިގެން އެ އަމަލު ހިންގާމީހުން ހައްޔަރު ވެސް ކުރެވުނެވެ. ހައްޔަރު ކުރެވުނު ނަމަވެސް އެ މީހުންނަށް އެއްވެސް އަދަބެއް ދެވޭތަނެއް ނުފެނުނެވެ. ތަކެއްޗާއިއެކު ހައްޔަރު ކުރެވުނު ނަމަވެސް ހައްޔަރު ކުރެވޭތާ ކުޑަދުވަސްކޮޅެއް ފަހުން އެހެން މީހުންނެކޭ އެއްގޮތަށް މުޖުތަމަޢުތެރެއަށް ދޫވެ، މުޖުތަމަޢު ތެރޭގައި އުޅެމުންދެއެވެ. މިހެން މިކަން ތަކުރާރުވާން ފެށުމުން އެ މީހުންނަށް މާބޮޑުކަމެއް ނުކުރެވޭނެކަން އެ މީހުންނަށްވެސް އެނގިގެން ދިޔައެވެ. މިހެންވުމުގެ ސަބަބުން މަޑުމަޑުން އޭގެތެރެއަށް އެހެން ޒުވާންކުދިން ވެސް ވައްދައި ނެޓްވޯކް ބޮޑުކޮށްލިއެވެ. ރިޕޯޓުކުރިއަސް ވާކަމެއް އަދި ވީކަމެއްވެސް އަދި އައި ހެޔޮ ބަދަލެއްވެސް ނެތުމުން ރައްޔިތުމީހާއަށް މިކަން، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަކީ އެއްވެސް މާނައެއް ނެއްކަމެއް ކަމުގައި ޤަބޫލުކުރަން މަޖުބޫރުވިއެވެ.

މަސްތުވާތަކެތީގެ ބޭނުން ކުރުމުގައި ހަރަކާތްތެރި ވަމުން ގޮސްފައިވަނީ ހަމައެކަނި ވަޒީފާއެއްނެތް. ކަމެއް ނުކުރާ ޒުވާނުން އެކަންޏެއް ނޫނެވެ. ރަށުގެ ރަނގަޅު ބައެއް ވަޒީފާތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. މީގެއިތުރުން ދިރިއުޅުމެއް ފަށާފައި ތިބި މީހުން ވެސް ހިމެނެއެވެ. މި ވަބާގައި ޖެހުމުގެ ސަބަބުން މިކަން ކުރަމުން ދިޔަމީހުންގެ ވަޒީފާތައް ގެއްލި ދިރިއުޅުން ފަށައިގެން އުޅުނު މީހުންގެ ދިރިއުޅުން ރޫޅިގެން ދިޔައެވެ. މި ނުބައި އަމަލު ހިނގަމުންދިޔަ ވަޒީފާތަކުގައި ތިބި މީހުން ވަޒީފާތަކުން ކަނޑާލަން އެ ވަޒީފާ ދިން މީހުންނަށް މަޖުބޫރުވީ އެ މީހުންގެ މަކަރާއި ފަރުވާކުޑަ ކަމުގެ ސަބަބުންނެވެ. މިހެން ވުމުގެ ސަބަބުން އެ މީހުންނަށް ފައިސާ ލިބޭނެ ދޮރުތައް ވަރަށް ބޮޑަށް ހަނިވިއެވެ. އެކަން ކުރުމަށް ފައިސާހޯދުމުގައި ދަތިތަކާއި ކުރިމަތިވުމުން ދެން ފެށިގެން ދިޔައީ ތަފާތު މަރުހަލާއެކެވެ.

އެ މީހުން ހުއްޓުވުމުގައި ކުރެވޭނެކަމެއް ނެތުމުން ދެން އެ މީހުން އެކަމުގައި ހަރަކާތްތެރިވަމުން ދިޔައީ ފާޅުކަން ބޮޑުގޮތެއްގައެވެ. ކަންކަން މަތީގައި ވިއްކަނީއެވެ. އެކަން ކުރުމަށް ފައިސާ ހޯދުމަށް މީހުންގެ މުދަލުން ވައްކަން ކުރަން ފެށިއެވެ. ދަނޑުތަކުން ކެޔޮ ކަނޑަނީއެވެ. ރުއްތަކުން ވަގަށް ކާށިއަޅަނީއެވެ. ސައިކަލުތަކުގެ މަޑިހަލާކުކޮށް ސައިކަލުތަކުން ވައްކަން ކުރުމުގެ އިތުރުން ދުވަސްވީ މީހުންނަށް އޮޅުވާލައިގެން އެމީހުންގެ އަތުންފައިސާ ހޯދަނީއެވެ. ޒަމާންތަކަކަށް މުޖުތަމަޢުގައި އޮތް މުދަލުގެ ރައްކާތެރިކަން ގެއްލުނީއެވެ.

ހިތާމައަކީ ބައެއް ވިޔަފާރިތަކުން އެ މީހުން ނުއަގުގައި ވިއްކާ ތަކެތި އެއީ ވައްކަންކޮށްގެން ގެނެސް ވިއްކާ ތަކެތިކެން އެނގިހުރެ ވެސް ގަންނަކަމެވެ. ހުއްޓުވޭނެ ގޮތެއްނެތެވެ. އެންމެންނަށް ވެސް އެނގެއެވެ. އެންމެންނަށް ވެސް ފެނެއެވެ. އެކަމަކު ވެސް ނުފެންނަ ކަމަށް ހަދައިގެން އުޅުންނޫން ގޮތެއް ނެތްކަހަލައެވެ. މިބައި މީހުންގެ ފަރާތުން ފެންނަ ގޯސްކަންކަން ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މިހައިހިސާބަށް އައި އިރު މަގުފޭރުމާއި، މާރާމާރީ ފަދަ ކަންކަން ނެތްކަމުގައި ވީނަމަވެސް މިމައްސަލައަށް ހައްލެއް ހޯދުމުގައި ކުރިއެރުންތަކެއް ނުހޯދިއްޖެނަމަ އެކަންކަމަކީ ވެސް ނުފެންނާނެ ކަންކަން ކަމުގައި ދެންނެވޭކަށް ނެތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.