ޢާންމު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރައްވަމުން ގެންދަވާ އެންމެހާ ބޭފުޅުންގެ ނަންތައް ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެއެވެ. އެބޭފުޅުންގެ ޙާޖަތްތައް ފުއްދަވައިދެއްވުމަށް މާތްﷲ ޖާމިނުވެވޮޑިގެންވެއެވެ.

އަނެކުންނަށް އިސްކަންދިނުމާއި، އަޅައިލުމުގެ މާތްކަމުގެ ވާހަކަ

وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ

(الحشر: 9)

އަދި އެބައިމީހުންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެބައިމީހުން (އެބަހީ: އަންޞާރުން)ގެ ހިތްތަކުގައި ނުވެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެބައިމީހުންނަށް އިސްކަންދެއެވެ.

وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا

(الإنسان: 8)

އަދި އެ ތަކެއްޗަށް ލޯބިހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތިން ކާންދެތެވެ.

عَنْ أَبِي حَمْزَةَ أَنَسِ بْنِ مَالِكٍ رضي الله عنه -خَادِمِ رَسُولُ اللهِ صلى الله عليه وسلم- عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ)) [رواه البخاري ومسلم]

މާނައީ: ﷲގެ ރަސޫލާ ﷺ ގެ ޚާދިމު، އަބޫ ޙަމްޒާ، އަނަސް ބުން މާލިކު رضي اللّه عنه ރިވާކުރެއްވިއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ކަންކަން، ތިބާގެ އަޚާއަށްވެސް (ލިބުމަށް) ލޯބިކޮށްފުމަށް ދާންދެން، ތިޔަބައިމީހުންކުރެ އެކަކުވެސް (ފުރިހަމަ ގޮތުގައި) އީމާނެއް ނުވެއެވެ.”

މުސްލިމުންގެ ޙާޖަތްތައް ފުއްދައިދިނުމުގެ މާތްކަމުގެ ވާހަކަ

عن أبي هريرة رضي الله عنه عن النبي (صلى الله عليه وسلم) قال:

((مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ)). [رواه مسلم بهذا اللفظ]

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހާ ދަންނައެވެ. އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިލުއްވައިދެއްވާ ހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފި މީހާ ދަންނައެވެ. ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބު ފޮރުވައިދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް މިފަދަ އެހެން ނަބަވީ އިރުޝާދެއްގައި އައިސްފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) [رواه الطبراني في المعجم الكبي: 13646 و صححه الألباني]

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ. ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”

މަޞްދަރު: ރިޔާޟުއްޞާލިޙީންގެ ދިވެހި ތަރުޖަމާ​

ލިޔުންތެރިޔާގެ ފުރަމަލަ

އައްޝައިޚް މުޙައްމަދު މައޫން ޝަރީފް