ވިހާފައި، ބިސް އަޅާ ބޮނޑެއް ފެނި ސައިންސުވެރިން ހައިރާން ކޮށްލައިފިއެވެ.

“ތްރީ ޓޯޑް ސްކިންކް ލިޒާޑް” ނުވަތަ ސައިންޓިފިކް ނަމުން ނަމަ “ސައިފޮސް އިކުއަލިސް” އަކީ ތަފާތު ދިރޭ އެއްޗެއް ކަން ފުރަަތަމަ ނަޒަރުން ވެސް ފާހަގަކުރެވޭނެއެވެ. ބޮނޑުގެ އާއިލާ އަށް ނިސްބަތްވާ މި ބާވަތުގެ ދިރޭ ތަކެތި ވައްތަރީ “ސަލަމަންޑާ” އާއި ހަރުފައެއްގެ “ހައިބްރިޑް” އަކާއެވެ. މި ތަކެތި އާންމުކޮށް އުޅެނީ އޮސްޓްރޭލިއާ ގައި ކަމަށް ސައިންސުވެރިން ވަނީ ބުނެފައެވެ.

“ތްރީ ޓޯޑް ސްކިންކް ލިޒާޑް”

ޔުނިވަރސިޓީ އޮފް ސިޑްނީގެ ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި “ތްރީ ޓޯޑް ސްކިންކް ލިޒާޑް” އެއްބުރަކަށް ވިހާފައި، ބިސް ވެސް އަޅައެވެ. މި ބާވަތުގެ ބޮނޑު ވިހާފައި ބިސް ވެސް އަޅަނީ އެއް އަދަދަކަށް ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. “ތްރީ ޓޯޑް ސްކިންކް ލިޒާޑް” އަކީ ވިހާފައި، ބިސްއަޅާ ކަމަށް މިހާތަނަށް ހޯދިފައިވާ މަދު ދިރޭތަކެތީގެ ތެރެއިން އެއް ބާވަތެވެ. ނަމަވެސް މިބާވަތުގެ ބޮނޑަކީ އެއްބުރަކަށް ވިހާފައި، ބިސްއަޅާ ކަމަށް ފާހަގަކުރެވުނު ފުރަތަމަ ދިރޭ ތަކެއްޗެވެ. އަދި މިއީ  ސައިންސްވެރިންނަށް ހޯދުނު މިފަދަ ފުރަތަަމަ ހޯދުން ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ.

“ތްރީ ޓޯޑް ސްކިންކް ލިޒާޑް” އެއްބުރަކަށް ވިހާފައި، ބިސްއެޅުމުގެ ކުޅަދާނަކަން ލިބިފައިވަނީ ކިހިނެއް ކަމާއި މެދު ސައިންސްވެރިން އެކި ޚިޔާލުތައް ގެންގުޅޭއިރު، އެކަމުގެ އަސްލު ސަބަބު ދެނެގަތުމަށް އެމީހުން ދަނީ މަސައްކަތްކުރަމުންނެވެ. ބައެއް ސައިންސްވެރިން އެއީ “އެވޮލިއުޝަން” ކަމަށް ބުނާއިރު، އަނެއް ބައި ސައިންސްވެރިން ބުނަނީ އެއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމުގައެވެ.

“ތްރީ ޓޯޑް ސްކިންކް ލިޒާޑް”

އޮސްޓްރޭލިއާ އަކީ މިފަދަ ހައިރާން ކުރުވަނިވި ތަފާތު އެކި ބާވަތްތަކުގެ އާ ދިރުންތައް އަަބަދުވެސް ފެންނަމުންދާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.