އަހަރެންނަށް ހޭލެވުނީ ފިނި ބޮޑުވެ ތުރުތުރު އަޅާކަން އިހުސާސް ވެގެންނެވެ. ދެލޯ އުގުޅާލުމަށްފަހު މޯޅިއަށް ދެމެލީމެވެ. ވަށައިގެން ބަލައިލީމެވެ. ފަތިހުގެ އަރާމުކަން ހަނދާންނެތުނެވެ. ކަނޑު ހީވަނީ އަދަބެއް ތަހަންމަލުކުރާ ކުށްވެރިއެއް ހެނެވެ. އެހާވެސް މަޑެވެ. ހިތް ނުތަނަވަސްވީ ދޯނީގެ ދުވެއްޔާއި މެދުގައެވެ. އަހަރެންގެ “ހިތުގެ މަންޒިލް” ކޮބައިތޯ ހޯދައި ބަލައިލީމެވެ. އަދި ހާދަ ދިގު ރާސްތާއެއް ކުރިއަށް އޮތްކަން އެނގުމުން ހިތް މޯޅިވިއެވެ. އަނެއްކާވެސް ދޯނީގެ ގެ ގަނޑުގައި ލެގިލައިގެން ލޯ މަރައިލީމެވެ.

މާތް ﷲ މި ދުނިޔެއަށް ފޮނުއްވި ކޮންމެ މަޚްލޫޤަކަށް “އުފަން ވަޒަން” ގިނަ ސަބަބުތަކާއި އެކު ޙާއްޞައެވެ. ވަޒަނުގެ ވަރުގަދަ ލޯތްބެވެ. ކަފުނަށް ނުވާ ހަނދާންތަކެވެ. ޤުރުބާނީއެވެ. ވަށައިގެންވި ހުރިހާ އެއްޗެކެވެ. މަރުނުވެ ދިރިދިރި ހުންނަ މަންޒަރުތަކެވެ.

އަހަރުތަކެއް ކުރިން އަހަރެމެންގެ ރަށު ރައްޔިތުން އުފަން ވަޒަން ދޫކޮށް ހަނިމާދޫއަށް ދިރިއުޅުން ބަދަލުކުރިއެވެ. ސާޅީހަކަށް އަހަރު ކުރިން، ކުރަން ކިޔަކިޔައި ނުވެ އޮތް ކަމެކެވެ. ލިބުނު ހަނި ފުރުސަތެއް ބޭނުން ކުރީއެވެ. ބައެއް މީހުންގެ އާޑަ ފުރައްސާރައާއި އެކުގައެވެ. ގިނަ ރައްޔިތުން ބޭނުންވީއެވެ. ހިތް މަތީގައި ހިލަ ގަނޑެއް ބާއްވާފައެވެ. ރަށް ދެކެ ލޯބިނުވާތީ އެއްނޫނެވެ. އެތަކެއް ހަރު މީހުން ކަރުނަ އެޅިތަން އެދުވަހު ދުށީމެވެ. މަޖުބޫރު ވެގެންނެވެ. ކުރިމަގަށެވެ. އުޖާލާ މުސްތަޤުބަލެއް ހޯދުމަށެވެ. އަހަރެމެންގެ ދަރިންނަށްޓަކައެވެ.

މާ އަޑުގަދަވާހެން ހީވެގެން އަހަރެންގެ ދެލޯ ހުޅުވާލީމެވެ. ކައިރީގައި ތިބި އެކުވެރިންގެ އަޑެވެ. ރަށް އެބަ ފެނެއޭ ކިޔާ އުފަލުން އުޅޭ އަޑެވެ. އަހަރެންވެސް، އެތަކެއް ދުވަހަށް ފަހުންް ރަށަށް ދެވޭ ފުރަތަމަ ދުވަސް ކަމުން ހުރީ ހިތް އަވަސް ވެފައެވެ. ކޮޅަށް ތެދުވެ ބަލައިލީމެވެ. ތެދެކެވެ. ދުރުން އެ ފެންނަނީ އަހަރެންގެ ކުޑަކުޑަ ރަށެވެ. ކުދި ކުދި ރަށްތަކެއްގެ ސާލެއްގެ އެއްކޮޅުގައިވާ އަހަރެންގެ އުފަން ވަޒަނެވެ. އަހަރެންނަށް ދުނިޔޭގައިވާ އެންމެ ހިތްގައިމު ރަށެވެ. އަހަރެން އަބަދުމެ ފަހުރުވެރިވާ ފުއްޓެވެ. ކުޑަ، މީސްކޮޅު މަދު ފަޚުރުވެރި އެތަކެއް ދިވެހި ދަރިން އެރަށަކަށް އުފަން އަހަރެންގެ ހަތިފުއްޓެވެ.

ހަތިފުށި ހިމެނޭ ރަށްފަތީގެ އިރު އުތުރުން ހޯރަފުށި ކާރިން ފަޅުތެރެއަށް ދޯނި ވަނެވެ. އެތައް ހާސް ފޫޓެއްގެ ރާސްތާގެ މި ތިލަ ފަޅުގައި ދޯނި އޮވެ ކުރިއަށް ދެއެވެ. މި ފަޅަކީ އެތަކެއް ބޭނުމަކު އަހަރެމެން އެތައް ފަހަރަކު ދަތުރުކޮށްފައިވާ ހިތުދަސް ތަނެކެވެ. ނަލަ ފަޅުގެ ގާފާތަކުން ނައްޓަމުން އެގޮތް މިގޮތަށް ހަރުފަ ދުވާ އުސޫލުން ދޯނި، މަންޒިލާއި ކައިރިވަމުން ދެއެވެ. ހޯރަފުއްޓާ، ވެލިފިނޮޅާ، ކުޑަފިނޮޅާ، މާފިނޮޅު ފަހަށްލައި ކާފަ ރަށު ކޮޅުން ދޯނި ނިކުތެވެ. ސަރާސަރު ދޮންފަޅު ހީވަނީ ސާފު ބިއްލޫރި ހެނެވެ. ދިމާއަށް ފެންނާން އޮތީ އަހަރެންގެ ރަށުގެ މަލައެވެ. ރީތި ރުއްކަރައާއި ހިމުން ވެއްޔެވެ. ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކެއް ހިތައް ގެނުވަން ފެށިއެވެ. ރަށް ދޫކޮށް ދިޔައިރު ނުފެންނަ މަންޒަރެއް ސިފަވަމުން ދިޔައެވެ. އަހަރެންގެ ފޮނި އެތަކެއް ހަނދާން ތަކެއް ފޮރުވިފައިވާ ރަށުގެ ތުނޑީގައި ގަސް ބޯވެ ތުނޑި ކުރިއަށްވުރެ ބޮޑު ކަމަށް ފެނުނެވެ.

އަހަރެން ލޯބިވާ ރަށަކީ ބަޔަކަށް އުނދަގޫ އަދި ފެނުގައި ލޮނުކަމެއް ހުރި ނަމަވެސް ފަސޭހަ، ރީތި، ހިތްގައިމު ރަށެކެވެ. އެހާ ދޮން، އެހާ ތިލަ ބޮޑު ފަޅެކެވެ. ދެ މޫސުމަށް ވޮޑޭ ދޮން ވެލީގެ ތުނޑިއެއް އޮވެ އެވެ. އިރުވައި ހަޅައަށް އޮންނަނީ މަހެއްގެ ބޮލެއްގެ ސިފައި ގައެވެ. ހުޅަނގަށް ހީވަނީ އެއްކަލަ މަހުގެ ބޯ ވަކި ކޮށްލާފައި އޮންނަ ހެނެވެ. އެއީ ހާދަ ހިމުން ވެލިގަނޑެކެވެ. އެއީ އަހަރެންގެ ޅަފުރާ އެކަށް ހޭދަކުރި ހިމުން ވެލިގަނޑެވެ.

އެކުވެރިންނާއި އެކު މޫދަށް އެރުމުގައެވެ. ކޮއްކޮ އާއި އެކު ކޮރަކަލި ފިރުކުމުގައެވެ. ހަވީރު ކުޅެ ނިންމާފައި “ޖަލްސާ” ބޭއްވުމުގައެވެ. ރޭގަނޑު ފޫހިފިލުވާ “ނެޓް” ގޮތުގައެވެ. އިރުވައި މޫސުމުގެ ހޭނަކަތާ ހިފުމުގައެވެ. ރައްޓެހިންނާއި އެކު ބައެއް ފަހަރު ކައްކާލަން ވަދެވޭ ބަދިގޭގެ ގޮތުގައެވެ. އަދި އެއީ އަހަރެމެންގެ “ވެންބުލީ” ފުޓުބޯޅަ ދަނޑެވެ.

މި ހުރިހާ ކަމަކަށްވުރެ އަހަރެންގެ ހަނދާން ރަށުގެ ތުނޑި އާއި ގުޅިފައިވާ ހާދިސާއެއް ވެއެވެ. ރޯދަ މަހެއްގައި މަސް ހިފަން ތުނޑި އާއި ދުރު ނޫން ހިސާބެއްގައި، މޫދުގައި އުޅެނިކޮށް ހިގި ބިރުވެރި ހާދިސާ އެކެވެ. އަހަރެންގެ ކޮއްކޮއެއް އެއްލި މަސް ހިފާ ދަގަނޑެއް، މޫދުގައި އޮތް އެކުވެރިއެއްގެ ފައި ތޮރުފާލާފައި ބޭރަށް ނިކުތީއެވެ. އެ މަންޒަރު ބަލަން ނުހުރެ ގެބެމުން ދިޔަ އެކުވެރިޔާ ސަލާމަތް ކުރީ އަހަރެން ނެވެ. ރަށުގެ ތުނޑިއާއި ހިސާބަށް އެ ފުން ތަނުން އެކުވެރިޔާ ސަލާމަތް ކޮށްގެން ގެނެވުނު ގޮތް ވެސް ނޭނގެއެވެ. އެކަމުގެ ތެރޭގައި ލޮނު ބޮވުނު އަދަދުވެސް ނޭނގެއެވެ. މާތް ﷲގެ ކުޅަދުންވަންތަ ކަމެވެ. މިއަދުވެސް އެ ހަނދާނާއި އެކު ބިރުވެރިކަން ހިތަށް ވަދެއެވެ.

ރަށުގެ ވިލުގެ ބޭރުން ދޯނި ހަތިފުށީ ފަޅަށް ވަދެއްޖެ އެވެ. ކެތް މަދުވަމުން ދިޔައެވެ. ހިތް އަވަސް ވަމުން ދިޔައެވެ. ހިތަށް އެރިއެވެ. އަހަރެންގެ އައު ވަޒަނަށް، އަމިއްލަ ވަޒަނަށް އޮތް ލޯބި ދޭނީ ކިހިނެއް ހެއްޔެވެ؟ މި ޚިޔާލުގައި ގެބެމުން ދަނިކޮށް މިހާރު މި އޮށްގެން ރަށަން ލަފަނީއެވެ.

އަހަރެން ފޭބީ އިރުކޮޅަކު ދޯނީގައި އިނުމަށް ފަހުއެވެ. އެވަގުތު އަހަރެންގެ ލޮލުން މާޒީގެ ކުލަ މަންޒަރުތައް ކޮޅު ކޮޅަށް އުކެމުން ނިއުޅެމުން ދަނީއެވެ. ކަރުނައިގެ ސާލެއް ދެެލޮލުން ނިރާލިއެވެ. ހަގީގަތުގައި ވެސް އަހަރެންގެ ހަޔާތުގެ ބޮޑުބައި ވަނީ ވީރާނާވެފައި މިވާ މި ކުޑަކުޑަ ރަށު ގައެވެ. މިއީ އަހަރެންގެ ރަށެވެ. އެތަކެއް ހަނދާން ތަކެކެވެ. ހަޔާތުގެ ކުލަ ގަދަ ހުވަފެނެވެ. މަޒީގައި އަހަރެން ޖެއްސި ހުރިހާ ކުލައެއްގެ ރީތި މަންޒަރުތައް ވީ މި ރަށުގައެވެ.

އެކުވެރިންތައް ރަށު ތެރެއަށް އަރައިގެން ގޮސް ގެއްލިއްޖެއެވެ. އެމީހުން ދިޔުމުން އަހަރެން ރަށު ތެރެއަށް އެރީމެވެ. ވަކި މިސްރާބެއް ނެތި ކުރިއަށް ފިޔަވަޅުތައް އަޅަމުން ގެންދިޔައީމެވެ

ޚަރީފުވެފައި އޮތް ބަހާރުން ނިކުމެ ކުރިމަތީ އޮތް މަގުން ހުޅަނގަށް ފިޔަވަޅުތައް އަޅަމުން ދިޔައީމެވެ. މަގުގެ ވަށައިގެން ހުރީ އެކުވެރިންނާއި އަވައްޓެރިންގެ ގެތަކެވެ. ބޮޑުދައިތަގެ ގޭގެ ދެކުނުން ފެންނާން ހުރީ ރަށު މަދަރުސާއެވެ. އެތަން ފެނުމުން، މި ހިތުން ނެރެ އެއްލާލާފައިވާ ކަޅު ހަނދާންތަކެއް ހިތާ ކުޅެލިއެވެ. ބޮލަށް ވަރަށް ރިހުން ލިބެން ފެށިއެވެ. ބައެއް ހަނދާންތަކަކީ ހިތުގެ ކަނެއްގައި ފޮރުވޭ ވަރަށްވުރެ މާ ވިހަ ކަންކަމެވެ. ބޭކާރު ކަމެއް ކަމަށް ބަލާ މަދަރުސާއަށް ނުވަދެ އަތިރިއަށް ނުކުތީމެވެ.

އެކަމަކު، އެ މަދަރުސާ އަކީ އަހަރެންގެ ހަޔާތުގައި މުހިންމު ބިނާ އެކެވެ. އެތަނުގެ ދަރިވަރަކީމެވެ. އެތަނުގެ އެދުރަކީމެވެ. އެތަނުގެ ވެރިޔަކީމެވެ. އެތަނުގައި ގޮންޖެހުން ތަކާއި އެކު އުޅުނު މީހަކީމެވެ. އެތަނުގައި ފަސް އަހަރު ދުވަހު ޚިދުމަތްކުރި މީހަކީމެވެ.

ކުރިމަތިން ފެންނަށް ހުރީ ރަށުގެ “ފިނި އަށްޓެވެ.” ޚާއްޞަކޮށް ރޯދަމަހު ހައުސް ފުލްވާ ސިނަމާއެވެ. އަށި ވަނީ ވީރާނާ ވެފައެވެ. މިތަނާ ގުޅިފައިވާ ހަނދާނެއް ވަގުތުން ހިތަށް ސިފަ ވިއެވެ. ވިއްސާރަ މޫސުމުގައި ތެމިގެން މިއަށްޓަށް ހުސްގަޔާ އަހަރެމެން ވަރަށް ގިނައިން އަންނަމެވެ. އޭގެން ދުވަހެކެވެ. މުޅި އަށި މަތީ ފުރޮޅި ކިރިއްސާ ކުޅެ އުޅެ ގެއަށް ގޮސް ފެންވަރައިގެން ނިކުތް އިރު މުޅި ގައިން ދިލަ ނަގާ ހިރުވަނީއެވެ. އިސާހިތަކު މުޅި މީހާ ކޭކެން ހެން ފުފިއްޖެއެވެ. ރޮއިގަތް އިރަށް ވެގެން އުޅޭ ގޮތް މަންމައަށް ފަހުމުވެއްޖެއެވެ. ތިހުރީ ހުއިވަނި ޖެހިފައި ކަމަށް ބުނެފިއެވެ. ވަރަށް ބިރުން އެދުވަހު ރުއީމެވެ.

އަށްޓާއި ޖެހިގެން އޮތް މޫދަށް ނަޒަރު ހިންގާލީމެވެ. އެއޮތީ އަހަރެމެންގެ “ކޯލަ ވަންޏެވެ” އެއީ ކޭލަ އަންނަ މޫސުމުގައި އަހަރެމެންގެ މަރުކަޒެވެ. އެއީ އޮރި ބާނަން ޚާއްޞަ ޖަގަހައެވެ. އެއީ ވާތޮޅި އަދި ކޮރަކަލި ބޭނުމުގެ މައި ހަބެވެ. ކުޑަކޮށް ހުޅަނގަށް ބޯ އަބުރައި ބަލާލީމެވެ. ދުރު ނޫނެއް ކަމަކު ކާރީގައި އެއޮތީ މުޅި ރާއްޖެ އަށް މަޝްހޫރު މަތީރަށެވެ. ދިވެހިން އެތައް ބިދުވައެއްގައި ގާނާ ހުސްކުރި ރަށެކެވެ. ވަރަށް ގިނައިން ދެވުނު ނަލަ ތާރީޚީ އަދި އާސާރީ ދިވެހި ތަރިކަ އެކެވެ.

އަށިން ތެދުވެ އުތުރަށް ހިގައި ގަތީމެވެ. ކުރިމަތިން ފެންނަން އެ އޮތީ ރަށުގެ ފާލަމެވެ. ރައްޔިތުންގެ އެއްބައިވަންތަ ކަމުގެ މިސާލެވެ. އެހެނެއްކަމަކު މިހާރު ހުރީ ވީރާނާ ވެފައިވާ ފާލަމުގެ ކޮންކުރީޓް ތަބުތަކެވެ. ވަރަށް ދެރަވިއެވެ. އެއީ ކިރުޅިޔަ މަސް ބޭނުމުގައި އެތަކެއް ރޭ ހޭދަކުރި ތަނެވެ. އެއީ އެތަކެއް ރޭ ހިތްހަމަ ޖައްސާލާ އުފާވެރިކަން ހޯދި ތަނެވެ. އަދި އެއީ މޫދަށް އެރުމަށް ކޮންމެ ހުރުކު ދުވަހަކު އަހަރެމެން ޖަމާވާ ތަނެވެ.

އަންހެންވެރިން ނަމާދުކުރާ މިސްކިތް ފަހަނަ އަޅާ ހުކުރު މިސްކިތު ކާރިން ކުރިއަށް ގޮސް ގަސްތަކެއްގެ ތެރެއިން ނިކުމެވުނީ ވީރާނާ ވެފައިވާ، އަހަރެމެންގެ ބަހާރުގޭ ކުރިމައްޗަށެވެ. އޭރު ހުރި “ބަހާރު” ކަން “ޚަރީފަށް” ވަނީ ބަދަލުވެފައެވެ. ލޮލުން ކަރުނަ ހިލެން ފަށައިފިއެވެ. އެވަގުތު އެންމެ ހަނދާންވީ އަހަރެންގެ ބައްޕަ އެވެ. ގޭގެ ގިފިލި ތެރޭގައި ހުރި ދަނބު ރުކުގެ މަތިވަރު ހުރީ ހުސްވެފައެވެ. އެރުއް މިހާރު ހާދަ ދިގެވެ. ގޯތި ތެރެއަށް ވަދެ ބަލަމުން ދިޔައީމެވެ. ގެއާއި ވަކިން ހުރި ބަދިގެ އަދި ގުދަނުގެ ފާރު ގަނޑު ފެންނާން ހުއްޓެވެ. ގުދަނުގެ ކުރިމަތީ ހުރި ބޮޑު ފޭރު ގަސްވެސް ދަނބު ރުކާ ތަފާތެއް ނެތެވެ. ކާގޭގެ ގާފޮޅު މައްޗަށް އަރާ މުޅި ގޯތި ތެރެއަށް ބަލާލުމުން ފެންނަނީ ވީރާނާ ކަމެވެ.

އަހަރެން އަރާ މިހުރި ގާފޮޅު ހުރިތާގައި ކުރިން ހުންނާނީ ކާށި ހެހޭ ފޭރާއެވެ. މި ތަނަކީ މުޅި އުމުރަށް ހަނދާން ހުންނާނެ އަނިޔާއެއް އަހަރެންނަށް ލިބުނު ތަނެކެވެ. އަހަރެންނާއި ކޮއްކޮ ބޮނބި ދޯނި ހެދުމަށް އުޅުމުގެ ތެރޭގައި އަތުގެ ބޮޑުވައި އިގިލީގެ ބައެއް ބުރިވެ ވަކިވީ އެވެ. މިހާރުވެސް އިގިލީގައި މި އޮތީ އެއް ބަޔެވެ.

ރަށުގެ ބޮޑު މަގުން ކުރިއަށް ހިގަން ފެށީމެވެ. މުޅި މަގު ވަނީ ގަސް ހެދި ވާ ވެފައެވެ. ވަކި ހިސާބަކުން އަހަރެންގެ ސަމާލުކަން ހުއްޓުނީ ހަޔާތުގެ ދުވަސްތަކެއް ވޭތުކުރި މަންމަގެ “މައްސާގުގެ އަށެވެ. ދޮރުން ބޯދީ އެތެރެ ބަލާލީމެވެ. ގޯތިތެރެ ހީވަނީ މިލާ މޯލިވެފައިވާ މައްސާގު ގަހެއް ހެނެވެ. އަނެއްކާވެސް ބޮޑު މަގުން ކުރިއަށް ދާން ފެށީމެވެ. ވައިޓް ހައުސް ކައިރިން ބައު މަދަރުސާއަށް ފަސްދީ އޮފީސް މަގުން އަތިރިއަށް ނިކުތީމެވެ. ދަތުރުގެ ބައިވެރީން ދާ ޖަހައިގެން މަސް ހިފައިގެން މަސް ކަޑަނީއެވެ. މެންދުރުގެ ކޮއްތު ތައްޔާރު ކުރުމުގައި އެންމެންހެން ހޭބޯ ނާރާ އުޅެއެވެ. އަހަރެން ހަމަ ފެނުމާއި އެކު މި އުޅެނީ ގެއްލިގެން ހޯދަން ދާން ކަމަށް ބުނެފިއެވެ. އަދި ފާޑަކަށް ތިހުރީ ކީއްވެތޯ އަހައިފިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ.

ގޮނޑު ދޮށުގައި އަހަރެން އިށީނީމެވެ. މުޅި ރަށް އަހަރެންނާއި ވާހަކަ ދައްކާ ހެން ހީވަނީއެވެ. ރުއް ތަކެވެ. ގަސް ތަކެވެ. ވީރާނާ ވެފައިވާ އިމާރާތް ތަކެވެ. ގަސް ބޯވެ ވައު ވެފައިވާ މަގުތަކެވެ. ޅަދުވަހުގެ ހަނދާން ތަކެވެ.

މެންދުރުގެ ކެއުމަށްފަހު އެންމެން ފުރަން ތުނޑިއަށް ޖަމާވިއެވެ. ދޯންޏަށް އެރުމުގެ ކުރިން ފަސް އެބުރި ރަށަށް ބަލާލީމެވެ. އެވަގުތު އަހަރެންގެ ވަށައިގެން ވާ ހުރިހާ އެއްޗެއް ހުއްޓުނު ހެން ހީވިއެވެ. ރަށާ އަހަރެން ފިޔަވާ އިތުރު ބަޔަކު ނެތް ފަދައެވެ. ވަރަށް ދެރަވެގެން ރަށް ޝަކުވާ ކުރާ އަޑު އިވެން ފެށިއެވެ. އެކަނިކޮށްފައި ދަނީ ހެއްޔެވެ؟ ތިހެން ނުހަދާށެވެ! ކިތަން އަހަރު ތި ދަރިންނަށް ޚިދުމަތްކުރީމު ހެއްޔެވެ؟ ދެ ގޮތެއް ނުވަމުއެވެ. ތެދުވެރި ވީމެވެ. ބަދަލެއް ނުވަމެވެ. އޭގެ ބަދަލަކީ މީ ހެއްޔެވެ؟ ފަޚުރުވެރި ކިތައް ދަރީން މި ބިމަށް އުފަން ކުރުވިން ހެއްޔެވެ؟ އަތޮޅާއި މާދުރަށް ގޮސް ތި ތިބީ އަހަރެން އެއްލާލާފައެވެ. ތި ދަރިންގެ ހަނދާނުގައި ކޮންމެ ދުވަހަކާއި ރެއެއް ވޭތު މިކުރަނީ ކަރުނަޔާއި އެކުގައެވެ. ތި ދަރިންނަށް ދުވަހަކުވެސް މާއާފު ނުކުރާނަމެވެ.

ދޯނީގަ ތިބި މީހުން ގޮވާ އަޑަށް އަހަރެންނަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނެވެ. ފަސް އެބުރި ރަށާ ދިމާއަށް ނުބަލަން އަޒުމު ކަޑައެޅީމެވެ. އެހެނަސް އަހަރެން ހުރީ ފެން ކަޅިވެފައެވެ. އިތުރަށް ރޯން ބޭނުން ނުވީއެވެ. ދޯނި ދުއްވާލިއެވެ. އަހަރެން ހިތަށް އަރަމުން ދިޔައެވެ. ލޯބިވާ ރަށާ އެވެ. ތިބާ މި ދަރިންނަށް ކޮށްދިން ކަންކަމުގެ އަގު އަދާކުރާނީ ކިހިނަކުން ހެއްޔެވެ. މި ދަރިން އަބުވެސް ތިބާ ދެކެ ލޯބި ވެއެވެ. މި ދަރިން އަބަދުވެސް ތިބާއަށްޓަކައި ފަޚުރުވެރި ވަމުއެވެ. މި ދަރިން ތިބާޔާ ދުރުގައި ތިބި ނަމަވެސް މުޅި ހިތް ތިބާޔާ ހަވާލެވެ. މި ދަރިންގެ ދަރިންނަށްޓަކައި، މި ދަރިން ތިބާ ޤުރުބާން ކުރީއެވެ. މި ދަރިންނަށް މާފުކުރާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޙަސަން
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް